ފުވައްމުލައް ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް، އައު އަހަރާއެކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލައިފި
31 ޑިސެމްބަރު 2020 | ބުރާސްފަތި 13:41ރިންގް ރޯޑުގެ މަސައްކަތް 30 ޑިސެމްބަރ 2020 ވަނަ ދުވަހު ވަނީ ނިމިފައި


ފުވައްމުލައް ސިޓީ ރިންގް ރޯޑު، މިއީ އެސިޓީ ރައްޔިތުންގެ ހުވަފެނެއް
ފުވައްމުލައް ސިޓީ ރިންގް ރޯޑުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ ފުވައްމުލައް ރިންގް ރޯޑު މަޝްރޫއު 30 ޑިސެމްބަރ 2020 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއަކީ 37.19 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ރިންގު ރޯޑު މަޝްރޫއުގެ ދަށުން 20،560 އަކަ މީޓަރުގެ ތާރަ މަގުތަކުގައި ވަނީ އަޅާފައެވެ. އަދި 144 ލެޑް މަގުބައްތި ހަރުކޮށްފައިވާއިރު، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއްވެސް މި މަޝްރޫޢުގެ ދަށުން އިންސްޓޯލް ކޮށްފައިވެއެވެ.
ފުވައްމުލަކު ރިންގް ރޯޑު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ރިންގް ރޯޑު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ.
ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށެވެ.





