ނޮވެމްބަރު 1 ން ފެށިގެން ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދޭނެ ކަމަށް ހދ. ކުޅުދުއްފުށީ ގައި ރައީސް މުއިއްޒު އިއުލާނު ކުރައްވާފައި ވާއިރު، އެ ބާވަތުގެ މަސްވެރިކަމަށް ރައްޔިތުން ދެކޮޅު ކަން ޤައުމީ ސާވޭ އަކުން ދައްކައިފިއެވެ.
ބުލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމުގެ ޖަމްޢިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު މި ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.
ސާވޭގައި ބައިވެރިވި މީހުންގެ 61 އިންސައްތަ މީހުން ބުނެފައި ވަނީ، ދުނިޔޭގައި ހުރި 17 މިޔަރު ސެންކްޗުއަރީގެ ތެރެއިން އެއް ސެންކްޗުއަރީ އަކީ ދިވެހިރާއްޖެ ކަން އެމީހުންނަށް އެނގިފައިވާ ކަމުގައެވެ.
ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރިއެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.
"ދިވެހިރާއްޖޭގެ މިޔަރު ސެންކްޗުއަރީ އަކީ ދުނިޔޭގައި ފާހަގަ ކުރެވޭ، އެންމެ މަތީ ދަރަޖައިގައި ތިމާވެށި ރައްކާތެރިކުރުމުގެ ރާއްޖޭގެ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެވެ،" މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހާ ހާޝިމް ބުނެފައިވެއެވެ. "ގަލްޕަރ ޝާކު (ކަށިމިޔަރު) މަސްވެރިކަން އަލުން ފެށުމަކީ އަޅުގަނޑުމެންގެ ކަނޑުގެ ތިމާވެއްޓަށާއި، އިޤްތިޞާދަށާއި، އަދި ދުނިޔޭގައި އަޅުގަނޑުމެންގެ ނަން މަޝްހޫރުވެފައިވާ ގޮތަށް ނުރައްކާވާނެ ކަމެކެވެ."
"މި ތަރިކަ ރައްކާތެރި ކުރުމުގައި ސަރުކާރުގެ ދައުރު ވަރަށް މުހިންމެވެ - ސައިންސުން ސާފުކޮށް ދައްކައިދެނީ: ގަލްޕަރ ޝާކުގެ އާބާދީއަށް މަސްވެރިކަމުގެ ޕްރެޝަރ ތަޙައްމަލު ނުކުރެވޭނެ ކަމާއި، އެ ބާވަތުގެ މިޔަރު ނެތިދިއުމުން ނުރައްކާތެރި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެވެ." ޝަހާ ބުނެފައިވެއެވެ.
ގަލްޕަރ ޝާކް - ނުވަތަ ކަށިމިޔަރަކީ ޑޯގްފިޝްގެ ބާވަތެއްގެ މިޔަރެކެވެ. އެވްރެޖްކޮށް މި މިޔަރުގެ ދިގުމިނަކީ 90 ސެންޓިމީޓަރު (3 ފޫޓު) އެވެ. މި މިޔަރު ބޭނުމުގެ މައިގަނޑު މަޤްޞަދަކީ އޭގެ ހަށިގަނޑުގައި ސްކުއަލީން މާއްދާ މަތީ މިންވަރަކަށް ހުންނަ މޭގަނޑުގެ ބޭނުމަށެވެ. ދުނިޔޭގައި މި މާއްދާ ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޒީނަތްތެރިވުމުގެ ސާމާނު އުފައްދާ ސިނާއަތުގައެވެ. އަދި ބައެއް ބޭސްވެރިކަމުގެ ބޭނުންތަކުގައި ވެސް މެއެވެ.
މިއީ އެންމެ ލަހުން ބޮޑުވާ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެއް ބާވަތެވެ. އެހެންކަމުން، މާބޮޑަށް މި ބާވަތުގެ މަސްވެރިކަން ކޮށްފިނަމަ އޭގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ. މި މިޔަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅުނު ނަމަވެސް، އައިޔޫސީއެން ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީޒް ގައި މިހާރު ވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ލިސްޓު ކޮށްފައެވެ.
2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ދައްކައިދޭ ގޮތުގައި، 1982 އާއި 2002 އާ ދެމެދު ދިވެހިރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަށި މިޔަރުގެ އާބާދީ ވަނީ 97 އިންސައްތަ ދަށްވެފައެވެ. އަދި 1994 ވަނަ އަހަރާ ހަމައަށް އައި އިރު މިބާވަތުގެ މަސްވެރިކަން ވަނީ މުޅިންހެން ހުލިވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް، މި ސާވޭ ހެދި ތިން ޖަމްޢިއްޔާއިން ގޮވާލާފައި ވަނީ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓިސް) ގެ ދަށުން ދިވެހިރާއްޖެ އިން ވެފައިވާ ބައިނަލްއަޤްވާމީ އިޤްރާރުތަކާ އެއްގޮތަށް މިޔަރު ސެންކްޗުއަރީގެ ހައިސިއްޔަތު ދެމެހެއްޓުމަށެވެ.
އަދި މި ޖަމްޢިއްޔާތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައި ވަނީ، މުއިއްޒު ސަރުކާރުގެ މި ޕްލޭން ހުއްޓުވުމަށް އެހީތެރިވެދިނުމުގެ ގޮތުން "އޮންލީވަން" ޕެޓިޝަނުގައި ސޮއިކުރުމަށެވެ. މި ޕެޓިޝޓިޝަނަކީ 2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ހިންގުނު ކެމްޕޭނެއްގެ މައްޗަށް ބިނާކޮށްފައިވާ ޕެޓިޝަނެކެވެ. 30،000 މީހުން އެ ޕެޓިޝަން ގައި ސޮއިކުރުމާ ގުޅިގެން، ލޯންގްލައިން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ދިވެހި ސަރުކާރުން އޭރު ނިންފައިވާ ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ.
މި މައްސަލައިގައި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ފާޅުކުރާ ކަންބޮޑުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް މިކަމުން ކޮށްފާނެ އަސަރާ ދޭތެރޭގައި ވެސް ވިސްނާލަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ދިވެހިރާއްޖެ އަކީ މިޔަރު ބެލުމަށް އަންނަ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ. މިޔަރު މަސްވެރިކަން އަލުން ފެށުމުން މި ސިނާއަތައް އަސަރުކޮށް، ފަތުރުވެރިކަމުގެ ޞިނާއަތަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.