Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނަތަންޔާހޫ އިއުލާނު ކުރައްވައިފި

ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާ އާއި ފަރަންސޭސިވިލާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅޭގޮތުން އިޒްރޭލުގެ "ސެކިއުރިޓީ ކެބިނެޓް" ގައި މަޝްވަރާ ކުރުމަށްފަހު، އެ އެއްބަސްވުމަކަށް ތާއީދު ކުރައްވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިއުލާނު ކުރައްވައިފިއެވެ.

ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2024 | ބުދަ 01:57
ނޮމެންބަރު 26، 2024 ގައި އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ވައިގެ ހަމަލާއެއްގެ ސަބަބުން އިމާރާތްތަކުގެ މަތިން ބޯ ދުން އަރަނީ

ނޮމެންބަރު 26، 2024 ގައި އިޒްރޭލުން ދެކުނު ލުބުނާނަށް ދިން ވައިގެ ހަމަލާއެއްގެ ސަބަބުން އިމާރާތްތަކުގެ މަތިން ބޯ ދުން އަރަނީ

ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާ އާއި ފަރަންސޭސިވިލާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅޭގޮތުން އިޒްރޭލުގެ "ސެކިއުރިޓީ ކެބިނެޓް" ގައި މަޝްވަރާ ކުރުމަށްފަހު، އެ އެއްބަސްވުމަކަށް ތާއީދު ކުރައްވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިއުލާނު ކުރައްވައިފިއެވެ.

ލުބުނާން ގައި ފާއިތުވި 13 މަސް ދުވަހު ބަދަލު ކުރަމުން ދިޔަ ވަރުގަދަ ހަމަލާތަކަށްފަހު، އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ފާސްކޮށްފައިކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވެއެވެ.

އިޒްރޭލާ އީރާނުގެ މަދަދުވެރިކަން ލިބިފައިވާ ލުބުނާނުގެ ހިޒްބުﷲ އާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ އިއުލާނުކުރައްވައިފައެވެ.

އެމެރިކާ އާއި ފަރަންސޭސިވިލާތުން އެކުއެކީގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ލުބުނާން ގައި ހިނގަމުންދާ ހަނގުރާމަ ހުއްޓި، "ހިޒްބުﷲ އާއި އެހެނިހެން "ޓެރަރިސްޓް" ޖަމާޢަތްތަކުގެ ނުރައްކަލުން އިޒްރޭލު ރައްކާތެރިކުރެވޭނެ," ކަމަށެވެ. 

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ނޫސްވެރިންނަށް ވިދާޅުވެފައިވަނީ މިއީ, "ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ" އެއްބަސްވުމެއް ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން، 60 ދުވަހުގެ ތެރޭގައި ހިޒްބުﷲ އިން ބްލޫ ލައިން - ލުބުނާން އާއި އިޒްރޭލާ ދެމެދުގައިވާ ނުރަސްމީ ސަރަހައްދީ ރޮނގުން ފެށިގެން ލިޓާނީ ކޯރާ ދެމެދުގައިވާ ސަރަހައްދުން، ހިޒްބުﷲ ގެ ހަނގުރާމަވެރިންނާއި ހަތިޔާރު ބާލަން ޖެހެއެވެ.

އެމެރިކާ އިސް އޮފިޝަލެއް ބުނާގޮތުގައި، އެ ސަރަހައްދުގައި ހިޒްބުﷲގެ ހަނގުރާމަވެރިންގެ ބަދަލުގައި ލުބުނާނުގެ އަސްކަރިއްޔާގެ ބާރުތައް ބޭތިއްބޭނެއެވެ. އަދި އެ ސަރަހައްދުގައިވާ ހިޒްބުﷲ ގެ އެއްވެސް އިންފްރާސްޓްރަކްޗަރެއް އަލުން ގާއިމު ނުކުރެވޭނެ ކަން ކަށަވަރު ކުރާނެއެވެ.

