ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިދިޔަ އަހަރު ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު، ޕާކިސްތާނުގެ ވަޒީރަކު ފުރަތަމަ ފަހަރަށް އިންޑިއާއަށް ވަޑައިގެންފި
20 ނޮވެމްބަރު 2026 | ހުކުރު 09:55އިންޑިއާގައި ބާއްވާ އެސްސީއޯ ސިވިލައިޒޭޝަނަލް ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ވަޒީރު މުސައްދިގް މަސްއޫދު މަލިކް ނިއުދިއްލީއަށް ވަޑައިގެންފި. ދެ ގައުމުގެ މެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި މި ދަތުރުފުޅަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތެއް. ބޮޑުވަޒީރު މޯދީ އިފްތިތާހުކޮށްދެއްވާ މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ގައުމުތަކުގެ މެދުގައި ސަގާފީ އެއްބާރުލުން އިތުރުކުރުން


ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމު ކަމަށްވާ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 2025 ވަނަ އަހަރު ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު، އިންޑިއާއަށް ޒިޔާރަތްކުރެއްވި ޕާކިސްތާނުގެ ފުރަތަމަ ފެޑަރަލް މިނިސްޓަރަކަށް ކްލައިމެޓް ޗޭންޖް މިނިސްޓަރު މުސައްދިގް މަސްއޫދު މާލިކް ވެވަޑައިގެންފި | އަނަޑޯލޫ
ޕާކިސްތާނާއި އިންޑިއާއާ ދެމެދު މިދިޔަ އަހަރު ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު، ޕާކިސްތާނުގެ ވަޒީރަކު ފުރަތަމަ ފަހަރަށް އިންޑިއާއަށް ވަޑައިގެންފި އެވެ. ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސިވިލައިޒޭޝަނަލް ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ކްލައިމެޓް ޗޭންޖް މިނިސްޓަރު މުސައްދިގް މަސްއޫދު މަލިކް ނިއުދިއްލީއަށް ވަޑައިގަތީ ހުކުރު ދުވަހު އެވެ.
މިނިސްޓަރު މަލިކް ނިއުދިއްލީއަށް ވަޑައިގެންނެވިކަން އިންޑިއާގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން ވަނީ 'އެކްސް' މެދުވެރިކޮށް ކަށަވަރުކޮށްދީފަ އެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުގެ މެދުގައި 2025 ވަނަ އަހަރު ހަތަރު ދުވަހުގެ މުއްދަތަށް ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު، މިއީ ޕާކިސްތާނުގެ ފެޑަރަލް ވަޒީރަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޕާކިސްތާނުގެ މަތީ ފަންތީގެ އޮފިޝަލަކު އެންމެ ފަހުން އިންޑިއާއަށް ވަޑައިގެންފައިވަނީ 2023 ވަނަ އަހަރު އެވެ.
މިދިޔަ އަހަރުގެ ހަނގުރާމައާ ގުޅިގެން އިސްލާމްއާބާދާއި ނިއުދިއްލީގެ ގުޅުން ގޯސްވެ، ދެ ގައުމުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުންތައް ދަށްކޮށްފައިވާ ދަނޑިވަޅެއްގައި މަލިކް އިންޑިއާއަށް ވަޑައިގަތުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެސްސީއޯ ސިވިލައިޒޭޝަނަލް ޑައިލޮގް އިންޑިއާއިން ބާއްވަނީ މި ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މި ޖަމިއްޔާގެ މެންބަރު 10 ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ މި ފޯރަމް އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ފޯރަމްގެ މަގްސަދަކީ މި ސަރަހައްދުގެ މުއްސަނދި އަދި ގުޅިފައިވާ ތަރިކަ ފާހަގަކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން، ސަގާފީ ގޮތުން މަޝްވަރާކޮށް އެއްބާރުލުން އިތުރުކުރުމެވެ.
ޗައިނާ، ރަޝިއާ، ކަޒަކިސްތާން، ކިރިގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ގުޅިގެން 2001 ވަނަ އަހަރު އުފެއްދި އެސްސީއޯގައި މިހާރު ފުރިހަމަ މެންބަރުންގެ ގޮތުގައި 10 ގައުމު ހިމެނެ އެވެ.
މި ޖަމިއްޔާ އުފެދުނު ފަހުން އިންޑިއާ، ޕާކިސްތާން، އީރާން އަދި ބެލަރޫސް ވެސް ވަނީ މި ޖަމިއްޔާގެ މެންބަރުކަން ހޯދާފަ އެވެ.
މަސްދަރު: އަނަޑޯލޫ











