ހަނގުރާމަ ހުއްޓާލުމަށް އެންމެ ފަހުން ވީ އެއްބަސްވުމާ ކެމްބޯޑިއާ އިން ޚިލާފުވެއްޖެ ކަމަށް ތައިލެންޑުން ބުނެފި
ތައިލެންޑާއި ކެމްބޯޑިއާ ދެމެދު ހިނގި ހަފްތާތަކެއްގެ ހަނގުރާމައިގައި އެތައް ބައެއްގެ ފުރާނަ ގެއްލި، އެއް މިލިއަނަށް ވުރެ ގިނަ ރައްޔިތުން ގޯތިގެދޮރު ދޫކޮށް ދިޔަ. ޗައިނާ އާއި އެމެރިކާ އިން ބާރުއެޅުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށް، ތައިލެންޑުން ތުހުމަތުކުރީ ކެމްބޯޑިއާ އިން ޔޫއޭވީ އުދުއްސާ އެއްބަސްވުމާ ހިލާފުވި ކަމަށް. .

ތައިލެންޑް ސިފައިން ބުނީ ކެމްބޯޑިއާގެ ފަޅިން އުދުހެމުން ދިޔަ 250 އަށް ވުރެ ގިނަ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ފެނުނު ކަމަށް
ހަނގުރާމަ ހުއްޓާލުމަށް އެންމެ ފަހުން ވީ އެއްބަސްވުމާ ކެމްބޯޑިއާ އިން ހިލާފުވެއްޖެ ކަމަށް ތައިލެންޑްގެ ސިފައިން ތުހުމަތު ކޮށްފި އެވެ.
އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ ހަފްތާތަކެއްގެ ކުރިމަތިލުންތަކަށް ފަހު، އެއް މިލިއަނާ ގާތްކުރާ އަދަދެއްގެ ރައްޔިތުންނަށް އެމީހުންގެ ގޯތިގެދޮރު ދޫކޮށް ދާން މަޖުބޫރުވި ހާދިސާތަކެއްގެ ތެރެއިން ސޮއިކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމުގެ ތުހުމަތު ކުރީ ތައިލެންޑްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނު ގައި ތައިލެންޑްގެ ސިފައިން ބުނެފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ރޭ ކެމްބޯޑިއާ އިން 250 އަށް ވުރެ ގިނަ މީހަކު ނެތި އުދުހޭ މަތިންދާ ބޯޓު (ޔޫއޭވީ) ކެމްބޯޑިއާ ފަޅިން އުދުހުނު ކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ފަރާތުން އަމަލު ކުރަން ފެށީ ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ދެފަރާތުން ވެސް އެއްބަސްވެފައި ވަނީ މިހާރު ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިތުރު ސިފައިންނާއި ހަތިޔާރު އެ ސަރަހައްދުތަކަށް ނުފޮނުވުމަށާއި، ބޯޑަރު ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާވެސް އަވަހަށް އެނބުރި ގެއަށް ދިޔުމުގެ ހުއްދަ ދިނުމަށެވެ.
މި އެއްބަސްވުމަކީ، ދެ ގައުމުގެ ދެމެދުގައި ކުރެވުނު އެތައް ދުވަހެއްގެ މަޝްވަރާތަކަށް ފަހު ޗައިނާ އާއި އެމެރިކާގެ ބާރުއެޅުމުގެ ތެރެއިން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ރޯޔަލް ތައި އާމީން ބުނެފައި ވަނީ ކެމްބޯޑިއާގެ މި ހަރަކާތްތަކަކީ "ހަމަނުޖެހުން ކުޑަކުރުމަށްޓަކައި އެޅި ފިޔަވަޅުތަކާ ހިލާފުވުމާއި ހާލަތު ގޯސްކުރުމުގެ އަމަލެއް" ކަމަށެވެ. އަދި މިކަންކަން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ "ޚިލާފް" ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ޖުލައި މަހުން ފެށިގެން ތައިލެންޑްގައި ބަންދުކޮށްފައި ތިބި ކެމްބޯޑިއާގެ 18 ސިފައިން ދޫކޮށްލުމާ މެދު "އަލުން ވިސްނަން ޖެހިދާނެ" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެއްބަސްވުންތަކާއި ގައުމީ ސިޔާދަތަށް އަރައިގަތުން ކުރިއަށްދާ ނަމަ، ތައިލެންޑަށް ރައްދު ދޭން މަޖުބޫރުވާނެ،" ކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެމްބޯޑިއާގެ ފޮރިން މިނިސްޓަރު ޕްރާކް ސޮކޯން މި ހާދިސާ ސިފަކުރެއްވީ "ބޯޑަރު ކައިރިން ދެފަރާތަށް ވެސް ފެނުނު ޑްރޯންތަކަކާ ގުޅުންހުރި ކުޑަ މައްސަލައެއް" ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ތައުރީފު ކުރެއްވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި އެއްބަސްވުމަށް ތައުރީފު ކުރައްވާފަ އެވެ.
ތައިލެންޑާއި ކެމްބޯޑިއާ އާ ދެމެދު ހިނގާ މި ހަމަނުޖެހުންތަކަކީ އާ މައްސަލަ އެއް ނޫނެވެ. މިއީ ޒަމާންތަކަކަށް ދިގު ދެމިގެން ގޮސްފައިވާ، ގަރުނަކަށް ވުރެ ދިގު ތާރީޚެއް އޮތް މައްސަލައެކެވެ.
އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުނީ މި އަހަރުގެ ކުރީކޮޅު، ކެމްބޯޑިއާގެ އަންހެނުންތަކެއް ދެ ގައުމުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ ފައްޅިއެއްގެ ކައިރީގައި ގައުމީ ލަވަ ކިޔައި ހެދުމުންނެވެ.
މިދިޔަ މެއި މަހު ހިނގި ކުރިމަތިލުމެއްގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވިއެވެ. މިކަމުގެ ސަބަބުން މި ދެ ގައުމުގެ ގުޅުން ވަނީ ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ ދަށް މިންވަރަކަށް ވެއްޓިފައެވެ.
ބޯޑަރު ސަރަހައްދުގައި ފަސް ދުވަހުގެ ވަރުގަދަ ހަނގުރާމައެއް ހިނގާފައިވާއިރު، މި ހާދިސާގައި ދިހަވަރަކަށް ސިފައިންނާއި އާންމުން މަރުވެ، އިތުރު އެތައް ހާސް އާންމުން ވަނީ ހާލުގައި ޖެހި، ގޯތިގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ހަނގުރާމަ ހުއްޓާލުމަށް ޖުލައި މަހު އެއްބަސްވެ، އޮކްޓޯބަރު މަހު އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ނަމަވެސް، މި އެއްބަސްވުމާ ޚިލާފުވެ މި މަހުގެ ކުރީކޮޅު ވަނީ ހަމަލާތައް ބަދަލު ކޮށްފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކަމަށް ދެފަރާތުން ވެސް އަނެއް ފަރާތައް ކޮށްފައިވެ އެވެ.






