ޓީ-ރެކްސް "ގަސް" 50 މިލިއަން ޑޮލަރަށް ވިކި ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި
ސައުތު ޑަކޯޓާއިން ފެނުނު 67 މިލިއަން އަހަރުވީ "ގަސް" ނަމަކަށް ކިޔާ މި ޓީ-ރެކްސް ކަށިގަނޑަކީ މިހާތަނަށް ފެނުނު އެންމެ ފުރިހަމަ އަދި އެންމެ ބޮޑު އެއް ފޮސިލް. މި ކަށިގަނޑުގެ 61 އިންސައްތަ ފުރިހަމައަށް ހުރިއިރު، މީގެ ކުރިން ނީލަމެއްގައި ވިއްކާލި އެންމެ އަގުބޮޑު ފޮސިލްގެ ރެކޯޑު މިއާއެކު ވަނީ މުގުރާލާފަ. މި ފޮސިލް ގަތް ފަރާތުން މިއާ މެދު އަމަލުކުރާނެ ގޮތެއް ބެލުމަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރު ކުރަމުން.


ނިއުޔޯކުގައި ހުންނަ ސަދަބީސް ބްރޫއާ އިމާރާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، "ގަސް" ގެ ނަމުން ނަންދީފައިވާ ޓައިރަނޯސޯރަސް ރެކްސް (ޓީ-ރެކްސް) އެއްގެ ކަށިގަނޑު ދައްކާލަނީ | ގެޓީ އިމޭޖަސް
ނިއުޔޯކްގެ ސޯތެބީސް އޯކްޝަން ހައުސްގައި އަންގާރަ ދުވަހު ބޭއްވި ނީލަމެއްގައި، ސައުތު ޑަކޯޓާއިން ފެނުނު "ޓައިރަނޮސޯރަސް ރެކްސް" (ޓީ-ރެކްސް) އެއްގެ ކަށިގަނޑު 50,130,000 (ފަންސާސް މިލިއަން އެއްލައްކަ ތިރީސް ހާސް) އެމެރިކާ ޑޮލަރަށް ވިކި، ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި އެވެ. މިއީ މިހާތަނަށް ނީލަމެއްގައި ވިއްކާލި އެންމެ އަގުބޮޑު ކަށިގަނޑެ އެވެ.

މީގެ ގާތްގަނޑަކަށް 67 މިލިއަން އަހަރު ކުރީގެ މި ކަށިގަނޑަށް ދީފައިވާ ނަމަކީ "ގަސް" އެވެ. މި ނަން ދީފައިވަނީ މި ކަށިގަނޑު ފެނުނު ބިމުގެ ވެރިޔާ، ސައުތު ޑަކޯޓާގެ ހާޑިން ކައުންޓީގެ ގެރިބަކަރި ގެންގުޅޭ ދަނޑުވެރިއެއް ކަމަށްވާ ގޭރީ 'ގަސް' ލިކިންއަށް ނިސްބަތްކޮށެވެ. އޭނާ މަރުވީ 2022 ވަނަ އަހަރު، މި ކަށިގަނޑު ކޮނެގެން ނެގުމުގެ މަސައްކަތް ފެށިތާ އެއް އަހަރު ފަހުންނެވެ.
ސޯތެބީސްއިން ބުނާ ގޮތުގައި "ގަސް" އަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު ޓީ-ރެކްސްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މި ޑައިނަސޯގެ ދިގުމިނުގައި 38 ފޫޓު އަދި އުސްމިނުގައި 12.5 ފޫޓު ހުރިއިރު، އޭގެ ބޮލުގެ ނާށިގަނޑުގެ ބޮޑުމިނުގައި 54 އިންޗި ހުރެ އެވެ. މި ކަށިގަނޑުގައި 183 ބައި ހިމެނޭއިރު، މިއީ މުޅި ކަށިގަނޑުގެ 61 އިންސައްތަ އެވެ. ނަމަވެސް ބަރުދަނަށް ބަލާއިރު މިއީ މުޅި ޖަނަވާރުގެ 75 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރެކެވެ.

މީގެ ކުރިން ފޮސިލް ނީލަމެއްގެ ރެކޯޑު އޮތީ "އެޕެކްސް" ނަމަކަށް ކިޔާ ސްޓެގޯސޯރަސްއެއްގެ އަތުގަ އެވެ. އެ ފޮސިލް 2024 ވަނަ އަހަރު ބިލިއަނަރު ކެން ގްރިފިން ގަތީ 44.6 މިލިއަން ޑޮލަރަށެވެ. އެ ކަށިގަނޑު މިހާރު ހުރީ 4 އަހަރުގެ މުއްދަތަކަށް ނިއުޔޯކްގެ މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއަށް ލޯނެއްގެ ދަށުން ދީފަ އެވެ.

"ގަސް" ވިކޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވަނީ 20 މިލިއަނާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށެވެ. ނަމަވެސް ނީލަން ކާމިޔާބުކުރި ފަރާތުން އަގު ހުށަހެޅީ ފޯނު މެދުވެރިކޮށެވެ.
ސައިންސްވެރިންނާއި ގަންނަން ބޭނުންވާ ފަރާތްތަކުގެ ޝައުގުވެރިކަން "ގަސް" އަށް ހުއްޓުނު ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ބޮލުގެ ނާށިގަނޑުގެ 82 އިންސައްތަ އަސްލު ކަށި ހުރިއިރު، އާންމުކޮށް ނުފެންނަ "ވިޝްބޯން" އާއި، މުޅި އުނަގަނޑުގެ ކަށިގަނޑާއި، ދެ ފައިގެ ކަށިތައްވެސް މީގައި ހިމެނެ އެވެ. ސޯތެބީސްއިން ބުނި ގޮތުގައި ދެ ފައިގެ ކަށިތައް މިހާ ފުރިހަމައަށް ހުރި ޓީ-ރެކްސްއެއް މީގެ ކުރިން ފެނިފައިވަނީ އެންމެ އެކައްޗެކެވެ. މީގެ އިތުރުން، މި ޑައިނަސޯ ދިރިހުރިއިރު ލިބިފައިވާ އަނިޔާތަކާއި ކަށި ބިންދައިގެން ގޮސްފައިވާ ނިޝާންތައްވެސް މި ކަށިގަނޑުން ފެންނަން ހުރެ އެވެ.

މިހާރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ، އަދި ކާކުކަން ނޭނގޭ މި ކަށިގަނޑު ގަތް ފަރާތަށާއި، އެ ފަރާތުން މި ފޮސިލްއާ މެދު ނިންމާނެ ގޮތަކަށެވެ.
މަސްދަރު: ސީ.އެން.އެން