ބައިޑަން ވިދާޅުވިގޮތުގައި، އެ 60 ދުވަހުގެ ތެރޭގައި އިޒްރޭލުން ވެސް އެ ސަރަހައްދުގައި ތިބި އެ ޤައުމުގެ ސިފައިންނާއި އާންމު ރައްޔިތުން މަޑުމަޑުން އަނބުރާ ގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދުގެ ދެފަރާތުގައި ކުރިން ދިރިއުޅެމުން ދިޔަ އާންމު ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް އެނބުރި ދެވޭނެއެވެ. 

ހިޒްބުﷲގެ ބަދަލުގައި 5،000 ލުބުނާން ސިފައިން ގެންނާނެ

އެމެރިކާ އޮފިޝަލެއް ބުނާގޮތުގައި، މި އެއްބަސްވުމުގެ ދަށުން ލުބުނާންގެ އަސްކަރިއްޔާ އިން 5،000 ސިފައިން އެ ގައުމުގެ ދެކުނަށް ފޮނުވާނެއެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގައި ލުބުނާނުގެ ސިފައިންގެ ދައުރާ ގުޅޭގޮތުން އަދިވެސް ސާފު ނުވާ ކަންކަން ހުރިކަން ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން ލުބުނާނު ސިފައިން އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ހިޒްބުﷲ އާ ކުރިމަތިލާނެތޯ އާއި، އަދި އެފަދަ ހާލަތެއްގައި އެކަމުގެ ސަބަބުން މަޒްހަބީ ތަފާތުތައް ފުންކޮށް އޮތް ޤައުމެއްގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން އެމީހުންގެ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފައިސާ އާއި މީހުންނާއި އާލާތްތައް ލުބުނާނުގައި ނެތް ކަމަށެވެ. ނަމަވެސް، ލުބުނާނުގެ ބައިނަލްއަޤްވާމީ ބައެއް ރަޙްމަތްތެރިންގެ އެހީތެރިކަމުގެ ތެރެއިން މި ކަންކަމަށް ޙައްލެއް ލިބިދާނެ ކަމަށް ބެލެވެއެވެ.

ގިނަ ހުޅަނގުގެ އޮފިޝަލުން ބުނާގޮތުގައި ހަނގުރާމައިގެ ސަބަބުން ހިޒްބުﷲގެ ބާރު ދަށްވެފައިވާތީ، މިއީ ލުބުނާނުގެ ސަރުކާރުން އެ ޤައުމުގެ މުޅި ސަރަހައްދުގެ މައްޗަށް އަލުން ބާރު ހޯދުމަށް ލިބިފައިވާ ފުރުސަތެކެވެ. 

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރާނީ ކޮން ފަރާތަކުން؟

ރިޕޯޓުތައް ބުނާ ގޮތުގައި، މި އެއްބަސްވުމަކީ 2006 ވަނަ އަހަރު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމަ ނިމުމަކަށް ގެނައި އދ. ގެ ސަލާމަތީ މަޖިލީހުގެ 1701 ޤަރާރާ އެއްގޮތްވާ ގޮތުގެ މަތިން ހެދިފައިވާ އެއްބަސްވުމެކެވެ.

ޤަރާރު 1701 ގެ ދަށުން، ލިޓާނީ ކޯރުގެ ދެކުނުގައިވާ ސަރަހައްދުތަކުގައި ލުބުނާންގެ ދައުލަތާއި އދ. ގެ ސުލްޙަ ބަލަހައްޓާ ބާރުތައް (ޔުނިފިލް) ފިޔަވައި އެހެން އެއްވެސް ހަތިޔާރުއެޅި ބަޔަކަށް އެ ސަރަހައްދުގައި ނުތިބެވޭނެއެވެ.

