ލޯބިން
އާމިރު ސަލީމް
1 ޖެނުއަރީ 1970 | ބުރާސްފަތި 05:00

  ނިހާއޮތް އެނދުކައިރިއަށް ހުއްޓުމުން ޒައިނާ ޑޮކްޓަރާ ސުވާލުކޮށްލިއެވެ. އޭރު ނިހާ އޮތީ ލޯމަރާލައިގެންނެވެ.

" ހުރިހާ ކަމެއްވެސް ރަނގަޅު. އެކަމަކު ބަންޑުން ވެއްޓި ބަނޑުޖެހުމުގެ ސަބަބުން ބަނޑަށްލިބުނު އަނިޔާއަކާއި ގުޅިގެން ބަޑުގައިވާ ދަރިފުޅުވަނީ ވެއްޓިފަ. "

      ކަންފަތުގައި އިން ކަށިގަނޑު ނަގައި ކަރުގައި އަޅުވާލަމުން ޑޮކްޓަރު ވާހަކަ ދެއްކިއެވެ. ޑޮކްޓަރުގެ ޖުމްލަ ނިމުމާއިއެކު ނިހާ މަޑުމަޑުން ލޯ ހުޅުވާލައިފިއެވެ. ހީވަނީ ޑޮކްޓަރު ދެއްވި ޚަބަރުގެ އަޑު ނިހާއަށް އިވުނީ ހެންނެވެ. އެކަމަކު އެއްޗެކޭ ބުނެވޭ ވަރަށްވުރެ ނިހާގެ ޙާލު ދެރައެވެ. އެހެންކަމުން މަޑުމަޑުން ލޯ މަރާލައިފިއެވެ. އޭރު ނިހާ ނޭވާ ލަމުންދަނީ އޮކްސިޖަންގެ އެހީގައެވެ.

" ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ކުޑަކޮށް ހަމަޔަކަށް އެޅިލަންދެން ވީހާވެސް ބޮޑަށް ހަމަޖައްސައިގެން ގެންގުޅެވޭތޯ ބެލީމަ ރަނގަޅުވާނެ. ތީ ނިހާގެ ދައްތަތަ؟ "

      ހިތްހެޔޮކަމާއިއެކު ދެންކަންތަށް ކުރަންވީގޮތް ޑޮކްޓަރު ކިޔާދެއްވިއެވެ. އެކަމަކު ޑޮކްޓަރު ކުރެއްވި ސުވާލަށް ޖަވާބުދޭން ޒައިނާއަށް އުނދަގޫވީ ކަންނޭނގެއެވެ. ޒައިނާ ޑޮކްޓަރުގެ ސުވާލަށް ޖަވާބެއް ނުދިނެވެ.

" ކޮބާ ނިހާގެ ފިރިމީހާ؟ "

      ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޒައިނާއަށް ޑޮކްޓަރު އިތުރު އުނދަގުލެއް ކުރިމަތި ކުރުވައިފިއެވެ. މިފަހަރުގެ ސުވާލަށް ޖަވާބެއް ދިނުމަށް މާ ބޮޑަށްވެސް އުނދަގޫ ވެފައި ދައްޗެވެ.

" ނިހާގެ ފިރިމީހާ މިވަގުތަކު ރަށަކު ނެތް. އަޅުގަނޑުމިއީ އޭނާގެ ދައްތަ."

      ހަޤީގަތަށް ކިޔައިދޭނެ ހިތްވަރެއް ޒައިނާއަކަށް ނުލިބުނެވެ. އެހެންކަމުން ވަރަށް ވިސްނަ ވިސްނާފައި އޭނާ ޖަވާބު ދިނެވެ.

" ގެއަށް ދޫކޮށްލެވެން އަދި ދެތިން ދުވަހެއް ނަގާނެހެން ހީވަނީ! "

      ޑޮކްޓަރު ނިކުންނެވުމުން ޒައިނާ ގޮސް ނިހާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ.

      ނިހާގެ ކައިރީގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒައިނާ ބޭރަށް ނުކުމެއްޖެއެވެ. އޭރުވެސް ޒިޔާމް އިނީ ބޭރުގައެވެ.

" ކޮންއިރަކުންނޯ ގެއަށް ފޮނުވަނީ. "

      ޒައިނާ ފެނުމުން ޒިޔާމް ސުވާލުކޮށްލިއެވެ.

" އަދި ދެތިން ދުވަސް ނަގާނެ. "

      ޒައިނާ އައިސް ޒިޔާމް ކައިރީގައި އިށީންދެއްޖެއެވެ.

" ވަދެއެއް ނުލާނަންތަ؟ "

      ކުޑައިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމަށްފަހު ޒައިނާ ޒިޔާމްގެ މޫނަށް ބަލާލިއެވެ. އޭނާ އިނީ އިސްޖަހާލައިގެންނެވެ. ހިސާބެއްގެ ހާސްކަމެއް އޭރު ޒިޔާމްގެ މޫނުމަތިން ފެންނަން ހުއްޓެވެ. ހީވަނީ ވަރަށް ދެރަވެފައި އިންނަމަވެސް އެކަން ފޮރުވަން މަސައްކަތް ކުރާހެންނެވެ.

" އަހަރެން ބުނީ ނިހާ ކައިރިއަށް.........."

      އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލައިގެން އެއިން ގޮތަށް ޒިޔާމް އިންނަން ފެށުމުން ޒައިނާ އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އެކަމަކު ޒަައިނާ ބުނަން އުޅުނު އެއްޗެއް ނިންމާލުމުގެ ކުރިން އެއްވެސް އެއްޗެކޭ ބުނުމަކާއި ނުލާ ޒިޔާމް ތެދުވެގެންގޮސް ނިހާ ބާއްވާފައި އޮތް ނަނަށް ވަދެއްޖެއެވެ.

      އެތެރެއަށް ވަނުމަށްފަހު ތަންކޮޅެއް ދުުރުގައި ނިހާއަށް ބަލަހައްޓައިގެން ކުޑަ އިރުކޮޅަކު ހުރުމަށްަހު މަޑުމަޑުން ގޮސް ނިހާ އޮތް އެނދުގެ ކައިރިއަށް ހުއްޓިއްޖެއެވެ. ދެން މަޑުމަޑުން ނުހާގެ ނިތްކުރީގައި އަތް ޖައްސާލައިފިއެވެ.

" ޒިޔާމްތަ؟ "

      ޒިޔާމްގެ އަތް ނިހާގެ ނިތްކުރީގައި ބާއްވާލުމާއިއެކު ނިހާގެ ލޯ ހުޅުވާލިއެވެ. ހީވީ ކަމެއް އެނގިގެން ނުވަތަ ވަކި މީހަކު އެނގިގެން ލޯ ހުޅުވާލިހެންނެވެ. ނުވަތަ އެއީ ކުރިންވެސް ކުރެވިފައިވާ ދަންނަ އިޙްސާސްތަކެއް ހެންނެވެ. ނިހާގެ އަޑު އޮކްސިޖަން މާސްކުގެ ތެރެއިން އިވުނީ ވަރަށް މަޑުންނެވެ. އެހާމެ ބަލި ރާގަކަށްވެސް މެއެވެ. އެއަޑު އިވުމުންނާއި ނިހާ އޮތްޙާލު ފެނިފައި ހީވަނީ ޒިޔާމަށްވެސް އަސަރުތަކެއް ކޮށްފިހެންނެވެ. އެކަމަކު އެއްވެސް އެއްޖެކޭ ނުބުނެ އޭނާ މަޑުމަޑުން ހުރީއެވެ. އެކަމަކު ހަމަ އެ ސިކުންތުގައި ނިހާގެ ނިތްކުރި މަތީގައި އޮތް ޒިޔާމްގެ އަތާދިމާއަށް ނިހާގެ އަތް މަޑުމަޑުން އުފުލާލައިފިއެވެ. އެއާއިއެކު ޒިޔާމް އަވަސް އަވަހަށް ނިހާގެ ނިތްކުރިމަތިން އަތްނަގައިގެން ބޭރަށް ނުކުތުމަށްޓަކައި ހިނގައިގެންފިއެވެ.

      ހަމަދެންމެ ނިހާގެ ކައިރީގައި ހުރި މީހާގެ އަތުގައި ހިފުމަށް އޭނާ އުފުލާލި އަތް މާޔޫސްކަމާއި އިތްދަތިކަމާއި އެކު މަޑުމަޑުން ތިރިކޮށްލައިފިއެވެ. އެއީ ކުށްހީ އެކެވެ. އޮޅުމެކެވެ. ނުވަތަ އެމީހަކު ހަމަގަސްތިގައި އެކަން އޮޅުވާލީއެވެ. ނިހާގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ.

      ޖެހިގެންއައި ދުވަހު ނިހާ ވޯޑަށް ބަދަލުކޮށްފިއެވެ. މިހާރު ކޮންމެވެސް ވަރަކަށް އޭނައަށް ވާހަކަ ދައްކާލާ އުޅެވޭވަރު ވެއެވެ.

" ކިިނެއްތަ އަހަންނަށް ވީ؟ "

ލޯ ހުޅުވާލުމަށްފަހު ނިހާ ސުވާލުކޮށްލިއެވެ.

" ތޮ ސުވާލު އަހަރެން ނިހާއަށް ކުރަންވެގެން މިއުޅެނީ. އަހަރެމެން އައިސް ނިހާ ކޮބައިތޯ ބެލިއިރު ނިހާ އޮތީ ފާޚާނާތެރެއަށް ވެއްޓިފަ. ދެން އަވަހަށް ގެނައީ ހޮސްޕިޓަލަށް! "

ޒައިނާ ހިފައިގެންއިން ވާހަކަ ފޮތް ލައްޕާލުމަށްފަހު ކަންތައް ދިމަވި ގޮތް ކޮންމެވެސް ވަރަކަށް ނިހާއަށް ސާފުކޮށްދިނެވެ.

" ފާޚާނާއަށް ވަންނަނިކޮށް ކައްސާލައިގެން ވެއްޓުނުކަން އެނގޭ. ބަނޑަށް ވަރަށް ތަދުވި. ދެން ވީގޮތެއް ނޭނގުނު."

      ނިހާ ލޯމަރާލިއެވެ. ހަށި ފުރާ ނޭވާއެއް ދޫކޮށްލޮއެވެ.

" އެނގޭތަ؟ ނިހާގެ ބަނޑުގަ އޮތް............"

" އާނ! އެނގޭ. ޑޮކްޓަރު އެހެން ބުނި އަޑު އެހިން! "

      ޒައިނާ ކުރަން އުޅުނު ސުވާލުގެ ކުރިން ނިހާ ޖަވާބު ދިނެވެ.

" ދެރައެއް ނުވޭތަ؟ "

" ސަލާމަތުން އެދަރިފުޅު ދުނިޔެއަށް އައި ނަމަވެސް އޮތީ ވަކި ކޮން އުފަލެއް؟ މަންމައެއްގެ ފުރިހަމަ ލޯތްބާއި އަޅާލުން އެދަރިފުޅަށް އަހަރެންނަށް ދެވޭނެތަ؟ އަހަންނަކީ ނުކުޅެދޭ މީހެއްގެ އިތުރުން އެދަރިފުލުގެ ބައްޕައާއި މެދު އޭނާ ކުރާ ސުވާލުތަކަށާ، މީހުން އޭނާއަށް ކުރާ ނަފުރަތަށް އަހަރެންނަށް ޖަވާބެއް ދެވޭނެތަ؟ އެހެންނޫނަސް އެއްޗެއް ލިބިގެން އުފަލެއް ނުލިބޭއެއްޗެއް ގެއްލިގެން ކުރަންޖެހޭ ހިތާމައެއް އޮންނާނެތަ؟

      ވަރުބަލިކަމާއި ހިތާމަޔާއި އަސަރުން ފުރިގެންވާ ރާގަކަށް ނިހާ ވާހަކަ ދައްކަމުން ދިޔައެވެ. ލޯ މަރައިލައިގެން އޮވެގެންނެވެ.

      ނިހާގެ ބޮލުގައި ފިރުމާލުމަށްފަހު ޒައިނާގެ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ރޭގަނޑު އެކެއްވެސް ޖަހައިފިއެވެ. ވަރަށް ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަ ކުރުމުުގެ ސަބަބުން ޒައިނާ އިނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. އެކަމަކު ނިހާ ގާތު މަޑުކޮށްލާނެ އެހެން މީހަކު ނެތުމުގެ ސަބަބުން ޒައިނާއަށް އިނީ ގެއަށްވެސް ނުދެވިފައެވެ.

" ޒައިނާ ގެއަކަށްވެސް ނުދަންތަ؟ "

އެއްވެސް ވާހަކައެއް ނުދައްކާ ކުޑައިރުކޮޅަކު ހިމޭނުން އޮތުމަށްފަހު ނިހާ ވާހަކަ ދެއްކިއެވެ.

" މަންމަ ބުނި އަންނާނަމޭ! މަންމަ އައިމަ އަހަރެން ދާނީ."

ޒައިނާ ޖަވާބުދިނުމުގެ ގޮތުން ބުނެލިއެވެ.

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް