Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުލި ބޮޑުވުން

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

ދުވަހެއް ދުވަހަކަށް ކުލީގެ އަގު ދަނީ މައްޗަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2018 | ބުރާސްފަތި 09:10
މާލެސިޓީ

މާލެސިޓީ

ކޮންމެ މީހަކު ވެސް އެ މީހަކު ދިރިއުޅޭ ފަސްގަނޑު ދޫކޮށް ތަރައްޤީވެފައިވާ މާލޭ ސިޓީއަށް އަންނަނީ ގިނަ އުންމީދުތަކަކާ އެކުއެވެ. ދުވަހެއް ދުވަހަކަށް މާލެ ސިޓީ ތޮއްޖެހެމުން ދާއިރު ބައެއް މީހުން އުފަން ފަސްގަނޑު ދޫކޮށް މާލެ އަށް އަންނަނީ އެމީހުންގެ ކުދިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށާއި ސިއްހީ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށެވެ. ކުރު ގޮތަކަށް ބުނާ ނަމަ އެމީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށެވެ. އެހެންނަމަވެސް މި ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބިގަތުމަށްޓަކައި މާލެ އަށް އަންނައިރު ކުރިމަތިލާންޖެހޭ ހަޤީޤަތެއް އެބައޮތެވެ. އެއީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކުއްޔާއި އެޑްވާންސެވެ.

މިހާރު މާލޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރާ އަގަށް ބެލިޔަސް ފައިން ބިންގަނޑު ދަމައިގަންނަހެން ހީވާ ކަހަލައެވެ. އެއީ އަތް ނުފޯރާ ފަށުގައި ތަންތަނުގެ ކުލި ހުރުމުންނެވެ. މީގެ އަށް އަހަރު ކުރިއަށް ބަލައިލި ކަމުގައިވީ ނަމަވެސް އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރަމުންދިޔައީ ގާތްގަނޑަކަށް 7،000ރ. އަށެވެ. އެހެންނަމަވެސް މިހާރު އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގު ހުރީ 12،000-15،000ރ. ދެމެދުގައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ މަހު ކުލި މިދިޔަ އަހަރާ ޖެހެންދެން ވެސް ހުރީ 12،000ރ. ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު 15،000ރ. އިން މައްޗަށް ވަނީ އުފުލިފައެވެ. އަހަރު ފެށުނު އިރު މިއަގު ވަނީ 18،000ރ. އިން ފެށިގެން 20،000ރ. އަށް މައްޗަށް ޖެހިފައެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުރިން 15،000-18،000ރ. އާ ދެމެދުގައި ހުރި އިރު މިހާރު ލިބެނީ 20،000ރ. އިން މަތީގެ އަގުތަކުގައެވެ. ފެންވަރު ރަނގަޅު އެޕާޓްމެންޓެއް ނަމަ މަހު ކުލި އުޅެނީ 25،000ރ. ގައެވެ. މިއީ އަދި ހަމައެކަނި ކުލީގެ ވާހަކައެކެވެ. އެޕާޓްމަންޓްތަކަށް ދައްކަން ޖެހޭ އެޑްވާންސް އިންތިހާ އަށް ބޮޑެވެ. މަދުވެގެން ތިން މަހުގެ އެޑްވާންސަށް ނަގާއިރު އާދައިގެ ތަނެއް ހިފަން ވެސް އެޑްވާންސްގެ ގޮތުގައި ބައި ލައްކަ ރުފިޔާ ހޭދަވެއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ އެކި ސަރުކާރުތަކުން ވަނީ ފްލެޓްތައް ދޫކޮށްފައެވެ. ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ހޯދައިދީ އެކި ވައުދުތައް ވެސް ވަނީ ވެފައެވެ. އެހެންނަމަވެސް އެކަމުން ވެސް ކުރި ފައިދާއެއް ފެންނާކަށް ނެތެވެ. ގިނަ ފަހަރަށް އެ ފްލެޓް ލިބޭ މީހާ ވެސް އެ ތަންތަން ބޭނުންކުރަނީ އާމްދަނީ ހޯދާ ވަސީލަތެއްގެ ގޮތުގައެވެ. ނުވަތަ އޭނާ ދައްކަން ޖެހޭ ކުޑަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއްގައި ކުއްޔަށް ދީފައި ހިޖުރަކުރަނީ ރާއްޖެއިން ބޭރަށެވެ.

ގިނަ އާއިލާތަކުން ތަނުގެ ކުލި ދައްކާފައި ދިރިއުޅުމުގެ ޒަރޫރީ އެހެން ބޭނުންތަކަށް ހަރަދު ކުރާނެ ފައިސާއެއް ނުހުރެއެވެ. މިއީ އަލަށް ކައިވެނި ކުރާ ދެމަފިރިހެންގެ ވެސް ހާލެވެ. ކޮންމެ މީހަކު ވެސް އަލަތު ކައިވެނިކޮށްގެން އަނބިމީހާ ނުވަތަ ފިރިމީހާއާ އެކު އަމިއްލަ އެޕާޓްމަންޓްއެއްގައި ދިރިއުޅުމުގެ ހުވަފެން ދެކެއެވެ. އެހެންނަމަވެސް އެޕާޓްމަންޓްތަކުގެ ކުލި ބޮޑުވުމުން މި ޖެހެނީ އެ ހުވަފެން ވެސް ގުރުބާން ކޮށްލުމަށް ފަހު ދެ ފަރާތު އާއިލާ ތެރެއިން އެއް އާއިލާއަކާ އެކީގައި ދިރިއުޅެންށެވެ. ނުވަތަ ދެންޖެހެނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހިފުމަށް ފަހު އެއް ކޮޓަރީގައި، ދުރިހިލޭ ނުވެސް ދަންނަ ބަޔަކު ކުލި ދީގެން ގެންގުޅެންށެވެ. މީގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން ވަނީ 700 ވަރަކަށް ފްލެޓް މާކެޓަށް ނެރެފައެވެ. އޭގެ އިތުރުން އަރަބިއްޔާ ހުރި ބިމާއި ގާކޮށި ފްލެޓްތަކާ އެކު އަހަރު ނިމުނު އިރު ހާހެއްހާ ފްލެޓް މާކެޓަށް ހުޅުވިގެން ދިޔުމުން ކުލިތަކަށް ލުޔެއް ލިބޭނެ ކަމަށް ބައެއް މީހުން އުންމީދު ކުރިއެވެ. ނަމަވެސް ކަންވީ އެއާ ދިމާ އިދިކޮޅަށެވެ. އެތަންތަނުން ގާތްގަނޑަކަށް މަހު ކުލީގެ ގޮތުގައި 7،000ރ. ދައްކަން ޖެހުނު ނަމަވެސް އެތަންތަން ލިބުނު މީހުން އެ ތަންތަން 15،000-18،000ރ. ގެ އަގެއްގައި ވަނީ ކުއްޔަށް ދީފައެވެ. އެހެންކަމުން އެ އެޕާޓްމަންޓްތަކުގެ ސަބަބުން ލިބުނު ހިތްހަމަޖެހުމެއް ނެތެވެ. މާނައަކީ މާކެޓަށް ބޭނުންވާ ވަރަށް އަދިވެސް އެޕާޓްމަންޓްތައް ނެތް ކަމެވެ. އެހެން ކަމުން ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކުލިތައް ދުވަހެއް ދުވަހަކަށް ދަނީ އުފުލެމުންނެވެ. މިކަމަށް ހަމަޖެހުމެއް އަންނާނީ ހެޔޮ އަގެއްގައި ގިނަ އަދަދެއްގެ ފްލެޓްތައް މާކެޓަށް ނެރެގެންނެވެ. ނުވަތަ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެއްފަހަރާ ގިނަ އަދަދެއްގެ ފްލެޓްތަކެއް ރައްޔިތުންނަށް ދޫކޮށްގެންނެވެ.

ރައްޔިތުން ބޭނުން ވަނީ ގިނަ ހުވަފެންތަކާއި ފޮނި ވައުދުތަކެއް ވާ ސަރުކާރެއް ނޫނެވެ. މިހާރުން މިހާރަށް މިކަމަށް ހައްލެއް ހޯދައިދޭނެ ސަރުކާރެކެވެ. އެއީ ގާނޫނަކުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް މައްސަލައެއް ނެތެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި "ރެންޓް ކޮންޓްރޯލް" ގާނޫނުތައް ހަދައި، އަމަލު ކުރަމުން ވެސް ދެއެވެ. ޔޫރަޕުގެ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ޖަރުމަންވިލާތުގައި ވެސް މިފަދަ ގާނޫނެއް އޮވެއެވެ. ޖަރުމަނުގެ ވެރިރަށް ބާލިންއަށް ބަލާއިރު، މީހުން ދިރިއުޅެން އެންމެ ރަނގަޅު ތިން ކޮޓަރީގެ އެޕާޓްމަންޓެއް 400 ޔޫރޯ (ގާތްގަނޑަކަށް 6،880ރ.) އަށް ލިބެއެވެ. ނަމަވެސް ރާއްޖެ ކަހަލަ ހާއްސަކޮށް މާލެ ކަހަލަ ތަނެއްގައި ގާނޫނަކުން ކުލި ކަނޑައަޅައިގެން ކޮންޓްރޯލްކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް ހެޔޮ އަގެއްގައި ގިނަ ފްލެޓްތަކެއް އެއް ފަހަރާ މާކެޓަށް ނެރެވިއްޖެ ނަމަ އެއީ ވެދާނެ ކަމެކެވެ.

ކުލި ކޮންޓްރޯލްކުރުމާއި އެއްފަހަރާ ގިނަ އަދަދެއްގެ ފްލެޓްތައް މާކެޓަށް ނެރުމަކީ އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއްތޯ ސުވާލު އުފެދެއެވެ؟ ރެއަލްއެސްޓޭޓް ވިޔަފާރި ފުދޭ ވަރަކަށް ފުޅާވެ ކުރިއަރާފައިވާ އިރު ކުލިތައް ދަށަށް ދިއުމަކީ ނުވަތް ކޮންޓްރޯލްކުރުމަކީ އެ ފަރާތްތަކަށް ލިބޭނެ ގެއްލުމެކެވެ. އެހެންކަމުން އެފަދަ ރިސްކެއް ނެގުމަކީ ރާއްޖޭގައި ވެރިކަން ކުރާ ފަރާތްތަކަށް ކުރަންކެރިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ؟ ހާއްސަކޮށް ކޮންމެ ސަރުކާރެއްގައި ވެސް މާލޭގެ ނުފޫޒު ގަދަ ގެދޮރުވެރިން ނުވަތަ "ޒަމީންދާރުން" ގެ ހިއްސާ ބޮޑުވުމުން އެފަދަ ކަމެއް ކުރުމަކީ ސަރުކާރަށް ލޮޅުން އަރާވަރުގެ ކަމަކަށް ވެސް ވެދާނެއެވެ.

ރާއްޖޭ އިން މިއަދު ފެންނަ މަންޒަރަކީ ރައްޔިތު މީހާގެ އަސާސީ ބޭނުން ފުއްދުމަށް ތޮއްޖެހިފައިވާ މާލެ ސިޓީއަށް ބަދަލުވުމާއެކު މާލޭގައި ދިރިއުޅޭ ތަނަށް ދައްކަންޖެހޭ ކުލީގެ އަޅަކަށް ވާ މަންޒަރެވެ. މަހު މުސާރަ އަށް 15،000ރ. ނުލިބޭ މީހާ ތަނުގެ ކުއްޔަށް 18،000ރ. ދެއްކުމަށް ގަނޑަތެޅޭ މަންޒަރެވެ. ބޮޑު ކުލީގެ ސަބަބުން ރައްޔިތު މީހާ ހަނާވަމުންދަނީއެވެ. އިޖުތިމާއީ އެތައް ބައްޔެއްގެ އަސްލަކީ ބޮޑު ކުއްޔެވެ. ދިރިއުޅުމުގެ އުފާވެރިކަން "ކުލި" ފޭރިގަންނަނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި \"އޯވާ ވޯޓާ\" ދިރިއުޅުމުގެ ކޮންސެޕްޓް

ޕްލޭނިންގ މިނިސްޓަރުގެ ތިމާވެއްޓާ ރަށްޓެހި "އޯވާ ވޯޓާ" ދިރިއުޅުމުގެ ކޮންސެޕްޓް

18 ފެބުރުއަރީ 2020
ގަދަކަމުން \"ފޭރިގަތް\" ޕީޕީއެމްގެ ރައީސްކަން ވެސް އެންމެ ފަހުން ގެއްލުނީއެވެ!

ގަދަކަމުން "ފޭރިގަތް" ޕީޕީއެމްގެ ރައީސްކަން ވެސް އެންމެ ފަހުން ގެއްލުނީއެވެ!

29 ނޮވެމްބަރު 2019
ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!

ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!

11 އޮކްޓޯބަރު 2019
ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

28 ޖުލައި 2019
ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

21 އޯގަސްޓު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު