ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 23:41
ދުފުމުގެ ސަބަބުން ލިބޭ ގެއްލުން ގިނަ ބަޔަކަށް ނޭނގޭ
ދުފުމުގެ ސަބަބުން ލިބޭ ގެއްލުން ގިނަ ބަޔަކަށް ނޭނގޭ
އިސްމާއިލް ނާއިލް ނަޝީދު
ދުފުމުގެ ނުރައްކާ
ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
ދުފުމުގެ ސަބަބުން ގިނަ ބަލިތަކެއް ޖެހުމަށް މަގުފަހިވޭ
ހިތުގެ ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް މަގުފަހިކުރުވާ
ފިރިހެނުންނަށް ދަރިން ލިބުމަށް ހުރަސްއެޅޭ

ފޯއް، ނުވަތަ އެރެކަ ނަޓަށް ބީޓަލް ނަޓޭވެސް ކިޔައެވެ. އެއީ ދުފުމުގައި ފޯއް ބޭނުންކުރަނީ ބިލެތް، ނުވަތަ ބީޓަލް ލީވްސް އާއި އެއްކޮށްގެން ކަމަށްވާތީއެވެ. ބީޓަލް ނަޓް ނުފަތަ ފޯއް މިއީ ރުކުގެ ވައްތަރެއް ކަމަށްވާ އެރެކާ ކެޓީޗޫގައި އަޅާ އެ ރުކުގެ މޭވާއެވެ. މިބާވަތުގެ ރުއް އާންމުކޮށް ހެދެނީ ޕެސިފިކް، އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ސަރަޙައްދުތަކުގައެވެ. ހޯދުންތަކުން ދައްކާ ގޮތުގައި މި ރުއް އެންމެ ފުރަތަމަ ފެނިފައިވަނީ ފިލިޕީންސް އިންނެވެ. ނަމަވެސް މި ބާވަތުގެ ރުއް އެކިހިސާބުތަކަށް ފެތުރި، މިހާރު ޓައިވާން، އިންޑިއާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ސިލޯން، ލާއޯސް، ތައިލޭންޑް، ވިއެޓްނާމް، މެލޭޝިޔާ، އިންޑޮނޭޝިއާ އަދި ވެސްޓް އިންޑީސް އާއި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހިމެނޭ ގިނަ ރަށްތަކުގެ އިތުރުން، ޗައިނާގެ ދެކުނުގެ ހިސާބުތައް ކަމުގައިވާ ގުއަންޒީ، ހައިނާން، ޔުނާންގައި ޢާންމު، އަދި ހައްދާ އާލާ ކުރަމުންދާ އެއްޗެކެވެ. ތާރީޚުން ފެންނަން ހުރި ގޮތުގައި ދުފުމުގައި ފޯއް ބޭނުންކުރަން ފަށާފައިވަނީ މީގެ ދެހާހެއްހާ އަހަރު ކުރިންނެވެ.

އެރެކަ ނަޓް ނުވަތަ ފޯކުގައި "އެރެކައިޑިން" އަދި "އެރެކޮލިން" ފަދަ އަލްކަލޮއިޑްގެ މާއްދާތައް އެކުލެވެއެވެ. އަލްކަލޮއިޑްއަކީ ގުދުރަތީގޮތުން އެތަކެތީގައި ނައިޓްރޯޖެން އެކުލެވޭ ތަކެއްޗަށް ކިޔާނަމެކެވެ. މިފަދަ ތަކެތީގައި އާންމުކޮށް ލާނީ ހިތި ރަހައެކެވެ. ފޯއް އާންމުކޮށް ބޭނުންކުރަނީ ހިމުން ކޮށްގެން ނުވަތަ ތުނިކޮށް ކޮށައިގެން، ބިލެތް ގަނޑެއްގެ ތެރެއަށް އަޅައިގެންނެވެ. ބައެއްފަހަރު ބިލެތްގަނޑުގައި ދުފާހުނި ހާކައި، ދުންފަތް، ހީރާޕަންނާ އަދި ރަހައާއި ކުލަ އިތުރުކޮށްދޭ އެކި ބާވަތުގެ ތަކެތި އަޅައިގެން ބޭނުންކުރެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ލަފާކުރާގޮތުގައި 600 މިލިޔަނަށްވުރެ ގިނަމީހުން ދުފުމަށްޓަކައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި، އެކި ގޮތްގޮތަށް ފޯއް ބޭނުންކުރެއެވެ. ފޯއް މިއީ ދުނިޔޭގައި ބޭނުންކުރެވެމުންދާ ސައިކޯއެކްޓިވް ސަބްސްޓޭންސްތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާންމުކޮށް ބޭނުންކުރާ ބާވަތެވެ. މިލިސްޓުގެ ފުރަތަމަ ތިން ޖާގައިގައި ހިމެނެނީ ދުންފަތާއި ބަނގުރަލުގެ އިތުރުން ކެފެއިންއެވެ. ސައިކޯއެކްޓިވް ސަބްސްޓޭންސް އަކީ އެއެއްޗެއް ބޭނުންކުރުމުން ހަމަބުއްދިއަށް އަސަރުކުރުވާ ފަދަ އެއްޗިއްސެވެ.

ދުފުމާއި ދިވެހިން

ފޯއް ދުފުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގިނަ ބަޔަކު ދުފަނީ ކެއުމަށްފަހު އަނގަމީރުކޮށްލުމުގެ ގޮތުންނެވެ. އެ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ކެއުމަށްފަހު ދުފުމަކީ ހަޖަމްކުރުމަށް އެހީވެދޭ ކަމެކެވެ. އަދި މީގެ އިތުރުން ބައެއް މީހުން ދުފުމުން ހިތްހަމަޖެހުން ލިބޭ ކަމަށްބުނެވެސް ދުފައި އުޅެއެވެ. އުމުރުން ދުވަސްވީ ބައެއް މީހުންނަށް ދުފުން ޢާންމުކަމަކަށް ވެފައިވާއިރު، ދުފުމާއި ނުލައި އުޅުމަކީ އުނދަގޫ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އާންމުކޮށް ދުފައި އުޅޭ ޒުވާނުން ބުނާގޮތުގައި އެމީހުން ދުފަނީ އެއިން ހަށިގަނޑުގައި ވަރު ޖެހޭކަމަށް ޤަބޫލުކުރެވޭތީއެވެ. މިއީ މުޅިއަކުން ދޮގުވާހަކައެއް ނޫނެވެ. ފޯކުގައި ހިމެނޭ އަލްކަލޮއިޑް މާއްދާތަކުން އެޑްރިނަލިން ކިޔާ ކެމިކަލް ހޯމޯން ހަށިގަނޑުގައި އިތުރުކުރެއެވެ. އެޑްރިނަލިން އަކީ ހަށިގަނޑު އެލަރޓްވެ، ހެލިފެލިވުން އިތުރުކުރުވާ ހޯމޯންއެކެވެ. މީގެ އިތުރުން، ދުފުމުން، ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިހުސާސްވެސް ލިއްބައިދެއެވެ.

ކަންމިހެންހުރި ނަމަވެސް ސައިންސްވެރިންގެ ފަހުގެ ހޯދުންތައް ދައްކާގޮތުގައި ދާއިމީގޮތެއްގައި ދުފުން، ނުވަތަ އެހެންވެސް ގޮތްގޮތަށް ފޯއް ބޭނުންކުރުމަކީ އެކަމުން ސިއްޙީ ވަރަށް ބައިވަރު ގެއްލުން ލިއްބައިދޭ ކަމެކެވެ.

ގިނަ ބަލިތަކަކަށް މަގުފަހިކުރާ ނުރައްކާތެރި އެއްޗެއް

ވަގުތީ ފައިދާތައް ހުއްޓަސް ދުފުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ގެއްލުންތައް ނުހަނު ގިނައެވެ. އިންޑިއާގެ ކެންސަރާއި ބެހޭ ދިރާސާތައް ހަދައި ޝާއިއު ކުރާ ސައިސްވެރިންގެ ޓީމަކުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފޯކުގައި ދެވި ހިފުމަށް މަގުފަހިކުރުވާ، އަދި ހަށިގަނޑަށް ގެއްލުންލިއްބައިދޭ ވަރަށް ގިނަ މާއްދާތައް ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފޯއް ހިމަނާފައިވަނީ ކަރސިނޯޖެން، ނުވަތަ ކެންސަރަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައެވެ.

އާންމުގޮތެއްގައި ފޯއް ބޭނުންކުރާނަމަ އެއަށް ދެވިހިފާގޮތްވެ، ބޭނުން ނުކޮށްފިނަމަ ނުވަތަ ބޭނުންކުރުން ހުއްޓައިލުމުން އެކި އުނދަގޫތައް ކުރިމަތިވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދުފުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ނިންމައި، ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ވިހަ މާއްދާތަކުގެ ލިސްޓަށް ފޯކުގެ އެކި ބާވަތްތައް ލާފައެވެ. ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އިން ވަނީ ދުފުމާއި ދެކޮޅަށް ސިއްހީ އިންޒާރެއްވެސް ނެރެފައެވެ. އެ އިންޒާރުގައިވަނީ، ދުފުމުން އަނގައިގެ ކެންސަރު ޖެހުމާއި، އަނގައިގެ ހަން ބޯވެ، ހަރުވާގޮތްވުމާއި، އެއަށް ދެވިހިފުމާއި އަދި ދަރިމައިވުމުގެ ނިޒާމަށް އެކި ގެއްލުންތައް ވުމަށް މަގުފަހި ކުރާ ކަމަށެވެ.

އިންޑިއާގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ދުފުމުގެ ސަބަބުން އަނގައިގެ އެތެރޭގައިވާ ހަމުގެ ތުނި ފަށަލަ ބޯވެއެވެ. މިގޮތަށް ހަންބޯވުމަކީ ފަރުވާ ކުރެވޭ ކަމެއް ނޫނެވެ. އަދި މިފަދައިން ހަންބޯވާނަމަ އަނގައިގެ މަސްތައް ހަރުވެ، ހަންގަނޑަށް ވާންވެ، ކަތުރުކަށިގަނޑުގެ ހަރަކާތަށް ހުރަސްއެޅެއެވެ.

އަނގައާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ އީސޯފޭގަސްއަށް ޖެހޭ ކެންސަރު ޖެހުމަށްވެސް މަގުފަހިކުރާ އެއް ކަމެއްގެ ގޮތުގައި ދުފުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހަކުރު ބަލި ޖެހުމާއި، އަނގަ، ކަރު، ފުރަމޭ، ފިތް އަދި ރަހިމުގެ ކެންސަރު ޖެހުމަކީވެސް ދުފުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަން ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ. 

ދާއިމީކޮށް ދުފާ މީހަކު ދުފުން ހުއްޓާލައިފިނަމަ އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ނިދަން އުނދަގޫވުން ނުވަތަ ނުނިދުން، މޫޑް ސްވިންގްސް، ކުދިކުދި ކަންތައްތަކާއި އަވަސްއަވަހަށް ރުޅިއައުމުގެ އިތުރުން ކަންތައްތަކާއި ކަންބޮޑުވެ ހާސްވުން ނުވަތަ އެންޒައިޓީއަށް ހުށަހެޅުން ހިމެނެއެވެ.

ފޯއް ބޭނުންކުރުމުން، ހިތުގެ ތެޅުމާއި ވިންދު އަވަސްކުރުވައި ލޭގެ ޕްރެޝަރ މަތިކުރުވައެވެ. ދުފަން ފަށާތާ ދެތިން މިނިޓް ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް ދާހިއްލަން ފަށައި ހަށިގަނޑަށް އިތުރު ބަދަލުތައް އަންނަން ފަށައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން އާންމު ޤަބޫލުކުރުންތަކާއި ޚިލާފަށް، ފޯއް ބޭނުންކުރުމުން ހަނދާން ވަރުގަދަކޮށްދީ މަސައްކަތަށް އިތުރަށް ފަރުވާތެރި ކޮށެއް ނުދެއެވެ. ސައިންސްވެރިން މިގޮތަށް ނިންމާފައިވަނީ ފޯއް ބޭނުންކުރުމަށްފަހު އިންސާނާގެ ސިކުނޑީގެ މަސައްކަތް ހިނަގާގޮތް ބެލުމަށް އެ ދިރާސާގެ ބައިވެރިންގެ އީއީޖީ ހެދުމަށްފަހުއެވެ. ސައިންސްވެރިންގެ ބައެއް ހޯދުންތައް ދައްކާގޮތުން ހަށިގަނޑުގައި އަރެކޮލިން ގެ މިންވަރު 50 މައިކްރޯމީޓަރަށް ވުރެ އިތުރުވެއްޖެނަމަ ނާރުތަކަށް ގެއްލުން ލިބި، އަދި އެއަށްވުރެ މަތިވެއްޖެ ނަމަ ސެލްތައް ހަލާކުވެ މަރުވެގެން ގޮސްދާނެއެވެ.  

ހޯދުންތަކުން ދައްކާ ގޮތުގައި ފޯއް ދުފުމަކީ މޫނުގެ ފިނި ހޫނުމިން މަތިކުރާ ކަމެކެވެ. އެގޮތުން ދުފުމުން، މޫނުގެ ފިނިހޫނުމިން ބައި ޑިގްރީ ސެލްސިއަސް އާއި ދެ ޑިގްރީ ސެލްސިއަސް އާއި ދެމެދުގެ މިންވަރަކަށް އުފުލެއެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އެއްވެސް މިންވަރަކަށް ދުފުމަކީ ހިތުގެ ހިނގުމަށާއި ލޭގެ ޕްރެޝަރަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މީގެ އިތުރުން ދުފުމަކީ ހާޓް އެޓޭކާއި ހިތުގެ އެހެން ބަލިތައް ޖެހުމަށްވެސް މަގުފަހިކުރާ ކަމެކެވެ. މިހެން ދިމާވަނީ، ދުފުމުގެ ސަބަބުން، ހަށިގަނޑުގައި ހުންނަ ސަރުބީގައި ހިމެނޭ ހަށިގަނޑަށް ފައިދާކުރާ ލިޕޯ ޕްރޮޓީން ލޭގައި މަދުވެ، ހަށިގަނޑަށް ގެއްލުންދޭ ލިޕޯ ޕްރޮޓީން ލޭގެ ތެރޭގައި ހުންނަ މިންވަރު އިތުރުވާން މެދުވެރިވެ، ލޭނާރުތަކުގެ ތެރޭގައި ސަރުބީ ޖެހުމުގެ ސަބަބުންނެވެ.

ޓައިވާނުގައި ހެދި ދިރާސާއަކުން ދައްކާގޮތުން ދުފުމުގެ ސަބަބުން ހިތުގެ އެކި ބަލިތައް ޖެހުމުގެ ފުރުޞަތު އަންހެނުންނަށްވުރެ ފިރިހެނުންނަށް ބޮޑެވެ. މިކަން މިހެން އޮތް ނަމަވެސް، ދުފާ މިންވަރު އިތުރުވާވަރަކަށް، ދެ ޖިންސުގެ މީހުންނަށްވެސް ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. މީގެ އިތުރުން، ދުފުމުގެ ސަބަބުން ހިތުގެ ހިނގުމަށް ބަދަލުގެނެސް، ހިތުގެ ވިންދު އަވަސްކުރުވައެވެ. މިފަދަ ހާލަތްތަކުގައި އެކަށީގެންވާ އަވަސް ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާ ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދުފުމަކީ އޭގެ ސަބަބުން ލޭގައި ހުންނަ ގުލްކޯޒާއި ކޮލެސްޓްރޯލް ހަށިގަނޑުގެ ތެރެއަށް ފޭދުން ހުއްޓުވާ ކަމެއް ކަމުން، ދުފުމުގެ ސަބަބުން ހަކުރު ބައްޔާއި، ހަށިގަނޑުގައި ސަރުބީ ގިނަވުމާއި، ހަޖަމް ކުރުމަށް ހުރަސްއަޅާ އެކިއެކި ބަލިތަކަށް މަގުފަހިވެ، އެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. މި ބަލިތަކުގެ އިތުރުން، ދާއިމީ ގޮތެއްގައި ގިނައިން ދުފުމުން ފުރަމޭގެ ސެލްތައް ހަލާކުވެ، ފުރަމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާކަމަށް ސައިންސްވެރިން އިއްތިފާޤުވެއެވެ.

ދިގު މުއްދަތެއްގައި ގިނައިން ދުފުމުގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އުފެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނުވައެވެ. މި ބަދަލުތަކުގެ ތެރޭގައި ދަރިފަނި އުފައްދާ ނިޒާމުގައި ހިމެނޭ އެކިއެކި މާއްދާތައް ހަށިގަނޑުގައި ހުންނަ މިންވަރަށް އަސަރުކުރުވައި، ދަރިފަނީގެ އުމުރު ކުރުކުރެއެވެ. އަދި ހަމަ މިއާއިއެކު މިގޮތަށް ދުފުމުގެ ސަބަބުން ދަރިފަނި އުފެދޭ މިންވަރު މަދުވެ، އުފެދޭ ދަރިފަނީގައި އައިބު ހުރުމަށް މެދުވެރިވެއެވެ. މި މައްސަލަތަށް އިތުރަށް ގޯސްވެގެން ދިއުމުން، ދަރިފަނީގެ ބާރުކެނޑި، ދަރިން ލިބުން ހުއްޓެން މެދުވެއެވެ.

މާބަނޑު ދުވަސްވަރު ދުފުމާއި، އަދި ދުފުމުގައި ބިލެތާއި ހީރާޕަންނާ ފަދަ ތަކެތި ބޭނުންކުރުމަކީ ބަނޑުގައި އޮންނަ ދަރިފުޅަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާ ކަމެކެވެ. އެގޮތުން، ދަރިފުޅު ވިހާއިރު ކުއްޖާގެ ބަރުދަން އިންތިހާއަށް ލުއިވުމާއި، ދުވަސްނުފުރައި ވިހެއުން ފަދަ ކަންކަން ކުރިމަތިވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާ ދުފުމަކީ، ބަނޑުގައި އޮންނަ ދަރިފުޅު އެކި ވައްތަރުތަކުގެ ކެންސަރަށް ހުށަހެޅުމަށްވެސް މެދުވެރިވާ ކަމެކެވެ.

ވިސްނަން މާބޮޑަށް ލަސްވެއްޖެ

ދުފުން ހުއްޓުމަށް ހަމައެކަނި ވިސްނަން މިހާރު މާ ލަސްވެއްޖެއެވެ. މި ހުރިހާ ގެއްލުމެއް ލިބޭ މި އަމަލަކީ އަލުގަނޑުމެންގެ އާންމު ދިރިއުޅުމާއި ކިތަންމެ ގުޅުންހުރި، އަދި އާދަކާދައިގެ ތެރޭގައި ހަރުލާފައިވާ ކަމެއް ނަމަވެސް މިއީ ލަސްނުކޯށް ހުއްޓާލަން ވެފައިވާ އާދައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް