މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް މިއަދު އޮތީ އެހެން މީހުންގެ ހައްގުތައް ގުރުބާން ކުރަން މަޖުބޫރުވެފައި: ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުގެ ރައީސް
27 ޖުލައި 2026 | ހޯމަ 13:44ޓޫރިޒަމް އެމްޕްލޯއީސް އެސޯޝިއޭޝަންގެ ރައީސް އާދަމް ސަލީމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒު އޮތުމުން އެ ތަންތަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް. އަދި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް އިޚްލާސްތެރިކަން މުހިންމުކަން ފާހަގަކުރައްވައި، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ޔޫނިއަންތަކުން ގުޅިގެން މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި


މިނިވަންކަމުން އަޅުވެތިކަމަށް ޚާއްސަ ކަވަރޭޖްގައި މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީސް އެސޯޝިއޭޝަންގެ ރައީސް އާދަމް ސަލީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް މިއަދު އޮތީ ވަޒީފާގެ ބިރުވެރިކަން ކަމަށާއި، އެހެން މީހުންގެ ހައްގުތައް ގުރުބާން ކުރަން މަޖުބޫރުވެފައިވާ ކަމަށް މޯލްޑިވްސް ޓޫރިޒަމް އެމްޕްލޯއީސް އެސޯޝިއޭޝަންގެ ރައީސް އާދަމް ސަލީމް ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ''މިނިވަންކަމުން އަޅުވެތިކަމަށް'' ޚާއްސަ ކަވަރޭޖްގައި ސަލީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އެ މުއައްސަސާތަކަށް އައްޔަނުކުރާ ފަރާތްތަކުގެ އިޚްލާސްތެރިކަން އިންތިހާއަށް މުހިންމު ކަމަށެވެ.
ސަލީމް ވިދާޅުވީ ކަންކަމުގައި އިހްލާސްތެރި މީހުން ބައިވެރިވެގެން މަސައްކަތް ކުރުމަކީ ކަންކަމަށް އޮތް ވަރަށް ބޮޑު ހައްލެއް ކަމަށެވެ.
މީގެ އިތުރުން މިހާރު މިނިވަން މުއައްސަސާތައް ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުން ރައީސް ބޭނުންފުޅުވާ ބޭފުޅުން އައްޔަނުކުރާއިރު، މުއައްސަސާތަކުގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަކިން ޚާއްސަކޮށް، އިލެކްޝަންސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނަރަލް އޮފީސް ފަދަ ތަންތަނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.
މުއައްސަސާތަކުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް މިއަދު އޮތީ ވަޒީފާގެ ބިރުވެރިކަން ކަމަށެވެ.
އެހެންކަމުން އަމިއްލަ ވަޒީފާ ހިމާޔަތްކުރުމަށް އެހެން މީހުންގެ ހައްގުތައް ގުރުބާން ކުރާ ކަމަށާއި، މީގެ ސަބަބުން ބޮޑު ގެއްލުމެއް މަސައްކަތްތެރިންނަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މިނިވަން މަސައްކަތްތެރިވާން ބޭނުންވިއްޔާ، ފުރަތަމަ ކަމަކީ، އަޅުގަނޑުމެންގެ ނަފްސަށް އިތުބާރުކޮށް، އަޅުގަނޑުމެން މިނިވަންވާންޖެހޭ އިހްލާސްތެރިކަމާ އެކީގައިއާދަމް ސަލީމް
ސަލީމް ވިދާޅުވީ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މަސައްކަތްތެރިން ޔޫނިއަނުން އެކަތިގަނޑަކަށް ވެގެން ނުކުމެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރާނަމަ، ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.









