ކުނީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ކުނީގެ މައްސަލައިގެ ސަބަބުން އިތުރު ބޮޑެތި އެތަކެއް މައްސަލަތަކަކަށް ވެސް ރާއްޖެ މިވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ތިމާވެށި ތަޣައްޔަރުވުމާއި، ސިއްޙީ އެކި ކަހަލަ މައްސަލަތައް ވެސް ހިމެނެއެވެ. ކުނި ނެގުމަކީ ޒަމާނުއްސުރެ ވެސް މުޖުތަމަޢުގެ އެންމެ ދަށްފަންތީގެ މީހުން ކުރާކަމަކަށް ވަނީ ހަދާފައެވެ. މި ސަބަބައްޓަކައި އެތައް ޒަމާނެއްވަންދެން މި މަސައްކަތްކޮށްފައިވަނީ ގޭ ގޭގައި ގެންގުޅެން ގެންނަ ކުދިންނެވެ.
އެއަށްވުރެ ކައިރި މާޒީއަކަށް ބަލާލާނަމަ ހަލާކުވެފައިވާ ބައިސްކަލުތަކެއްގައި ބައިސްކަލަށް ނުކަތާވަރަށް ބިދޭސީން ކުނިނެގުމުގެ މާހިރުންކަމަށް ހަދައި، މި މަސައްކަތް އެވެރިން ކުރި ދުވަސް ވެސް ފެނިގެންދިޔައެވެ. އޭރު އެ މަސައްކަތްކުރީ ކަމަކަށް ކަމެއް ކުރާ އުސޫލުންނެވެ. ކުނިތައް ގިނަވެ ބައިސްކަލު ގަނޑުގެ ދެފަރާތަށް ކުނިތައް ފައިބަމުން ތިކި ޖަހަމުން މުޅި މަގުމަތި ރަނޑަކޮށްލި ދުވަސްތައް މަދެއްނުވާނެއެވެ. އަދި ކުނި އުކަން އެތަނެއް މިތަނެއް ނުބަލާ ހަމަ ޖެހުނު ދިމާލަކަށް މިދެންނެވި ކުދިންކޮޅު ކުނި އުކި އުކީނުން ފުރަމާލެއިން ވެސް ކުނީގެ ފަރުބަދަތައް ފާއްދާލިއެވެ. މިދެންނެވި ފަދަ ފަރުބަދައެއް ދާދި މިދާކަށް ދުވަހާ ޖެހެންދެން ސިނަމާލެ ފްލެޓާ ދިމާލުގައި ހުރި އިރު، އެ ތަން ސާފުކުރަން ވެސް ޖެހުނީ ތަރައްޤީގެ ބޮޑު މަޝްރޫޢުއެއް ކުރިއަށްގެންދަން ކުރަންޖެހޭހާ ބޮޑު ޚަރަދަކާއި މަސައްކަތެވެ.
ކޮންމެއަކަސް، މިއަދު އެދުވަސް މާޒީވެ ކުނި އުކުމާއި ކުނި ނެގުމުގެ މަސައްކަތައް މިވަނީ އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. މި ބަދަލުތަކުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްޤީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށޭ ދަންނަވަންޖެހެއެވެ. 2009 ވަނަ އަހަރު އުފެދުނަސް 2016 ވަނަ އަހަރު މުޅި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މެންޑޭޓާއެކު މި ބަދަލުތައް ފެންނަންފެށިއެވެ. ކުނި ނެގުމަށް އުޅުނު ބިދޭސީން ދޭސީންނަށް ބަދަލުވެ "ވެށި ފާރަވެރިޔާ"ގެ ކޫލް ނަމެއް ވެސް މިހާރު ވަނީ ދީފައެވެ. މި ދެންނެވި ވެށިފާރަވެރިންނަކީ ހަޤީޤަތުގައި ވެސް ކޫލް ބައެއްކަން މިއަދު މިވަނީ ދައްކުވައިދީފައެވެ. އެއް އިރެއްގައި ހަޑި މުޑުދާރު މަސައްކަތެއްގެ ގޮތުގައި ބެލި މި މަސައްކަތް މިވެރިންގެ ބުރަ މަސައްކަތުން އައު މާނައެއްދީ ކޮވިޑްގެ މި ބަލީގެ "ހީރޯ" އިންނަށް ވެފައިވާކަމަށް ދަންނަވަން ޖެހެއެވެ.
