ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 00:29
ޓެކްސީ ސެންޓަރެއް ހިންގުމުގައި އަންހެން ކުއްޖެއް: މަސައްކަތުގައި ތިން އަހަރު
ޓެކްސީ ސެންޓަރެއް ހިންގުމުގައި އަންހެން ކުއްޖެއް: މަސައްކަތުގައި ތިން އަހަރު
ޙުސައިން ޙަސަން
އަންހެނުން ބާރުވެރި ކުރުވުން
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
ކުޑަކޮށް ފެށި މަސައްކަތް ކޮޅަށް ޖަހައިދިނީ މި ކުއްޖާ
އެ މަސައްކަތުގައި ތިން އަހަރު ހޭދަކޮށްފައި
އޭނާގެ އުމުރަކީ އެންމެ 16 އަހަރު

މިއީ އައިމިނަތު އަފާ އިއްޒަތެވެ. ރައްޓެހިންގެ ނަމުންނަމަ އަފާއެވެ. އުމުރުން އެންމެ 16 އަހަރެވެ. އެ ކޮންޓްރޯލް ކުރަނީ 4،000 އެއްހާ އާބާދީގެ ބޮޑު ރަށެއްގެ އެއްގަމު ދަތުރުތަކެވެ. އަފާގެ މަސައްކަތަކީ ގއ. ވިލިނގިލީ "ރަޓު ޓެކްސީ" ސެންޓަރުން ޑްރައިވަރުންނަށް "ކޮމާންޑު" ކުރުމެވެ. ދަތުރު ހޯދައިދީ، ދަތުރު ނަގައި ދިނުމަށް ޑްރައިވަރުންނަށް މަގު ކޮށައިދެނީ އަފާއެވެ. ދުވަހުން ދުވަހަށް ޖެހޭ މައްސަލަތައް ހައްލުކޮށް، ޑްރައިވަރުންނާ ވާހަކަ ދައްކައި، ކަންކަން ހައްލު ކުރުމުގައި ވެސް އުޅެނީ އަފާއެވެ.

ހައިރާންކަން ގެނުވަނީ އަންހެން ކުއްޖަކަށްވެ ހުރެ އޭނާގެ މުރާލި އެ މަސައްކަތް ފެނުމަކުންނެއް ނޫނެވެ. ސިހުން ގެނުވަނީ އޭނާގެ ކުޅަދާނަކަމުންނެވެ. ދުވާލު ވެސް ދަންވަރު ވެސް މަސައްކަތުގަ އެވެ. މިއީ ފިސާރި އަންހެން ކުއްޖެކެވެ.

އަފާ އެ މަސައްކަތް ކުރީ ސްކޫލަށް ވެސް ކިޔަވަން ދަމުން-- ފޮޓޯ/ އާދަމް ޒަރީރު

"އަފާ ނެތްނަމަ މިތަން ކުރިއަށް ނުދާނެ. މި މަސައްކަތުގެ އިތުރުން މި ތަނުގެ ހުރިހާ ޑޮކިއުމެންޓުތައް ވެސް ބަލަހައްޓަނީ އަޅުގަނޑު،" އަފާ ބުންޏެވެ.

އަފާ މަސައްކަތް ކުރާ "ރަޓު ޓެކްސީ" ސެންޓަރަކީ އާއިލީ ވިޔަފާރީގެ ތެރެއިން އުފަންވި ތަނެކެވެ. މިހާރު ފަސް ކާރާއެކު، ހިންގަމުންދާ އެ ސެންޓަރުގެ މަސައްކަތާ އަފާ ހަވާލުވީ މީގެ ތިން އަހަރު ކުރިންނެވެ. އޭރު އޭނާ ގެންދިޔައީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ވެސް ހާސިލު ކުރަމުންނެވެ. އާއިލާގެ ހަ މެމްބަރުންގެ ތެރެއިން ރަށުގައި ހުންނަނީ އަފާ އެކަނި ކަމަށްވުމުން، އޭނާއަށް އެ މަސައްކަތް ހަވާލު ކުރީ އަފާގެ ބޭބެ، އަހުމަދު ރިޔާޒެވެ. އެ ވިޔަފާރި ފެށުމުގެ މުގުލުގައި ހުރި ރިޔާޒެވެ.

ބޭބެގެ އެދުމަކަށް އެ މަސައްކަތާ ހަވާލުވިއިރު، ވިޔަފާރި އޮތީ ހަމަ ފަށައިގަތް ގޮތަށެވެ. ރަށުގެ ގިނަ ބަޔަކަށް އެތަނަކީ ކޮންތަނެއް ކަމެއް ވެސް ނޭނގެެވެ. ނަމަވެސް މިހާރު އަފާ އެ ވަނީ އެ މަސައްކަތް ފުޅާކޮށްދީފައެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށް ގއ. ވިލިނގިލިން ހިދުމަތް ހޯދުމަށް އަންނަ ގިނަ ބަޔަކަށް ފަރިތަ ތަނަކަށް ވެފައި ވަނީ ރަޓު ޓެކްސީ ސެންޓަރެވެ. ކުޑަކޮށް ފަށައިގަތް ވިޔަފާރި ކާމިޔާބީއާ ހަމައަށް ވާސިލުކޮށްދިނުމުގައި އަފާގެ ރޯލު ބޮޑެވެ.

ދަތުރެއް ނެގުމުގައި ޓެކްސީ ޓްރައިވަރަކު އަފާއާ ވާހަކަ ދައްކަނީ--- ފޮޓޯ/ އާދަމް ޒަރީރު

ދުވަހުން ދުވަހަށް ޓެކްސީ ސެންޓަރުގެ ކަންކަން ބަލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ހުރިހާ ޝަކުވާއެއް އަޑު އަހަން ހުންނަނީ ވެސް އޭނާ އެވެ. މައްސަލަތައް ހައްލުކުރަނީ ވެސް އޭނާ އެވެ. 

"ދުވަހުން ދުވަހަށް މީޓިން އެބަ ބާއްވަން. މައްސަލަތަކަކީ ކޮބައިކަން ޓެކްސީ ޓްރައިވަރުންގެ ފަރާތުން އެބަ ހޯދަން. ސޭލްސް ރަނގަޅުކުރަން، އިތުރު ދަތުރުތައް ހޯދާނެ ގޮތް ތަކާ ބެހޭ ގޮތުން ވެސް އެބަ މަޝްވަރާކުރަން،" އަފާ ބުންޏެވެ.

ސްކޫލުގައި ތައުލީމު ހާސިލު ކުރަމުން، ޓެކްސީ ސެންޓަރެއް ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އަފާގެ ކިޔަވުމަށް ތަންދެމުން އެ މަސައްކަތަށް އެހީތެރިވަނީ އާއިލާގެ އެހެން މީހުންނެވެ. ބައެއް ފަހަރު އަފާގެ މަންމަ އެކަމަށް އެހީތެރިވެދެއެވެ. އަދި ޗުއްޓީއާ ދިމާކޮށް ރަށަށް އަންނަ އާއިލާގެ މެމްބަރުން ވެސް އަފާއަށް ލުއި ލިބޭ ވަރަށް އެ މަސައްކަތާ ހަވާލުވެއެވެ.

އަފާގެ ތަފާތުކަމަކީ އެއް މަސައްކަތަށް ހުސްވެގެން ހުރުމުގެ ބަދަލުގައި އެކި މަސައްކަތްތަކާއެކު، ކުރި އަރައި ދިއުމެވެ. ސާނަވީ ތައުލީމު ފުރިހަމަކޮށް މިދިޔަ އަހަރު ނިންމާލީ ރަނގަޅު ނަތީޖާއަކާއެކުގައެވެ. ހުރިހާ މާއްދާއަކުން ފާސްވެ، މަތީ ތައުލީމަށް މި އަހަރު މާޗު މަހަށް މާލެ ފުރަން އަފާ ދަނީ ތައްޔާރުވަމުންނެވެ.

"ދެން ދާނީ ކިޔަވަން. މިތަން ހެންޑްލް ކުރަން އެހެން މީހަކާ ހަވާލު ކުރާނަން،" އަފާ ބުންޏެވެ.

އަފާގެ ބުރަބޮޑު، މުރާލި މަސައްކަތަށް އިތުރު ބާރެއް ލިބެނީ އޭނާގެ އާއިލާގެ މެމްބަރުންގެ ވާހަކަތަކުންނެވެ. ހާއްސަކޮށް އޭނާގެ މަންމަ، ފާތުމަތު ފައުޒިއްޔާގެ ވާހަކަތަކުންނެވެ.

"ދަންވަރު ދަތުރެއް އޮތަސް، އަފާ އެ ދަތުރެއް ނެގުމަށް ޑްރައިވަރުންނަށް ގުޅާނެ. އަފާ ވަރަށް ހީވާގި އެކަހަލަ ކަންކަމުގައި،" ފައުޒިއްޔާ ބުންޏެވެ.

އަފާގެ މަންމަ ފައުޒިއްޔާ: އެ މައްސައްކަތަކީ އާއިލީ ވިޔަފާރިއެއް--- ފޮޓޯ/ އާދަމް ޒަރީރު

މަންމަ ބުނީ ދަންވަރު ގަޑިއަށް ސެންޓަރުގެ ބައެއް ޓެކްސީތައް ޕާކުކުރުމާ ހަމައަށް، އެކަންކަން ބަލަހައްޓާނީ އަފާ ކަމަށެވެ. 

"ޓެކްސީ އެތެރެއަށް [ގަރާޖަށް] ވެއްދީމަ، ތަޅުދަނޑި އާއި ހުރިހާ އެއްޗަކާ [އަފާ] ހަވާލުވެގެން ނިދާނީ. ހިތްވަރު ގަދަ ހީވާގި ކުއްޖެއް،" ފައުޒިއްޔާ ބުންޏެވެ.

ފުރާވަރުގައި އަފާ އެ ސާބިތުކޮށްދެނީ އަންހެނުންނަކީ ފިސާރި ބައެއްކަމެވެ. ބޭނުންވަނީ ކެރުމާއި ހިތްވަރެވެ. ކުރަން ބޭނުންވާ މަސައްކަތެއްގައި ސާބިތުކަމާއެކު ދެމި ހުރެއްޖެނަމަ، ކާމިޔާބީއާ ހަމައަށް ވާސިލުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ރަށެއްގެ އެއްގަމު ދަތުރުފަތުރުގައި އަފާގެ ރޯލު މާ ބޮޑަށް ވެސް މި ވަނީ ފުރިހަމަކޮށްދީފަ އެވެ. އަންހެން ކުދިންނަށް އަފާ ދޭން އޮތް މެސެޖަކީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި ހިތްވަދު ދޫނުކޮށްލާށެވެ.

"ކުރާ ހިތްވާ ކަމެއް ކުރާށޭ. ނެވާ ގިވަޕްއޭ. ހުރިހާ ކަމެއް ވާނެ. ނޮޓް އޮންލީ ބޯއިސް ކޭން ޑޫއޭ. ވީކޭން އޯލްސޯ އެޗީވް ހައި،" އަފާ ބުންޏެވެ.

- ކޮމެންޓް