ކަރަންޓީންވުމަކާ ނުލައި ރަށްރަށަށް ދިއުމަށް ދޭ ޚާއްޞަ ހުއްދައާ ގުޅިގެން ފާޑު ކިޔާ ފަރާތްތަކަށް ޑރ. ނަޒްލާގެ ރައްދު!
31 ޖެނުއަރީ 2021 | އާދީއްތަ 07:19އެންމެ ރައްކާތެރިގޮތުގައި ފިޔަވަޅު އަޅާނަމަ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ


ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ
ކަރަންޓީންވުމަކާ ނުލައި އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމުގެ ހުއްދަ ދެމުންދަނީ ވަރަށް ޚާއްޞަ ޙާލަތްތަކުގައި ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ޖަޒީރާ ސައްލާގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ފަސް ދުވަހަށް އަތޮޅުތެރޭގެ ރަށްތަކަށް ދިއުމުގެ ހުއްދަ ދެމުންދާތީ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ. ކަރަންޓީންއާ ނުލައި ހުއްދަ ދޫކުރަމުން ދަނީ ވަކި ކަންތައްތަކަކަށް ކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ސިއްޙީ ގޮތުން އެންމެ ރައްކާތެރިގޮތުގައި ފިޔަވަޅުތައް އަޅައި އަމަލުކުރާނަމަ ވަރަށް ގިނަ ދަތިތަކާ އާއްމު ރައްޔިތުން ކުރިމަތިލާން ޖެހޭ ކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލޭގައި ދިރިއުޅޭ ކަމާބެހޭ ފަރާތްތަކުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުުރުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓީން ވުމަކާ ނުލައި ރަށްރަށް ދިއުމުގެ ހުއްދަ އެހެނިހެން ޚާއްޞަ ހާލަތްތަކުގައި ވެސް ދެމުންދާ ކަމަށެވެ. އެގޮތުން ދަރިފުޅު ނުވަތަ އާއިލާގެ މެމްބަރެއް މާލެ ނާދެވި ނުވަތަ މާލެއިން ރަށަށް ގެންދަން ޖެހޭ ހާލަތެއްގައި ޚާއްޞަ ހުއްދަތައް ދެމުންދާ ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ތަކްލީފު ކުޑަވާނެ ގޮތްތަކަށް ބަލަމުންދާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީން ވުމަކާ ނުލައި ރަށްރަށަށް ދިއުމުގެ ޚާއްޞަ ހުއްދަތައް ދޫކުރަމުން ދަނީ ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ހުއްދައަށް އެދޭ ފަރާތްތަކުން ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށާއި، ހުއްދައިގެ ދަށުން ރަށްރަށަށް ގޮސް އުޅުމުގައި އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެދޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީން ނުވެ ރަށްރަށަށް ދާ ފަރާތްތަކުން ވެސް އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފި ކަމުގައިވާނަމަ ބިރުވެރިކަމެއް ނެތް ކަމަށެވެ. އަދި ހުއްދައިގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް އިލްތިމާސްކުރެއްވިއެވެ.






