ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 11:47
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް އަދި ޗެލްސީ އަށް މުހިންމު މޮޅެއް
ސިޓީ ވަނީ ދެވަނައަށް ޖެހިލާފައި

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑު އަދި ޗެލްސީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ސައުތުހެމްޓަންއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ސައުތުހެމްޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މި ލަނޑު 10 މިނެޓުގައި އެޓީމަށް ކާމިޔާބުކުރީ ޑޭވިޑް ސިލްވާއެވެ.

އެހެންނަމަވެސް ސައުތްހެމްޓަންއިން ވަނީ ކުޅުނު ރަނގަޅުކޮށް 37 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސިޓީން މެޗުގެ ލީޑު އަނބުރާ ހޯދީ 45 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ސައުތުހެމްޓަންގެ ވާޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ސިޓީން ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކުރީ ސާޖިއޯ އަގުއެރޯއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-3 ގެ ނަތީޖާއިން ސައުތުހެމްޓަންގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް ސައުތުހެމްޓަންއިން ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. މި ހާފްގައި ސައުތުހެމްޓަންއަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 20 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސައުތުހެމްޓަން އޮތީ ކުޅުނު 20 މެޗުން ލިބުނު 15 ޕޮއިންޓާއެކު 17 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ އޭއެފްސީ ބޯންމައުތުއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ކާމިޔާބުކުރީ ޕައުލް ޕޮގްބާއެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅުނީ އެޓީމެވެ.

ޔުނައިޓެޑުން ލީޑު ފުޅާކުރީ 33 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ޕޮގްބާއެވެ. ޔުނައިޓެޑުގެ ތިންވަނަ ލަނޑު 45 ވަނަ މިނެޓުގައި ކާމިޔާބުކުރީ މާކަސް ރަޝްފޯޑްއެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ބޯންމައުތުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ އަކޭއެވެ.

ދެވަނަ ހާފް ފެށިގެންވެސް ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، 72 ވަނަ މިނެޓުގައި އެޓީމުން ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 20 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ބޯންމައުތު އޮތީ ކުޅުނު 20 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ޕެލަސް ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ލީޑު ނެގުމަށް ފުރަތަމަ ހާފްގައިވެސް ފުލުފުލުގައި އެޓީމަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މި ހާފްގައި ކްރިސްޓަލް ޕެލަސްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުގެ ފަރާތުން ރަނގަޅު އެޓޭކްތަކެއްވެސް ވަނީ ފެނިގެންގޮސްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކުރީ ދެވަނަ ހާފްގައެވެ. މި ލަނޑު ކާމިޔާބުކުރީ 51 ވަނަ މިނެޓުގައި އެންގޯލޯ ކާންޓޭއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 20 މެޗުން ލިބުނު 43 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ޕެލަސް އޮތީ ކުޅުނު 20 މެޗުން ލިބުނު 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

- ކޮމެންޓް