ކ. މާލެ
|
14 ޖުލައި 2018 | ހޮނިހިރު 15:37
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
ސޯޝަލް މީޑިއާ
ރިޔާސީ ރޭސް 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
 
ރައީސާއި ނައިބު ރައީސްގެ ގާތް ގުޅުން މުހިއްމު
 
ނައިބު ރައީސުންގެ ތަޖުރިބާ ވަރަށް ހިތި
 
ނައިބު ރައީސުންގެ ދައުރު 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ

ރިޔާސީ އިންތިހާބު ބޯމަތިވެ، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު ކެންޑިޑޭޓާއިއެކު ފެންނަ އަނެއް މޫނަކީ ރަނިންގމޭޓެވެ. ރަނިންގ މޭޓުން ފޯރީގައި ކެމްޕެއިންގ މަސައްކަތްތަކުގައި އުޅޭ އިރު ފާހަގަ ކޮށްލަން ޖެހޭ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ނައިބުންނަށް ކުރިމަތިވެފައިވާ ކަންކަމެވެ. މާޒީއަށް ބަލާއިރު ނައިބު ރައީސުންނަކީ ރައީސަށް ތަކްލީފުތަކެއް ކުރިމަތިވި މަގާމަކަށް ވަނީ ވެފައެވެ. ސަރުކާރުން ވައުދުވެގެން ރައްޔިތުންނަށް ކަންކަން ހާސިލް ކޮށްދިނުމަށް ކުރާ މަސައްކަތުގައި މާބޮޑު އެއްބާރުލުމެއް ނުދޭ މީހަކަށް ވެގެން ގޮސްފައިވެއެވެ.  

ނައިބު ރައީސުންގެ ތެރެއިން އެކްޓިވްކޮށް އުޅޭ ފަރާތްތަކަށް ވެރިކަމަށް ދަހިވެތިވެގެން އުޅޭ އުޅުމެއްގެ ގޮތުގައި ސިފަކުރާއިރު އެކްޓިވްކޮށް ނޫޅުމުން، ރައީސަށް އެހީތެރިނުވާ މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ނައިބު ރައީސަކަށްވެ ހުރެ ހެޔޮ އެއްގޮތެއް ނޯވެއެވެ. ހުރިހާ ކަމެއް ތާށިވެ ފިތި، ހޫނު އަލިފާންގަނޑަށް އެންމެ ފަހު ވަގުތު ވެއްޓެނީ ވެސް ނައިބު ރައީސެވެ. މިހެން މިކަން މެދުވެރި ވަނީ މާޒީގައި ނައިބު ރައީސުންގެ ފަރާތުން ފެނުނު އަމަލުތަކުންނާއި ކަން ދިމާވި ގޮތުންނެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައެވެ އެގޮތުން ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެހީތެރިވެދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ ކޮންމެ މީހަކު ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަންޖެހޭ މީހެއްގެ ނަން އާންމުކޮށް އިއުލާނުކުރަންވާނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ. މީގެ އިތުރުން ނައިބުގެ ޝަރުތުތަކަކީ ރައީސްގައި ހުންނަން ޖެހޭ ޝަރުތުތައް ކަމާއި އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ރައީސްގެ މަގާމާއި ހަވާލުވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގެ ދަށުން ފާހަގަކޮށްފައިވަނީ އެންމެ ހަތަރު ނުކުތާއެވެ. އެހެން ނަމަވެސް މި ހަތަރު ނުކުތާއިން ވެސް މުހިއްމު ގިނަ ކަންތައްތަކެއް ނައިބު ރައީސަށް ލިބިގެންވެއެވެ.

ނައިބު ރައީސުންގެ ހިތި ތާރީހަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތް ރައީސް ނަޝީދު އޭރު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ޑރ ވަހީދު ވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދިނުމުގެ މާކުރިން މަގާމުގައި ހުރި ނަމަވެސް ވަރަށް ބޮޑަށް ސަރުކާރުގެ އެކި މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ވެރިކަން ވައްޓާލުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް ޑރ ވަހީދު ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނައިބު ރައީސުންގެ ތަޖުރިބާ އަދި މާ ހާލުދެރައެވެ.  ދެ ފަހަރެއްގެ މަތިން ނައިބު ރައީސް ބަދަލު ކުރަންޖެހުނެވެ. ތަފާތު ތުހުމަތަކެއް ވެސް ކުރެވުނެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގުޅުމާއި ރައީސަށް އިހްލާސްތެރިނުވުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެންމެފަހުން މި ސަރުކާރުގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރެއްވި ރައީސް ޔާމީންގެ 500 ޕަސެންޓް އިތުބާރު ކުރެއްވި އަހުމަދު އަދީބު އެންމެ ފަހުން މަގާމުން ވަކި ކުރީ ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުވެސް އަޅުވާފައެވެ. މިކަމަށް އަދީބުވެސް އިންކާރުކޮށް އެއީ ދޮގުތުހުމަތުތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.

މިކަންކަމާ ގުޅިގެން ބައެއް ފަރާތްތަކުން ނައިބު ރައީސުންގެ މަގާމު އޮންނަން ނުޖެހޭ ކަމަށް ވާހަކަ ދައްކަވާފައިވާއިރު އަނެއްބައި ފަރާތްތަކުން ނައިބު ރައީސުން ވެރިކަމަށް ދަހިވެތިވެ އަމިއްލަ އެނދުން އިސްކޮށް ރައީސަށް ބޭނުންވާ އެއްބާރުލުން ނުދޭ ކަމަށް ބުނެ ހިޔާލު ފާޅުކޮށްފައިވެއެވެ.

ނައިބު ރައީސުންގެ ހިތި ތަޖުރިބާތަކެއް ރާއްޖޭގައި އެތަށް ފަހަރު ކުރިމަތިވި ނަމަވެސް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ނަމޫނާ ނައިބު ރައީސުން ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ވެސް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސް ޖޯ ބައިޑެން އަކީ ނަމޫނާ ނައިބު ރައީސެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެވެއެވެ. ގައުމު އިސްލާހު ކުރުމުގައި ގިނަ މަސައްކަތްތަކެއް ޖޯ ބައިޑެން އިސްވެ ހުރެ ކޮށްފައިވެއެވެ. އެގޮތުން އިރާގްގެ ކަންކަން ހައްލުކުރުމަށްޓަކައި އެންމެ އިސްކޮށް އުޅުނީ ވެސް ޖޯ އެވެ. އޮބާމާ ވަނީ އިރާގުގެ ކަންކަން ޖޯއާ ހަވާލު ކުރީ ޖޯ އަށް އިރާގުގެ މަސްރަހުގައި ހިނގާ ކަންކަން ބޮޑަށް އެނގިލައްވާތީ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އޮބާމާއާއި އެކު ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ދެބޭފުޅުން ގިނަވަގުތުތަކެއް އޯވަލް އޮފީހުގައި ތިއްބަވާ ކަމަށާއި ހާއްސަކޮށް މުހިއްމު ބައްދަލުވުންތަކަށް ވަޑައިގަތުމުގެ ކުރިން ނައިބު ރައީސާއެކު ވަކިން ބައްދަލުކުރައްވާ ކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރައްވައެވެ. އެގޮތުން އިކޮނޮމިކް ޓީމާއި ބައްދަލުކުރައްވާ އިރު އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ބައްދަލުވުންތައް ބޭއްވުމުގެ ކުރިން ވެސް ނައިބު ރައީސާ ބައްދަލުކުރައްވާ މަޝްވަރާ ހޯއްދަވައެވެ. އަދި މީގެ ކުރިން މީޑިއާ އަށް ދެއްވާ އިންޓަރވިއުތަކުގައިވެސް އޮބާމާ އެތައް ފަހަރެއްގެ މަތިން ޖޯއަށް ތައުރީފުކޮށް ޖޯ ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވަފައި އެބަހުއްޓެވެ.

ޖޯ އާއި އޮބާމާގެ އޮންނަ ގާތް ކަމަކީ އޮބާމާގެ ވިސްނުންތެރި ސިޔާސަތުގައި ފައިދާ ހުރި ނިންމުންތަކަށް ވަރަށް މުހިއްމު ރޯލެއް އަދާކުރި ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

 ރައީސާއި ނައިބު ރައީސްގެ ގުޅުމަކީ ރަސްމީ ގުޅުމަކަށް ވުރެ ބޮޑަށް ރަހުމަތްތެރިކަމާ އިތުބާރާއެކު އޮންނަންޖެހޭ ގުޅުމެކެވެ. ދެބޭފުޅުން ވެސް އެކަކު އަނެކެއްގެ ހިޔާލަށް އިހްތިހާމު ކުރުމާއި ހިޔާލު ތަފާތުވާ ދަނޑިވަޅުތަކުގައި ވެސް ވިސްނުންތެރިކަމާ އެކު އެކަންކަން ހައްލު ކުރެވޭނެ ބަޔަކަށް ވާންޖެހެއެވެ. އޭގެ ބަދަލުގައި ބާރުވެރިކަން ދެއްކުމާއި އެހެން ކެބިނެޓް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ކުރިމަތީގައި ނައިބު ރައީސުގެ އަގުވެއްޓޭ ފަދަ ވާހަކަ ރައީސަށް ހުންނަވާ ފަރާތްދެއްކުން އެއީ އެންމެ ރަގަޅު ގޮތެއްވެސް ނޫނެވެ. ދެބޭފުޅުންގެ މެދުގައި ސިއްރު ހިފެހެއްޓޭ ރަގަޅު ގާތް ގުޅުމެއް އޮންނަން ކޮންމެހެން މުހިއްމެވެ. ގައުމުގެ މަސްލަހަތު އިސްކޮށް އަމިއްލަ އެނދުންތައް އިސްކުރާ ވެރިއަކަށް ތިން ނައިބު ރައީސުން ކީއްކުރަން ކޮންމެ އަހަރަކަށް ނައިބު ރައީސަކު ހަމަޖެއްސިއަސް ނައިބު ރައީސުގެ ހަގީގީ ބޭނުމެއް ނުކުރެވޭނެއެވެ. އަދި ނައިބު ރައީސަކަށް ހުންނަ މީހާއަކީ އެންމެ އުނދަގޫ ވަގުތުތަކުގައި ވެސް ރައީސްގެ އަނބުރު ކަތިލުމުގެ ބަދަލުގައި ރަގަޅު މަގު އަންގައިދީ އެހާލަތުން އަރައިގަތުމަށް ރައީސާއެކުގައި މަސައްކަތް ކުރަންޖެހޭ މީހަކަށް ވާންޖެހެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް