ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލު ކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރާ ގާނޫނު ފާސްވުމާއެކު އެ ގާނޫނު ބާތިލު ކުރަން ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމުން ރައީސް މުއިއްޒު އިންތިހާ އަށް ހާސްވެވަޑައިގެންނެވި ކަމަށް މިކަމުގެ މައުލޫމާތު އެނގި ހުރި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދެމެން ބުނެފިއެވެ.
އިތުބާރު ކުރެވޭ މި މަސްދަރުން ކިޔައިދިން ގޮތުގައި މި ބާވަތުގެ "ހާސްވެ ރަންބުއްދިވާ ވައްތަރުގެ" މައްސަލަތައް ކޯޓުތަކަށް ވަނުމުން، އެ މައްސަލަތައް "މައިތިރިކުރަން" ސަރުކާރުން ކަނޑައަޅާފައި ހުންނަ މައި މޭސްތިރިއަކީ އަކީ އެޓާރނީ ޖެނެރަލް އަހްމަދު އުޝާމް އެވެ.
މިކަން ހިނގާ ގޮތް އިތުރަށް ކިޔައިދެމުން އޭނާ ބުނީ "އޭގެ އިތުރުން ޑރ. މުއިއްޒު ޖުޑިޝަރީ އަށް ނުފޫޒު ފޯރުވަން ޚާއްސަކޮށް ކަނޑައަޅައި މުސާރަދީފައި ތިބޭ ކަހީނުންތަކެއް ފަދަ ބަޔަކު ރައީސް އޮފީހުގައި ތިބެއެވެ."
މި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން، އެ ހާސްކަމުގައި އެދުވަހު އެޓާރނީ ޖެނެރަލަށް ގުޅުއްވައި، މި މައްސަލަ ނިމެންވާނީ ސަރުކާރުން އެދޭ ގޮތަށް ކަމުގެ ޔަގީންކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހޯދުމަށް ޑރ. މުއިއްޒު އެންގިވެ ކަމަށް ވެއެވެ.
ސަބަބަކީ މަޖިލިސްގެ ގޮނޑިގެއްލޭ ގާނޫނު ސުޕްރީމް ކޯޓުން ބާތިލު ކޮށްފިނަމަ، ވެރިކަން ކުރާ ޕީއެންސީ އިން ނިކުންނަން "ދޮންވެ ފައްކާވެފައި" ތިބި މެންބަރުން ޕާޓީއިން ވަކިވާނެ ކަމަށާއި، އެހެން ވެއްޖެނަމަ، ސަރުކާރު މަޖިލީހުގައި ބަލިކަށިވެ ލޮޅުންތަކެއް އަރާނެ ކަމަށް އުޝާމު އަރިހުގައި ޑރ. މުއިއްޒު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
އަދި އެ ހާލަތަށް ގައުމު ގޮސްފިނަމަ ސަރުކާރަށް ލޯނެއް ދޭނެ ފަރާތެއް ނުވާނެ ކަމަށާއި، މިއަންނަ އަހަރަކީ ބޭރުގެ ދަރަނި ދެއްކުން އުނދަގޫވާނެ އަހަރަކަށް ވާއިރު، އެފަދަ ލޮޅުމެއް އަރަން ޖާގަ ނުދެވޭނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް ވެއެވެ.
އެހާތަނުން އުޝާމް އަވަސްވެގަތީ މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަނުދީ އިޖުރާއީ އިއުތިރާޒެއް ނަގައި މި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކުރުމުގެ ރޭވުންތައް ރޭވުމަށް ކަމަށް އޭނާ ކިޔައިދިނެވެ.
އެޓާރނީ ޖެނެރަލް އުޝާމް އެކިގޮތް ގޮތުން ސުޕްރީމް ކޯޓުގެ އެކި ފަނޑިޔާރުންނާ ކޮންޓެކްޓް ކުރެއްވުަމަށް އެ ފަނޑިޔާރުންގެ ގާތަށް މަންދޫބުން ފޮނުވައިގެންނާއި އަމިއްލަ އަށް ފަނޑިޔާރުންނަށް ގުޅުއްވައިގެން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިޖުރާއީ ނުކުތާ އަށް ބިނާކޮށް މައްސަލަ ބޭރު ކުރުމަށް ފަނޑިޔާރުންނަށް ގަބޫލު ކުރައްވާތޯ މަސައްކަތް ކުރެއްވި ކަމަށާއި އުޝާމުގެ މި މަސައްކަތަށް ފަހު، އޭނާ ބޭނުންވެލައްވާ ގޮތަށް އިޖުރާއީ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު އަށް އުޝާމް ދެއްވި ކަމަށް އޭނާ ބުންޏެވެ.
އަދި އެގޮތަށް މައްސަލަ ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން އެޓާރނީ ޖެނެރަލް އޮފީހުގެ ވަކީލުންގެ ގާތުގައި ވިދާޅުވެ އޮފީސް ތެރޭގައި އުޝާމް ފޮނިކަނޑައި ހެއްދެވި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް 17 އަދި 18 ފެބްރުއަރީ 2025 އަށް ތާވަލު ކުރެވުނެވެ.
"އުޝާމު ހުންނެވީ ވަރަށް އުފަލުން، އަދި އެ އަޑުއެހުމުގައި މައްސަލަ ބޭރުކޮށްލާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ރައީސް މުއިއްޒުއަށް ދެއްވި،" އޭނާ ބުންޏެވެ.
އެހެން ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބޭރެއް ނުކުރިއެވެ. އަދި އެ މައްސަލަ އަޑުއެހުމުގެ ބާރު އެކޯޓަށް ލިބިގެން ވާކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.
"މިހެން މިކަން ދިއުމުން މުއިއްޒު ކޯފާވެ، ރުންކުރުވެ އުޝާމް އަށް ގުޅުއްވައި، މިވީ ކިހިނެތްތޯ ސުވާލުކުރިއެވެ." އޭނާ ކިޔައިދިނެވެ.
އުޝާމް ވިދާޅުވި ކަމަށް ވަނީ ފަނޑިޔާރުން އޭނާގެ ބަސް ނޭހީ ކަމަށެވެ. ދޯކާ ދިނީ ކަމަށެވެ. އެހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް މުއިއްޒު ނިންވަމައި، ފަނޑިޔާރުން ވަކިކުރުމަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތަކެއް ހޯދައި ހެކި އުފެއްދުމުގެ މަސައްކަތް އުޝާމް އާއި ހޯމް މިނިސްޓަރު އަލީ އިހުސާނުއާ ހަވާލުކުރެއްވި ކަމަށް ވެއެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ އަދަދު މަދުކުރުމަށް ގާނޫނެއް ފާސްކޮށް ސަރުކާރަށް ބައިއަތު ނުހިފާ ފަނޑިޔާރުން ވަކިކުރުމަށް މުއިއްޒު އުޝާމް އަށް އެންގެވިއެވެ. އެއާ އެއްގޮތަށް ބިލެއް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ލައްވައި ޑްރާފްޓު ކޮށް އެ ބިލު ހުށަހެޅޭނެ ގޮތުގެ އިންތިޒާމު އުޝާމު ހަމަޖެއްސިއެވެ.
އުޝާމް އާއި ހޯމް މިނިސްޓަރ އިހްސާން ކުރައްވަމުން ގެންދެވި އެ މަސައްކަތުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ޖޭއެސްސީ އަށް މާކުރިން ހުށަހެޅުނު މައްސަލަތަކާއި ފަނޑިޔާރުންނާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި މުވައްޒަފުންގެ އަތުން ހޯދައި، ސުޕްރީމް ކޯޓުގެ މީޓިންގ ރޫމްތަކާއި ފަނޑިޔާރުންގެ ކޮޓަރިތައް ފުލުހުން ލައްވައި ބަގްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިތަންތަން ބަގްކޮށްފައިވާކަން އެނގުނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަށެވެ." ކަންހިނގި ގޮތް ތަފްސީލު ކޮށްދެމުން އޭނާ ބުންޏެވެ.
މިގޮތުން ކޮންމެ ފަނޑިޔާރަކާއި ބެހޭގޮތުން ތުންތުންމަތިން ދެކެވޭ މަދުވެގެން އެއް ވާހަކަ ހޯދިއެވެ. މިގޮތުން މައުލޫމާތު އެއްކުރުމުގެ ތެރޭގައި ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ދާދި ފަހުން ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލައިގައި ރިޕޯޓެއް ތައްޔާރުކޮށް ސީދާ އިހްސާނުގެ އަތަށް އެ ރިޕޯޓު ފޮނުވުމަށް އެންގެވި ކަމަށް ވެއެވެ.
އެ ޚަބަރު ނޫސްތަކަށް އެރުމުން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރަމުން ނުގެންދާ ކަމަށެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ނުކުރާ ކަމަށް ބުނީ އެ ރިޕޯޓަކީ އިހުސާނު ސީދާ ވިދާޅުވެގެން އެމަނިކުފާނަށް ފޮނުވަން ތައްޔާރުކުރި ރިޕޯޓަކަށް ވާތީއެވެ.
އޭނާ ކިޔައިދިން ގޮތުގައި، އެ ރިޕޯޓު އިހްސާނަށް ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް އާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންގެ އެއްބާރުލުމާއެކު އެ ގާޒީންނަށް "ބިރު ދައްކައިގެން" ބަޔާންތަކެއް ހޯދިއެވެ.
ކަން ހިނގަމުން ދިޔަ ގޮތައް ބަލާއިރު މައްސަލަ ކޯޓަށް ހުށަހެޅެއްވި އަލީ ހުސައިންގެ ފަރާތުން ދެ ވަގުތީ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ގަވާއިދު އޮންނަ ގޮތުން އެ އަމުރުތަކާމެދު 48 ގަޑިއިރުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަން ޖެހެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމުމަށް 25 ފެބްރުއަރީ 2025 ދުވަހުގެ ރޭ 9 ޖަހާއިރަށް އުއްތަމަ ފަނޑިޔާރު ޖަލްސާއަކަށް ގޮވާލެއްވިއެވެ. އެޖަލްސާގައި އަމުރެއް ނެރުމާމެދު ފަނޑިޔާރުންގެ މެދުގައި ޚިލާފު އުފެދި ފަނޑިޔާރުން ދެބަޔަކަށް ބެހުނެވެ. އެއްބަސްވެވުނީ އަނެއް ދުވަހު ހެނދުނު 11 ޖަހާއިރު އަޑުއެހުމެއް ބޭއްވުމަށް ފަހު އަމުރާމެދު ގޮތެއް ނިންމުމަށެވެ.
"އެހާ ހިސާބުން އަމުރު ނެރުމާމެދު ފަނޑިޔާރުންގެ ވިސްނުން ބެހިފައި ހުރި ގޮތް ސާފުވެއްޖެ؛" އޭނާ ކިޔައިދިނެވެ.
ފަނޑިޔާރުން ގެ ވިސްނުނުން ހުރި ގޮތާއި ނިންމި ގޮތް އެޓާރނީ ޖެނެރަލް އަށް އެންގީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށް އޭނާ ބުންޏެވެ.
"ވަގުތުން އުޝާމް އާއި ހޯމް މިނިސްޓަރު އިހްސާން އެޓާރނީ ޖެނެރަލްގެ އޮފީހުގައި ބައްދަލުކޮށް ސުޕްރީމް ކޯޓުން އަމުރު ނެރުން ހުއްޓުވޭނެ ގޮތެއް ރޭވިއެވެ."
ޖޭއެސްސީގެ ގާނޫނު ދިރާސާކޮށް، އަމުރު ނެރުމާމެދު ވަކިގޮތަކަށް ޚިޔާލުހުރި ފަނޑިޔާރުން ސަސްޕެންޑް ކުރުވޭނެ ގޮތެއް ހޯދައި، އެގޮތް އިންތިޒާމް ކުރުމަށް އޭސީސީގެ ރައީސް އާއި ޖެއެސްސީގެ ރައީސް އަށް އުޝާމް އާއި އިހްސާން އިރުޝާދު ދެއްވުމަށް ފަހު އެ ފަނޑިޔާރުންނާ ބެހޭ ގޮތުން ތައްޔާރު ކުރި ޝަކުވާތައް ހަމަ އެރޭ ދަންވަރު 01:30 ގައި އެދެބޭފުޅުން އޭސީސީ އަށް ފޮނުއްވިއެވެ.
އޭނާ ކިޔައިދިން ގޮތުގައި ހެނދުނު އިރު އެރުމާއެކު، އޮފީސް ނުހުޅުވެނީސް އޭސީސީގެ ރައީސް އާއި ޖޭއެސްސީގެ ރައީސް އޮފީހަށް ވަޑައިގެން އެދުވަހު ގެ 11 ޖެހުމުގެ ކުރިން ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމަށްޓަކައި ކުރަންޖެހޭ އިންތިޒާމު ހަމަޖެއްސިއެވެ.
މިގޮތުން ކުރި އިންތިޒާމް ތަކަށްފަހު، ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ލިޔުންތައް އެ ފަނޑިޔާރުންނަށް ފޮނުވުނީ ޝަރިއަތް ފެށުމަށް 10 މިނިޓަށް ވެފައި ވަނިކޮށެވެ. 11 ޖަހަން ވާއިރަށް ފަނޑިޔާރުން ސަސްޕެންޑު ނުކުރެވިދާނެތީ ޝަރިއަތް ލަސްކުރުމަށް ކުރެވެން ހުރި ކަންކަން އިންތިޒާމު ކުރުމަށް ވެސް އުޝާމް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް އެންގެވި ކަމަށް ވެއެވެ.
މިކަން މިހެން ހިނގާފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުން އަދުލު އިންސާފުގެ ދާއިރާ އަށް އަތް ނުބާނާނެ ކަމަށެވެ.