އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ހުކުރު ދުވަހު ވަނީ ޣައްޒާ ސިޓީ މުޅިން ހިފުމަށް ނަތަންޔާހޫ ހުށަހެޅި ޕްލޭނަކަށް ހުއްދަދީފައެވެ.
މިއީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ މުޅިން އައު އަދި ނުރައްކާތެރި މަރުހަލާ އެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ގައްޒާ ސްޓްރިޕްގެ އުތުރުގައި އޮންނަ މި ސިޓީ އަކީ އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ތަނެކެވެ.
ހަނގުރާމައިގެ ކުރިން މި ސަރަހައްދުގެ އެންމެ އާބާދީ ބޮޑު ސިޓީ އަކީ ވެސް ޣައްޒާ ސިޓީ އެވެ.
އިސްރާއީލުގެ އެތެރޭގައި - ސިފައިންނާއި، ރަހީނުންގެ އާއިލާތަކުންނާއި، - އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ޕްލޭނަށް ގެންދަނީ ވަރަށް ބޮޑަށް އިދިކޮޅު ހަދަމުންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފޮކްސް ނިއުސްއަށް ކުރިން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާ ސްޓްރިޕް މުޅިން ހިފުމަށްފަހު، ފަހުން "އަރަބި ބާރުތަކާ ހަވާލު ކުރާނެ" ކަމަށެވެ.
ޣައްޒާގެ މަސްރަހު ދިރާސާ ކުރާ ނޫސްވެރިން ބުނާ ގޮތުގައި ނަތަންޔާހޫ މި ގެންގުޅޭ ޕްލޭން ގައި ސާފު ނުވާ އެތައް ކަމެއް އެބަހުއްޓެވެ. އެހެން ނަމަވެސް މި އައު ޕްލޭނާ ބެހޭގޮތުން ނޫސްވެރިންނަށް އެނގޭ ކަންތައްތައް ފާހަގަ ކުރާ އިރު އޭގައި ހިމެނެނީ "ހަނގުރާމަ ނިންމުމަށް ކަނޑައެޅިފައިވާ ފަސް ލަނޑުދަނޑި" ކަމަށް ވެއެވެ.
ހަމާސް އަތުން ހަތިޔާރު އަތުލުން
ހުރިހާ ރަހީނުން - ދިރިތިބި އަދި މަރުވެފައިވާ މީހުން އަނބުރާ ގެނައުން
ޣައްޒާ ސަރަހައްދުން ހަތިޔާރު ހުސްކުރުން
ޣައްޒާ ސަރަހައްދުގެ ސަލާމަތީ ކަންކަން އިސްރާއީލުގެ ދަށަށް ގެނައުން
ހަމާސް އަދި ފަލަސްތީނު އޮތޯރިޓީ ނޫން އެހެން މަދަނީ އިދާރާއެއް ޣައްޒާ ހިންގުމަށް ގާއިމް ކުރުން.
އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައި ވަނީ، "ހަނގުރާމައިގެ ސަރަހައްދުން ބޭރުގައިވާ އާންމު ރައްޔިތުންނަށް" އިންސާނީ އެހީ ފޯރުކޮށް ދެމުން ޣައްޒާ ސިޓީ ހިފުމަށް ސިފައިން ތައްޔާރުވާނެ ކަމަށެވެ.
މިއީ ކިހިނެއް ފޯރުކޮށްދޭ އެހީ އެއް ކަމެއް އަދި ސާފު ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އައު އެހީއެއް ތޯ ނުވަތަ އިސްރާއީލާއި އެމެރިކާގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ފޯރުކޮށްދޭ އެހީތޯ ނުވަތަ އެހެން ގޮތަކުން ކުރިއަށް ގެންދާ އެހީގެ ޕްލޭނެއް ކަމެއް ވެސް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ކެބިނެޓް ބައްދަލުވުމުގެ ކުރިން، ނަތަންޔާހޫ ބުނެފައި ވަނީ އިސްރާލުން މުޅި ޣައްޒާ ކޮންޓްރޯލް ކުރަން ބޭނުން ކަމަށެވެ. އެހެން ނަމަވެސް އައު ޕްލޭންގައި ބަޔާން ކޮށްފައިވަނީ ހަމަައެކަނި ޣައްޒާ ސިޓީގެ ވާހަކަ އެވެ.
