ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 18:53
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައި
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ގިނަ ކަންތައްތަކެއް ވަނީ ފެންމަތިވެފައި
ރާއްޖެއެމްވީ
ރައީސް ނަޝީދަށް ދިން ހަމަލާއަށް މަސްދުވަސް
ރައީސް ނަޝީދަށް ދިން ހަމަލާއަށް މަސްދުވަސް: އަދިވެސް މިއޮތީ ބިރުވެރިކަމާއި ބަނަކަން
 
މި ހަމަލާއާއި ސީދާ ގުޅުން ހުރިކަމަށް ބެލެވި 4 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވޭ
 
ތުހުމަތުގެ އިނގިލި ސަރުކާރުގެ އެތެރެއިންވެސް އެތައް ބަޔަކަށް ވަނީ އަމާޒުވެފައި
 
ތަހުގީގީ މަސައްކަތަށް ހުރިހާ ވަސީލަތްތަކެއް ދަނީ ބޭނުންކުރަމުން

މީގެ ސީދާ އެއްމަސްކުރިން އެރެއަކީވެސް އާދައިގެ މަތިން އަޅުގަނޑު ރޭގަނޑުގެ ޚަބަރު ނުވަތަ 60 މިނެޓު ހުށަހަޅާދެމުން ދިޔަ ރެއެކެވެ. ޚަބަރު ހުށައަޅާ ދީދީ ހުއްޓާ އައީ ކޮމާންޑެކެވެ. "ގޮއްވާލައިފި، ބްރޭކިންގް ނަގާ! ރެޑީވޭ" މިހެންނެވެ. ވެގެން އުޅޭގޮތެއް، ގޮއްވާލީ ކޮންއެއްޗެއްކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ބޮޑު ސީރިއަސްކަމެއް ހިނގައިގެން އުޅޭކަމެވެ.

ރާއްޖޭގައި އެއްޗެއް ގޮއްވާލައިގެން އުޅުމަކީ އާންމުކަމެއް ނޫނެވެ. އެހެންކަމުން މިކަމުގެ ތަފުސީލު ގެނެސްދިނުމަށް ތައްޔާރުވެ ޚަބަރުތައް ލިބެމުންދާވަރަކުން ބެލުންތެރިންނާއި ހަމައަށް ގެނެސް ދެމުން ގެންދިޔައީމެވެ. މައުލޫމާތުތައް ތިލަވަމުންގޮސް މިހަމަލާއަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް ދިން ހަމަލާއެއްކަން ސާފުވިއެވެ. އެހެންނަމަވެސް އޭރުވެސް މަންޒަރުތަކުން އެމަނިކުފާނެއް ނުފެނެއެވެ. ފެނުނީ ޒަޚަމްެވެފައިވާ ބިދޭސީއެކެވެ. ހަފުސްވެ އެކި ދިމަދިލަށް ބުރައިގެން ގޮސްފައިވާ ސައިކަލެއްގެ ބައިތަކެވެ. އެކި ކޮޅުކޮޅަށް ދުވަމުން ދިޔަ އާންމުންނެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާހޯއްދެެވުމަށް އެންމެ 7 މިނެޓްގެ ތެރޭގައި އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުކަންވެސް ކަށަވަރުވެގެންދިޔައީ ހާދިސާގެ މައުލޫމާތު ގެނެސް ދޭން ފެށިތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެއަށްފަހު ތިލަވެ ފެންމަތިވެގެން އައީ ކޮންމެ މީހަކުވެސް ނޭވާ ހިފަހައްޓާލަން މަޖުބޫރުކުރުވާ ބިރުގަންނަފަދަ ޚަބަރުތަކާއި މަޢުލޫމާތުތަކެކެވ

ރައީސް ނަޝީދުގެ ހާލުކޮޅު: އެތައް ފަހަރަކު ނޭވާ ހިފަހައްޓާލަން ޖެހުނު

ރައީސް ނަޝީދަށް ލިބުނު އަނިޔާ - ރާއްޖެއެމްވީ

އެތައްފަހަރަކު ނޭވާ ހިފަހައްޓާލަންޖެހުނެވެ. ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި ހަވާލާދީ އެމްއެންޑީއެފުން ބުނީ ހަމަލާ ދިނީ ރޭގަނޑު 08:27ގައި ކަމަށާއި 36 ވީއިރު އެމަޖެންސީއަށް ވައްދާފައިވާކަމަށެވެ. ހާދިސާ ހިނގި ތަނާއި އެންމެ ގާތުގައިވާ ހޮސްޕިޓަލަކީ އޭޑީކޭކަމުގައި ވުމުން އޭޑީކޭއަށް ގެންގޮސް އެމަނިކުފާނުގެ ފަރުވާ ފެށިއެވެ. އޭޑީކޭ ހޮސްޕިޓަލުގައި ކުރެވުނީ ރައީސް ނަޝީދުގެ އެންމެ އޮޕަރޭޝަނެއް ދެ އޮޕަރެޝަނެއް ނޫނެވެ. ކިތަންމެ އޮޕަރޭޝަނެކެވެ. އެއީ އަވަހަށް ނިމުނު ކަމެއްވެސް ނޫނެވެ. ގާތްގަޑަކަށް ސޯޅަ ސަތާރަ ގަޑިއިރަށް ދެމިގެންދިޔަ ކަމެކެވެ. އެހެންވީމާ އެ ހުރިހާ ކަމެއްގެ ތަފްސީލު ލިޔުމަކީ ނުވަތަ ކިޔައިދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އެކަމަކުވެސް މީގެ ތެރެއިން އެއްކަމެއް ޚާއްސަވެއެވެ. އެއީ ރައީސް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލައިފައި ވަދެފައިވާ ރޭޒާފުއް ތަކުގެ ތެރެއިން އެންމެފަހު ފުއް ނެގުމުގެ މަސައްކަތެވެ. އެވާހަކަ އަޑު އަހަންވެސް ހުންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ރައީސް ނަޝީދުގެ ހަށިކޮޅުން އެންމެ ފަހުން ނެގުނު ރޭޒާފުކަކީ އެއްތަނެއްގައި ގަރާރުވެގެން އޮތް ފުކެއް ނޫނެވެ. ލެޔާއި ދަވަޔާއި ފެނުގެ ތެރޭގައި ދައުރުވޭވޭ އޮތް ފުކެކެވެ. ދުވެދުވެ އޮތް ފުކެކެވެ. އޭތި ނެގުމަށްޓަކައި ޑޮކްޓަރުންގެ ޓީމުން ކުރަންޖެހުނީ އޭގެ ކުރިން ދުވަހަކުވެސް ނުކުރާ ވަރުގެ ބުރަ މަސައްކަތެކެވެ. އުނދަގޫ މަސައްކަތެކެވެ.

ތަމްރީނެއްގައިވެސް އަދި އެހެންކަމެއްގައިވެސް އޭގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ކަހަލަ ސީރިއަސް ގޮންޖެހުންތަކަކާއި ކުރިމަތިލައިގެންނެވެ. ކޮންމެއަކަސް އޭޑީކޭގެ ޓީމުގެ ހުނަރާއި ތަޖުރިބާކާރުންގެ ލަފާ އަދި އެތައް ބައެއްގެ ދުއާއާއެކު ރައީސް ނަޝީދުގެ ހާލުކޮޅު ސްޓޭބަލްވިއެވެ. ހާލުކޮޅު ސްޓޭބަލްވީކަމުގައިވިޔަސް އެމަނިކުފާނުގެ ފުރާނަފުޅަށް އޮތް ނުރައްކާ ފިލައިގެން ނުދާކަމަށް އާއިލާއިން ހާމަކުރިއެވެ. މިއާއެކު އިތުރުފަރުވާއަށް ރައީސް ނަޝީދު މެއި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުރާވަޑައިގެންނެވިއެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކުގެ ސާފު މަންޒަރުތައްވެސް އާންމުވީ އެމަނިކުފާނު ޖަރުމަނުވިލާތަށް ވަޑައިގަތް ފަހުންނެވެ. މި ފޮޓޯތަކަށް އެކަނި ބަލާލުމުންވެސް ލިބިވަޑައިގެންނެވި އަނިޔާ ވަޒަންކޮށްލެވެއެވެ. ކޮންމެއަކަސް ޖަރުމަނުވިލާތުގައި ހުންނަވައި ފަރުވާގެ ކަންކަން ކުރިއަށް ގެންދަވާ މިއަދު އެމަނިކުފާނު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް ހަފުތާއަކު ދެ ފަހަރު މެޑިކަލް ޗެކަޕްތައް ހައްދަވަން ޖެހިވަޑައިގަންނަވަތީ އަދި މަހެއްހާ ދުވަސް ވަންދެން ޖަރުމަނުވިލާތުގައި ހުންނަވަން ޖެހިދާނެކަމަށް ލަފާ ކުރެވޭކަމަށް އާއިލާއިން ވަނީ ބުނެފައެވ

ތަހުގީގީ މަސައްކަތް: ގިނަ ހުވާތަކެއްވި، ނުރައްކާ އިންތިހާއަށް

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު - ރާއްޖެއެމްވީ

ކުރިން ދެންނެވި ގޮތަށް މިހަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި މަޖީދީމަގު ކަންމައްޗަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލާއެކެވެ. އެހެނަސް މިކަމުގެ ނުރައްކާ އޮތީ ހަމައެކަނި އެމަނިކުފާނަށް ނޫންކަން ސަރުކާރުންވެސް އެކި ފަހަރުމަތިން އައީ ބުނަމުންނެވެ. މިކަން ސަރުކާރުން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުންވެސް ހާމަވެއެވެ.

ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވުނުތާ މާކަ ގިނައިރުތަކެއް ނުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން ހޮސްޕިޓަލަށް ވަޑައިގެން އެމަނިކުފާނުގެ ހާލު ބެއްލެވުމަށް އަވަސްވެ ވަޑައިގަތެވެ. ސަލާމަތީ ބާރުތަކުގެ އެލާޓް ލެވެލް ވަގުތުން ވަގުތަށް މަތި ކުރެވުނެވެ. ކްރައިމް ސީން ހަލާކުވިޔަ ނުދީ ދެފަރާތް ފެންނަ ތަހުގީގެއް ހިންގުން ކަށަވަރުކުރުމަށް ހޯމް މިނިސިޓަރ އިމްރާނާއި ސީޕީ ހަމީދުގެ ސީދާ ބެއްލެވުމުގެ ދަށުން މަސައްކަތް ފެށިއެވެ. އަދި މި މަސައްކަތް ވީހާވެސް ހަލުވިކޮށް ނަތީޖާ ނިކުންނަ ތަހުގީގަކަށް ހެދުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެންވެސް މަސައްކަތް ފެއްޓެވިއެވެ. އެގޮތުން އޮސްޓްރޭލިއާއާއި އެމެރިކާ ފަދަ ގައުމުތަކުގެ ތަޖުރިބާކާރުން މި ތަހުގީގުގައި މިއަދު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހަމަލާއި ގުޅިގެން މިވަނީ 4 މީހަކު ހައްޔަރުވެސް ކޮށްފައެވެ. އެތައްދުވަހެއް ވަންދެން އަޑު ހިނދިފައިއޮތް ހައްދުފަހަނައަޅާ ދިއުމުގެ ބިރުވެރިކަންވެސް މިވަނީ ފަޒާގައި ގުގުމާލާފައެވެ. ވާނީވެސް އެހެންނޫންތޯއެވެ. ހައްޔަރުކުރެވިފައިވަނީ މުޅިންވެސް ހަރުކަށި ފިކުރުގެ މީހުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެއީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު ކަމުގައިވިޔަސް ނޫނީ މި މައްސަލައިގައި ހައްޔަރުކުރި 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެކަމުގައި މުގުލުގައި ހުރި އޭރުގެވެސް "ބޮޑެއް" ކަމަށް ސާބިތުވެ ޖަލަށްލި އަބްދު ﷲ އަލިމަނިކު ކަމުގައިވިޔަސް މިބިރުވެރިކަން ހާމައަށް އޮތީ ފެންނާށެވެ.

މިކަމުގެ ނުރައްކާ މުޅި ރާއްޖެއަށް އޮތްކަމަށް ބެލެވި ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފެށިއެވެ. އަދި މި އޮޕަރޭޝަންތަކުގައި އިހު ދެންނެވި ހަރުކަށި ފިކުރުގެ ވެރި އެތައް ބަޔަކު މިއަދު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މި ދަންނަވާލެވުނީ ތަހުގީގީ އިދާރާތަކުގެ މަސައްކަތުގެ ވާހަކައެވެ. މިކަމުގައި ފިޔަވަޅު އަޅަނީ މިއިދާރާތަކުން އެކަންޏެއް ނޫނެވެ. ރައީސްގެ އެންގެވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް އޮފީހުންވެސް ވަނީ ފައްޓަވާފައެވެ.

ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި މަސައްކަތް ވަރަށް އަވަހަށް ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި، ކޮމެޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާ ވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާއެވެ. މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ މިކޮމިޓީގެ މައިގަނޑު މަގްސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ޤާނޫނުގައިވާގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ޢަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން ދެނެގަތުންވެސްމެއެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފަހުން ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން ޖޫން 2 ވަނަ ދުވަހު ރައީސް އޮފީހުގެ އިންޓެލިޖެންސް އޮޑިޓް ކޮމިޓީން ވަނީ ޕްރޮސެކިއުޓާ ޖެނެރެލާއި ބައްދަލުކޮށްފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލު ގެންނަން ރައީސް ވަނީ އަންގަވާފައެވެ. މިއީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. މި މަސައްކަތުގެ ދަށުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އަންގަވާފައެވެ. މިކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ރާއްޖެ އެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ. މިކަމުގެ އިތުރު ތަފްސީލެއް މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ. ތުހުމަތުގެ އިނގިލި އެތައް ބަޔަކަށް އަމާޒުވެފައިވެއެވެ.

ތުހުމަތުގެ އިނގިލި ސަރުކާރުގެ އެތެރެއިންވެސް އެތައް ބަޔަކަށް

ރައީސް ވަނީ އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލު ގެންނަން އަންގަވާފައި - ރާއްޖެއެމްވީ

މި ހަމަލާއާއި ސީދާ ގުޅުން ހުރިކަމަށް ބެލެވި 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުުހުންވަނީ މައްސަލައިގެ ތަހުގީގު އަދި އޮތީ ވަރަށް ޅަފަތުގެ މަރުހަލާއެއްގައި ކަމަށް ވިދާޅުވެފައެވެ. ޖިނާއީ މައްސަލަތަކުގައި ދައުވާކުރަން ހުށަހަޅަން ވަކި ޓައިމްފްރޭމްތަކެއް ދީފައިވާކަން އޭސީޕީ ރިޔާޒު ފާހަގަކުރެއްވިއެވެ. މި މައްސަލައަކީ ވަރަށް ގިނަ ކަންކަން ބަލާ ގިނަ ހޯދުންތައް ހޯދަންޖެހޭ މައްސަލައަކަށްވާއިރު، މި މައްސަލައިގައި މިހާރު ކަޑަތުކުރަމުން މިދަނީ ތަހުގީގުގެ "އަރލީ ސްޓޭޖްތައް" ކަމަށް ވިދާޅުވިއެވެ.

މި ސަބަބަށްޓަކައި ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދައުވާކުރެވޭނެ ދުވަހެއް ނޭނގޭކަމަށް އޭސީޕީ ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭސީޕީ ރިޔާޒް ވަނީ މިވަގުތަށް މި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރަން ޖެހޭ އެންމެން ހައްޔަރުކޮށް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިތުރު ބަޔަކުވެސް މިކަން ހިންގުމުގައި އުޅުނުކަމަށް ބެލެވި "ޕަރސަން އޮފް އިންޓްރެސްޓް"ގެ ގޮތުގައި އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

މިހެން ފުލުހުން ބުނެފައިވާއިރު، މި މައްސަލައިގެ އިނގިލި ސަރުކާރުގެ ތެރެއިން އެތައް ބަޔަކަށް ވަނީ އަމާޒުވެފައެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ހިމެނޭ ތަފްސީލީ މައުލޫމާތުތަކެއް މިހާރު ނޫހަށް ހާމަކުރި ހިސާބުން މިކަން އިތުރަށް ހޫނުވިއެވެ. މިކަމުގައި ރައީސް ނަޝީދުގެ އާއިލާއިންވެސް އަދި ކަން ހިނގާދިއަ ގޮތުން ސަލާމަތީ ބާރުތަކަށާއި، މި ބާރުތައް ހިންގަވަން ތިއްބެވި ފަރާތްތަކަށް އިނގިލިދިއްކުރެއްވިތަން ފެނިގެންދިޔައެވެ.

