Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކެމަރޫން

93 އަހަރުގެ ކެމަރޫންގެ ރައީސް ޔޫރަޕަށް ކުރައްވާ "ކުރު" އަމިއްލަ ދަތުރުފުޅަކަށް ފުރާވަޑައިގަތް ފަހުން ގިނަ ދުވަސްތަކެއް ވެފައިވާތީ އޭނާ ދުނިޔޭގައި އެބަހުންނެވިތޯ ރައްޔިތުން ސުވާލު އުފައްދަނީ!

16 އޯގަސްޓު 2026 | އާދީއްތަ 18:59

ކެމަރޫންގެ ރައީސް ޕޯލް ބިޔާ ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަމުން ގެންދަވާތީ، އޭނާގެ ސިއްހީ ހާލަތާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އުމުރުން 93 އަހަރުގެ ބިޔާ 40 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުންނެވިއިރު، ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ ޒުވާނުންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2026 | އާދީއްތަ 18:59
ކެމަރޫންގެ ރައީސް ޕޯލް ބިޔާ (ވ) އަދި އެގައުމުގެ ފަސްޓް ލޭޑީ ޝަންޓަލް ބިޔާ

ކެމަރޫންގެ ރައީސް ޕޯލް ބިޔާ (ވ) އަދި އެގައުމުގެ ފަސްޓް ލޭޑީ ޝަންޓަލް ބިޔާ | ގެޓީ އިމޭޖަސް

ކެމަރޫންގެ ރައީސް ޕޯލް ބިޔާ 1984 ވަނަ އަހަރު އެގައުމުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވިއިރު، އެންފޯމީ ބީމޭގެ އުމުރަކީ 23 އަހަރެވެ. އޭރު އޭނާއަކީ ކިޔަވާ ކުއްޖެކެވެ.

މިއަދު ބީމޭގެ އުމުރަކީ 65 އަހަރެވެ. އޭނާ މިހާރު ހުރީ ކިޔަވައިދިނުމުގެ ދާއިރާއިން ރިޓަޔަރކޮށްފަ އެވެ. ނަމަވެސް، އުމުރުން 93 އަހަރުގެ ބިޔާ އަދިވެސް ހުންނެވީ ރައީސްގެ މަގާމުގަ އެވެ. މިދިޔަ އަހަރު ބޭއްވި، ނަތީޖާއާ މެދު ސުވާލު އުފެދުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އޭނާ މިހާރު ވަނީ އަށްވަނަ ދައުރެއް ކަށަވަރު ކުރައްވާފަ އެވެ. މިއާއެކު، އޭނާގެ އުމުރުން 100 އަހަރު ވަންދެން ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

ކެމަރޫންގެ ރައީސް ޕޯލް ބިޔާ، އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެ ގައުމުގެ ފަސްޓް ލޭޑީ ޝަންޓާލް ބިޔާއާއެކު، 2025 އޮކްޓޯބަރު 7 ވަނަ ދުވަހު މަރޫއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަނީ

ކެމަރޫންގެ ރައީސް ޕޯލް ބިޔާ، އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެ ގައުމުގެ ފަސްޓް ލޭޑީ ޝަންޓާލް ބިޔާއާއެކު، 2025 އޮކްޓޯބަރު 7 ވަނަ ދުވަހު މަރޫއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް

އިދިކޮޅު ފަރާތްތަކުން އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރި އަދި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގެ ތެރޭގައި ކުރިއަށްދިޔަ އެ އިންތިޚާބުގެ ކުރިން ބިޔާ ވިދާޅުވީ، "އެންމެ ރަނގަޅު ދުވަސްތައް އަދި އޮތީ ކުރިއަށް" ކަމަށެވެ.

ކެމަރޫންގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވުމަށްފަހު، އޭރުގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން 1982 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބިޔާ، ފާއިތުވި ދެ މަސްދުވަހު ހުންނެވީ ގައުމާ އެތައް ހާސް މޭލެއް ދުރުގަ އެވެ. ޖޫން މަހުގެ 7 ވަނަ ދުވަހު އޭނާ ގައުމުން ބޭރަށް ފުރާވަޑައިގަތީ "ޔޫރަޕަށް ކުރައްވާ ކުރު އަމިއްލަ ދަތުރުފުޅެއްގައި" ކަމަށް ރައީސް އޮފީހުން ބުނެފައިވީ ނަމަވެސް، މިއީ ފާއިތުވި ގިނަ އަހަރުތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އޭނާ ގައުމުން ބޭރުގައި ހޭދަކުރައްވާ އެންމެ ދިގު މުއްދަތެވެ.

ސަރުކާރުގެ ތަރުޖަމާނު ރެނޭ އެމަނުއަލް ސާޑީ މިދިޔަ ހަފުތާގައި ފްރާންސްގެ ރޭޑިއޯއެއް ކަމަށްވާ އާރް.އެފް.އައި އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބިޔާ ހުންނެވީ ސުވިޒަލޭންޑުގެ ޖެނީވާގައި ކަމަށާއި، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ ހުންނެވި ތަނުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

މަދުން ނޫނީ ރައްޔިތުންނަށް ނުފެންނަ ރައީސެއް

1960 ވަނަ އަހަރު ކެމަރޫނަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި ވެރިކަން ކުރައްވާ ދެވަނަ ރައީސް ބިޔާއަކީ، ދުނިޔޭގައި މިހާރު އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވަމުން ގެންދަވާ އެއް ލީޑަރެވެ. އޭނާ ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވީ އެއް ޕާޓީގެ ނިޒާމެއްގެ ދަށުން 1984 ގަ އެވެ. އޭގެ ފަހުން ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފުކުރި ފަހުން އިތުރު ހަ އިންތިޚާބެއް އޭނާ ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

ވެރިކަމުގެ ދައުރުގައި އޭނާ ގިނަ ވަގުތު ހޭދަކުރައްވަނީ ގައުމުން ބޭރުގަ އެވެ. ނަމަވެސް، މިފަހަރު ގައުމުގައި ނޫޅުއްވާތާ ގިނަ ދުވަސްވުމާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތާ މެދު ސުވާލު އުފެދި، އޭނާ ނެތް ވަގުތެއްގައި ގައުމު ހިންގަނީ ކޮން ބައެއްތޯ ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާންމުންގެ ތެރެއިން މަދުން ނޫނީ ފެނިވަޑައިނުގަންނަވާ ބިޔާގެ ސިއްހީ ހާލަތާއި އޭނާ ހުންނެވި ތަނަކާ ބެހޭގޮތުން ފެތުރޭ އަޑުތަކަކީ ކެމަރޫންގައި އާންމު ކަމެކެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ނުވަތަ އަވަހާރަވެފައިވާ ކަމަށް ފެތުރޭ ތޯތޯ ވާހަކަތައް ރައީސް އޮފީހުން ތަކުރާރުކޮށް ދޮގުކުރަން ޖެހެ އެވެ. 2024 ވަނަ އަހަރު، ސަރުކާރުން ވަނީ ރައީސްގެ ސިއްހީ ހާލަތާ ބެހޭގޮތުން މީޑިއާތަކުގައި ބަހުސްކުރުން މަނާކޮށްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެކެވެ.

އެފްރިކާއަކީ ދުނިޔޭގައި އެންމެ ޒުވާން އާބާދީއެއް އޮތް ބައްރު ކަމަށް ވީނަމަވެސް، އެ ބައްރުގެ ބައެއް ގައުމުތަކުގެ ވެރިކަމުގައި އަދިވެސް ތިއްބެވީ މީގެ އެތައް އަހަރެއް ކުރިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ދުވަސްވީ ލީޑަރުންނެވެ. މީގެ ތެރޭގައި ގައުމު މިނިވަންކުރުމުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅުންވެސް ހިމެނެ އެވެ.

