ކުޅިވަރުގެ ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް ބަލައިގަތުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ގުޅޭގޮތުންވެސް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް ބަލައިގަތުމަށް ފެނޭތޯ ކުރެވުނު ބަހުސްގައި ގިނަ އެސޯސިއޭޝަންތަކެއްގެ ކަންބޮޑުވުން އޮތް އިސްލާހާ މެދު މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް އިސްލާހުގައި އޮތުމުން މެންބަރުން ވަނީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އިސްލާހުތައް ބަލައިގަނެ ގެންނަން ޖެހޭ ބަދަލުތައް ގެނައުން ރަނގަޅު ކަމަށާއި، ކުޅިވަރު ޤާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ބައެއް މެންބަރުން ވަނީ އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް އޮތް އިސްލާހާ މެދު ވާހަކަދައްކާފަ. އެހެން ނަމަވެސް އިސްލާހުތައް ބަލައިގަނެ އިތުރަށް މަޝްވަރާކޮށް ކުރިއަށްދިޔުމަށް މެންބަރުންނަށް ގަބޫލުކުރެވުނީ. މިއަދަކީ ވަރަށް ތާރީޚީ ދުވަހަހެކޭ އަޅުގަނޑު ދަންނަވާނީ. މި އިސްލާހުތައް ބަލައިގަނެ ކުޅިވަރުގެ ޤާނޫނަށް ބަދަލުތަކެއް ގެންނަ ޖެހޭ ކަމަށް މެންބަރުން ގަބޫލުކުރުމަކީ ކުޅިވަރު ކުޅުންތެރިންނަށާއި އެސޯސިއޭޝަންތަކަށްވެސް ލިބިގެންދާނެ އިތުރު ރަނގަޅަކަށް ވެގެންދާނީ.ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފް
ކޮމިޓީ މަރުހަލާގައި ބިލާ ގުޅޭ ގޮތުން ކޮންމެ އެސޯސިއޭޝަނަކަށްވެސް ވަޑައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ބިލް އިސްލާހުވެގެންދާނީ ކުޅިވަރު ދާއިރާގެ އެންމެހާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހައިގެން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކާ ގުޅިގެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ބަޔާނެއްވެސް ނެރެފައިވާއިރު، ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، މޯލްޑިވްސް އޮލިކްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނަރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގުވެސް ވަނީ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާ އާއި މަސައްކަތްތައް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، އެންމެހައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރަމުންދާ ދަނޑިވަޅެއްގައި ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކީ އިންޓަނޭޝަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޗާޓަރުގެ 27.5 އަދި 27.6 މާއްދާއާ ޚިލާފު އިސްލާހެއް ކަމަށެވެ.
އެގޮތުން މި އިސްލާހު ރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައުން ވެގެންދާނީ އޮލިމްޕިކް ޗާޓަރުގެ 27.9 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށް ކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން އެ ޗާޓަރުގެ 59 ވަނަ މާއްދާއިން ކަނޑައަޅާފައިވާ، އޮލިމްޕިކް މޫވްމަންޓުން ދިވެހިރާއްޖެ ސަސްޕެންޑް ވެގެންދާނެކަން އެ މާއްދާތަކުން ސާފުކޮށް އެގެން އޮތުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެކަމަކު މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އެކަމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ސަރުކާރުން އެކުލަވާލާފައިވާއިރު، މިދިޔަ އަހަރު ޤާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމި ކަމަށެވެ.
އަދި ރައްޔިތުން އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ކުޅިވަރު ހިންގުމުގައި ހުރި ނުރަނގަޅު ކަންތައްތަކަކަށް ކަމަށްވާއިރު، ނުރަނގަޅުކޮށް ކަންތައްތަކެއް ކުރަމުންދާއިރު، އެކަންތައް ބެލޭނެ ގޮތްތަކެއްގެ ވާހަކަ ކަމަށާއި، ކުޅިވަރުގެ ޤާނޫނު އިސްލާހުކުރަން ނިންމީ އެކަންކަމަށް އޮތް ފާޑުކިޔުން ހުއްޓުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އަދި 2015 ވަނަ އަހަރު ފާސްކޮށްފައިވާ ކުޅިވަރުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ޤާނޫނުގެ ދަށުން އަމަލުކުރަންޖެހޭ ގަވާއިދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށް ބުނެފައިވާއިރު، ގިނަ ގަވާއިދުތައް އޮތީ ނުހެދި ކަމަށާއި، އެ ގަވާއިދުތައް ނުހަދާ ތިބެނީ އެކަންކަން އެނގިހުރެ ގަސްދުގައި ކަމަށް ހަސަން ލަތީފް ވަނީ މީގެ ކުރިން ތުހުމަތު ކުރައްވާފައެވެ.