ކޮވިޑްގެ ތެރޭގައި ވެމްކޯގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވަނީ މި ދުވަސްތަކަކީ އެ ކުންފުންޏަށް ވެސް އުނދަގޫ ދުވަސްތަކެއްކަމަށް ސިފަކޮށްފައެވެ. އެގޮތުން މި ބަލިމަޑުކަމާ ކުރިމަތިލީ ޚިދުމަތަށް އެދުމަށްފަހު ބިލު ނުދައްކާ މީހުންނާއި، އެއްވެސްވަރަކަށް ޚިދުމަތް ލިބުމަށް ރަޖިސްޓްރީނުވެ ޚިދުމަތް ހޯދަމުންދާ މީހުންނާއެކު މާލީ ދަތިކަމަކާ ކުރިމަލާންޖެހިފައިވާ ހާލުގައިކަމަށެވެ. ކޮވިޑުގެ މި ހާލަތަކީ ގެއްލުމާއެކު ވެސް ކުންފުނިން ޚިދުމަތް ދިނުމަށް މަޖުބޫރުވެފައިވާ ހާލަތެއް ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ދެނީ 19000 އެއްހާ ގޭބިސީއަށްކަން ފާހަގަ ކުރައްވައި އާދަމް ވިދާޅުވީ، މާލެ ސަރަޙައްދުގެ 34،000 އެއްހާ ގޭބިސީން ރަޖިސްޓްރީކޮށްގެން ދައްކަން ޖެހޭ ފީއާއެކު ޚިދުމަތް ދޭނަމަ 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށެވެ. ނަމަވެސް ޤާނޫނުގެ އަތް ބޭނުންކޮށްގެން މަޖުބޫރުކޮށްގެން ފައިސާ ހޯދުމަކީ ކުންފުނިން ވެސް ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
މިހާ ހިސާބުން ފްރަންޓްލައިންގައި ގުނާ މި މަސައްކަތުގެ ގޮންޖެހުންތައް ނިމުނީކީ ނޫނެވެ. ނިމުމާ ގާތްވެސް ނުވެއެވެ. ވެމްކޯގެ މަސައްކަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކައި ގިނަ ޚިދުމަތްތަކެއް އެ ކުންފުނިން ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން ބޮޑެތި ބަލްކް ކުނި އުކާލަން އެކި ވަރުވަރުގެ ކެޕްސްގެ ޚިދުމަތާއި، ވެމްކޯގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެކޯޕަރޭޝަންގެ އަވަސްޕޭ އޮންލައިން ޕޭމަންޓް ވެބްސައިޓް އަޕްގްރޭޑްކޮށް އަލުން ވަނީ ތަޢާރަފު ވެސް ކޮށްފައެވެ. ރައްޔިތު މީހާގެ ކިބައިން ވެމްކޯއިން އެދެނީ ނުހަނު ކުޑަ ކުޑަކަމަކަށެވެ. އެވެސް ކުނި ނެރޭ މީހާއާއި، ކުނި ނަގަންދާ ވެށިފާރަވެރިޔާގެ ރައްކާތެރިކަމަށެވެ. މި ދަންނަވަނީ ޑަބަލް ޕެކިން ލުމާއި، އެކިކަހަލަ ކުނި ވަކިކުރުމާއި، ކުނި ބެހެއްޓުމަށް ވަކި ތަންތަން ކަނޑައެޅުމަށްފަހު ދޭ ފަސޭހަ އަދި އެހާމެ މުހިންމު އިރުޝާދެވެ. އެހެނަސް މިކަންވެސް މިފެންނަނީ ނުވެދާ މަންޒަރެވެ. ކުނި ކޮތަޅު ހޫރުވަމުން ހޫރުވަމުންގޮސް ސިޑިމަތިން ބޭލުނީމަ ހަމަ ނިމުނީއެވެ. ޑަބަލް ޕެކިންއޭ ކިޔާހެން ވެސް ހަމަ ހީނުވެއެވެ.
