Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ނަތަންޔާހޫ ހައްޔަރު ކުރުމަށް އަމުރު ނެރުމުން އައިސީސީ އާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބިލެއް އެމެރިކާ އިން ފާސް ކޮށްފި

މި ބިލު ހުށަހަޅާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ގަލަންޓް ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2025 | ހުކުރު 03:20
ސެޕްޓެމްބަރު 27، 2024 ގައި އދ އަށް ނަތަންޔާހޫ ވަޑައިގަތުމުން އޭނާ އާ ދެކޮޅަށް ނިއުޔޯކް ސިޓީގައި މުޒާހަރާ ކުރަނީ

ސެޕްޓެމްބަރު 27، 2024 ގައި އދ އަށް ނަތަންޔާހޫ ވަޑައިގަތުމުން އޭނާ އާ ދެކޮޅަށް ނިއުޔޯކް ސިޓީގައި މުޒާހަރާ ކުރަނީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބިލަކަށް ތާއީދުކޮށް ވޯޓުދީފައެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އައިސީސީ އިން ނެރުނު އަމުރާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އެކޯޓާ ދެކޮޅަށް އެޅި ފިޔަވަޅެކެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ މެންބަރުން ބުރާސްފަތި ދުވަހު "އިލެޖިޓިމޭޓް ކޯޓް ކައުންޓަރ-އެކްޝަން އެކްޓް" ފާސް ކުރުމަށް ނެގި ވޯޓުގައި ބިލަށް ތާއީދުކޮށް 243 މެންބަރުން ވޯޓުދީފައިވެއެވެ. ދެކޮޅަށް ވޯޓު ދީފައިވަނީ 140 މެންބަރުންނެވެ. މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ މި ނަތީޖާ އިން އެމެރިކާ އިން އިސްރާއީލަށް އޮތް ބޮޑު ތާއީދު ހާމަވާ ކަމަށެވެ.

45 ޑިމޮކްރެޓުންނާއި 198 ރިޕަބްލިކަނުން މި ބިލަށް ތާއީދުކޮށްފައިވެއެވެ. އެއްވެސް ރިޕަބްލިކަނަކު މި ބިލާ ދެކޮޅަކަށް ވޯޓެއް ނުދެއެވެ. 

މި ބިލު މިހާރު ވަނީ ސެނެޓަށް ފޮނުވިފައެވެ. އަދި މި މަހުގެ ކުރީކޮޅު ރިޕަބްލިކަނުންގެ އަޣުލަބިއްޔަތު އޮތް ސެނެޓް މެމްބަރުން ވަނީ މަގާމާ ހަވާލުވެ ހުވާކޮށްފައެވެ.

މި ބިލުގައި ހުށަހަޅާފައިވަނީ އައިސީސީ އިން އެމެރިކާގެ ރައްޔިތަކު ނުވަތަ އެ ކޯޓުގެ އިޚްތިޞާޞް ޤަބޫލުނުކުރާ އެމެރިކާގެ އެކުވެރި ޤައުމެއްގެ ރައްޔިތަކު ތަޙްގީގުކުރުމަށް ނުވަތަ ހައްޔަރުކުރުމަށް ނުވަތަ ދަޢުވާކުރުމަށް މަސައްކަތްކުރުމުގައި އެހީތެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ. 

އެމެރިކާ އާއި އިސްރާއީލަކީ އައިސީސީ އުފެއްދި ރޯމް ސްޓެޓިއުޓްގައި ބައިވެރިވެފައިވާ ޤައުމުތަކެއް ނޫނެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މުދާ ހިފެހެއްޓުމާއި، އައިސީސީ ގެ މަސައްކަތަށް މާއްދީ ގޮތުން ނުވަތަ މާލީ ގޮތުން އެހީތެރިވާ ފަރާތްތަކަށް ވިސާ ދޫކުރުން ހުއްޓާލުން ހިމެނެއެވެ. 

"އެމެރިކާއިން މި ޤާނޫނު ފާސްކުރަނީ ކަންގަރޫ ކޯޓަކުން އަޅުގަނޑުމެންގެ މަތިވެރި، އެކުވެރި ޤައުމު، އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރަން މަސައްކަތް ކުރާތީ،" ކަމަށް ބުރާސްފަތި ދުވަހުގެ ވޯޓުގެ ކުރިން ރިޕަބްލިކަން ޕާޓީގެ ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ ޗެއަރމަން ބްރަޔަން މާސްޓް ވިދާޅުވިއެވެ. 

މި ވޯޓަކީ، ފާއިތުވި ހަފްތާގައި އައު ކޮންގްރެސް އެކުލަވާލުމަށްފަހު އެންމެ ފުރަތަމަ ނެގުނު ވޯޓުތަކުގެ ތެރެއިން ވޯޓެކެވެ. މި ވޯޓުން ދައްކުވައިދެނީ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕްގެ ޕާޓީ ކަމުގައިވާ ރިޕަބްލިކަނުން އިސްރާއީލުގެ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރާކަމެވެ. މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލު ކޮޅަށް އެމެރިކާގެ އައު ސަރުކާރުން ބުރަވާނެ މިންވަރު ހާމަ ކޮށްދޭ ކަމެއް ކަމަށް ވެސް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. 

މި ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 46،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އދ. ގެ މާހިރުން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާ ތަކަކީ "ނަސްލު ފުހެލުމުގެ ސިފަތަކާ އެއްގޮތް" ކަންކަން ކަމަށް ބުނެ އިސްރާއީލު ކުށްވެރި ކޮށްފައެވެ. 

މިކަމާ ގުޅިގެން ފާއިތުވި އަހަރުގެ މެއި މަހު އައިސީސީ ގެ ޕްރޮސެކިއުޓަރުންގެ ފަރާތުން ވަނީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމަށް އަމުރު ނެރެފައެވެ. 

އަޣުލަބިއްޔަތު ލީޑަރު ޖޯން ތޫންގެ ލީޑަރޝިޕްގެ ދަށުން އެމެރިކާގެ ސެނެޓުން ވަނީ މި ބިލުގެ މަސައްކަތް އަވަހަށް ނިންމައި، ޖެނުއަރީ 20 ގައި ޓްރަމްޕް ރައީސްކަމާ ހަވާލުވެވަޑައިގަތުމާއެކު އޭނާއަށް ސޮއިކުރެއްވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވަޢުދުވެފައެވެ. 

2020 ވަނަ އަހަރު، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އޭނާ ވަނީ އައިސީސީ ގެ އިސް ވެރިންނަށް ފިޔަވަޅު އަޅުއްވާފައެވެ. މިއީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ކުށްތަކާއި ފަލަސްޠީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކުރި ކުށްތަކާ ގުޅިގެން އައިސީސީ އިން ކުރި ތަޙްޤީޤުތަކާ ގުޅިގެންނެވެ. ނަމަވެސް ރައީސް ބައިޑަން ވަނީ ފަހުން މި ފިޔަވަޅުތައް އުވާލައްވާފައެވެ. 

ދަ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ނަސްލު ނައްތާލުމުގެ ކުށްތަކާއި އަދި އުދުވާނީ ކުށްތަކަށް ވަކިވަކި ފަރުދުންގެ މައްޗަށް ދަޢުވާކުރުމަށް އުފައްދާފައިވާ ބައިނަލް އަގްވާމީ ކޯޓެކެވެ.

ފަލަސްޠީނުގެ ދައުލަތަކީ 2015 ވަނަ އަހަރުން ފެށިގެން އައިސީސީ ގެ މެންބަރެކެވެ. އަދި އިސްރާއީލުންނާއި ހަމާސްގެ އޮފިޝަލުން އެ ސަރަޙައްދުގައި ހިންގާފައިވާ ކުށްތަކާ ގުޅޭ ތަޙުގީގެއްއް ފަށާނެ ކަމަށް ކޯޓުން ފުރަތަމަ އިޢުލާނުކުރީ 2019 ވަނަ އަހަރުއެވެ.

އިސްރާއީލަކީ އައިސީސީ ގެ މެންބަރެއް ނޫނެވެ. ނަމަވެސް މެންބަރު ޤައުމެއްގެ ސަރަޙައްދުގައި ހިންގާ ކުށްތަކާ ގުޅިގެން، އެ ކުށް ހިންގާ ފަރާތްތައް ނިސްބަތްވާ ގައުމަކަށް ބެލުމެއް ނެތި، މައްސަލަ ބެލުމަށް ކޯޓަށް އިޚްތިޞާޞް ލިބިގެންވެއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު