ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 11:03
އެއާ އިންޑިއާ 787 ފްލައިޓް ވެއްޓުނު ހާދިސާ ގައި ބޯޓު ވަނީ ފުނޑުފުނޑުވެ، އެތައް އިމާރާތަކަށް ގެއްލުން ލިބިފައި
އެއާ އިންޑިއާ 787 ފްލައިޓް ވެއްޓުނު ހާދިސާ ގައި ބޯޓު ވަނީ ފުނޑުފުނޑުވެ، އެތައް އިމާރާތަކަށް ގެއްލުން ލިބިފައި
ގެޓީއިމޭޖަސް
އެއަރ އިންޑިއާ ފްލައިޓް
އެއަރ އިންޑިއާ ބޯޓު ވެއްޓުން - "އިންޖީނުން ތެޔޮ ކަނޑާލީ ކީއްވެ" - ޕައިލެޓް
ތަޙްޤީޤު ބިއުރޯއިން ބުނެފައިވަނީ "ބީ787-8 އޮޕަރޭޓް ކުރާ ފަރާތްތަކަށާއި އުފައްދާ ފަރާތްތަކަށް ދޭނެ އެއްވެސް އިތުރު އިރުޝާދެއް ނެތް" ކަމަށެވެ. މިއިން ދޭހަ ވަނީ އިންޖީނުތަކުގައި ނުވަތަ މައްސަލަ ދިމާވި ބޯއިންގ މަތިންދާ ބޯޓުގައި އެއްވެސް ޓެކްނިކަލް މައްސަލަ އެއް ނެތް ކަމަށް

260 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެއަރ އިންޑިއާ ގެ ބޯޓު ވެއްޓުމުގެ ކުރިން އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗް "އޮފް" ކޮށްލާފައިވާ ކަމަށް ތަހުގީގު ރިޕޯޓުގައި ބުނެފިއެވެ.

އިންޑިއާގެ މަތިންދާބޯޓު އެކްސިޑެންޓްތައް ތަޙްޤީޤު ކުރާ ބިއުރޯ އިން ހޮނިހިރު ދުވަހުގެ ފަތިހު ނެރުނު އިބްތިދާއީ ތަޙްޤީޤު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ބޯޓު އުދުހެން ފެށުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓި، 260 މީހުން މަރުވި އެއަރ އިންޑިއާގެ ފްލައިޓުގެ އިންޖީނުތަކަށް ތެޔޮ ފޮނުވުން ކޮންޓްރޯލް ކުރާ ސްވިޗުތައް، ބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން "ރަން" އިން "ކަޓް އޮފް" އަށް ވަނީ ބަދަލު ކޮށްފައެވެ.

މި ރިޕޯޓުގައި 12 ޖޫން ގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވި ނަމަވެސް ނުވަތަ އެއްވެސް ފަރާތެއް ކުށްވެރިކޮށްފައި ނުވިޔަސް، އެއް ޕައިލެޓު އަނެއް ޕައިލެޓާ ސުވާލުކުރި ކަމަށާއި، ތެޔޮ ކަނޑާލީ ކީއްވެގެންތޯ އެކަކު އަހާފައިވާ ކަމަށާއި، އަނެއް ޕައިލެޓު ޖަވާބު ގައި އޭނާ އެކަން ނުކުރާ ކަމަށް ބުނެފައިވެއެވެ.

ހާދިސާ ކުރިމަތިވި ބޯއިންގ 787-8 ޑްރީމްލައިނަރ އުދުހެމުން ދިޔައީ އިންޑިއާގެ ހުޅަނގު ސަރަޙައްދުގައިވާ އަހްމަދާބާދުން ލަންޑަނަށެވެ. މި ހާދިސާ ގައި މަތިންދާ ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން މަރުވެފައިވެއެވެ. އަދި ބޯޓު ވެއްޓުމުގެ ސަބަބުން ބިންމަތީގައި ތިބި 19 މީހުން މަރުވެފައިވެއެވެ.

ތަޙްޤީޤު ބިއުރޯ އިން ނެރުނު 15 ޞަފްޙާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މަތިންދާ ބޯޓު އޭގެ އެންމެ މަތީ ސްޕީޑަށް ދިޔަ އިރު، "އިންޖީނު 1 އަދި އިންޖީނު 2 ގެ ތެޔޮ ކަނޑާލާ ސްވިޗުތައް 'ރަން' އިން 'ކަޓްއޮފް' އަށް ބަދަލުވެފައި ވަނީ އެއް ސިކުންތުގެ ފަރަގަކާ އެކުގައެވެ."

"ކޮކްޕިޓްގެ އަޑު ރެކޯޑިންގ ގައި، އެއް ޕައިލެޓު އަނެއް ޕައިލެޓާ ސުވާލުކުރާ އަޑު އިވެއެވެ. ތެޔޮ ކަނޑާލީ ކީއްވެ. އަނެއް ޕައިލެޓު ޖަވާބު ގައި އޭނާ އެކަން ނުކުރާ ކަމަށް ބުންޏެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.

އެއާ އެކު މަތިންދާބޯޓު ބާރު މިނުގައި ވެއްޓެން ފެށިއެވެ.

އޭގެ ފަހުން އިންޖީނަަށް ތެޔޮ ފޮނުވާ ސްވިޗުތައް އަލުން "ރަން" ޕޮޒިޝަނަށް ބަދަލުކުރެވި، އިންޖީނުތަކަށް ބާރު ލިބެން ފެށި ކަމަށް ފެނުނު ނަމަވެސް، "ޕައިލެޓަކު 'މޭޑޭ މޭޑޭ މޭޑޭ' ގޮވަން ފެށިއެވެ،" ރިޕޯޓުގައި ވެއެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލަރުން ޕައިލެޓުންނާ ގޯސްވީ ކޮން ކަމެއްތޯ ސުވާލު ކޮށްފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން މަތިންދާބޯޓު ވެއްޓެމުންދާ ތަން ފެނުމުން، އެއަރޓްރެފިކް ކޮންޓްރޯލަރުން އަވަސްވީ ކުއްލި ނުރައްކަލުގެ ޚިދުމަތްތަކަށް ގުޅުމަށެވެ.

ދާދި ފަހުން، މި ތަޙްޤީޤާ ގުޅޭ ގޮތުން މަޢުލޫމާތު ލިބިފައިވާ ގިނަ ފަރާތްތަކަކާ ޙަވާލާދީ، ދަތުރުފަތުރާބެހޭ ޚާއްޞަ ވެބްސައިޓެއް ކަމަށްވާ "ދަ އެއަރ ކަރަންޓް" އިން ބުނެފައި ވަނީ ތަޙްޤީޤުގެ "އަމާޒު މިހާރު ހަނި ކޮށްފައި ވަނީ އިންޖީނުގެ ތެޔޮ ސްވިޗުތަކުގެ ހަރަކާތްތަކަށް" ކަމަށެވެ. ނަމަވެސް ފުރިހަމަ ތަހުގީގަށް "މަސްތަކެއް - އަދި އެއަށް ވުރެ ދިގު މުއްދަތެއް ނަގާނެ" ކަމަށް ފާހަގަ ކޮށްފައިވެއެވެ.

އަދި "ތަޙްޤީޤު ކުރާ ފަރާތްތަކުގެ އަމާޒު އެ މުއްދަތުގެ ތެރޭގައި ބަދަލުވެދާނެ" ކަމަށް ވެސް ބުނެފައި ވެއެވެ.

މަތިންދާ ބޯޓު ގެ އެއަރވާދިނަސް އިރުޝާދު ތަކަށާއި އެލާޓް ސަރވިސް ބުލެޓިންތަކާ އެއްގޮތަށް އެއަރ އިންޑިއާ އިން ޢަމަލު ކޮށްފައިވާ ކަމަށް ރިޕޯޓު ގައި ބުނެފައި ވެއެވެ.

ތަޙްޤީޤު ބިއުރޯ އިން ބުނެފައި ވަނީ "ބީ787-8 އޮޕަރޭޓް ކުރާ ފަރާތްތަކަށާއި އުފައްދާ ފަރާތްތަކަށް ދޭނެ އެއްވެސް އިތުރު އިރުޝާދެއް ނެތް" ކަމަށެވެ. މިއިން ދޭހަ ވަނީ އިންޖީނުތަކުގައި ނުވަތަ މައްސަލަ ދިމާވި ބޯއިންގ މަތިންދާބޯޓުގައި އެއްވެސް ޓެކްނިކަލް މައްސަލަ އެއް ނެތް ކަމަށެވެ.

ބިއުރޯ އިން ބުނެފައި ވަނީ ތަޙްޤީޤު ދަނީ ކުރިއަށް ކަމަށާއި، އިތުރު ހެއްކާއި މަޢުލޫމާތު "ކަމާގުޅޭ ފަރާތްތަކުން" ހޯދަމުންދާ ކަމަށެވެ.

އދ. ގެ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) އިން ކަނޑައަޅާފައިވާ ގޮތުން، ތަޙްޤީޤު ހިންގާ ޤައުމުތަކުން ހާދިސާ ހިނގާތާ 30 ދުވަހުގެ ތެރޭގައި އިބްތިދާއީ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.

އެމެރިކާ އަދި އިނގިރޭސި ވިލާތުގެ މަތިންދާބޯޓު ހާދިސާ ތަޙްޤީޤުކުރާ ފަރާތްތަކުން މި ތަޙްޤީޤު ގައި ބައިވެރިވެފައި ވެއެވެ.

ވެއްޓުނު މަތިންދާ ބޯޓު ގައި ތިބީ 230 ފަސިންޖަރުންނެވެ -އެއީ 169 އިންޑިއާ މީހުންނާއި 53 އިނގިރޭސިންނާއި، 7 ޕޯޗުގީޒް މީހުންނާއި އަދި ކެނެޑާ މީހެކެވެ - އަދި 12 ފްލައިޓް ކުރޫ މެންބަރުން ބޯޓުގައި ތިއްބެވެ.

ބޯޓުން ސަލާމަތްވި ހަމަ އެކަނި މީހާ ފަރުވާ އަށް ފަހު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އިންޑިއާގެ ގުޖަރާތު ސްޓޭޓުގެ ޞިއްޙީ އިދާރާތަކުން ފުރަތަމަ ބުނެފައި ވަނީ ހާދިސާ ގައި މަދުވެގެން 279 މީހުން މަރުވި ކަމަށެވެ.

- ކޮމެންޓް