މިހެން ބައެއް އާންމުންގެ އަމަލުތައް ހުރިނަމަވެސް، ރެއާއި ދުވާލު ވެށިފާރަވެރިން ކުރާ މަސައްކަތަކަށް ބުރުލެއް ނާރުވައެވެ. ކޮންމެ ދުވަހަކު ކުނިތައް ނަގައި، މަގުމަތި ކުނިކަހައި ސާފުކޮށް، ކުނިބުނި ރައްކާތެރިކަމާއެކު ނައްތާލެވެންދެން އާންމުރައްޔިތަކަށް އުނދަގުލެއް ވިޔަ ނުދީ ހަމަ ބަލަހައްޓަނީ މިދަންނަވާ ހީރޯއިންނެވެ. ކޮންމެއަކަސް ކޮވިޑްގައި ވެސް ދިވެހިން މިވަނީ ތަފާތު ހާލަތްތައް ތަޙައްމަލުކޮށްފައެވެ. ޖުމުލަ 4 ރާޅެއް ނުވަތަ 4 ފަހަރެއްގެ މަތިން ކޮވިޑްގެ ހާލަތް ރާއްޖޭގައި ގޯސްވެފައިވާއިރު، މިއިން އެއްވެސް ހާލަތެއްގައި އެންމެ ދުވަހަކަށް ވެސް ވެށިފާރަވެރިން އެވެރިންގެ މަސްޢޫލިއްޔަތުން ރެކިފައެއް ނެތެވެ. ކޮވިޑްގެ އެންމެ ނުރައްކާ ރާޅުގެ އެންމެ ޕީކް އައި މިދިޔަ މެއި މަހު ތެރޭގައި ކުރިމަތިލާންޖެހުނު އިރުވެސް، މި ދެންނެވި ވެށިފާރަވެރިންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. މި ރާޅުގެ ޝިކާރައަކަށްވެ 100ށްވުރެ ގިނަ މުއައްޒަފުން ވަޒީފާއަށް ނުނިކުމެ މަޑުކުރަން ވެސް ޖެހުނެއެވެ. އެކި ލެވެލްގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންގެ އަދަދާއެކު މަސައްކަތުން އެކަހެރިކުރި މަސައްކަތްތެރިންގެ އަދަދު 180ށް އަރާނެކަމަށް ވެމްކޯގެ އެމްޑީ ލަފާކުރެއެވެ. އެހެނަސް މި ހާލަތުގައި ވެސް ލަޝްކަރުން މަދުވި ވެށިފާރަވެރިންގެ ޖާގަ ފޫބައްދާ ކުނީގެ މައްސަލައެއް ކުރިމަތިނުވެ މިވަނީ ކަޑަތުކޮށްފައެވެ.
އަދި މިފަހަރުގެ ރާޅާ ވެމްކޯއިން ކުރިމަތިލީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެ ކުންފުންޏަށް ބޮޑުވެގެންވާ ޒިންމާއެއް ވެސް ހަވާލުކޮށް ރަނގަަޅަށް އެކަން ވެސް ނުފެށި އުޅެނިކޮށެވެ. މިކަން ވެސް މި ހާލަތުގައި ފެށީ އެކަންޏެއް ނޫނެވެ. މަސައްކަތް ނިންމައި، އައު ރަށްރަށުގައި ފަށައި، ހަލުވިމިނުގައި މަސައްކަތް ދަނީ ކުރިއަށެވެ. އަޅުގަނޑު މި ދަންނަވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފައްޓަވާދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގައި ވަނީ އަތޮޅުތެރޭގައި ކުނި އެންމެ ގިނައިން ޖަމާވެފައިވާ 20 ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާ ހަވާލުކުރި ވާހަކައެވެ. އެތައް ޒަމާނެއްވެ ކުނީގެ ފަރުބަދަތައް އުފެދިފައިވާ މި ރަށްރަށުން ކުނިނަގައި، ސާފުކޮށް، ރައްކާތެރިކަމާއެކު ޓްރާސްފާކޮށް ނައްތާލުމަށް ދެއްވީ އެންމެ 7 މަސްދުވަހެވެ. މި މަސައްކަތް ހަވާލުކުރިތާ މަސްދުވަސްތެރޭގައި 13،350 ޓަނުގެ ކުނި ސާފުކޮށް ގިނަ ރަށްރަށުގެ މަލަމަތި ވަނީ ބަދަލުކޮށްލާފައެވެ.
މި މަސައްކަތް ކުރި އިރު، ކޮވިޑްގެ ކޭސްތަކާއެކު ރަށްތައް މޮނީޓަރިންގްއަށްލުމާއި، ދަތުރުފަތުރުކުރުން ހުއްޓާލުމާއި، ރަށްރަށުގައި ކާފިއު ހިންގުމާއި އަދި ކިއެއްތަ މިއިން ދުވަހަކު ރާއްޖެ ނުދެކޭފަދަ ވިއްސާރައިގެ ބޮޑެތި ކޮޅިގަނޑުތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެހެނަސް އަޒުމަކަށް ގުޑުމެއް ނާދެއެވެ. 12 ރަށެއްގައި މި މަސައްކަތް ނިންމައި މި ދަނޑިވަޅުގައި ވެސް 3 ރަށެއްގައި މަސައްކަތް ދަނީ ކުރިއަށެވެ. އަދި 5 ރަށެއްގެ މަސައްކަތަށް ތައްޔާރީތައް ވުމުގެ މަސައްކަތް 1 ވަނަ ގިޔަރަށް ލައިގެން ކުރަމުންދަނީއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވާގޮތުން މަސައްކަތަށް ކިރިޔާވެސް ބުރުލެއް އަރާފައިވަނީ ގއ. މާމިގިލީގެ މަސައްކަތަށެވެ. އެރަށުން އެކަނިވެސް 12000 މެޓްރިކް ޓަނުގެ ކުނި ސާފުކުރަންޖެހެއެވެ. މިއީ ކުޑަ މަސައްކަތެއް ނޫނެވެ. އެރަށް މި ދެންނެވި ދުވަސްތަކުގައި އެތައް ފަހަރަކު މޮނީޓަރިންއަށް ލިއެވެ. މިއާއެކު މެޝިނަރީތައް ގެނައުމާއި، ކުނި އުފުލުމަށް ދަތިވިއެވެ. އެެހެންނަމަވެސް މިހެން މިކަން ވާން ދޫކޮށްލީކީ ނޫނެވެ. މިހާރު މި މައްސަލަތަކަށް ހައްލުހޯދައި މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
ކޮންމެއަކަސް މި ދަންނަވާލެވުނީ ވެމްކޯގެ މުއައްޒަފުންގެ މަސައްކަތުގެ ވާހަކައެވެ. މި ހައްސާސީ ހާލަތުގައި ވެސް ދެއްކި ހިތްވަރުގެ ވާހަކައެވެ. އެހެންނަމަވެސް، މި ދުވަސްތަކުގައި އެހެންނޫނީ ނުފެންނަ ނުވަތަ އަޑުއިވިފައި ނުވާ ފަދަ ކަންތައްތަކެއްގެ އަޑު އިވުނެވެ. މިކަންކަން ކުރިމަތިވީ ކުރިން އަޅުގަނޑު ދެންނެވި ފަސޭހަ ދެތިން އިރުޝާދު ބޮލާލައި ޖެހީމައެވެ. އެގޮތުން މި ދުވަސްވަރު ގޭބިސީތަކުން ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ގިނަ ފަރާތްތަކަކުން އަމަލުނުކުރާ މައްސަލަ އިތުރުވެފައިވާކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯއިން އެކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ 11 ޖެހިއިރު މާލެ ސިޓީގެ ގެއަކުން ނެރެފައިހުރި ޑަސްބިންއެއްގައި އޮތް ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށެވެ. އެގޮތުން އެމަސައްކަތުގައި އުޅުނު ވެމްކޯގެ މުވައްޒަފެއް ކަމުގައިވާ އަފްރާހު މޫސާގެ އަތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި އެއަތުގެ ނާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ވެމްކޯއިން ބުނެއެވެ. މީގެއިތުރުން މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ އިތުރު ތިން ހާދިސާއަކާ ކުރިމަތިލާންޖެހި އެކި ވަރުގެ ހާނިއްކައާއި އަނިޔާތައް ލިބިފައިވާކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން އިތުރަށް ބުނީ ކުނި ނެގުމުގެ ބުރަ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ވެށިފާރަވެރިންނަކީ އެކުންފުންޏާ ހަވާލުކުރެވިފައިވާ އެންމެ ބޮޑު ޒިންމާ ކަމުގައިވާ ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ފުރިހަމަކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ އެކުންފުނީގެ ފަޚުރުކަމަށެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ވެމްކޯއިން ދަނީ މަސައްކަތުގައި މަޝްއޫލުވެއުޅޭ ކޮންމެ ފަރާތަކަށް ރައްކާތެެރިކަމުގެ އަންގި، މާސްކު އަދި އެހެނިހެން އާލާތްތައް ފޯރުކޮށްދެމުން ކަމަށެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުން ވެމްކޯއިން އެކުލަވާލައި އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް އަމަލުނުކުރާ މައްސަލަ ވަނީ އިތުރުވެފައި ކަމަށް ވެމްކޯއިން ބުނެއެވެ. މިގޮތުން ބިއްލޫރި އާއި ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ މިފަދަ ސީރިއަސް ޒަޚަމްތަކަށް މުވައްޒަފުން ހުށަހެޅުމަށް އޮތް ފުރުސަތަކަށްވާއިރު މިކަމަށް މިހާރަށްވުރެ ބޮޑަށް ކަސްޓަމަރުން ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދެން މިފަދަ އިހުމާލެއްގެ އަޑު އިވުނީ އިހަކަށް ދުވަހުއެވެ. މި ދަންނަވަނީ ކޮވިޑަށް ޕޮޒިޓިވްވާ ސާމްޕަލް ފަދަ ތަކެތި އުކާލާއިރު ބައެއް ކްލިނިކްތަކުން އާންމު ކުނިބުނީގެ ތެރޭގައި ބަހައްޓާކަން ވެމްކޯއިން ފާހަގަކުރި ކުރުމެވެ. މިކަން ސޯޝަލް މީޑިއާއިން ވެސް ފެނުނެވެ. ޓެސްޓް ކިޓްތަކާއި، މިނޫނަސް މިކަމަށް ބޭނުންކުރާ ސާމާނު މަގުމައްޗަށް އުކާލާފައި ހުރުމާއި ޕެކްނުކުރާ މަންޒަރު މި ފޮޓޯތަކުން ސާފުކޮށްފެނެއެވެ. އެމްޑީ އާދަމް ވިދާޅުވީ، ޕޮޒިޓިވް ސާމްޕަލް އުކާލުމުގައި، ބައެއް ކްލިނިކްތަކުން ޕެކިން ސްޓޭންޑަރޑްއާ ޚިލާފުވެފައި ވާކަމަށެވެ. އެގޮތުން އާންމު ކުނިބުނި ނުވަތަ ޖެނެރަލް ވޭސްޓްގެ ތެރޭގައި އެފަދަ ތަކެތި ބަހައްޓާކަން ފާހަގަކުރެވިފައި ވާކަމަށް ވިދާޅުވިއެވެ. މިފަދަ އަމަލުތަކާ މެދު ހިތާމަކުރައްވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، އެ ކަންކަމުގެ މައުލޫމާތު ގަބޫލުފުޅު ކުރެއްވުމަށް ވެސް ދަތިވާ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި ހެލްތު ފެސިލިޓީތައް ފަދަ ޕްރޮފެޝަނަލް ސަރވިސް ޕްރޮވައިޑަރއެއްގެ ފުށުން މިބާވަތުގެ ކަންކަން ފެނިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކޮންމެއަކަސް މިއިން ކޮންމެ ކަމަކީވެސް ކުޑަކުޑަ ހިތްވަރަކާއި ސަމާލުކަމެއް ދީފިނަމަ ހަމަ ހައްލުކުރެވޭނެކަންތައްތައްކަން ޔަޤީނެވެ. މިއަދު ވެމްކޯގެ ވެށިފާރަވެރިން އަޅުގަނޑުމެންނަށް ކުނީގެ ސަބަބުން ކިތަންމެ ކުޑަ އުނދަގުލެއް ވެސް ނުޖައްސާ ޖާނާއި މާލުން ޤުރުބާންވާއިރު، އަޅުގަނޑުމެން އާންމު ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ ދިވެހީންގެ ރިވެތި އާދަތައް ދިރުވަމާ ހިނގާށެވެ. އަހަރެމެންނަށް މިކަން ވާނެއެވެ.