ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ނިންމާލައިފިއެވެ.
ބަހުސް ނިމި ދެން އޮންނާނީ ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމެވެ. ޖޫން މަހުގެ 30 ވަނަ ދުވަހުގެ ޖަލްސާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
އެ ބިލު ހުށަހެޅުމުގެ މަޤްޞަދަކީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ.
އަދި ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ވެސް ބިލު ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގެ ބަހުސް ނިންމާލިއިރު، ޖުމްލަ ގޮތެއްގައި ހުރިހާ މެންބަރުން ވެސް ވާހަކަދެއްކަވީ ބިލާ އެއްކޮޅަށެވެ. މެންބަރުން ވިދާޅުވެފައިވަނީ، ގާނޫނުތަކަށް އިސްލާހު ގެނެސް ފާސްކުރި ނަމަވެސް ތަންފީޒީ އިދާރާތައް ހަރުދަނާވާން ޖެހޭ ކަމަށެވެ. މެންބަރުން ވިދާޅުވީ، މިހާރު ރާއްޖޭގެ ހާލަތު މިއޮތް ގޮތުން މި އިސްލާހަކީ މުހިއްމު އިސްލާހެއް ކަމަށެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހްގީގުކުރުމާ ގުޅޭގޮތުން ބިލުގައިވާ މައިގަނޑު އިސްލާހުތަކަކީ، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދިނުން ހިމެނެއެވެ. ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއި، ކޯޓު އަމުރަކާނުލާ އެފަދަ މީހެއް ދިރިއުޅޭ ތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ ގޮތަށް އިސްލާހުގައި ވެއެވެ.
ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ މީހުންނާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ހުށަހަޅާފައިވާ މައިގަނޑު ބަދަލަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ.
އެނޫން މީހުންނަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި ބަޔަކަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމާއެކުގައި ވެސް އެފަދަ މީހުންނަށް ދޭންޖެހޭ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނުވަތަ މޮނިކޮމް އަމުރު ތަންފީޒުކުރަމުންދާ މީހުންނަށާއި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ތަހުގީގު މަރުޙަލާގައި ބަންދުގައިވާ މީހުންނަށާއި، ޓެރަރިޒަމްގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށާއި އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާގެ މެންބަރުންނަށް ދެވޭ ރީހެބިލިޓޭޝަންގެ ފަރުވާއަކީ ގާނޫނީ ނިޒާމުގެ ކުރިމައްޗަށް އެމީހުން ހުށަހެޅޭ ހިނދުން ފެށިގެން، މުޖުތަމައަށް އަނބުރާ ރުޖޫއަވަންދެން މެދުކެނޑުމެއް ނެތި ދެވޭ ފަރުވާއެއް ކަމުގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުމަށްވެސްވަނީ ހުށަހަޅާފައެވެ.