Advertisement
ކ. މާލެ
|
11 ޑިސެންބަރ 2025 | ބުރާސްފަތި 15:22
ކަށި މިޔަރު ގެ މަސްވެރިކަމަށް ހުއްދަ ދިން މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ވަނީ ހުށަހަޅާފައި
ކަށި މިޔަރު ގެ މަސްވެރިކަމަށް ހުއްދަ ދިން މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ވަނީ ހުށަހަޅާފައި
އޮޓްލިބްރަރީ.ކޮމް
ކަށި މިޔަރު
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި
ރާއްޖޭގައި މަނާކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލިއިރު، ސައިޓީސް އިން ވަނީ ކަށި މިޔަރު ހިމާޔަތް ކުރުމަށް އެ މުއާހަދާގެ އެޕެންޑިކްސް 2 ގައި ހިމެނުމަށް ފާސް ކޮށްފައި
ގައުމީ ސާވޭއަކުން ދައްކާ ގޮތުން ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް 77 އިންސައްތަ ރައްޔިތުން ދެކޮޅު

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާފައިވާތީ އެކަން ހުއްޓުވުމަށް ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ހައިކޯޓުގެ ރަޖިސްޓްރީ ދައްކާ ގޮތުން ދައުލަތާއި ދެކޮޅަށް މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ހުމައިދާ އަބްދުއްޣަފޫރު / ހ. ޝޭޑީކޯނަރ އަދި މުހައްމަދު ސިނީން / މ. މާމުލި އެވެ. މި ދެމީހުންނަކީ ވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ދެ އެކްޓިވިސްޓުންނެވެ.

ދައުލަތާ ދެކޮޅަށް ހުށަހެޅި މި މައްސަލަ ހައިކޯޓަށް ހުށަހެޅީ އަންގާރަ ދުވަހު އެވެ. ނަމަވެސް އަދި މި މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން ގޮތެއް ނުނިންމަ އެވެ.

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާފައިވާ އިރު، އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ކަށި މިޔަރު ހިމެނޭ ގޮތައް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފައެވެ. މި ގޮތައް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަޤްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ ބައިނަލް އަގުވާމީ ވިޔަފާރި އަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ އެވެ. ހުސްވި ނޮވެމްބަރު މަހު ބޭއްވި ސައިޓީސް ގެ ބައްދަލުވުމުގައި ކަށިމިޔަރު ވަނީ އެ މުއާހަދާ ގެ އެޕެންޑިސް 2 ގައި ހިމަނަން ފާސް ކޮށްފަ އެވެ.

ސަރުކާރުން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިން އިރު، ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ވަނީ ހާމަ ވެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.

ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.

ގަލްޕަރ ޝާކް - ނުވަތަ ކަށިމިޔަރަކީ ޑޯގްފިޝްގެ ބާވަތެއްގެ މިޔަރެކެވެ. އެވްރެޖްކޮށް މި މިޔަރުގެ ދިގުމިނަކީ 90 ސެންޓިމީޓަރު (3 ފޫޓު) އެވެ. މި މިޔަރު ބޭނުމުގެ މައިގަނޑު މަޤްޞަދަކީ އޭގެ ހަށިގަނޑުގައި ސްކުއަލީން މާއްދާ މަތީ މިންވަރަކަށް ހުންނަ މޭގަނޑުގެ ބޭނުމަށެވެ. ދުނިޔޭގައި މި މާއްދާ ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޒީނަތްތެރިވުމުގެ ސާމާނު އުފައްދާ ސިނާއަތުގައެވެ. އަދި ބައެއް ބޭސްވެރިކަމުގެ ބޭނުންތަކުގައި ވެސް މެއެވެ.

2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ދައްކައިދޭ ގޮތުގައި، 1982 އާއި 2002 އާ ދެމެދު ދިވެހިރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަށި މިޔަރުގެ އާބާދީ ވަނީ 97 އިންސައްތަ ދަށްވެފަ އެވެ. އަދި 1994 ވަނަ އަހަރާ ހަމައަށް އައި އިރު މިބާވަތުގެ މަސްވެރިކަން ވަނީ މުޅިންހެން ހުލިވެފަ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަށް، މި ސާވޭ ހެދި ތިން ޖަމްޢިއްޔާއިން ގޮވާލާފައި ވަނީ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ ދަށުން ދިވެހިރާއްޖެ އިން ވެފައިވާ ބައިނަލްއަޤްވާމީ އިޤްރާރުތަކާ އެއްގޮތަށް މިޔަރު ސެންކްޗުއަރީގެ ހައިސިއްޔަތު ދެމެހެއްޓުމަށެވެ.

- ކޮމެންޓް