އިސްރާއީލުން މިހާރު ބުނެފައިވަނީ ޣައްޒާގެ 75 އިންސައްތަ ސަރަހައްދު އެ ޤައުމުގެ ބާރުގެ ދަށުގައިވާ ކަމަށެވެ. އދ. އިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުގެ 86 އިންސައްތަ އަކީ އަސްކަރީ ސަރަހައްދެވެ. ނުވަތަ މީހުން ނުކުތުމަށް އަމުރުކޮށްފައިވާ ސަރަހައްދުތަކެވެ.
މިއީ މި ހަނގުރާމައިގައި ފުރަތަމަ ފަހަރަށް ޣައްޒާ ގެ އެންމެ ބޮޑު ސިޓީ ކޮންޓްރޯލް ކުރުމަށް އިސްރާއީލް ސިފައިން ކުރަން ފަށާ މަސައްކަތެކެވެ. މި ސިޓީގައި އެއް މިލިއަން މީހުން ދިރިއުޅެއެވެ. އަދި އެ ސިޓީ ވަށައިގެންވާ ސަރަހައްދުތަކަކީ މިހާރުވެސް އައިޑީއެފްގެ ކޮންޓްރޯލްގެ ދަށުގައިވާ ނުވަތަ މީހުން ފޭބުމަށް އަމުރުކޮށްފައިވާ ސަރަހައްދުތަކެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސިޓީގެ ކޮންޓްރޯލް ހޯދުމަކީ މުޅި ޣައްޒާ ސްޓްރިޕް ހިފުމުގެ ފުރަތަމަ މަރުހަލާއެވެ. ހުއްޓިފައިވާ މަޝްވަރާތަކުގައި އިސްރާއީލު ބޭނުންވާ ގޮތައް ހަމާސް އަށް ޕްރެޝަރ ކުރުމަށް ބާރު އެޅުމަށް މި ނިންމުމުގެ ނުރައްކާ ބޭނުން ކުރެވިދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.
ފޮކްސް ނިއުސް އަށް ނަތަންޔާހޫ ބުނެފައިވަނީ ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށުގައި "ބާއްވަން ބޭނުމެއް ނޫން" ކަމަށާއި "އަރަބި ބާރުތަކާ" ހަވާލުކުރުމަށް ގަސްތުކުރާ ކަމަށެވެ.
"އަހަރެމެންގެ ރައްކާތެރިކަމުގެ ސަރަޙައްދެއް ވަށައިގެން ބާއްވަން ބޭނުންވޭ. އަހަރެމެން އެތަނުގައި ވެރިކަން ކުރާކަށް ބޭނުމެއް ނޫން،" ނަތަންޔާހޫ ބުނެފައިވެއެވެ.
ޣައްޒާ ސިޓީ އަށް އިސްރާއީލު ސިފައިން އަރާނީ ކޮން އިރަކުން ކަން އަދި ހާމަ ކޮށްފައި ނުވިޔަސް، އިސްރާއީލުގެ މީޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ސިފައިން ވަގުތުން ޣައްޒާ ސިޓީ އަކަށް ނާރާނެއެވެ. އޭގެ ބަދަލުގައި އެމީހުންގެ ފުރަތަމަ މަސައްކަތަކަށް ވާނީ އެތަނުގެ ވަޒަންވެރިން އެތަނުން ނެރު ފޮނުވާލުމެވެ.
ނަތަންޔާހޫގެ ކެބިނެޓް ޖަލްސާގައި އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ ތަފާތު ވިސްނުމެއް ހުށަހެޅި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. އެހެން ނަމަވެސް އެ ގޮތް ބަލައިގަނެފައެއް ނުވެއެވެ.
ބީބީސީގެ ޗީފް އިންޓަނޭޝަނަލް ކޮރެސްޕޮންޑެންޓް ލީސް ޑޫސެޓް ބުނި ގޮތުގައި، ޣައްޒާއާ ގުޅޭ ގޮތުން ނަތަންތާހޫ ގެ ޕްލޭންތަކުގައި ކުރިންވެސް އޭނާ ކަންކުރާ ފަދައިން، ޣައްޒާ ހަވާލު ކުރާނެ ކަމަށް ބުނާ ގައުމުގެ ނަން ސާފު ވާ ގޮތަކަށް އައިސްފައެއް ނުވެއެވެ. އެކަން އޮތީ "ގަސްތުގައި އޮޅުންއަރާ ގޮތަށް" ބަޔާން ކޮށްފައެވެ. އޭނާ އިޝާރާތް ކުރަނީ އިސްރާއީލާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފައިވާ އުރުދުން އަދި މިޞްރުގެ އަސްކަރީ ބާރުތަކަށް ކަމަށް ވެދާނެ ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.
ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ އަށް ފަހު އުފެދޭނެ ސަރުކާރަކާ ގުޅޭ އިތުރު މަޢުލޫމާތެއް އިސްރާއީލުގެ ޕްލޭނުގައި ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުގެ މި ޕްލޭނަށް ރަހީނުންގެ އާއިލާތަކުންނާއި ދުނިޔޭގެ ލީޑަރުންގެ ފާޑުކިޔުންތަކާއި ނަތަންޔާހޫ އަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ޣައްޒާ ސިޓީ ހިފުމަށް ނިންމި އިރު އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނަމުން ގެންގޮސްފައި ވަނީ، ޙަމާސް މިހާރު އޮގަނައިޒްޑް މިލިޓަރީ ބާރެއްގެ ގޮތުގައި ނެތުމާއެކު ޣައްޒާގައި އެމީހުންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އިސްރާއީލުގެ މި ނިންމުމާ މެދު އިނގިރޭސި ބޮޑުވަޒީރު ސަރ ކީރ ސްޓާމާ ވިދާޅުވެފައި ވަނީ އިސްރާއީލުގެ މި އަމަލުން ކަންކަން އިތުރަށް ގޯސްވާނެ ކަމަށާއި، މިކަމުގެ ސަބަބުން އިތުރު ލޭއޮހޮރުވުންތަކެއް މެނުވީ ނުފެންނާނެ ކަމަށެވެ.
އިސްރާއީލުން ޣައްޒާ ގައި އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ނިންމި ނިންމުމަކީ "ހަނގުރާމައިގެ ކުށެއް އިޢުލާނު ކުރުން" ކަމަށް ފަލަސްޠީން ނެޝަނަލް އިނީޝިއޭޓިވްގެ ރައީސް މުސްޠަފާ ބަރްޣޫތީ ވިދާޅުވިއެވެ.
ތުރުކީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފައި ވަނީ އިސްރާއީލުގެ މަޤްޞަދަކީ "ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ނެރުން،" ކަމަށެވެ.
އަދި ފިންލޭންޑުގެ ފޮރިން މިނިސްޓަރ އެލީނާ ވަލްޓޮނެން ވިދާޅުވެފައި ވަނީ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި ބަންދުގައި ތިބި މީހުން ވަގުތުން ދޫކޮށްލުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އޮސްޓްރޭލިއާ ގެ ފޮރިން މިނިސްޓަރ ޕެނީ ވޮންގ ވިދާޅުވެފައި ވަނީ ޣައްޒާ ސިޓީ ހިފުމުން "ޣައްޒާ ގެ އިންސާނީ ކާރިސާ އިތުރަށް ގޯސް ވެގެން ދާނެ" ކަމަށެވެ.
އދ.ގެ އިންސާނީ ޙައްޤުތަކުގެ ވެރިޔާ ވޯލްކަރ ޓުރްކް ވިދާޅުވެފައި ވަނީ "ޣައްޒާގެ ހަނގުރާމަ މިހާރުން މިހާރަށް ނިންމަންޖެހޭ" ކަމަށާއި، އިތުރަށް ކަންކަން ގޯސް ވެއްޖެ ނަމަ "އިތުރު ގިނަ އަދަދެއްގެ މީހުން މަޖުބޫރުން ވަޒަނުން ނުކުންނަން ޖެހި، އިތުރު މީހުން މަރުވެ، އިތުރު ނުތަނަވަސް ކަމާއި، ބޭކާރު ހަލާކުވުމާއި، އަނިޔާވެރި ކުށްތައް ހިންގުމަށް މަގުފަހިވާނެ،" ކަމަށެވެ.
ޣައްޒާ ސިޓީ ހިފުމަށް އެމެރިކާ އިން ނަތަންޔާހޫ އަށް ހުއްދަ ދިން ކަމަށް ބުނާ ބައެއް ރިޕޯޓުތައް ފެތުރިފައިވެއެވެ. ނަމަވެސް ޖުލައި މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު ފޯނުން ކުރެވުނު ހޫނު މުޢާމަލާތެއްގެ ވާހަކަ އެން.ބީ.ސީ ނިއުސް އިން ރިޕޯޓް ކުރިކަން ފާހަގަކޮށްލެވެއެވެ. އެއީ ދޮގު ޚަބަރެއް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި ކަމަށް އޭރު ރިޕޯޓު ކުރެވިފައިވެއެވެ.