ނަމަވެސް ދެފަރާތުންވެސް ބުނެފައިވަނީ މި ޤަރާރާ މިހާތަނަށް ޚިލާފުވެފައިވާ ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހިޒްބުﷲ އަށް އެ ސަރަހައްދުގައި ފުޅާ ދާއިރާ އެއްގައި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ފުރުސަތު ވަނީ ދެވިފައެވެ. ލުބުނާނުން ބުނެފައިވަނީ އިޒްރޭލުން އެ ޤައުމުގެ ސަރަހައްދުގެ މަތިން އަސްކަރީ ވައިގެ ދަތުރުތައް ކުރުން ފަދަ ގޮތްގޮތުން ޤަރާރާ ޚިލާފުވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތަކަކަށް ނުތިބޭނެއެވެ. ނަމަވެސް ކުރީގައިވެސް ކަން ކޮށްފައިވާ ފަދައިން ލުބުނާނުގެ އަސްކަރިއްޔާއަށް އެމެރިކާ އިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. "އެހެންނަމަވެސް މި ފަހަރު މިކަން ކުރާނީ ފަރަންސޭސި އަސްކަރިއްޔާއާ ގުޅިގެންނެވެ،" އެމެރިކާގެ އޮފިޝަލް ބުނެފައިވެއެވެ.

އިޒްރޭލުގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ބައިޑަން ވިދާޅުވީ، "ދެކުނު ލުބުނާނުގައި ހިޒްބުﷲގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަލުން އެޅުމުގެ ފުރުސަތެއް ނުދެވޭނެ،" ކަމަށެވެ. 

އެއްބަސްވުމާ ޚިލާފުވާ ޙާލަތްތަކުގައި ރައްދު ހަމަލާ ދިނުމުގެ ޙައްޤު އިސްރާއީލަށް ލިބިގެންވާ ކަމަށް ބުނެފި

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެފައިވަނީ "އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު" ލުބުނާންގައި "އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން" އިޒްރޭލުން ދަމަހައްޓާނެ ކަމަށެވެ.

"ހިޒްބުﷲ އިން އެއްބަސްވުމާ ޚިލާފުވެ، އަލުން ހަތިޔާރު އެއްކުރަން މަސައްކަތް ކޮށްފިނަމަ އިޒްރޭލުން ހަމަލާދޭނަން. އެމީހުން ސަރަހައްދީ އިމާ ކައިރީގައި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަލުން އަޅަން މަސައްކަތް ކޮށްފި ނަމަ އިޒްރޭލުން ހަމަލާ ދޭނެ. އެމީހުން ރޮކެޓެއް ފޮނުވައިފި ނަމަ، ޓަނަލެއް ކޮނެފި ނަމަ، ރޮކެޓް އުފުލާ ޓްރަކެއް ގެނެސްފި ނަމަ އިޒްރޭލުން ހަމަލާދޭނެ،" އޭނާ ވިދާޅުވިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ ވާހަކަ އަށް ތާއީދު ކުރައްވަމުން އެމެރިކާގެ ރައީސް ބައިޑަން ނޫސްވެރިންނަށް ވިދާޅުވީ، "ހިޒްބުﷲ ނުވަތަ އެހެން އެއްވެސް ފަރާތަކުން އެއްބަސްވުމާ ޚިލާފުވެ، އިޒްރޭލަށް ސީދާ ނުރައްކަލެއް ކުރިމަތި ކޮށްފި ނަމަ، ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޒްރޭލަށް އަމިއްލަ ދިފާޢުގައި ހަރަކާތްތެރިވުމުގެ ޙައްޤު ލިބިގެންވާ،" ކަމުގައެވެ.             

ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ މި އެއްބަސްވުމުން ލުބުނާންގެ ސިޔާދަތު ހިމާޔަތްކުރެވޭ ކަމަށެވެ. 

އިޒްރޭލަށް ރައްދު ހަމަލާދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް ބުނެ އެއްބަސްވުމުގައި އެކަން ހިމަނަން ކުރި މަސައްކަތް ލުބުނާނުން ބަލައިނުގަތުމާ ގުޅިގެން، އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މި މައްސަލަ ޙައްލުކުރުމަށްޓަކައި، އެމެރިކާއިން އިޒްރޭލު ރުއްސަން ސިޓީ އަކުން އެކަމުގެ ހުއްދަ ދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު