ގޮންޖެހުންތަކާ އެކުވެސް މާލޭގެ މަގުތަކުގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރެވުނު: އާރްޑީސީ
7 އޮކްޓޯބަރު 2020 | ބުދަ 18:47ކޮވިޑްއާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި


ބޮޑުތަކުރުފާނު މަގު، މަގުގައި ހުރި ގިނަ އަދަދެއްގެ ހޮޅިތައް މިހާރު ވަނީ ނަގާފައި
ކޮވިޑް-19 އާލަމީވަބާގެ ސަބަބުން ދިމާވި ހުރަސްތަކާއި އެކުވެސް، މާލެ ސިޓީގެ މަގުތަައް ތަރައްގީކޮށް ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ އާރްޑީސީ އުފެދި މިވީ އެއް އަހަރުގެ ތެރެއިން ހަ މަސް ފާއިތުވެގެން ދިޔައީ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ކަމަށެވެ. ނަމަވެސް މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމަށާއި، މަސައްކަތްތައް ކުރަނީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށް މޫކޭ ވިދާޅުވިއެވެ.
މާލޭގެ މަގުތަކަށް އަލިއަޅުއްވާލައްވާ މޫކޭ ވިދާޅުވީ މި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް މަގުތަކަށް އަންނަ ތަރައްގީ ފެންނާނެ ކަމަށެވެ. އެގޮތުން ވެސްޓްޕާކު ސަރަހައްދުގެ ބޭރުމަގު ވެލިގަނޑު ނަގާ ރީސާފޭސްކޮށް އަލުން އެމަގު ހޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެސްޓްޕާކުގެ ތެރެއިން އިތުރު މަގެއް ހަދަމުންދާކަން ވެސް މޫކޭ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޫކޭ ވިދާޅުވީ ވެސްޓްޕާކު ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ފެންނަން ހުރީ ކުޑަ މަސައްކަތެއް ނަމަވެސް ބޮޑެތި މަސައްކަތްތަކެއް މަގުގެ އަޑީގައި ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފެންހޮޅިތައް ވަޅުލައި ފެންބޮޑުވާ މައްސަލައަށް ބޮޑު ހައްލެއް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެސްޓްޕާކް ސަރަހައްދުގައި އާރްޑީސީން ކުރަމުންގެންދާ އިތުރު މަސައްކަތްތަކާއި މޫކޭ ވިދާޅުވީ އެ ސަރަހައްދުގައި ބަސް ސްޓޮޕްގެ އިތުރުން ކުޑަ ޕާކެއް ހެދިގެންދާނެ ކަަމަށެވެ. އަދި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުނުކޮނެ އެހެނިހެން މަސައްކަތްތައް ކުރެވޭނެ ގޮތެއް ހޯދާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ 462 މިލިއަން ރުފިޔާގެ މަޝްރޫއުއަކީ މިހާތަނަށް މާލޭގައި ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. އެގޮތުން މި މަސައްކަތް ނިމުމުން، ޒަމާންތަކެއް ވެފައިވާ މާލޭގެ މަގުތަކުގެ ފެންވަރުދަށް މައްސަލައަށާއި، ފެންބޮޑުވުމުގެ މައްސަލަތަކުގެ އިތުރުން ޕާކިންގ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.






