ޓްރާންސްޕޯޓުން އައްޑޫގައި ދެމުން ދިޔަ ހިދުމަތްތައް ކައުންސިލްގެ ދަށަށް!
9 ޖެނުއަރީ 2019 | ބުދަ 13:44ހަވާލުކޮށްފައި ވަނީ އެއްގަމު އުޅަނދުތައް ބެލެހެއްޓުން


އައްޑޫ މޭޔާރު ސޯބެ (ކ) ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ( ވ)
ޓްރާންސްޕޯޓް އޮތޯރިޓީ އިން އައްޑޫ ސިޓީގައި ދެމުން ދިޔަ ހިދުމަތްތައް އައްޑޫ ކައުންސިލާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެ ހިދުމަތްތައް ހަވާލުކޮށްދެއްވާފައި ވަނީ ޓްރާންޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އައްޑޫ ސިޓީން އެ ހިދުމަތްތަކާ ހަވާލުވެވަޑއިގެންނެވީ އައްޑު މޭޔަރު އަބްދުﷲ ސޯދިގ ( ސޯބެ) އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގައި ޓްރާންސްޕޯޓުން ދޭ ހިދުމަތް އިތުރަށް ހަރުދާނާ ކުރެވޭނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އައްޑޫ ކައުންސިލުން މައުލޫމާތުދެއެވެ.
ޓްރާންސްޕޯޓުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ އެއްގަމު އުޅަނދުތައް ބެލެހެއްޓުމަށް ކަމަށާއި އެ ކަމަކީ އެ ކައުންސިލުން ކުރިން ވެސް ކޮށްފައިވާ ކަމަކަށް ވާތީ އެކަމުގެ އިތުބާރު ޓްރާންސްޕޯޓުން ކައުންސިލަށް އޮންނަ ކަމަށް މޭޔާރު ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، ސިޓީ ކައުންސިލާއި ޒިންމާތައް ހަވާލުކުރެވުނަސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި އައްޑޫ މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާ މަޝްވަރާ ބައްދަލުވުންތަކެއް ކައުންސިލް ބާއްވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑު ސިޓީއާ ހަވާލު ކޮށްފައިވާނީ އެއްގަމު އުޅަނދު ފަހަރުތައް ބެލެހެއްޓުމުގެ މަސައްކަތަށް ވާއިރު، އުޅަނދުތަކުގެ ލައިސެންސް ހެއްދުމާއި، ރޯޑްވާދީ ފީ ފަދަ ކަންތައްތައް ހިމެނެއެވެ.
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރުތައް ވަނީ ހަނިކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރު އަނބުރާ ދީފައެވެ.










