ފުލުފުލުން ޓެކްސް ބޮޑު ކުރި ނަމަވެސް ބޭކާރު ޚަރަދު އިތުރުވާނަމަ ދައުލަތަށް އެއްވެސް ފައިދާއެއް ނުވާނެ: ޒުބެއިރު
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 08:10ޑޮލަރު މާރުކުރުމުގެ އުސޫލަށް ގެނައި ބަދަލުން ސަފާރީ ވިޔަފާރިތަކަށް ބޮޑު ދައްޗެއް ނެތް ނަމަވެސް، ބަދަރުގެ ދަތިކަމާއި މުދާ ބޭލުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ބޭނުންވާ ކަމަށް ބޯޓިން އެސޯސިއޭޝަން މެންބަރު ޒުބެއިރު ވިދާޅުވެއްޖެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުގެ އިސްރާފު ކުޑަކޮށް، ދައުލަތުގެ ބޭކާރު ހަރަދުތައް މަދުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި


ރާއްޖެޓީވީގެ "ޑޮލަރު ބަހުސް" ގައި އަހުމަދު ޒުބެއިރު އާދަމް ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ
ފުލުފުލުން ޓެކްސް ބޮޑު ކުރި ނަމަވެސް ބޭކާރު ޚަރަދު އިތުރުވާނަމަ ދައުލަތަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު އަހުމަދު ޒުބެއިރު އާދަމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ޑޮލަރު ބަހުސް" ގައި ވާހަކަދައްކަވަމުން ޒުބެއިރު ވިދާޅުވީ ޑޮލަރުގެ އާމްދަނީ މާރުކުރަން ލާޒިމުވާގޮތަށް ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ސަފާރީ ބޯޓުތައް ފަދަ ވިޔަފާރިތަކަށް އެހާ ބޮޑު ދައްޗަކާއި ކުރިމަތިލާން ނުޖެހޭ ކަމަށެވެ. ޒުބެއިރު ވިދާޅުވީ ޑޮލަރުގެ 40 އިންސައްތަ މާރު ކުރި ނަމަވެސް ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޑޮލަރުން މުސާރަ ދިނުމަށް 60 އިންސައްތައިން ފުދޭ ކަމަށެވެ.
ހަމައެއާއެކު މުދާއުފުލާ ބޯޓުތަކަށް ބޭނުންވާ ތެޔޮ އަދި މާރުކޭޓުން ގަންނަ މުދަލަށްވެސް ފައިސާ ދައްކަނީ ދިވެހި ރުފިޔާއިން ކަމަށް ޒުބެއިރު ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ރައްޔިތުންގެ އަތުން އަދި ވިޔަފާރިތަކުގެ އަތުން ނަގަމުންދާ ފައިސާ އިތުރުކުރާއިރު ބޭރު ގައުމުތަކުން މުދާ ގެންނަ ބޯޓު ފަހަރުތައް މަޑުކުރާނެ ބަނދަރެއް ނެތުމުގެ ކަންބޮޑުވުން ޒުބެއިރު ވަނީ ފާޅުކޮށްފަ އެވެ. މިގޮތުން މުދާ ގެންނަ ބައެއް އޮޑިދޯނިފަހަރުގެ މުދާތަށް ނުބޭލި ލަންކާގައި 3 މަހަށްވުރެ ގިނަ ދުވަސް ހޭދަ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މިހާރު އިތުރުކޮށްގެންވެސް އަޅުގަނޑުމެންނަށް ބަނދަރެއް ލިބެނީކީ ނޫން. އަޅުގަނޑުމެން އަދިވެސް މިތިބެނީ ވަންނާނެ ތަނެއް ނެތިފަ. ލޯންޗުތައް ބާރަށް ދުއްވާ އިރު ބޯޓުތަކަށް ގެއްލުންވެސް ވޭ. އަޅުގަނޑުމެން އެދޭ ކަމަކީ ޓެކްސް އިތުރުކޮށްގެން އަނެއް ކޮޅުން ސަރުކާރުގެ ޙަރަދު ކުޑަކުރާށޭ. އަޅުގަނޑުމެން ވާހަކަދައްކާ ވަރަށް ގިނަ މީހުން އެބަ ބުނޭ މުދާ މިހުންނަނީ ނުބޭލިފައޭ. ލަންކާގައި އެބަހުއްޓޭ ތިން މަސް ހަ މަސް ވަންދެން. ޕޯޓު މައްސަލަ އެބައުޅޭ.ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު އަހުމަދު ޒުބެއިރު
ސަރުކާރުން ޓެކްސް އިތުރަށް ނަގާއިރު ދައުލަތުގެ ބޭކާރު ޙަރަދުތައް މަދުކޮށް، އުމްރާނީ ތަރައްގީ އިތުރުކުރުން މުހިންމު ކަމަށް ފާހަގަކޮށް ޒުބެއިރު ވިދާޅުވީ އެސްއޯއީތައް އަދި ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތައް ކުޑަނުކުރާ ނަމަ ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
ޑޮލަރަކީވެސް ޑިމާންޑް އާއި ސަޕްލައި. ޑިމާންޑް އެބަ އޮތް ވަރަށް ބައިވަރު ދިވެހިންގެ ބޭނުމަށް. އެކަމު ޑޮލަރުގެ ސަޕްލައި މި އިތުރުކުރަނީ ބޮޑު ކޮށްގެން. ސަޕްލައި އިތުރުކޮށްފަ އަނެއްކޮޅުން ޑިމާންޑް ކުޑަނުކުރާނަމަ ޑޮލަރަށް ޕްރެޝަރ އިތުރުވާނެ. ޑިމާންޑް މި އޮންނަނީ އެސްއޯއީތައް އަދި ސިޔާސީ މުވައްޒަފުންގެ މުސާރަތައް މިގޮތަށް ޑިމާންޑް ސައިޑުގައި ހުންނަ އިސްރާފުތައް ކުޑަކޮށްލައިގެން އޭގެ ޕްރެޝަރ ދައްވާނީ.ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު އަހުމަދު ޒުބެއިރު
ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމުވާ ގާނޫނެއް ތަސްދީގުކޮށްފަ އެވެ. މި ގާނޫނު ތަސްދީގު ކުރުމުގެ ސަބަބުން އެތައް ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށަށް ގޮސްފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތަކުގެ ސަބަބުން ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.