މަޖިލީހުގެ ފުރަތަމަ އިންކުއަރީ: ދައުލަތުގެ ދެވަނަ ބާރަށް ދެވުނު ހަމަލާގެ ތަހުގީގު

241 - ރާއްޖެއެމްވީ

ދައުލަތުގެ ދެވަނަ ބާރަށް ދެވުނު ހަމަލާގެ ތަހުގީގުގައި ރައްޔިތުންގެ މަޖިލީސްވެސް ފެނިގެން ދިޔައީ ގިޔަރު 1ގައި މަސައްކަތް ކުރިތަނެވެ. އެގޮތުން ރައީސް ނަޝީދަށް ހަމަލާ ދިން ހިސާބުން އެމަނިކުފާނުގެ ހާލުކޮޅު ގާތުން ބައްލަވަން ދައުރުން ބޭރުގައި ވަގުތުން ވަގުތަށް ޚާއްސަ މަޖިލީހެއް ބާއްވާ މިކަމުގައި ކޮމިޓީތަކުގެ މަސައްކަތް މެކުހައް ޖެއްސިއެވެ. އެގޮތުން މި ވަގުތު މިއީ ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އޭޑީކޭގައި ފޯރިމަރަން ތިއްބެވުމުގެ އިތުރަށް ކުރެއްވި މަސައްކަތްކަން މި ދަނޑިވަޅުގައި ފާހަގަކޮށްލަމެވެ.

މިހާރު އެންމެ އަޑު ބާރުކޮށް ދެކެވެނީވެސް ކުރިން ދެންނެވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ އިންކުއަރީގެ ވާހަކައެވެ. މި ތަހުގީގަށް ފުލުހުންނާ ސިފައިން ހާޒިރުކޮށް ސުވާލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަން އެންގުމުން އަސްކަރިއްޔާއިން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި، ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެއާއެކު ކޮމިޓީއަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސް ފޯހަށް ވަނީ އަންގާފައެވެ. މި ސަބަބަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މި މައްސަލައިގައި ޑިފެންސް މިނިސްޓަރ ހާޒިރު ނުކުރުމުން މިކަމާއި ގުޅޭގޮތުންވެސް ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީއިން ޑިފެންސް މިނިސްޓަރ މާރިޔާއަށް ގުޅާލުމުން އެކަމަނާ ވަނީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާ ގުޅިގެން މަޖިލީހަށް ހާޒިރުވާން އަންގާފައި ނުވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މާރިޔާ ވަނީ މަޖިލީހުގެ އިންކުއަރީއަށް ކޮންމެ ވަގުތަކުވެސް އެކަމަނާ ހާޒިރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ހާޒިރުވާން އަންގައިފިނަމަ ހާޒިރުވާނެކަމަށްވެސް ވިދާޅުވެފައެވެ.

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާއި ގުޅިގެން މަޖިލީހަށް ހާޒިރުވާން އަންގާފައި ނުވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވާއިރު، އެކަމަނާއަކީ މި މައްސަލައިގައި އެކި މަރުހަލާތަކުން ފާޑުކިޔުން އަމާޒުކުރާ ފަރާތެކެވެ. އެގޮތުން ހަމަލާ ދިނުމުގެ ކުރިން ހަމަލާގެ މައުލޫމާތު މަޖިލީހުގެ މެމްބަރަކު އެކަމަނާއާއި ހިއްސާކުރުމުންވެސް އެކަމަށް ފިޔަވަޅު ނާޅުއްވާކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ދަރިކަނބަލުންވެސް އެކަމަނާއަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ސެކިއުރީޓީއާ ގުޅޭ ސިއްރު މައުލޫމާތުތައް ހާމަކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށްވެސް ވާހަކަތައް ފެތުރުނެވެ. އެހެންނަމަވެސް، މިހުރިހާކަމެއްވެސް އެކަމަނާ ވަނީ ދޮގުކުރައްވާފައެވެ. އަދި ކަންހިނގާ ދިޔަގޮތް މީޑިއާތަކާ އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ.

މި މައްސަލައިގައި ސިފައިންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ހާޒިރު ކޮށްފައެވެ. ސީޕީ ހާޒިރުކޮށްފައިވަނީ އިންޓެލިޖެންސާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ. މެއި 6ވަނަ ދުވަހުގެ ހާދިސާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް ސީޕީވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. މީގެ އިތުރުން މަޖިލީހުގެ ތަހުގީގަށް ޑިރެކްޓަރ ކައުޓަރ ޓެރަރިޒަމް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލުވެސް ވަނީ ހާޒިރުކޮށްފައެވެ.

ކާފަރެކޭ ނުބުނެވޭ އިސްލާހާއެކު މައްސަލަވަނީ އިތުރަށް ކެކިގަނެފައި

ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހާއެކު ސޯޝަލް މީޑިއާގައި ހުރި ބައެއް ޓްވީޓްތައް - ރާއްޖެއެމްވީ

މިކަމުގައި އިތުރު ބޮޅަކަށް ވެގެންދިޔައީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވުމެވެ. މި އިސްލާހާއެކު ސޯޝަލް މީޑިއާގެ ބަހުސްތައް ފެށުނީއެވެ. ބައެއް މީހުން ބުނާގޮތުން މިއީ ވަކި މީހަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހެކެވެ. އަނެއްބަޔަކު ބުނަނީ މި އިސްލާހު ފާސްވިޔަސް އެހެން ކިޔުމަށް ނިމުމެއް ނާންނާނެ ކަމަށެވެ.

މިވާހަކަތައް ދައްކާ މީހުންގެ ތެރޭގައި ގާނޫނީ ވަކީލުންނާ ދީނީ އިލްމުވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުންވެސް ހިމެނެއެވެ. ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެދަރަޖައިގެ ކުށަކަށް ދެވޭ އެންމެ ބޮޑު އަދަބެއް ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައިވަނީ 1 އަހަރުގެ ޖަލު ހުކުމެކެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާ، ބައިވެރިވުމާ، ރޭވުމަކީވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެއެވެ. މިފަދަ މައްސަލައެއް އެމީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތު ކުރުން ނުވަތަ އެމީހަކާމެދު ތަފާތުކުރުމަށް ގޮވާލުމަކީވެސް ކުށެކެވެ. މިފަދަ އަމަލެއް ހިންގުމުގައި މީހަކު މަރުވެއްޖެނަމަ އެ ކުށަކީ، ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

މިފަދަ އަމަލެއް ހިންގީ ކިޑްނެޕްކޮށްގެން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން ނޫނީ މަރުގެ އިންޒާރު ދީގެން ކަމުގައިވާނަމަ އެއީ 2ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ. އެނޫން ހާލަތްތަކުގައި މިބާވަތުގެ ކުށަކީ ޖިނާއަތުގެ 4ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. މި ދަންނަވާލެވުނީ މި މައްސަލައިަގައި މިހާތަނަށް މަންޒަރު ފެންނަން އޮތް ގޮތެވެ. ދަންނަވަން ޖެހެނީ މިކަމުގައި އެތައް އޮޅުން ބޮޅުންތަކެއް އެބަ އޮތްކަމެވެ. އެހެންނަމަވެސް، ސަރުކާރުން މިކަމުގައި މަސައްކަތް ހަލުވިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަންވެސް ފެންނަތް އެބަ އޮތެވެ. އެހެންނަމަވެސް، ނިންމާލަމުންވެސް ދަންވަންޖެހެނީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ ބިރުވެރިކަން އަދިވެސް އޮތީ ކަމަށެވެ. މިއަދު އަވަސްވެ ގަންނަންވީ ތުހުމަތުގެ އިނގިލި ދިއްކުރުމަށްވުރެ މި ވިލާގަނޑުން ރައްކާތެރިވެ ގައުމު ރައްކާތެރި މަންޒިލަކަށް ވާސިލުކޮށްދިނުމަށެވެ.

ކޮމެންޓް