މިއަހަރުގެ ހައްޖު ދުވަސްވަރަށް ބޯމަތިވެގެން އައިއައިހެން ރާއްޖޭގެ ނޫސްތަކުގައި އެންމެ ގިނައިން ލިޔެވުނު އެއް ޚަބަރުތަކަކީ އެއީއެވެ. ޚާއްޞަކޮށް ދައުލަތުގެ މީޑިޔާއިން އެންމެ ގިނައިން ކަވަރކުރި ޚަބަރަކީ އެއީއެވެ. މިއަހަރުގެ ހައްޖު ދަތުރަށް ރާއްޖެއިން ވަމުން އަންނަ ބޮޑު ތައްޔާރީގެ ވާހަކައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓރީން ދިޔައީ ކެނޑިނޭޅި މިއަހަރުގެ ހައްޖު ދަތުރުގެ ވާހަކަތައް ދައްކަމުންނެވެ. ކުރިއާޚިލާފަށް ގެންނަ ބަދަލުތަކެވެ. ހައްޖުވެރިންނަށް ހުރި ލުއިފަސޭހަ ތަކެވެ. މައްކާގައި ތިބޭ ހޮޓަލުގެ ފެންވަރު ރަނގަޅުވާނެ ވާހަކައެވެ. ހޮޓަލުގެ ތަނަވަސްކަމުގެ ވާހަކައެވެ. މިނާ ޓެންޓަށް ގެންނަ ބޮޑު ބަދަލާއި އެތަނުގެ އިންތިޒާމްތައް އެތައް ގޮތަކުން މިއަހަރު ތަފާތުވާނެ ވާހަކައެވެ. ސޯފާ ބެޑާއި ތަނުގެ ހިތްފަސޭހަ ވާނެ މިންވަރެވެ. 24 ގަޑިއިރު ޚިދުމަތްލިބޭ ކުލިނިކެއް ގާއިމްކުރި ވާހަކައެވެ. ހައްޖާޖީންނަށް ޚާއްޞަ ކުރެވިފައިވާ ފާޚާނާތައްވެސް އިތުރުވާނެ ވާހަކައެވެ. ކެއުމުގެ ފެންވަރު ބޮޑުތަނުން ފުރިހަމަކޮށް ދިވެހި ކެއުންތައް ހިމެނޭނެ ވާހަކައެވެ.
މިކަންކަން ހައްޖަށްދާ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް އަދި އާއްމު ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ހައްޖަށްދާން މީހުން ފުރުމުގެ ކުރިންވެސް ދައުލަތުގެ ޓީވީން އެތައް ގޮތަކަށް ޚަބަރާއި ރިޕޯޓްތައް ގެނެސްދިނެވެ. ވީޑިއޯތައް ދެއްކިއެވެ. ރައީސްގެ ސީދާ އިރުޝާދުގެ ދަށުން ކުރަމުން އެގެންދާ ކަންކަމުގެ ތަފްސީލް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އާއި ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިރުއިރުކޮޅުން ކަހަލަ ގޮތަކަށް ދެއްވި އިންޓަރވިއުތަކުގައި ފާހަގަ ކުރެއްވިއެވެ.
އެއަށް އިތުރުވި އަނެއް ކަމަކީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ހައްޖުވެރިންގެ ދަތުރުފަތުރަށް ފަސޭހަވުމެވެ. ބޮޑުތަނުން ފަސޭހަވުމެވެ. ޖިއްދާ އެއަރޕޯޓުގައި ވަރުބަލިކަމާއެކު މަޑުކުރަން ނުޖެހި ފަސޭހައިން ހޮޓަލަށް ދެވޭނޭގޮތް މެދުވެރިވުމެވެ. އެތެރޭގެ ދަތުރުތަކަށް ބޭނުންކުރާ އިލެކްޓްރޯނިކް ރޭލްތަކުގެ ސަބަބުން މަދީނާ ދަތުރު ކުރުވެފައި އަރާމާއި ފަސޭހަވުމެވެ
މިވާހަކަތަކާއެކު ހައްޖަށްދާ ދިވެހިން ރާއްޖެއިން ފުށިއިރުވެސް ހައްޖުވެރިން ތިބީ އުފަލުން ފޮޅިފައެވެ. ހައްޖުގެ އަޅުކަމަށް ގޮސްތިބޭ ދުވަސްތައް މަދުނަމަވެސް ލިބިދޭނެ ޚިދުމަތާއި ފަސޭހަތަކުގެ ވާހަކައިން ތިބީ ޝުކުރު ކޮށްލައިގެންނެވެ.
ދެންފެށުނީ ހައްޖަށްގޮސް ސައޫދީގައި ގޮސްތިބި ދުވަސްވަރެވެ. ހައްޖުވެރިން ހޮޓަލަށް އައުމާއެކު ފިނިފެންމަލުންކީ މަރުހަބާއިން ފެށިގެން ދެވޭ ޚިދުމަތްތަކުގެ ވާހަކަ ތަކުރާރު ކުރަން ފެށިއެވެ. ދިވެހި ހައްޖުވެރިންނަށް ސައޫދީ ސަރުކާރުން ދެއްވާ ޚާއްޞަ ކަމާއި ރައީސުލް ޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުން ކަންކަން ކުރައްވާތީ ވަމުންދާ ފަސޭހަތަކުގެ ވާހަކަ އާ ކޮށްކޮށްފައި ދައްކަމުންދިޔައެވެ. ދަރުސެއް ދިނަސް އަދި އެތެރޭގެ ބައްދަލުވުމެއް ބޭއްވިއަސް ފޮޓޯތަކާއި ވީޑިއޯތަކާއެކު ވަގުތުން ވަގުތައް ދިޔައީ ދައުލަތުގެ ޓީވީގެ އިތުރުން ސޯޝަލް މީޑިޔާގައިވެސް އާއްމުކުރަމުންނެވެ. މިއަށް އިތުރުވި އަނެއް ބޮޅަކީ ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލުކުރައްވި ކުރެއްވުމެވެ.
ހައްޖުގެ އަޅުކަމަށް ފަށައިގެން މިނާ ދަތުރާއި އަރަފާތު ދުވަހުވެސް ގެންދިޔައީ ހައްޖުވެރިންނަށް މިއަހަރުދޭ ޚިދުމަތްތަކާއި ފަސޭހަތަކުގެ ވާހަކަ ހިމަނައިގެން އިސްލާމިކް މިނިސްޓަރާއި ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިންޓަރވިއުތައް ދެއްވަމުންނެވެ. ތަކުރާރު ކުރައްވާ އެއްވާހަކަތަކެއް ވެއެވެ. ރައީސްގެ އިރުޝާދުގެ ދަށުން ކަންކަން ރަނގަޅުކޮށް ފުރިހަމަވާނެ ކަމުގެ ވާހަކައެވެ. ސައޫދީ ސަރުކާރުން ބަހައްޓާ ޚާއްޞަ ކަމުގެ ވާހަކައެވެ. އަމުދުން މިއަހަރަކީ އެހެން އަހަރުތަކާ ތަފާތުވާނެ އަހަރެއްކަމުގެ ވާހަކައެވެ. ކުރިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ނުދާ މީހަކަށް، މިއީ އަލަށް ދޭ ޚިދުމަތްތަކެއް ކަމާއި ހައްޖުވެރިންނަށް މިހާ ރަނގަޅު ހައްޖެއް އަދި ނުކުރެވޭނެހާ މިންވަރަށް ފަހުމްވާވަރުގެ އިންޓަރވިއުތަކާއި ވީޑިއޯތައް ދެއްކިއެވެ.
ނަތީޖާއެއްގެ ގޮތުން ހައްޖުގެ ޚިދުމަތްތައް ރަނގަޅު ވުމަކީ ވަރަށް ގާތްކަމެކެވެ. އެކަމުގެ ހަގީގަތް އެނގޭނީ ހައްޖުވެރިން ރާއްޖެއަށް އައިސް ކިޔައިދޭ ވާހަކަތަކުންނެވެ. އެހެންކަމުން އެކަމަކާމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ހަމަގައިމުވެސް އުއްމީދު ކުރަނީ ރަނގަޅުވާނެ ކަމަށެވެ. އެކަމަކު ސުވާލު އުފެދުނު އެހެން ކަމެއްގެ ވާހަކަ ދައްކާލާނަމެވެ. މިހާ ފުރިހަމައަށް ތައްޔާރުވި އަދި މިހާ ގިނަ އާޚިދުމަތެއްގެ އިތުރުން ރައީސްގެ ފުރިހަމަ އިރުޝާދުގެ ދަށުން ކަންކުރެއްވިއިރު ރާއްޖެއަށް ސައޫދީން ދޭ އެވޯޑް ނުލިބުނީ ކީއްވެ ބާއެވެ. ސައޫދީން ދިވެހިރާއްޖެއަށް އެހާ ޚާއްޞަ ކަމެއް ދީގެން އެވެރިންގެ ލަފަޔާ، ރައީސްގެ ފުރިހަމަ އިރުޝާދުގެ ދަށުން ދިން މި ޚިދުމަތައް އެއެވޯޑް ނުލިބުނު ސަބަބަކީ ކޮބައިބާއެވެ.
ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހަމަޖައްސައިދޭ އިންތިޒާމުތައް ވަޒަން ކުރުމަށްފަހު ސައުދީ ސަރުކާރުން ދޭ ލައްބައިތުމް އެވޯޑު 12 ގައުމަކަށް ލިބުނުއިރު، އެ ލިސްޓުގައި ދިވެހިރާއްޖެއެއް ނުހިމެނުނެވެ. ލައްބައިތުމް ޑައިމަންޑު އެވޯޑު ލިބުނީ ތުރުކީ އާއި އިރާގުގެ އިތުރުން މެލޭޝިޔާ އަށެވެ. ލައްބައިތުމް ގޯލްޑް އެވޯޑު ލިބުނީ ސިންގަޕޫރާއި އަލްޖީރިއާ އަދި ޗައިނާ އަށެވެ. ލައްބައިތުމް ސިލްވާ އެވޯޑު ލިބުނީ ދެކުނު އެފްރިކާ އާއި އުރުދުން އަދި ދާރުއްސަލާމް އަށެވެ. ބްރޮންޒް އެވާޑު ލިބުނީ އިރާން އާއި ސޯމާލިއާގެ އިތުރުން ޓިއުނީޝިއާއަށެވެ.
އެވޯޑު ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި، ގައުމުތަކުން ދުރާލާ ތައްޔާރުވެފައިވާ މިންވަރާއި، ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުފެއްދުންތެރި ހައްލުތައް ހޯދާ މިންވަރަށް ވެސް ރިއާޔަތް ކުރެ އެވެ.ލައްބައިތުމް އެވޯޑަކީ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދޭ ޝަރަފުވެރި އެވާޑެކެވެ.
ކޮންމެއަކަސް އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނުން އަދި ޚުދު ރައީސް މުއިއްޒުވެސް ވިދާޅުވި ގޮތަށް މިއަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުލިބޭހާ ޚިދުމަތްތައް އެހާ ފުރިހަމައަށް ދިން ހައްޖު ދަތުރަކަށްވާއިރު މި އެވޯޑް ނުލިބުނީ ކީއްވެ ބާއެވެ. ގޯލްޑް އެވޯޑް ނުލިބުނުތާނގައި ކުޑަމިނުން ބްރޯންޒް އެވޯޑްވެސް ނުލިބުނީ ކީއްވެބާވައެވެ.
ޚިދުމަތްތައް ރަނގަޅެކޭ ނުވަތަ ނޫނެކޭވެސް ބުނާކަށް މަށަކު ނެތީމެވެ. ސާފުވި ކަމަކީ އެދެއްކެވި ވާހަކަތަކާއި ވީޑިއޯތަކުގެ ފެންވަރު ވަރަށް ރަނގަޅުކަމެވެ. ދައުލަތުގެ ޓީވީގެ ބޮޑު ޓީވީ ކުރޫއެއް ގެންގޮސް ވަގުތުން ވަގުތައް އާއްމުކުރި ވީޑިއޯތަކާއި އިންޓަވިއުތަކުން ޚިދުމަތާމެދު ސުވާލު އުފެދޭނެ ކުޑަވެސް ޖާގައެއް ނެތެވެ. އެކަމަކު ހިތާމައަކީ ސައޫދީ ސަރުކާރުން ބެލި ބެލުމުން އެފެންވަރަށް ކަންކަން ކުރެވިފައި ނެތުމެވެ. ނުވަތަ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއަށް ބަލައިގަނެވޭވަރު ނުވުމެވެ. އަނެއްކާވެސް ބުނަމެވެ. އަހަރެން އެއްޗެކޭ ބުނާކަށް ނެތީމެވެ. ވީގޮތް އެނގޭނީ ސައޫދީ ސަރުކާރުގެ އިތުރުން ރައީސް މުއިއްޒަށާއި ޑރ ޝަހީމަށް އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލަށެވެ. މަވާ ސަލާމެވެ.