ކ. މާލެ
|
1 މެއި 2025 | ބުރާސްފަތި 20:44
ޑރ. މުހައްމަދު މުނައްވަރު
ޑރ. މުހައްމަދު މުނައްވަރު
ރާއްޖެއެމްވީ ގްރެފިކްސް
މުހައްމަދު މުނައްވަރު
ޗާގޯސް މައްސަލައިގައި ނަތީޖާ ހާސިލު ކުރަން ޑރ. މުނައްވަރަށް ވުރެ ފަހި ފުރުސަތެއް ލިބުނީ ދެން ކާކަށް ހެއްޔެވެ؟
ޗާގޯސް އާއި ރާއްޖެ އާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ރާއްޖެ އަށް ހޯދުމަށް ޑރ. މުނައްވަރު ވަކާލާތު ކުރައްވާ އެކަން އެއްވެސް ކޮޅެއްގައި ނުޖެހި ދިއުމުން ތިމަންނާއަކީ އެއްވެސް އިރަކު ކަނޑުން ގެއްލުނު ބައި ހޯދުމަށް ހަވާލުވެފައި ހުރި މީހެއް ނޫން ކަމަށް ވިދާޅުވިއިރު، ބަންޑާރަ ނައިބު ކަމުގެ މަގާމު 10 އަހަރުގެ މުއްދަތަކަށް އަދާ ކުރެއްވިކަން އެމަނިކުފާނުގެ ހަނދުމަފުޅަކު ނެތެވެ. ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ލިބިވަޑައިގަތީ ކުރު މުއްދަތެއް ނޫނެވެ. މޮރިޝަސް އިން ރާއްޖޭގެ މައްޗަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެފުރުސަތު މުނައްވަރަށް އޮތީ ލިބިވަޑައިގެންފައެވެ. ސުވާލަކީ އެކަން އޭރު ނުކުރެއްވީ ކީއްވެގެންތޯއެވެ؟

ސީރިއަސް އަނިޔާތަކަކާއެކު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެނެއްގެ ތަހުގީގަށް ރައީސް މުއިއްޒުގެ ސަރުކާރުން އެކުލާވާލި ތަހުގީގު ކޮމިޝަންގެ މަސައްކަތަކާ ބެހޭ ގޮތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ފޯކަސް މި ދިޔައީ ޗާގޯސް މައްސަލައަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި 10 އަހަރުގެ މުއްދަތަކަށް ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރު ރިޔާސަތު ބަލަހައްޓަވާ ގޮތައް އަލައް މި އުފެއްދި ކޮމިޝަންގެ މަސައްކަތްވެސް ޗާގޯސް ކަނޑުން ބައެއް ހޯދަން މުނައްވަރު ކުރެއްވި މަސައްކަތާ އެއްގޮތައް ނިމިގެން ހިނގައިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކާ އެކު ޑރ. މުނައްވަރު ވަރަށް ބޮޑަށް އަމިއްލަ ދިފާއުގައި ޖަޒުބާތުގައި ވާހަކަ ދައްކަވަން ފެއްޓެވި މަންޒަރު ފެނުނެވެ.

ޑރ. މުނައްވަރު ދިފާއުގައި ދެއްވި ޖަވާބުން ފާހަގަވީ އެމަނިކުފާނަކީ ކަނޑުގެ ބައެއް ހޯދުމަށް ހަވާލުވެގެން ހުރި ފަރާތެއް ނޫން ކަމެވެ. މުނައްވަރު ވިދާޅުވީ، ޗާގޯސް ކަނޑުން ބައެއް ރާއްޖެ އަށް ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވަކާލާތު ކުރެއްވީ ކަމަށާއި، އެހެން ނަމަވެސް އެކަން އަމަލީ ގޮތެއްގައި ކުރުމަށް އެމަނިކުފާގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމުގައެވެ. މުނައްވަރު ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަތައް ރައީސް ސާލިހްގެ ސަރުކާރުން އަޑު ނޭހީ ކަމަށާއި، އަދި ފަހުން މި އައި ރައީސް މުއިއްޒުގެ ސަރުކާރުން ކަނޑުން ބައެއް ހޯދަން އެކުލަވާލި ކޮމިޓީގައި ވެސް އޭނާ ނުހިމެނުއްވި ކަމަށެވެ. މުނައްވަރު ދައްކަވަން އުޅުއްވީ، ކަނޑުން ބައެއް ރާއްޖެ އަށް ލިބެން ޖެހޭ ކަމަށް ވިދާޅުވުން ފިޔަވާ އެމަނިކުފާނަށް ކުރެއްވޭނެ ހަމަ އެއް ކަމެއްވެސް ނެތް ކަމުގައެވެ.

"އަޅުގަނޑަކީ އެ ސަރަހައްދު ހޯދަން ދިވެހި ދައުލަތުގައި އެއްވެސް އިރަކު ހަވާލުވެގެން ހުރި މީހެއް ނޫން،" ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މި މޭރުމުން ޑރ. މުނައްވަރު ވާހަކަދެއްކެވުމުން، ޗާގޯސް އާއި ރާއްޖެ އާއި ދެމެދު އޮތް ކަނޑުގެ ސަރައްދުން ފުށު އަރާބައިގެ މައްސަލަ އުފަންވީ ދާދި މިދާކަށް ދުވަހު ރައީސް ސާލިހްގެ ވެރިކަމުގައި ކަމަށް ހީވެއެވެ. ހަގީގަތް ސާފުކޮށް ވިދާޅުވި ނަމަ އެ ސުވާލު ނުއުފެދުނީހެވެ. އެއީ އިއްޔެ އަކު އަދަކު އުފެދުނު މައްސަލަ އެއް ނޫނެވެ. މިއީ އެތައް، އެތައް އަހަރެއް ފާއިތުވެފައިވާ މައްސަލައެކެވެ. މި މައްސަލަ މިހެން ފާޅުވެފައި އޮއްވާ ރާއްޖޭގައި އެތައް، އެތައް ބަންޑާނަ ނައިބުން އެ މަގާމު އަދާކުރައްވާ ވަޑައިގެންފިއެވެ. މައްސަލައިގެ ހައްލު ހޯދުމުގެ ޒިންމާ އައީ ރައީސް ސާލިހް ސަރުކާރުގެ ބަންޑާރަ ނައިބަށް އެކަންޏެއް ނޫނެވެ. ހަގީގަތުގައި މުނައްވަރު ފާހަގަ ކުރެއްވި ރައީސް ސާލިހް ގެ ބަންޑާރަ ނައިބަކީ އެކަމުގެ އެންމެ ފަހު މަރުހަލާގައި މަސައްކަތް ކުރަން ދިމާވި ބަންޑާރަ ނައިބެވެ. މައްސަލައިގައި ރާއްޖެ އަށް ފަހިވާ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު އޭގެ ކުރީގެ ހުރިހާ ބަންޑާރަ ނައިބުންނަށް މާ ރަނގަޅަށް ވެސް އޮންނާނީ ތަނަވަސް ވެފައެވެ. އޭގެ ތެރޭގައި ޑރ. މުނައްވަރު ނުހިމެނިދާނީ ކިހިނެއްތޯއެވެ.

މުނައްވަރުގެ އިޚްލާސްތެރިކަން ހާމަކުރައްވަން ދައްކަވަމުން ގެންދެވި ވާހަކަފުޅުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ 200 ނޯޓިކަލް މޭލު ކަމަށް ކަނޑައަޅާ ގާނޫނުގައި ބަޔާން ކޮށް ފުރިހަމަ ކޮށްދެއްވި ކަމަށް ދޭހަވާ ގޮތައް ވިދާޅުވިއެވެ. އޭގެ ވެސް ހަގީގަތަކީ ގާނޫނުގައި އޮންނަ ގޮތުން ދިވެހިރާއްޖެއަށް އެވިދާޅުވާ 200 މޭލުގެ ސަރައްދުވެސް މުތުލަގަށް ލިބިފައެއް ނުވެސް ނެތެވެ.

އެވާހަކަ ވެސް މުނައްވަރު ވިދާޅުވީ ހަގީގަތް އޮޅޭ ގޮތަށެވެ.

މި ގޮތުނަ 200 މޭލު ކަނޑައަޅާފައި އޮންނާނެ ކަމަށް މުނައްވަރު ވިދާޅުވިއިރު، ގާނޫނުގައި މި 200 މޭލުގެ ސަރަހައްދަކީ ރާއްޖޭގެ އޮތް ދިގަށް އުތުރާ ދެކުނުން އިރާ ހުޅަނގުން ހަމަ ނުކުރެވިދާނެ އެއްޗެއްކަން ދޭހަވާ މާއްދާއެއް ގާނޫނުގައި އޮވެއެވެ. އެވާހަކަ މުނައްވަރު ވިދާޅެއް ނުވެއެވެ.

އެއީ މުނައްވަރު މިލްކުވެރިކަން ނަންގަވާ އެ ވިދާޅުވާ ގާނޫނުގެ 7 ވަނަ މާއްދާއެވެ. އެ މާއްދާގެ، އަރިމަތީ ސުރުޚީގައި އޮންނަނީ "ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށުއެރުން" މިހެންނެނެވެ.

ފުށުއަރާ ދިމާއަކާ ބެހޭ ގޮތުން އެ ގައުމަކާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ ސޮއި ކުރެވޭ އެގްރީމެންޓެއްގެ ދަށުން، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް މި ގާނޫނު ހުރަހެއް ނާޅާ ކަމަށް އޮންނަނީ ބުނެފައެވެ.

ތާރީޚަށް ބަލާއިރު، މިއީ މިގާނޫނުގެ ކުރިންވެސް ރާއްޖޭން ކަންކޮށްފައި އޮތްގޮތެވެ.

ކަނޑުގެ ސަރަހައްދުގެ ބައުންޑަރީގެ މައްސަލަ އަކީ ރާއްޖެއަށް އައު ކަމެއް ނޫނެވެ. 8 ޖޫން 1978 ގައި އެރޭބިއަން ކަނޑުން، ރާއްޖެއާ އިންޑިއާ ދެމެދު އޮތް ސަރައްހައްދީ މައްސަލަ ހައްލުކޮށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ފުށުއަރާ ބައި ހަމަހަމަ ވާ ގޮތައް ދަމާލި ރޮނގަކުން އެކަން ހައްލު ކުރީއެވެ.

31 ޖުލައި 1976 ގައި ސްރީލަންކާ އާއި އިންޑިއާ އަދި ދިވެހިރާއްޖޭން، 3 ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ ހައްލުކޮށް 3 ގައުމުން އެއްބަސްވި ގޮތައް އެއްބަސްވުމެއްގައި ހަމަ އެ ގޮތައް ސޮއިކުރިއެވެ.

މާނައަކީ ރާއްޖޭގެ އުތުރުން، 200 މޭލު ހަމަ ނުވާ ސަރަހައްދާއި، ރާއްޖޭގެ އިރުއުތުރުން 200 މޭލު ހަމަ ނުވާ ސަރަހައްދު އޮއްވާ ގާނޫނަށް އަމަލު ކުރަން ފެށުމަކުން އެ ސަރަހައްދުތަކުން އުނިވި ބައި ޑރ. މުނައްވަރަށް އަނބުރާ ހޯއްދަވައެއް ނުދެވުނެވެ. މިޖެހުނީ ކޮންތާކުތޯއެވެ؟

މުނައްވަރު އެ ވިދާޅުވި ގާނޫނު ހެދުމުގެ ތެރޭގައިވެސް، ރާއްޖެއާ ޗާގޯސް އާ ދެމެދު ފުށުއަރާ ސަރަހައްދު ހައްލުވާއިރު، ރާއްޖެ އަށް 200 މޭލުގެ ސަރަހައްދެއް ނުލިބޭނެކަން އޮތީ އޮޅުމެއްގެ ތެރޭގައެއް ނޫނެވެ.

މިހަގީގަތްތައް މިހެން ހުރި އިރު، މައްސަލަ އުފެދުނު ސަރަހައްދުގެ ކަންކަން އެންމެ ރަނގަޅަށް ހައްލު ކުރަން ރާއްޖެއަށް އެޑްވާންޓޭޖް ލިބޭ ގޮތައް ފުރުސަތު ލިބުނީ 1992 ވަނަ އަހަރުކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ. 2 ފަރާތުން އެއްބަސްވާ ބޭސްލައިންގެ މައްޗަށް، މައްސަލަ ޖެހިފައިވާ ސަރަހައްދު ހަމަހަމަ އަށް ބަހާލަން އިނގިރޭސި ވިލާތާއި ދިވެހި ރާއްޖޭން މަޝްވަރާކުރިކަން ރެކޯޑްތަކުން ފެންނަން އެބައޮތެވެ. އިނގިރޭސިވިލާތުން، ޑްރާފްޓް އެއްބަސްވުމެއް ވެސް ރާއްޖެއަށް ހުށަހެޅިއެވެ. އޭގައި ބޭސްލައިން ކޯޑިނޭޓްސްވެސް ހުށަހަޅާފައި ހުއްޓެވެ.

އިނގިރޭސިންގެ ހުށަހެޅުމާއި ގުޅިގެން ރާއްޖޭން އަމަލު ކުރާނެ ގޮތުގެ ސްޓްރެޓެޖީ ކަރުދާހެއް ތައްޔާރު ކުރުމަށް ރައީސް މައުމޫނު އޭރުގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އާ ހަވާލު ކުރެއްވިއެވެ. އެކަން އެނގެނީ އޭރުގެ ކެބިނެޓް ލިޔެކިޔުންތަކުންނެވެ. އެހެން ނަމަވެސް ޑރ. މުނައްވަރަށް އެ މަސައްކަތެއް ނުކުރެއްވުނެވެ.

އޭގެ 4 އަހަރު ފަހުން 1996 ވަނަ އަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު ފާސް ކުރި އިރުވެސް، އިނގިރޭސިވިލާތާ އެކު ހެދި އެމްއޯޔޫގެ ދަށުން ރާއްޖޭން ކުރަން ޖެހޭ މަސައްކަތްތައް އޮތީ ނުކޮށެވެ. 1993 ވަނަ އަހަރުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތައް ބަންޑާރަ ނައިބު ކަމުގެ މަގާމު އަދާކުރެއްވި ޑރ. މުހައްމަދު މުނައްވަރު މި ޒިންމާ އިން ރެކިވަޑައިގަންނަވާނީ ކިހިނަކުންތޯއެވެ؟ މިކަމުގައި ހައްސިއްޔަތު ނެތް ކަމަށް ދައްކަވަން މިހާރު އުޅުއްވިޔަކަސް ހައިސިއްޔަތު އޮތް އިރު އެ ޒިންމާ އަދާ ނުކުރައްވާ މިހާރު ތިޔަ ދައްކަވަނީ ކޮން ވާހަކަ އެއް ތޯއެވެ؟

އެންމެ ފަހުން 2019 ވަނަ އަހަރު އިޓްލޮސް (އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ލޯ އޮފްދަ ސީ) އަށް ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން މައްސަލަ ހުށަހެޅިއެވެ. މައްސަލަ ހުށަހެޅީ ވެސް ރާއްޖެ އަށް ނުހަނު ބޮޑު ގެއްލުންވާ ގޮތަށެވެ. ފުށުއަރާ ސަރަހައްދުން 96،000 އަކަ ކިލޯމީޓަރު ހޯދުމަށެވެ. މާނަ އަކީ ފުށުއަރާ ސަރަހައްދުގެ ބޮޑުބައި މޮރިޝަސް އިން ހޯދުމަށެވެ. މިއީ ރާއްޖޭން ދިފާއަށް ވެއްޓުނު ހިސާބުކަން ފާހަގަ ކުރެވެއެވެ.

ޖެނުއަރީ 2021 ގައި ދިވެހި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ މައްސަލަ ބޭރު ކޮށްލެވޭތޯއެވެ. ރާއްޖޭން ބުނީ، ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސް އަށް ކަން ސާފު ނުވާ ހިނދު އިޓްލޮސް އަށް މައްސަލަ ނުބެލޭނެ ކަމަށެވެ. އެހެން ނަމަވެސް، މޮރިޝަސްގެ މައްޗަށް ފޯޅަވަހީގެ ސިޔާދަތީ ބާރު އޮތް ކަމަށް އިޓްލޮސް އިން ނިންމިއެވެ. އެއީ ކުރީގެ އައިސީޖޭގެ ނިންމުމަށް ރިއާޔަތްކޮށެވެ. އެއާއެކު މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް ކަނޑައެޅިއެވެ.

ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި ރާއްޖެ އަށް ހަގީގަތުގައި މޮރިޝަސް ގޮވައިގެން ކޯޓަށް ދެވުނީހެވެ. އެކަން ނުވެ އުޅެނިކޮށް ރާއްޖެ ގޮވައިގެން މޮރިޝަސް އިން ކޯޓަށް ދިޔައީއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތިމަންނާ ދެއްކި ވާހަކަ އަޑު ނޭހީ އޭ މުނައްވަރު ވިދާޅުވިއިރު، މުނައްވަރުގެ އެޓާރނީނެޖެރަލް ކަމުގައި މޮރިޝަސްގެ މައްސަލަ ކޯޓަށް ހުށަނޭޅުއްވީ ކީއްވެތޯއެވެ؟

2009 ވަނަ އަހަރު އިނގިރޭސިންނާ އެކު ހެދި އަންޑަސްޓޭންޑިންގެ ދަށުން ސަރަހައްދު ބައިކުރަން ރާއްޖެ އަށް ފުރުސަތު ލިބުނެވެ. އެކަމަކު އެކަން ނުވެ ދިޔަ އިރު ބަންޑާރަ ނައިބު ކަމުގައި ހުންނެވީ ޚުދު މުނައްވަރު ނޫންތޯއެވެ؟ އެ ފުރުސަތުވެސް ގެއްލުނީއެވެ. އައިސޭޖީ ގެ ނިންމުމާއި، އދ ގައި ދެފަހަރު މަތިން ނެގި ވޯޓާއި، އަދި އޭގެ ފަހުން އިޓްލޮސް އިން މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައިގަތުމުން ރައްޖެއަށް އެރެން އޮތް ހުރިހާ ގޮޅި އެއް ބަންދުވީ.

ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ޑރ މުނައްވަރަށް ލިބިވަޑައިގެންނެވި 10 އަހަރުގެ މުއްދަތަކީ ކުރު މުއްދަތެއް ނޫނެވެ. މި މުއްދަތުގައި ބޭނުންވެވަޑައިގެންނެވި މިންވަރަކަށް މަސައްކަތް ކުރައްވަން ޑރ. މުނައްވަރަށް އޮތީ ފުރުސަތު ލިބިވަޑައިގެންފައެވެ. އިސްވެ މައްސަލަ ހުށަހެޅުމުގެ ފުރުސަތުވެސް އޮތެވެ. އެހެން ނަމަވެސް ކުރެއްވި މަސައްކަތެއް ފެންނާކަށް ނެތެވެ. އާޚިރުގައި މޮރިޝަސް އިން ރާއްޖެ ގޮވައިގެން ކޯޓަށް ދިޔައީއެވެ. އެ ދަނޑިވަޅާ ލައްވާލީ ރައީސް ސޯލިހްގެ ވެރިކަމަށެވެ. އެވެރިކަމަށް ޖެހުނީ މޮރިޝަސް އިން ބޭނުންވި ގޮތައް ފުށު އަރާ ސަރަހައްދުގެ ބޮޑުބައި އެމީހުންނަށް ނުލިބި އޭގެ ބޮޑުބައި ރާއްޖެއަށް ލިބިގެންދާނެ ގޮތައް ވަކާލާތު ކުރާށެވެ. އެހެން ފުރުސަތުތައް އޭރު އޮތީ ބަންދުވެފައިކަން މުނައްވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެކަން އެހެން ދިމާވީ މުނައްވަރަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރާއްޖެ އަށް އިޚްލާސްތެރި މަސައްކަތެއް ކޮށް ނުދެއްވުމުގެ ނަތީޖާ އެއްގެ ގޮތުން ކަން ގަބޫލު ކުރައްވާށެވެ.

- ކޮމެންޓް