Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ ރައީސް ހައްޔަރު ކުރަން އެގައުމުގެ ފުލުހުން ހިނގައްޖެ

ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ރައީސް ޔޫން ހައްޔަރުކުރުމަށް ހުކުރު ދުވަހު ފުލުހުންނާއި އެންޓިކަރަޕްޝަން އޮފިޝަލުން ވަނީ އޭނާގެ ގެކޮޅަށް ގޮސްފައި. ޔޫންގެ ސެކިއުރިޓީ ޓީމުން ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރަން އުޅޭ ތަޙުޤީޤުކުރާ ފަރާތްތައް ހުރަސްއަޅަމުންދާކަމަށް ލޯކަލް މީޑިއާއިން ބުނެފައިވޭ. ހައްޔަރުކުރެވިއްޖެނަމަ، ޔޫން ވެގެން ދާނީ ދެކުނު ކޮރެއާގެ ތާރީޚުގައި ހައްޔަރުކުރެވޭ ފުރަތަމަ މަގާމުގައި ހުންނެވި ރައީސް ކަމަށް.

ރާއްޖެ އެމްވީ | 3 ޖެނުއަރީ 2025 | ހުކުރު 06:39
ޖެނުއަރީ 3، 2025 ދެކުނުު ކޮރެއާގެ ރައީސް ހައްޔަރު ކުރުމަށް އޮފިޝަލުން އޭނާގެ ގެކޮޅުގެ ގޯތިތެރޭގައި

ޖެނުއަރީ 3، 2025 ދެކުނުު ކޮރެއާގެ ރައީސް ހައްޔަރު ކުރުމަށް އޮފިޝަލުން އޭނާގެ ގެކޮޅުގެ ގޯތިތެރޭގައި

ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ރައީސް ޔޫން ސުކް-ޔިއޯލް ހައްޔަރު ކުރުމަށް ހުކުރު ދުވަހު އެ ގައުމުގެ ފުލުހުންނާއި ކަމާ ބެހޭ އޮފިޝަލުން އޭނާ ދިރިއުޅުއްވާ ގެކޮޅަށް ހިނގައްޖެއެވެ.

އެހެން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް ދިޔަ އޮފިޝަލުންނަށް ރައީސް ޔޫން ގެ ސެކިއުރިޓީ ޓީމުން ހުރަސް އަޅަމުން ގެންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރު މުއްދަތަކަށް ގައުމުގައި މާޝަލް ލޯ އިޢުލާންކުރުމާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށް ހައްޔަރުކުރުމުގެ އަމުރެއް ވަނީ ދެކުނު ކޮރެއާގެ ކޯޓަކުން ނެރެފައެވެ.

ހުކުރު ދުވަހުގެ ހެނދުނު ވެރިރަށް ސޯލް ގައި ހުންނަ ޔޫންގެ ގެކޮޅުގެ ގޯތިތެރެއަށް ގިނަ އަދަދެއްގެ ފުލުހުންނާއި ކޮރަޕްޝަން ހުއްޓުވުމުގެ ތަޙުޤީޤުކުރާ ފަރާތްތަކުން ވަނީ ގޮސްފައެވެ. ނަމަވެސް ރައީސް ހައްޔަރުކުރުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ސަރވިސް (ޕީއެސްއެސް) އިން ވަނީ ހުރަސް އަޅާފައެވެ.

ކޮރެއާގެ ރަސްމީ މީޑިއާ ޔޯންހަޕް ނިއުސް އޭޖެންސީން ނަން ހާމަނުކުރާ ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޕީއެސްއެސްގެ އިސްވެރިޔާ ޕާކް ޖޯންގް-ޖޫން ވަނީ ސެކިއުރިޓީ ދީފައިވާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ނެތްކަމަށް ބުނެ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޯރ ހައި-ރޭންކިންގ އޮފިޝަލްސް (ސީއައިއޯ) ގެ އޮފިޝަލުންނަށް ރައީސްގެ ގެކޮޅަށް ވަނުމުގެ ހުއްދަ ދޭން އިންކާރު ކޮށްފައެވެ.

"ސީއައިއޯގެ ޕްރޮސެކިއުޓަރުންނާއި ތަޙުޤީޤުކުރާ ފަރާތްތައް މިހާރު ވަނީ ފުރަތަމަ އަދި ދެވަނަ ހުރަސް ފަހަނައަޅައި ގޮސް ގެކޮޅު ކުރިމަތީގައި ޕްރެޒިޑެންޝަލް ސެކިއުރިޓީ ސަރވިސްއާ ކުރިމަތިލާފައި" ކަމަށް ޔޯންހަޕް އިން ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވެއެވެ.

ޔޫންގެ ސެކިއުރިޓީ ޓީމުން ކުރިން ވެސް ވަނީ ރައީސްއާ ދެކޮޅަށް ނެރެފައިވާ އެތައް ސާރޗް ވޮރަންޓެއް ތަންފީޒުކުރަން އުޅުނު ތަޙުޤީޤުކުރާ ފަރާތްތަކަށް ހުރަސްއަޅާފައެވެ.

ޔޫން ޑިސެމްބަރު 3 ވަނަ ދުވަހު މަދު ގަޑިއިރު ތަކަކަށް މާޝަލް ލޯ އިޢުލާން ކުރެއްވުމާއެކު ދެކުނު ކޮރެއާ ވަނީ ބޮޑު ސިޔާސީ ހަލަބޮލިކަމަކަށް ވެއްޓިފައެވެ.

ލިބަރަލް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމަށްވާ ޖޯ ސެއުންގް-ލޭ ވަނީ އޮފިޝަލުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް ނޭޅުމަށް ޔޫންގެ ބޮޑީގާޑުންނަށް ގޮވާލާފައެވެ.

ހައްޔަރުކުރެވިއްޖެނަމަ، ޔޫން ވެގެން ދާނީ ދެކުނު ކޮރެއާގެ ތާރީޚުގައި ހައްޔަރުކުރެވޭ ފުރަތަމަ މަގާމުގައި ހުންނެވި ރައީސް ކަމަށެވެ.

ޔޫންގެ ވަކީލެއް ކަމަށްވާ ޔޫން ކަޕް-ކެއުން ހުކުރު ދުވަހު އަލުން ތަކުރާރުކޮށް ބުނެފައިވަނީ ތަޙުޤީޤުކުރާ ފަރާތްތަކުން އަމަލުކުރަމުންދަނީ އެމީހުންގެ ބާރުތަކާއި ޤާނޫނުން ބޭރުންކަމަށެވެ. ރައީސްގެ ޤާނޫނީ ޓީމުން ވަނީ ޤައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުގައި އޭނާ ހައްޔަރު ކުރުމުގެ އަމުރު ހުއްޓުވުމަށް އެދި ހުށަހަޅާފައެވެ.

ރައީސް ޔޫން ހައްޔަރު ކުރުމާ ދެކޮޅު ހެދުމަށް އޭނާގެ ގެކޮޅުގެ ބޭރުގައި އެއްވެފައި ތިބި އޭނާ އަށް ތާއީދުކުރާ ފަރާތްތަކަށް ދެއްވި އައު އަހަރުގެ މެސެޖެއްގައި ޔޫން ވިދާޅުވީ "މި ޤައުމު ސަލާމަތް ކުރުމަށް ތިޔަ ފަރާތްތަކާއެކު އެންމެ ފަހު ވަގުތާ ދާންދެން ހަނގުރާމަކުރާނެ" ކަމަށެވެ.

ޔޫން ވަނީ އޭނާގެ ކުރު މުއްދަތުގެ މާޝަލް ލޯ އިޢުލާން ކުރެއްވުން ދިފާޢުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއީ ޤާނޫނީ އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މާޝަލް ލޯ އިއުލާން ކުރެއްވީ "އުތުރު ކޮރެއާއަށް ތާއީދުކުރާ ބާރުތައް ނައްތާލުމަށް" ކަމަށެވެ.

ގަދަ ފިނީގައި ޔޫން އަށް ތާއީދުކުރާ އެތައް ހާސް މީހުން ވަނީ ފާއިތުވި ދުވަސްތަކުގައި ރައީސްގެ ގެކޮޅުގެ ބޭރުގައި އެއްވެ، ތަޙުޤީޤު ހުއްޓާލުމަށާއި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރި ފާސްކުރުން ބާޠިލުކުރުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.

"ރައީސް ޔޫން ސުކް-ޔެއޯލް ރައްޔިތުން ސަލާމަތް ކުރާނެ" އަދި "ޣައިރު ޤާނޫނީ އަމުރަކީ ބާޠިލް އެއްޗެއް" މުޒާހަރާކުރި މީހުން ބުރާސްފަތި ދުވަހު ގޮވަމުން ދިޔައެވެ.

އޮތޯރިޓީތަކުން ވަނީ ޔޫން އަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު މުޒާހަރާކުރާ މީހުންގެ މެދުގައި ހިނގާފާނެ ހަމަ ނުޖެހުމެއް ހުއްޓުވުމަށް 2,700 އެއްހާ ފުލުހުން އެ ސަރަހައްދުގައި ތައްޔާރީ ހާލަތުގައި ބައިތިއްބާފައެވެ.

މާގާމުގައި ހުންނަވާ ރައީސެއްގެ މައްޗަށް ދަޢުވާކުރުމުން އިސްތިސްނާވާ މަދު ކުށްތަކުގެ ތެރެއިން އެއް ކުށް ކަމުގައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޔޫން ގެ މައްޗަށް ސާބިތު ވެއްޖެނަމަ، އޭނާ އަށް ކުރިމަތިވާނީ އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ފަދަ ހަރުކަށި އަދަބުތަކެކެވެ.

ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ޤައުމުގެ އެންމެ އިސް ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޔޫން، ވަނީ ޑިސެމްބަރު 14 ގައި ނެޝަނަލް އެސެމްބްލީން 204-85 ވޯޓުން އިތުބާރު ނެތް ކަމަށް ފާސްކޮށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކޮށްފައެވެ.

ކޮރެއާގެ ރައީސްގެ ޒިންމާތައް ވަގުތީ ގޮތުން މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އެގައުމުގެ ފައިނޭންސް މިނިސްޓަރެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު