ގާނޫނުތައް ގެންނަނީ ދިރާސާ ކުރުމަށްފަހު ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެންދަނީ އެކަށީގެންވާ ވަރަށް ދިރާސާ ނުކޮށް ގާނޫނުތައް ހަދާ މަންޒަރު: ޝަރީފް
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:59ޓެކްސްގެ ގާނޫނަށް ގެނައި ބަދަލުތަކުގައި އިންބައުންޑް އަދި އައުޓްބައުންޑް ޚިދުމަތްތައް އޮޅުންއަރާފައިވާ ކަމަށާއި، ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ޓެކްސް ނެގުމުގައި އަމަލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އަހުމަދު ޝަރީފް ފާހަގަކުރެއްވި. މީގެ އިތުރުން ޑޮލަރު މާރުކުރަން ލާޒިމްކުރާއިރު ބޭންކުތަކުން ޓީޓީ ހަދައިދިނުން ފަދަ ކަންކަން ގާނޫނުގައި ހިމަނާފައި ނެތުމުން އިންބެލެންސެއް އަންނަ ކަމަށް އޭނާ ވިދާޅުވި


ސައިރިކްސް ކޮލެޖް ޗެއަރމަން އަހުމަދު ޝަރީފް | ރާއްޖެ އެމްވީ
ގާނޫނުތައް ގެންނަނީ ދިރާސާ ކުރުމަށްފަހު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެންދަނީ އެކަށީގެންވާ ވަރަށް ދިރާސާނުކޮށް ގާނޫނުތައް ހަދާ މަންޒަރު ކަމަށް ސައިރިކްސް ކޮލެޖް ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދިން "ޑޮލަރު ބަހުސް" ގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި އޮޕަރޭޓު ކުރާ ޓްރެވަލް އެޖެންޓުން ނުވަތަ އޮންލައިން ޕްލެޓްފޯމްތަކުން ޓެކްސް ނަގަން ނިންމާ ގާނޫނު ބަދަލުކުރެއްވިއިރު އެ ގާނޫނު ޑްރާފްޓް ކުރެއްވި ބޭފުޅުންނަށް ރަނގަޅަށް އިނގިފައި ނެތް ކަމަށެވެ.
އެގޮތުން މިހާރު ވެސް ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުން ވިއްކަނީ ޓީޖީއެސްޓީ އަދި އެނޫން ވެސް ސަރވިސް ޗަރޖްތައް ލާފައި ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޓެކްސް ނެގޭ މުދަލާއި ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަރަށް ބޮޑު މައްސަލައެއް އުޅޭ ކަމަށާއި ހަގީގަތުގައި ބިލް ގައި އޮތް ގޮތުން ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަދި އޮންލައިން ޕްލެޓްފޯމްތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ގާނޫނު ބުނާ ގޮތުން، ގާނޫނަށް ގެނެވުނު ބަދަލުގައި މި އޮންނަނީ އިންބައުންޑް ޓުއަރިޒަމް ހިދުމަތް، އިންބައުންޑަކީ ބޭރުން އަންނަ ޓުއަރިސްޓުން އެއީ އަޅުގަނޑުމެން މިސާލަކަށް ޓްރެވަލް އެޖެންސީން ކުރާ މަސައްކަތަކީ އިންބައުންޑް މަސައްކަތް މިސާލަކަށް. އެހެންވީމަ އޭނާ އިންބައުންޑް ވުމަށް ފަހު އޭނާ ހޯދާ ހިދުމަތްތަކަކުން ޓެކްސް ދައްކަން ޖެހޭނެ، އެކަމު ހަމަ ކުރިން ވެސް ޖީއެސްޓީ އޮތް ގޮތުން އިންބައުންޑްގެ ހުރިހާ ހިދުމަތްތަކުން ޓެކްސް ދައްކާ ގޮތަށް މިއޮތީއަހުމަދު ޝަރީފް
އައުޓްބައުންޑަކީ އެތަނެއްގެ އާންމު ރައްޔިތުން އެހެން ތަނަކަށް ފޮނުވުން ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބޭރުގެ ގިނަ ޓްރެވަލް އެޖެންޓުން ދެނީ އައުޓްބައުންޑް ހިދުމަތް ކަމަށެވެ. އަދި އެހެން ގައުމަކަށް މީހަކު ފޮނުވާއިރު ފޮނުވަނީ އެތަނުގައި އޮންނަ އުސޫލެއްގެ ދަށުން ޓެކްސް ދައްކާފައި ކަމަށެވެ.
އެ ބިލް ޑްރާފްޓް ކުރި މީހުންނަށް އިންބައުންޑާއި އައުޓްބައުންޑަކީ ކޮބައިކަން ނޭނގޭ ކަމަށާއި، ބިލްގައި ފަރުމާކޮށްފައި އޮތީ އިންބައުންޑް ހިދުމަތް ދޭ މީހުން އަތުން ޓެކްސް ނެގޭ ގޮތަށް ކަމަށް ޝަރީފް ވިދާޅުުވި އެވެ.
100 ޑޮލަރަށް މި ވިއްކަނީ ގެސްޓްހައުސެއް މިސާލަކަށް، ވިއްކާ ކަމަށް ވެއްޖިއްޔާ އެ 100 ޑޮލަރު ތެރޭގައި ޓީޖީއެސްޓީ %17 އަދި ގްރީން ޓެކްސް، ސަރވިސް ޗަރޖް ހިމެނިފައި ދެން އޭތިން އުނިކޮށްލާ އެމީހުންގެ ޕަސަންޓެއް އެއީ މިސާލަކަށް %12 ވެއްޖިއްޔާ %12 އެކްސްޕީޑިއާ ވެއްޖިއްޔާ %25 އެކްސްޕީޑިއާ، އެހެންވީމަ އެ ޕަސަންޓޭޖުންތޯ ޓީޖީއެސްޓީ ނަގަން މިއުޅެނީ އެހެންވީމަ އެވެސް އޮޅުމެއް ނުފިލާސައިރިކްސް ކޮލެޖް ޗެއަރމަން އަހުމަދު ޝަރީފް
މީގެ އިތުރުން 40 އިންސައްތަ ޑޮލަރު ޕްރައިވެޓް ބޭންކުތަކަށް މާރު ކުރަން ޖެހޭ ގޮތަަށް ގާނޫނު ބަދަލުކުރެއްވި އިރު އެ ރިސޯޓްތަކަށް ޓީޓީ ހަދައިދޭން ބޭންކްތަކަށް ލާޒިމްކޮށްފައި ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން މީގަ ވެސް އިންބެލެންސްއެއް އުޅޭ ކަމަށް ވިދާޅުވި އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް މުއިއްޒު ވަނީ ތަސްތީގު ކުރައްވާފައި އެވެ. އަދި މިކަމާއި ގުޅިގެން އެ ވަރުގެ އަދަދެއް މާރު ކުރުމަކީ ރިސޯޓުތަކަށް އުފުލޭ ވަރުގެ ބުރައެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައިވެ އެވެ.



