ޕީޕީއެމް އާއި އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ނޫސްވެރިޔާ އަޒްމޫން އަހުމަދު ސުވާލުކުރުމުން، އަބުރުގެ ދައުވާކުރައްވާނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކު އިންޒާރުދެއްވި މައްސަލާގައި ކަންބޮޑުވުންތައް ހިމެނޭ ގޮތަށް ބަޔާނެއް ނެރުމަށް މީޑިއާ ކައުންސިލަށް ހުށަހެޅުމުން އެކަން ފެއިލް ކޮށްލައިފިއެވެ.
ފަސް މެންބަރެއްގެ ތާއީދާ އެކު އާދިއްތަ ދުވަހު ބޭއްވި މީޑިއާ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި، ރާއްޖެޓީވީގެ ނޫސްވެރިޔާ އަޒްމޫނަށް ލައިވް ޓީވީގައި ނިހާން އިންޒާރުދެއްވި މައްސަލައާ މެދު މީޑިއާ ކައުންސިލްއިން އަމަލުކުރާނެ ގޮތަކާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާގައި، އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުމަށް މެންބަރު އަހްމަދު މުޖުތަބާ ހުށަހެޅުއްވުމުން ގިނަ މެންބަރުން ވަނީ ނިހާނުގެ އެ އިންޒާރާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ބަޔާނެއް ނެރުމަށް ވޯޓަށް އެހުމާ އެކު އެކަމަށް ތާއީދުކުރެއްވީ ޖަލްސާގައި ބައިވެރިވަޑައިގެންނެވި 12 މެންބަރުންގެ ތެރެއިން ފަސް މެންބަރުންނެވެ. ބަޔާން ނެރުމަށް ތާއީދުކުރެއްވީ ސަން މީޑިއާގެ މުޖުތަބާގެ އިތުރުން ރާއްޖެ ޓީވީގެ އަލީ ޔޫސުފް އާއި ވީ މީޑިއާގެ އަހްމަދު ރިފާއު އާއި ވީއެފްޕީގެ މިސްބާހް އައްބާސް އަދި މިހާރުގެ މުހައްމަދު ހަމްދޫނެވެ. މީޑިއާތައް ތަމްސީލްކުރައްވާ މެންބަރުންގެ ތެރެއިން ބަޔާން ނެރުމަށް ވޯޓު ނުދެއްވަނީ ޕީއެސްއެމްގެ މެންބަރު ފަޔާޒް ޔޫސުފް އެކަންޏެވެ. މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލްކުރައްވާ އަށް މެންބަރުން ތިއްބަވާ އިރު އެއް މެންބަރަކު ޖަލްސާގައި ބައިވެރިވަޑައި ނުގަންނަވާ އިރު ރިޔާސަތުގައި އިންނެވި ކައުންސިލްގެ ރައީސް ވޯޓުގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ.
ކައުންސިލްގެ މެންބަރަކު ރާއްޖެއެމްވީ އަށް ވިދާޅުވީ ބަޔާން ނެރުމަށް ދެކޮޅު ހެދުމުން އެކަމާ ބެހޭ ޚަބަރެއް އާންމުކުރުމަށް މެންބަރަކު ހުށަހެޅުއްވި ކަމަށާއި ނަމަވެސް ކައުންސިލްގެ ކަންކަމާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކޮންމެހެން ކައުންސިލުން ފާސްކުރަން ނުޖެހޭތީ އެކަމަށް ވެސް ގިނަ މެންބަރު ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ކައުންސިލްގައި ކުރާ މަސައްކަތްތަކާއި ބައްދަލުވުންތަކާ ބެހޭ ގޮތުން ކައުންސިލް އިދާރާ އިން މައުލޫމާތު ދެވޭނެ ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ. ބައްދަލުވުމަށް ފަހު ކައުންސިލުން ވަނީ ވަރަށް ކުރު ޚަބަރެއް އާންމުކޮށްފައެވެ. ނަމަވެސް އެ ޚަބަރުގައި ބައްދަލުވުމުގައި ހިނގި ކަންކަމާ ބެހޭ ގޮތުންނާއި މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއި ކަންވެގެން ދިޔަ ގޮތް ސާފުކޮށްދީފައެއް ނުވެއެވެ.
ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދިޔަ ކުއްލި ޖަލްސާ އަށް އިތުރު ހުށަހެޅުންތައް ވެސް މެންބަރުން ހުށަހަޅައި ތާއީދު ވެސް ލިބިފައި ވަނިކޮށް ވަގުތު ހަމަވި ކަމަށް ކަނޑައަޅައި ރައީސް ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ. މެންބަރުން ކަންކަން ހުށަހަޅައި ތާއީދު ލިބިފައި ވަނިކޮށް ކައުންސިލްގެ ރައީސް ޖަލްސާ ނިންމަވާލެއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ މެދު ހިތާމަކުރާ ކަމަށް ވެސް އެ މެންބަރު ވިދާޅުވިއެވެ.
ނޫސްވެރިޔާއަށް އިންޒާރުދިން މައްސަލާގައި މީޑިއާ ކައުންސިލްއިން ބަޔާނެއް ނެރުމަށް ވެސް ފާސްނުކުރި މައްސަލާގައި އެ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަންގެ ބަހެއް ހޯދުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މީގެ ކުރިން ނޫސް މީޑިއާތަކާއި ނޫސްވެރިންނަށް އިންޒާރު ދީ ކްރިމިނަލް ކޯޓުން ބަޔާނެއް ނެރުމާ ގުޅިގެން ވެސް މީޑިއާ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް އެފަހަރު ވެސް ބަޔާން ނެރުމަށް ހުށަހެޅި ހުށަހެޅުމަށް ތާއީދު ލިބިފައެއް ނުވެއެވެ.
މީޑިއާ ކައުންސިލްއަކީ ނޫސްވެރިނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، ނުސްވެރިންނަށް ފަހި މާހައުލެއް ކަށަވަރުކޮށްދީ، ނޫސްވެރިންގެ ބެލެނިވެރިޔާގެ ޤާނޫނީ ޒިންމާ އެއް ދައުލަތުގެ މިނިވަން މުއައްސަސާއެވެ. ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތައް ތަމްސީލްކުރާ އަށް މެންބަރުންނާއި އާންމު ހަތް މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.
ރާއްޖެޓީވީގެ ނުސްވެރިޔާ އަހުމަދު އަޒްމޫނު ހޮނިހުރ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކޮށްފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިސޯޓް ތަރައްޤީކުރުމަށް ގިނަ ރަށްތަކެއް ލިބިފައިވާ ކަމަށް ތުހުމަތުތައްކުރެވޭއިރު އެއީ ތެދެއްތޯ އެވެ.
"ތިޔަބޭފުޅުންނަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ. ދެންތިޔައިގެ ތެރެއިން މަދު މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަށް ރަށްތައް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ. ފާޑުކިޔުން އަމާޒުވެގެން އަންނަ ގޮތުގައި ތިޔަބޭފުޅުން އެޅިފައިވާ ކަސްތޮޅަކީ އެއީކަމަށް ރައީސް ޔާމީންގެ ފަހަތުގައި ތިބެން. އެ މަޖުބޫރީ ހާލަތުކަމަށް ތިޔަބޭފުޅުންނަށް އޮތީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ." ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫނު ސުވާލުކުރިޔެވެ.
ރާއްޖެޓީވީގެ ނޫސްވެރިޔާ އެގޮތަށް ސުވާލުކުރުމާއެކުގައި، ޕީޕީއެމް ޕީޖީ ލީޑަރު ނިހާން ވަނީ އަބަރުގެ ދައުވާކުރައްވާނެކަމަށް ވިދާޅުވެ އިންޒާރުދެއްވާފަ އެވެ. އެގޮތުން ނިހާން ވިދާޅުވީ ޖަވާބެއްގެ ގޮތުގައި އަބަރުގެ ޤާނޫނުގެ ދަށުން ކޯޓަށް ދިއުމަށް ތައްޔާރުވުމަށް ދަންނަވާ ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބާއެކުގައި ދެން ބައްދަލުކުރާނީ ކޯޓު ރޫމުގައި ކަމަށް ނިހާން ވިދާޅުވި އެވެ.
ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫންގެ މައްޗަށް އަބުރުގެ ދައުވާކުރައްވާނެކަމަށް ވިދާޅުވެ، ނިހާން އިންޒާރުދެއްވިއިރު، އަޒްމޫން މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް 2016 ވަނަ އަހަރު ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފަ އެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށްވެސް އެއްވެސް ތަހުޤީޤެއްކުރެވިފައިވާކަން ފުލުހުން ހާމައެއް ނުކުރެއެވެ. އޭގެ އިތުރުން ވެސް ރައްޖެޓީވީގެ ނޫސްވެރިންނަށް ގިނަ އިންޒާރުތަކެއްދެމުން އަންނައިރު، ރާއްޖެޓީވީގެ ތިން ނޫސްވެރިޔެއްގެ މައްޗަށް ދައުވާތައް ސާބިތުކޮށް ވަނީ ޒޫރިމަނާކޮށްފަ އެވެ. އަދި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ޕީޕީއެމްގެ މަޖިލީސް މެމްބަރުން ފާސްކުރި ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ނޫސްވެރިޔަކު ވަނީ ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.