Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިސްލާހީ މަސައްކަތުގައި 20 އަހަރު. ހަމައެކަނި އޮތީ ވޯޓުލީތަނެއްގައި ނަތީޖާ ފާޅުކުރުން އެކަނި

ގާނޫން އަސާސީގައި ތިންބާރު ވަކިވެފައި އޮތަސް މިހާރު މިއޮތީ ހުރިހާ ބާރެއް އެކުވެފައެވެ. ހުރިހާ ބާރެއްގެ ވެރިއަކީ މިއަދު ޑރ މުއިއްޒެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ޖޫން 2025 | ބުރާސްފަތި 09:01
ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރުތަކެއް އަތްޕުޅަށް ނަންގަވާ ރާއްޖޭގައި ކުޑަވަރެއްގެ ރަސްކަމެއް ގާއިމު ކުރައްވަންހެން ހީވާ ވަރަށް ކަންކަން ދަނީ ގޯސް ވަމުން

ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރުތަކެއް އަތްޕުޅަށް ނަންގަވާ ރާއްޖޭގައި ކުޑަވަރެއްގެ ރަސްކަމެއް ގާއިމު ކުރައްވަންހެން ހީވާ ވަރަށް ކަންކަން ދަނީ ގޯސް ވަމުން

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. އެންމެ ދުވަސްވީ ޕާޓީ އުފެއްދުމުގެވެސް ކުރިއެވެ. މިއަދު މިދެކޭ އިސްލާހީ ވާހަކަތައް ފަހުގެ ތާރީޚެއްގައި ފެށި ދުވަސްވަރެވެ.

އޭރު އޮތް ދިގު ތިރީސް އަހަރުގެ ވާހަކަ އިތުރަކަށް ދައްކާކަށް ނެތީމެވެ. އެވެރިކަން ބަދަލު ކުރަން ނުކުތް ގޮތުގެ މާ ބޮޑު ތަފްސީލް ތަކަށާއި އޭރުގެ ހާލަތުގެ ވާހަކަވެސް އިތުރަކަށް މިހާރު ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށްވެސް ނުދެކެމެވެ.

ކުރުކޮށް ފޮނިކޮށް ބުނަންޏާ އޭރު ބަދަލަކަށް ނުކުތް މީހުންގެ މައިގަނޑު ބޭނުމަކީ ނިޒާމް ބަދަލު ކުރުމެވެ. ވެރިކަން ކުރަމުން އައިގޮތް ބަދަލު ކުރުމެވެ. ހުރިހާ ބާރެއް އެކެއްގެ އަތްމަތީގައި އޮތްއޮތުން ނިމުމަކަށް ގެނައުމެވެ. އޭރު އެންމެ ގިނައިން ދެކެވުނު އެއްވާހަކައެއް ތަކުރާރުކޮށްލާނަމެވެ.

ވެރިކަން ކުރަނީ މައުމޫނެވެ. ވެރިކަން ކުރާ ގޮތް ބަލަނީ މައުމޫނެވެ. ވެރިކަން ކުރާންވީ ގޮތް ކަނޑައަޅަނީ މައުމޫނެވެ. ގާނޫންތައް ހަދާން އޮތް މަޖިލީހަށް ބަޔަކު އިންތިޚާބު ކުރިއަސް އޭގައިވެސް ތިބެނީ މައުމޫނުގެ ވަޒީރުންނެވެ. އަދްލު އިންސާފްގެ އެންމެ މަތީ ވެރިޔާއަކީވެސް މައުމޫނެވެ. ސަރުކާރުން ކުރިއަސް އާއްމު މީހަކު ކުރިއަސް އަދި ޚުދު މައުމޫނު ކުރެއްވި ކަމެއްގައިވެސް ކޯޓުން ނިންމާ ނިންމުމަށް ފަހުބަސް ވިދާޅުވާނީ މައުމޫނެވެ. ބޭސްފަރުވާއަށް ސަލާންޖަހާ މީހާއަށް އެއްޗެއް ދިއްކޮށްލާނީވެސް މައުމޫނެވެ. ސަރުކާރުގައި ތިބޭނީވެސް މައުމޫނުގެ މީހުންނެވެ. މައުމޫނު ބޭނުން ނުވީމާ އެމީހުންގެ ވަޒީފާވެސް ޚަތިމްވާނެއެވެ. ރަށްރަށާ އަތޮޅުތައް ހިންގާން ތިބޭ ކަތީބުންނާ އަތޮޅުވެރިންވެސް އައްޔަން ކުރާނީވެސް މައުމޫނަށް ފެންނަ ގޮތަކަށް މައުމޫނެވެ. މިހުރިހާ ކަމެއްގެ ވާހަކަ ދެއްކޭނީވެސް މައުމޫނު ބޭނުންވި ވަރަކަށް ބޭނުންވި މިންވަރަކަށެވެ. އޭރުއޮތް މައުމޫނުގެ އިންފޮމޭޝަން މިނިސްޓްރީން އަންގާ ގޮތަކަށެވެ. ވޯޓުލާނީވެސް މައުމޫނަށް ތާއީދު އޮތްތޯ ނެތްތޯ ބެލުމަށެވެ. ޖަހަންވާނީވެސް ކުޑަކާފެއް ނުވަތަ ބޮޑުކާފެކެވެ. ވޯޓުލީ ވޯޓުފޮށި ގުނާން ގެންނާންވާނީ މާލެއަށެވެ. ގެންނައިރު ފޮށީގައި ލައިފާ ހުންނަ ތަޅުދަނޑީގެ ޑަބަލް އޮންނާނީ މައުމޫނު ދިން މީހެއްގެ އަތުގައެވެ.

މައުމޫނޭ މިބުނަނީކީ ކޮންމެހެން މައުމޫނު ވެގެނެއް ނޫނެވެ. އޭރުއޮތް އެ ތިރީސް އަހަރުގެ ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނު ކަމަށްވީތީއެވެ. މުޅި ނިޒާމް ރޭވިފައި އޮތީ އެހުރިހާކަމެއް އޭރު ހުންނަވާ ވެރިއަކަށް ކަމަށްވާތީ އޭރު ހުންނެވީ މައުމޫނު ކަމަށްވީތީއެވެ.

އިސްލާހީ މަސައްކަތޭ، މުޅިން އެހެން ގޮތެއް ހޯދުމޭ، ނިޒާމް ބަދަލުކުރުމޭބުނެ އިސްލާހީ މަސައްކަތް ފެށުނީ މިހެންވެގެނެވެ. އެކަން ބަދަލުކޮށް ލިޔެވިފައިވާ ތަރުތީބަކުން ބާރުތައް ވަކިވެފައިވާ އަދި އެއްބަޔަކު އަނެއް ބަޔަކަށް ޖަވާބުދާރީ ވާންޖެހޭގޮތައް ބަދަލުކުރުމުގެ މަސައްކަތް ފެށީ އެގޮތް ކަމުނުގޮސްގެންނެވެ. ޚުދު ރައީސް މައުމޫނުވެސް ބޭނުންފުޅުވެގެން އެމަނިކުފާނު ހުށަހެޅުއްވި އިސްލާހީ އެޖެންޑާއާ އޭރުގެ އިދިކޮޅުން ދެއްކި ވާހަކަތަކާއެކު އިސްލާހީ ބަދަލުގެންނަން އެކަށައެޅި އެންމެބޮޑު އެއްޗަކީ މިހާރު އޮތް ގާނޫން އަސާސީއެވެ. އޭގައި މިބުނާ ބަދަލުތައް ގެނެސް ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ހަމަތަކެއް ހިމަނައިގެން ހިންގަންފެށި ރިޔާސީ ނިޒާމުގައި ބަދަލުތަކެއް އެވަނީ އައިހެވެ. އެންމެ ބަދަލެއް ދެބަދަލެއް ނޫނެވެ. ބަލާލި ކޮންމެ ކަމަކުންވެސް ތަފާތު އެތައް ބަދަލެކެވެ. އޭގެތެރެއިން އެންމެ ބޮޑު އެއްބަދަލަކީ ނުރުހޭ ކަންކަން ހާމަކުރެވޭގޮތައް އޮތް ބަދަލެވެ. ކަންކަމުގައި ދެކޭގޮތް ބުނުމާއި ތިމާމީހާއަށް ކަށަވަރު ކަންތައްތަކެއް ހުރިކަން މުތުލަގަށް ފެންނާން ހުރުމާއި އެކަން ނުވާނަމަ އެވާހަކަ ބުނެވުމުގެ ބަދަލެވެ.

މިގެނައި ބަދަލުތައް ގެނައުމުގެ ވާހަކަ އެންމެ ބާރަށް ދެއްކި ދުވަސްވަރާއި އެކަމުގައި ހިންގި ހަރަކާތަކަށް ހެޔޮވަރު 20 އަކަށް އަހަރަށްވުރެ ގިނަވީއެވެ. މިއަދު އުފެދޭ ސުވާލަކީ މިހާރު މިތިބީ ކިހާ ހިސާބެއްގައި ހެއްޔެވެ. އޭރު ހޯދި މިނިވަންކަން މިހާރު އެބައޮތް ހެއްޔޭއެވެ. ރައްޔިތުން ބޭނުންވި ހެޔޮގޮތް މިހާރު ލިބޭ ހެއްޔޭއެވެ. ބެހިފައިވާ ބާރުތައް އެގޮތައް ހަށިފޮޅާލައިގެން މަސައްކަތް ކުރެވޭ ހެއްޔެވެ.

ގާނޫން އަސާސީގައި ކަޅާހުދުން ކިތައްމެ ރީތިކޮށް ލިޔެވިފައި އޮތަސް ފެންނަ މަންޒަރުތަކުން މިހާރު މުޅިއަކުން އޭރު އެނުކުތް ބަދަލު ތަންފީޒް ކުރެވެމުންދާކަމުގެ އިހުސާސް ނުކުރެވޭކަން ހާމަވެއެވެ. އަހާލި ކޮންމެ ދިމާލަކުންވެސް ގިނަބަޔަކު އެކަމަށް އެއްބަސްވެއެވެ. އަސާސީގައި އޮތް ތަރަހަ ބުނެދީ ކަންކުރާން ޖެހޭނޭގޮތް ފާރަވެރިކަމާއެކު ބުނެދޭން އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބީ އެފަދަ ހާލަތެއްގައެއް ނޫނެވެ. އެވެރިން އެވެރިންނަށް ބުނެވޭ އެއްޗަކުން އެވެރިންގެ މެންބަރުކަމުގެ އަޖަލު ޖެހޭނެކަން ޔަގީންވާތީ ވެރިމީހާ ވިދާޅުވީމާ ވިދާޅުވިހާ އެއްޗަކަށް އާންހޫން ކިއުން ނޫން އެއްވެސް ގޮތެއް ނެތެވެ. އެއީ މިހާރު މައުމޫނު އިރަށްވުރެވެސް ވެރިކަމުގައި ހުންނެވި މުއިއްޒުގެ މުށުތެރޭގައި އޮތް ތަނެކެވެ. އެބާރު އެއޮތީ ވެރިކަމުގައި ހުންނެވި މުއިއްޒުގެ އަތްމަތީގައެވެ. ނަތީޖާއެއްގެ ގޮތުން އެތަނުން ހަދާނެ އެއްޗެއް ހަދައިގެން މުއިއްޒު ބޭނުންވިގޮތައް އަދްލު އިންސާފުގެ ބާރު އެވަނީ އަނބުރާލާފައެވެ. މުތުލަގަށް ތިންބާރުވެސް އެވަނީ މައުމޫނު ނޫނަކަސް މުއިއްޒުގެ ފައިކޭޓުގައެވެ. އެހުރިހާ ކަމެއްގެ ފަހުބަސް ބުނާނީ މައުމޫނު ފަދައިން މިހާރު މުއިއްޒެވެ.

ގެނައި ބަދަލުތަކާއެކު ލާމެހިފައިވާ މިނިވަން މުއައްސަސާތައް ހުރީ އެއަށްވުރެވެސް ނިކަމެތި ހާލުގައެވެ. ނަމުން މިނިވަންވިއަސް މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވީމާ ނޫންގޮތަކަށް ނޫސްބަޔާންގަޑެއް ނެރެލާ އެއްޗެއްވެސް ބުނެވޭނެ ލާހިކު ކަމެއް ނެތިއެވެ. ޖަވާބުދާރީވުމެއް ޖަވާބުދާރީ ކުރުވުމެއްނެތި މުއިއްޒުގެ މުށުތެރެއަށްގޮސް ހުސްވީއެވެ.

މިވާހަކަ ދައްކާން ލިބުނު ބާރާއެކު ހަށިފޮޅާލި މީޑިޔާގައިވެސް އެވަރުގެ ފަންވަރެއް ނެތެވެ. މުސާރަދެވޭވަރުގެ އިސްތިހާރެއްދެނީ މުއިއްޒުދޭނެ ނޫހަކަށެވެ. މިވާހަކަ މިގޮތައް ބުނެ މި ނޫހުގައި / މިޓީވީގައި މިހެން ބުނާއިރަށް މާދަމާވެސް މިތަނަށްވަދެ މިތަން ހުއްޓުވާނޭ ބާރާއެކު މުއިއްޒު ލެއްވި މީހުން އެތިބީ ބްރޯޑްކާސްޓިންކޮމިޝަނުގައި އޯޑަރަށް ތައްޔާރީ ހާލަތުގައެވެ. ކަން ކޮންމެ ގޮތަކަށް އޮތަސް އެތަނުން އެންގީމާ އޮންއެއަރއަށް ކަޅު ސްކްރީން އަޅުވާލައިގެން ތިބުންނޫން އެއްވެސް ބާރެއް މީޑިޔާއަކަށްވެސް ނެތެވެ.

ހާސަރުތައް ދަމައިގެން ދިއުޅި ދިގުކުރުމުގެ ބޭނުމެއްނެތެވެ. ކިތައްމެ ވާހަކައެއް ދެއްކިއަސް ޚުލާސާއަކީ އެންމެ ވާހަކައެކެވެ. މިތިބީ އިހުހުރިތަނުގައި ކަމެވެ. އަނބުރާހޭރިޔާކޮށްކޮށްފައިވެސް އައިސް މިލެފުނީ ފުރިތަނަށް ކަމެވެ. ގެނައި ބަދަލާ ކުރި އުއްމީދުތައް އެފުށްމިފުށަށް ޖެހިނިމިއްޖެ ކަމެވެ.

ބައްޕަމެން ބުނާތީ އަހަމެވެ. ކޮޅިގަނޑުގައިޖެހި ރިޔާ ތަޅާލިއަސް ހިކިފަސްތަނެއް އަތުވާނޭ ގޮތެއް އޮވެދާނެއެވެ. ހިތްވަރުނެރެ ހަފަލިން ހެޔޮވަރަށް ފެނުއަޅުވާލާފައި ދުނިޔޭގެ ކެތައް ޖަހާލުމެވެ. ނަގާ ރާޅުގައި ފަލި ފެނުގައި ޖެހޭފަހަރާ ނުޖެހޭ ފަހަރުވެސް އަންނާނެއެވެ. ޖެހުނު ފަހަރުގައި ފެނުގާ އަޅުވާފައިގޮސް ފުއްޓަރުފަރާތުން ބަނޑުފިލާ ގާނަމުންވިއަސް ގެންގޮސް ފަޅުތެރެއަށް އޮޑި އެތެރެ ކުރެވޭތޯ ބަލާށެވެ. އެބީދައިން އަތްދަށުން މިވަގުތައް ނުގޮސް އޮތީ އެފަލި އެކަންޏެވެ. ލާ ވޯޓު ކަރުދާސްކޮޅުގައި ޖަހާފާހަގަ ޖަހާނީ އަމިއްލައަށްކަމެވެ. އެލީ ވޯޓު ބަދަލުކުރަން އެފޮށި އެތަނުން އުފުރާ ނުލެވޭނެ ކަމެވެ. ވޯޓުލީ ތަނެއްގައި އެތަނެއްގައި އެވޯޓު ގުނާނެ ކަމެވެ. އޮތީ މުއިއްޒުދޭ ވަގުތީ ވަޒީފާގައި ނުޖެހި ކުޑަކާފާ ބޮޑުކާފު ދޫކޮށްލި ގޮތައް އަނެއްކާވެސް ސީދާ ބަދަލަށް ވޯޓުލާ ނިންމުމެވެ.

މައުމޫނުމުއިއްޒުނިޒާމް ބަދަލުކުރުންއިސްލާހީ މަސައްކަތްތިންބާރު ވަކިކުރުންމިނިވަން މުއައްސަސާތައްމީޑިޔާ ނިކަމެތިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން

ޕަރފޯމޭންސް ބޭސްޑް ބަޖެޓެއް ހަދައިފިއްޔާ މި ސަރުކާރު ވަޅުލާނެ: ޔާމީން

16 ނޮވެމްބަރު 2025
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް، އޭސީސީ އަށް ހާޒިރުވާން އަންގައިފި

އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް، އޭސީސީ އަށް ހާޒިރުވާން އަންގައިފި

09 އޮކްޓޯބަރު 2025
މީޑިއާގެ އަޑަކީ މުޅި ގައުމެވެ. އެ އަޑު މަރާލައި ކަފުން ކުރުމަކީ މުޅި ގައުމު މަރާލައި ކަފުން ކުރުމެވެ.

މީޑިއާގެ އަޑަކީ މުޅި ގައުމެވެ. އެ އަޑު މަރާލައި ކަފުން ކުރުމަކީ މުޅި ގައުމު މަރާލައި ކަފުން ކުރުމެވެ.

13 ސެޕްޓެމްބަރު 2025
މިހާރު އޮތް ޓުއަރިޒަމް ހަރާމްތޯ؟

މިހާރު އޮތް ޓުއަރިޒަމް ހަރާމްތޯ؟

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު