ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ
23 ސެޕްޓެމްބަރު 2026 | ބުދަ 11:16ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ 39 އަހަރުގެ ދިވެހި އަންހެނަކު ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ތަހުގީގު ކުރަމުންދާއިރު، ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް ޓެސްޓުތައް ހެދުމަށްފަހު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި


ވ.ފުލިދޫ - މި ހާދިސާ ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 22 ވީ އާދީއްތަ ދުވަހުގެ ހަވީރު 16:30 އެހައިކަންހާއިރު | ސޯޝަލް މީޑިއާ
ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެނަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 22 ވީ އާދީއްތަ ދުވަހުގެ ހަވީރު 16:30 އެހައިކަންހާއިރު އެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކްލާހެއްގެ ތެރެއިންނެވެ.
މި ހަރަކާތުގެ "ވޯޓަރ ބްރޭކް" ވަގުތުގައި އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން، އޭނާ ވަގުތުން ވަނީ ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:14 އެހައިކަންހާއިރު އެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ނިޔާވި މީހާގެ ހަށިގަނޑު އިތުރު މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްޓަކައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ޓެސްޓުތައް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