ކެމަރޫންގެ މިލިއަނުން ގުނާލެވޭ ރައްޔިތުންނަށް، ބިޔާއަކީ އެމީހުންގެ މުޅި ހަޔާތުގައިވެސް ފެނުނު ހަމައެކަނި ރައީސެވެ.

ބީމޭގެ ދަރިންނަކީވެސް މީގެ ތެރޭގައި ހިމެނޭ ބައެކެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 32 އަހަރެވެ. އަދި އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 18 އަހަރެވެ.

ޔައުންޑޭ 2 ޔުނިވަރސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންދާ، އުމުރުން 26 އަހަރުގެ އަބިޓް ރިއާސައި އަޗާއަކީވެސް ހަމަ އެ ޖީލުގެ ޒުވާނެކެވެ. އޭނާ ބުނި ގޮތުގައި، "އަހަރެން ބޮޑުވަމުން އައިއިރު ފެނުނު ހަމައެކަނި ރައީސަކީ ބިޔާ ކަމަށްވުމުން، ކެމަރޫނާ ބެހޭގޮތުން އަހަރެން ކުރި ހުރިހާ ތަޖުރިބާއެއް ގުޅިފައިވަނީ އޭނާގެ ރިޔާސަތާ" އެވެ. އަޗާ ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވޯޓުލާފަ އެވެ. އޭނާ ވޯޓު ދިނީ އިދިކޮޅު ޒުވާން ކެންޑިޑޭޓް، އުމުރުން 38 އަހަރުގެ ސެމިއުލް ހައިރަމް އިޔޯޑީ އަށެވެ.

އެއް ރައީސެއްގެ ދަށުގައި 40 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވުމަށްފަހު، އޭނާގެ ލީޑަރޝިޕާ މެދު އުފެދޭ ސުވާލުތައް ވަނީ އިތުރުވެފަ އެވެ.

ބިޔާ ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި ހުންނަވާ ހުންނެވުމާ ގުޅޭގޮތުން އަޗާ ބުނީ، "މިކަން މިގޮތަށް ތަކުރާރުކޮށް ހިނގާތާ އެތައް އަހަރެއް ވެފައިވާތީ، ގިނަ ރައްޔިތުން މިހާރު މިކަމަށް އާދަވެފައިވާ" ކަމަށެވެ. ނަމަވެސް ކަމަކަށް އާދަވުމަކީ، ގައުމު ހިންގަމުންދާ ގޮތާ މެދު ރައްޔިތުން ސުވާލުކުރުން ހުއްޓާލަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަށްވަނަ ހޯއްދެވި އިޔޯޑީ ވަނީ، ރައީސް ބިޔާ ގައުމުގައި ނެތް ނެތުމަކީ ރައީސްގެ މަގާމު ހުސްވުން ކަމަށް ބެލެވިދާނެތޯ ކެމަރޫންގެ ކޮންސްޓިޓިއުޝަނަލް ކައުންސިލާ ސުވާލުކުރުމަށް ޕާލަމެންޓަށް ގޮވާލާފަ އެވެ. އެ އިންތިޚާބުގައި ބިޔާއާ އެންމެ ވާދަވެރި ބައެއް ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް، ޕާލަމެންޓުގައި ބިޔާގެ ޕާޓީ، ކެމަރޫން ޕީޕަލްސް ޑިމޮކްރެޓިކް މޫވްމަންޓްގެ ބާރު އޮތް މިންވަރުން، މިފަދަ ހުށަހެޅުމެއް ކާމިޔާބުވުމަކީ ނާދިރު ކަމެކެވެ.

ގައުމުން ބޭރުގައި ހުންނެވި ނަމަވެސް، ބިޔާ ގެންދަވަނީ މުހިންމު ނިންމުންތައް ނިންމަވަމުންނެވެ. އެގޮތުން މި މަހުގެ ކުރީކޮޅު އަސްކަރިއްޔާއަށް ގެނައި ބޮޑު ބަދަލު އޭނާ އިއުލާނު ކުރެއްވީ ރަށުން ބޭރުގައި ހުންނަވަ އެވެ. އެހެންނަމަވެސް، އޭނާ ގައުމުން ބޭރުގައި ހުންނަވާ މުއްދަތު ދިގުލައިގެން ދާތީ، ރައީސް އަދިވެސް ދުނިޔޭގައި ހުންނެވި ކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރުގެ އިސްވެރިންނަށް ވަނީ މަޖުބޫރުވެފަ އެވެ.

ވެރިކަމުގެ ބާރުތައް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުގެ ތަރުޖަމާނު ސާޑީ ވަނީ ދޮގުކުރައްވާފަ އެވެ. އޭނާ އާރް.އެފް.އައި އަށް ވިދާޅުވީ "ރައީސް ޕޯލް ބިޔާ ދުނިޔޭގައި އެބަހުރި" ކަމަށާއި "ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ" ކަމަށެވެ.

އުއްމީދުން މާޔޫސްކަން

ބިޔާއަކީ ގައުމަށް ގެނައި ބަދަލެއްގެ ގޮތުގައި ބީމޭ ހަނދާން ހުރެ އެވެ. އޭނާއަށް ބިޔާގެ ނަން ފުރަތަމަ އިވުނީ 1970 ގެ އަހަރުތަކުގަ އެވެ. އޭރު ބިޔާ ހުންނެވީ ކެމަރޫންގެ ފުރަތަމަ ރައީސް އަހުމަދޫ އަހިދްޖޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. 1982 ވަނަ އަހަރު އަހިދްޖޯ އިސްތިއުފާ ދެއްވުމުން، ވެރިކަމާ ހަވާލުވެވަޑައިގަތީ ބިޔާ އެވެ.

ކޮންގޯގެ ބްރަޒަވިލްގައި 1984 ޑިސެމްބަރު މަހު ބޭއްވި ޔޫ.ޑީ.އީ.އޭ.ސީ (UDEAC) ސަމިޓުގެ ތެރެއިން، ރައީސް ޕޯލް ބިޔާ ފެނިގެންދާ ފޮޓޯއެއް

ކޮންގޯގެ ބްރަޒަވިލްގައި 1984 ޑިސެމްބަރު މަހު ބޭއްވި ޔޫ.ޑީ.އީ.އޭ.ސީ (UDEAC) ސަމިޓުގެ ތެރެއިން، ރައީސް ޕޯލް ބިޔާ ފެނިގެންދާ ފޮޓޯއެއް | ގެޓީ އިމޭޖަސް

އޭގެ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައި ބިޔާގެ ނަން ވޯޓު ކަރުދާހުގައި އޮތްއިރު، އޭނާއަކީ "އުންމީދުގެ ރަމްޒެއް" ކަމަށް ބީމޭ ދެކުނެވެ. "އަހަރެމެން ގަބޫލުކުރީ އޭނާއަކީ ޒުވާން، ހަކަތަ ހުރި، އަދި ރީތި ބޭފުޅެއް ކަމަށް. އޭނާއަކީ ކެމަރޫންގެ ރައްޔިތުންނަށް ވަރަށް މުހިންމު ބޭފުޅެއް،" ބީމޭ ބުންޏެވެ.

އާ ފެށުމެއްގެ ގޮތުގައި އެމީހުން ދުށް މީހަކު، އެތައް ދަހަަރުތަކެއް ވަންދެން ވެރިކަމުގައި ހުންނާނެ ކަމަކަށް އޭރު އެކަކުވެސް ހިއެއް ނުކުރެ އެވެ. އޭނާއަށް ފާޑުކިޔާ ފަރާތްތަކުގެ މާޔޫސްކަމަކީ ހަމައެކަނި ވެރިކަމުގައި ހުރި މުއްދަތެއް ނޫނެވެ. އޭގެ ބަދަލުގައި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގައި އޭނާ ނާކާމިޔާބުވެފައިވާ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ޖަރުމަނުގައި ދިރިއުޅޭ ކެމަރޫންގެ ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ ކޮލިންސް މޮލުއާ އިކޯމޭ ބުނި ގޮތުގައި، މިދިޔަ އޭޕްރީލް މަހު އޭނާ ކެމަރޫނަށް ކުރި ދަތުރުގައި ގައުމުގެ ހާލަތު ވަނީ އަމިއްލަ ލޮލުން ފެނިފަ އެވެ.

"ކެމަރޫންގެ މަގުތަކުގެ ހާލަތު އިންތިހާއަށް ގޯސް. އަހަރެންގެ ކުރިމަތީގައި މީހަކު މަރުވި ނުރައްކާތެރި އެކްސިޑެންޓެއްވެސް ހިނގި،" ސީ.އެން.އެން އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

މީގެ އިތުރުން، ތަކުރާރުކޮށް ކަރަންޓު ކެނޑުމާއި، ކޮރަޕްޝަނާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނެތްކަންވެސް އިކޯމޭ ފާހަގަކުރި އެވެ.

ވެސްޓް ކެމަރޫންގެ ޔުނިވަރސިޓީ އޮފް ޝަންގްގެ ބައިނަލްއަގުވާމީ ގާނޫނާ ބެހޭ ޕްރޮފެސަރ ވިލްސަން ތަމްފޫ ވިދާޅުވީ، ރައީސް ބައެއް މަސްއޫލިއްޔަތުތައް ހަވާލުކުރެއްވުމުން ގައުމު ހިންގޭނެ މުއައްސަސާތައް އެގައުމުގައި އެބަހުރި ކަމަށެވެ. މުހިންމު ޒިންމާތައް ބޮޑުވަޒީރާއި، ރައީސް އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އަދި ވަޒީރުންނަށް އުފުއްލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ތަމްފޫ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ސުވާލަކީ، ގައުމަށް ދިމާވެފައިވާ ދިގުލީ މައްސަލަތައް ސަރުކާރުން ހައްލުކުރޭތޯ ކުރެވޭ ސުވާލެވެ.

"ރައްޔިތުން ބޭނުންވަނީ އިނގިރޭސި ބަހުން ވާހަކަދައްކާ ސަރަހައްދުތަކުގެ މައްސަލަ (އެންގްލޯފޯން ކްރައިސިސް) ހައްލުވާން. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާން، މަގުތައް ރަނގަޅުވާން، އަދި ޑިގްރީ ހިފައިގެން މަގުމަތިވެފައިވާ ޒުވާނުންނަށް ވަޒީފާ ލިބެން،" ކެމަރޫންގެ އިނގިރޭސި ބަހުން ވާހަކަދައްކާ ސަރަހައްދުތަކުގައި ހިނގަމުންދާ ވަކިވެގަތުމުގެ ހަނގުރާމައަށް އިޝާރާތް ކުރައްވައި އޭނާ ސީ.އެން.އެން އަށް ވިދާޅުވި އެވެ.

ބިޔާ ވެރިކަމުން ވަކިވެވަޑައިގަންނަވާ ދުވަހަކުން، އޭނާގެ ފަހުން ވަޑައިގަންނަވާ ބޭފުޅަކަށް ކުރިމަތިލާން ޖެހޭނީ ގިނަ ގޮންޖެހުންތަކަކާ އެވެ. އޭގެ ތެރޭގައި އުތުރުގައި ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ދޭ ހަމަލާތަކާއި، ޒުވާނުންގެ މެދުގައި އޮތް އިގްތިސާދީ މާޔޫސްކަން ހިމެނެ އެވެ.

ސިއްހީ ދާއިރާއަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. އިކޯމޭ ބުނި ގޮތުގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތަކީ ގިނަ ރައްޔިތުންނަށް އަތްފޯރާ ފަށުގައި އޮތް ކަމެއް ނޫނެވެ.

"ގައުމުގެ އެވްރެޖް އުމުރަކީ 70 އަހަރަށްވުރެ ދަށް. އެކަމަކު ބިޔާ އެއަށްވުރެ މާ ގިނަ ދުވަހު ދުނިޔޭގައި އެ ހުންނެވީ ގައުމުން ބޭރުން ސިއްހީ ޚިދުމަތް ހޯއްދަވާތީ. ފަގީރުކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އެ ފުރުސަތެއް ނެތް،" އިކޯމޭ ބުންޏެވެ.

މި ފަރަގަކީ ހަމައެކަނި ކެމަރޫންގައި އޮތް ކަމެއް ނޫނެވެ. މުޅި އެފްރިކާގައިވެސް، ގައުމުގެ އާންމު ޚިދުމަތްތައް ބަނގުރޫޓުވަމުންދާއިރު، ސިޔާސީ އިސްވެރިން ސިއްހީ ޚިދުމަތް ހޯއްދަވަނީ ނުވަތަ ދިރިއުޅުއްވަނީ ގައުމުން ބޭރުގަ އެވެ.

ބީމޭއަށް އޮތް ސުވާލަކީ މިއަށްވުރެ އަމިއްލަ ސުވާލެކެވެ. އެއީ އޭނާ މަރުވުމުގެ ކުރިން އެހެން ރައީސަކު ފެންނާނެތޯ ކުރެވޭ ސުވާލެވެ.

ބަދަލަކަށް އެތައް އަހަރަކު އިންތިޒާރު ކުރުމަށްފަހު، އޭނާ މިހާރު ކަންބޮޑުވަނީ އެ ބަދަލު ނުފެނި މަރުވެދާނެތީ އެވެ. އަދި ގައުމުގެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ނުހިމެނޭ އެތައް ބަޔަކަށްވުރެ ގިނަ ދުވަހު ބިޔާ ދުނިޔޭގައި ހުންނަވާފާނެތީ އެވެ.

"އެމީހުން ކުޑަކޮށް ރޯގާޖެހުނަސް ދަނީ ރަށުން ބޭރަށް ފަރުވާ ހޯދަން. އެކަމަކު އާންމު ރައްޔިތުން މަރުވަމުންދަނީ އެކަށީގެންވާ ފަރުވާއެއް ނުލިބިގެން،" އޭނާ ބުންޏެވެ.

ޕޯލް ބިޔާކެމަރޫން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2026

މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟

20 ޖެނުއަރީ 2026
މުޅި އުމުރު ވެރިކަމުގައި ހުންނާނީ ކިހިނެއް؟
28 އޮކްޓޯބަރު 2025

އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!

28 އޮކްޓޯބަރު 2025
އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!
14 އޮކްޓޯބަރު 2025

ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި

14 އޮކްޓޯބަރު 2025
ކެމަރޫންގެ އިދިކޮޅު ލީޑަރު ބަކަރީ އިންތީޚާބު ކާމިޔާބު ވެފައިވާ ކަމަށް އަމިއްލަ އަށް އިއުލާން ކުރައްވައިފި
12 އޮކްޓޯބަރު 2025

ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ

12 އޮކްޓޯބަރު 2025
ކެމަރޫންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި، އުމުރުން 92 އަހަރުގެ ރައީސް ބިޔާ 8 ވަނަ ދައުރަކަށް ވާދަ ކުރައްވަނީ
03 އެޕްރީލު 2024

ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި

03 އެޕްރީލު 2024
ކެމަރޫން އެފްއޭއަށް ނޭގި ސަރުކާރުން ގައުމީ ކޯޗަކު ހަމަޖައްސައިފި
02 ޖެނުއަރީ 2024

އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ

02 ޖެނުއަރީ 2024
އެފްރިކާ ކަޕުގެ ފެޝަނާއި ކެމަރޫނުގެ އަތްކެނޑި ޖާޒީ
08 ޖެނުއަރީ 2023

ހާޓް އެޓޭކެއް ޖެހިގެން، ޕީއެސްޖީ އަދި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު އެމްބަމީ މަރުވެއްޖެ

08 ޖެނުއަރީ 2023
ހާޓް އެޓޭކެއް ޖެހިގެން، ޕީއެސްޖީ އަދި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު އެމްބަމީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް