ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 19:14
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން
ދިވެހިރާއްޖޭގެ ބާ ކައުންސިލް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
އުސޫލާ ހިލާފަށް ތަރުތީބުކުރެވޭ ކަންކަމުގައި ބައިވެރިނުވުމަށް ބާ ކައުންސިލުން ގޮވާލާފައިވޭ
ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުނު އިސްލާހަކީ ގާނޫނުއަސާސީއާ ޖޭއެސްސީގެ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް
ވަކީލުންގެ ސުލޫކު ހިފެހެއްޓުމަށް އޮންނަ މަސްއޫލިއްޔަތާ އެއްގޮތަށް އަމަލުކުރަންޖެހޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން ބާ ކައުންސިލުން އެދިއްޖެއެވެ.

ބުދަ ދުވަހު ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށްވެފައި، އެގާނޫނުގެ 7 ވަނަ މާއްދާގެ (ޑ) އަށް ރިއާޔަތް ކުރާއިރު، އާއްމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ރައުޔާއި މައުލޫމާތު ހާމަ ކުރުމަކީ ބާ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބަލައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުއަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި 5 ވަނަ އިސްލާހު ގެނައުމުގެ ބިލު، 26 ފެބުރުއަރީ 2025 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކޮށްފައިވާއިރު، އެ ބިލުގައި އާއްމު މަސްލަހަތާ ގުޅުންހުރި ގާނޫނީ/ ދުސްތޫރީ ބޮޑެތި ކަންބޮޑުވުންތަކެއް ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާއި ޖުމްލަކޮށް މުޅި ގާނޫނީ ފަންނުގެ މެންބަރުންގެ ވެސް ހުރީތީ އެ ކަންބޮޑުވުންތައް ދިވެހިރާއްޖޭގެ ރައީސްއާއި، ރައްޔިތުންގެ މަޖިލިސްއާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ބަންޑާރަނައިބާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިބްތިޚާބުކޮށްފައިވާ މެންބަރާ ހިއްސާކޮށްފައިވާ ކަމަށެވެ.

ބާޔާނުގައި ބުނީ، ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ބަލާއިރު، އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހު ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމާއި، ދައުލަތުގެ އެއްބާރާ ގުޅުންހުރި ކަމެއްގައި ގާނޫނު އިސްލާހުކުރާ ހާލަތުގައި އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮތުމަކީ ދެފުށް ފެންނަ ދިމިޤްރާތީ މުޖުތަމައެއްގައި އަމަލުކުރަންވާނެ ގޮތް ކަމަށެވެ.

ބާ ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ހަވަނަ ބާބު (އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު) ގެ ދަށުން ގާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަނު ކުރުމުގެ އިޖުރާއަތު ވަރަށް ސާފުކޮށް ބަޔާންކޮށް އެ ފަރާތްތައް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމާއި، އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި، އެޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެން އައްޔަންކުރެވޭ ފަރާތްތަކެއްކަމާއި، މިގޮތުން އައްޔަނުކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫން ކަމާއި، ނަމަވެސް ފަނޑިޔާރެއްގެ އުމުރުން ހަތްދިހަ އަހަރުވުމުން އެމީހަކު މަގާމުން މުސްކުޅި ކުރެވޭނެކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެބާބުގެ 149 ވަނަ މާއްދާގައ ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނު ކުރަންވާނީ ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމާއި، ތަޖުރިބާ ލިބިފައިވުމާއިއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭ ފަދަ ގާބިލް މީހުން ކަމަށް ބަޔާންކޮށްފައިވާކަމާއި، އެ ބާބުގެ 154 ވަނަ މާއްދާ (ހ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ނުވަތަ އެމަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްވުމުން ކަމުގައި ބަޔާންކޮށްފައި އޮއްވައި ދެންނެވުނު މާއްދާތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން ފާއިތުވެދިޔަ ވެރިކަމުގައި ދައުުރުތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ގާނޫނަށް އިސްލާހު ހުށަހަޅައިގެން ވަކި ކުރުމުގައި މާޒީގައި ކަންހިނގާފައިވާ ގޮތާ އެއްގޮތަށް ކަންކަން އިޔާދަވުމަކީ އެކަމާ މިކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމާއި، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ގާނޫނަށް ހުށަހަޅާފައިވާ ހަވާލާދެވުނު އިސްލާހަކީ ގާނޫނު އަސާސީގެ 148، 149، އަދި 154 ވަނަ މާއްދާއާއި ހިލާފު އަދި ގާނޫނީ އަދި ދުސްތޫރީ ހަމަތަކާ ހިލާފު އިސްލާހުތަކެއް ކަމެއް ކަމަށް ބާޔާނުގައި ބުނެފައިވެއެވެ.

އަދި އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް ފަނޑިޔާރެއްގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ބަޔާންކޮށް ދެންނެވުނު ބީދައިން އެ މިނިވަންކަން ރައްކާތެރިކޮށް ނެގެހެއްޓުމަށް ގާނޫނާ ގަވާއިދުތަކުގެ ޒަރީއާއިންނާއި، އެހެނިހެން ގޮތްގަޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާއި ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބާޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހޭ ނުފޫޒު ފޯރުވޭ ޤައިރު ދުސްތޫރީ އިސްލާހެއް ކަމަށް ބާ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ބާ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ)އަށް ގެނެސްފައިވާ އިސްލާހުގައި އެ މާއްދާގެ (ށ) އަށް ހަވާލާދީފައިވާއިރު، އެ މާއްދާގައި ބަޔާންވެގެންވަނީ ގާނޫނުއަސާސީގެ އިސްވެދެންނެވުނު 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިބާރާތަށް އެއްވެސް އުނިއިތުރެއް ގެނައުމަކާ ނުލައި އެ އިބާރާތުގައި ބަޔާންކޮށްފައިވާ އިޖުރާއަތަށް ވީއިރު، މި މާއްދާގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ މީހުންނަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ކަނޑައަޅާފައިވާ "ޚާއްސަ އިނާޔާތްތަކާއި އިމްތިޔާޒުތައް'' ޖުޑީޝަލް ސަވިރސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތިން ދައުލަތުގެ ފަރާތުން ލިބިދޭންވާނެ ދުސްތޫރީ ހަމައެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ.

ބާ ކައުންސިލުން ބުނީ، ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންނާއި ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކި ކުރުމަށް ހުށަހެޅުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިފައިވާ ކަމާއި، (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު)ގެ 21 ވަނަ މާއްދާގެ (ށ)ގައި އުއްތަމަ ފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ގާބިލުކަމާއި، މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރަކީ ގާނޫނު އަސާސީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރާއި މަސްއޫލިޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާއިރު، ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު މަސައްކަތް ކުރާ 7 ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް 2 ފަނޑިޔާރަކީ ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫން ފަރާތެއް ކަމަށާއި، އެފަރާތްތައް ކަނޑައަޅައި، 5 ދުވަސްތެރޭ އެކަން ރައްޔިތުންގެ މަޖިލިސްއަށް އެންގުމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވާއިރު، އެއީ ގާނޫނު އަސާސީ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފާސްކޮށްފައިވާ އިސްލާހުތަކެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު)އަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ ޤައިރު ދުސްތޫރީ ބިލެއްކަމުގައި މިކައުންސިލުން ދެކޭތީ އެ ބިލު ތަސްތީގުކުރެވުމުގެ ބަދަލުގައި ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ބިލަށް ނަޒަރުކޮށްދެއްވައި، އެބިލާމެދު އަލުން ވިސްނަވައި ބިލު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމަށް އެދި ރައީސްއަށް މިކައުންސިލުން ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ)ގައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި، ގާނޫނުން އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަކީ ބަންޑާރަނައިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެ މާއްދާގެ (ބ)ގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް ބަންޑާރަނައިބު މަސައްކަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެ މާއްދާގެ (ޅ)ގައި ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ބަންޑާރަަނައިބު ތަބާވާނީ ހަމައެކަނި ގާނޫނުއަސާސީއަށާއި، ގާނޫނަށް ކަމާއި، އެއިން ކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ބަންޑާރަނައިބުގެ މައްޗަށް ނުހިންގޭނެ ކަމަށް ބަޔާންކޮށްފައިވާތީ ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރުމަށް ކަނޑައަޅާފައިވާ އިޖުރާތާ ހިލާފަށް އަމަލުކުރަންޖެހޭގޮތަށް ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އެގޮތުގައި ފާސްނުކުރުމަށް ބަންޑާރަނައިބު އަންގައިދެއްވުން އެދި ސިޓީއަކުން ދަންނަވާފައިވާ ކަމަށް ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބާ ކައުންސިލުން ބުނީ، ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުނު އިސްލާހަކީ ގާނޫނުއަސާސީއާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއްކަމަށްވާތީއާއި، ގާނޫނީ ފަންނުގެ ގާނޫނުގެ އަސާސްތައް ކަމަށްވާ އަދުލު އިންސާފު ގާއިމްކުރުމަށް ގާނޫނީ ވަކީލުންގެ މައްޗަށް އޮންނަ ޒިންމާއާއި، ގާނޫނީ ވަކީލުންގެ ސުލޫކު ހިފެހެއްޓުމަށް އޮންނަ މަސްއޫލިއްޔަތާ އެއްގޮތަށް އަމަލުކޮށްދެއްވައި، މިއުސޫލާ ހިލާފަށް ތަރުތީބުކުރެވޭ ކަންކަމުގައި ބައިވެރިނުވުމަކީ ބާ ކައުންސިލުގެ އާއްމު މެންބަރުންނާއި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އެދުމެއްކަމުގައި ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކޮށްފައިވާ މެންބަރަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

- ކޮމެންޓް