ދުނިޔޭގެ އެންމެ ތަހުޒީބު ޤައުމުތަކުގެ ލިސްޓުގައި ގުނާލެވޭ ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި އާންމުން ދިރިއުޅެން ޚާއްޞަ ކޮށްފައި ވާ އެޕަރޓްމަންޓް ޢިމާރާތެއްގެ ތިރީގައި ބަޔަކު، 'އަނގަ މައްޗަށް' ޖަހައިގެން ތިބޭ ކަހަލަ ގޮތަކަށް ތިބި މަންޒަރަށް ސަމާލުކަން ހުއްޓުނެވެ. އެއީ ކޮންމެވެސް ކަމެއްގެ އިންތިޒާރުގައި ތިބި ބައެއްކަން ޔަޤީންވެއެވެ. ވެގެން އުޅޭ ގޮތެއް ބަލަމާ ހިނގާށެވެ.
މާ ގިނަ އިރުތަކެއް ނުވެ، ޢިމާރާތުގެ 2 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން، ރަތް ކުލައިގެ ބާލިދީއެއް ބާލާ މަންޒަރު ފެނެއެވެ. ތިރީގައި ތިބި މީހުން އިންތިޒާރު ކުރަމުން ދިޔައީ އެ ބާލިދީއަށެވެ. މި ވަނީ ކީއް ހެއްޔެވެ؟
މިއީވެސް ވިޔަފާރީގެ އުކުޅެކޯލައެވެ. ޟަރޫރަތަކީ އީޖާދުގެ މަންމައޭ ބުނާ ފަދަ މޭރުމަކުންނެވެ. ވިޔަފާރީގެ މި މޮޑެލްއަކީ ކްރިސްޓޯފަރ ޒެއިލީޝްގެ އުފެއްދުމެއް ކަމަށްއޭނާ ބުނެއެވެ. މިފަދަ ގޮތަކަށް ވިޔަފާރި ކުރަން މަޖުބޫރުވީ، މުޅި ދުނިޔެ އިނދަޖައްސާލީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ދިރިއުޅުމުގެ އާދަކާދައަށް ގެންނަން ޖެހުނު އެކަހެރި ބަދަލުތަކުގެ ސަބަބުން ކަމަށްވެސް އޭނާ ކިޔައިދިނެވެ. ކޮވިޑް-19ގެ ފުރަބަންދުގެ ހިތްދަތި ކަމުގެ ތެރޭގައި ފިސާރި ކާމިޔާބުކޮށް ހިނގި ވިޔަފާރި، ބަލިމަޑުކަމުން ހިސާބަކަށް އަރައިގަނެވި، އައު ޢާންމު ޙާލަތަށް ދިއުމުންވެސް އެގޮތުގައި ދެމި އޮތީއެވެ.
ޢުމުރުން މިހާރު 40 އަހަރު ފުރިފައިވާ ޒެއިލީޝްއަކީ ފުޑް ބްލޮގަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހެކެވެ. ޚާއްޞަވީ ޖަޕާނުގެ ކޭންތަކަށެވެ. އެހެން މީހުން ކައްކާފައި ހުންނަ ކެއްކުންތަކާ ބެހޭ ގޮތުން ލިޔުމުގެ މައިދާން ދޫކޮށް، ސީދާ ކެއްކުމުގެ ތެރެއަށް ޒެއިލީޝް ވަނީ 2020 ވަނަ އަހަރުއެވެ. ރަތް ކުލައިގެ ބާލިދީއެއްގައި ވާޖަހާ ތިރިކޮށްގެން އޭނާގެ ކަސްޓަމަރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފެށީވެސް ހަމަ އެ އަހަރުގެ ފަހުކޮޅުގައެވެ.
ޒެއިލީޝްގެ ޚިދުމަތް މިއަދު ޚާއްޞަ ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން މަޝްހޫރުވި ރާމެން ނޫޑްލްސްގެ އެކި ރަހަތަކަށެވެ. ކޮންމެ ދުވަހަކަށް ބޭނުންވާ ސާމާނު ތައްޔާރު ކުރަނީ ވަކި ބަދިގެއެއްގައެވެ. ޒެއިލީޝްއަށް އަތް ގާތް ކޮށްދިނުމުގެ މަސައްކަތުގައި ޕަރޓްޓައިމް އުސޫލުން މަސައްކަތް ކުރާ 4 މީހަކުވެސް އުޅެއެވެ. ރާމެންގެ ސޫޕްގަނޑަށް ބޭނުންވާ ބައިތައް ތައްޔާރު ކުރުމަށް ފަހު، އެ ދުވަހަކަށް ބޭނުންވާނެ މިންވަރަށް ވެކިއުމް ޕެކްކޮށްގެން ޒެއިލީޝް އެ ސަމާނުތައް ގެންދަނީ އޭނާ ދިރިއުޅޭ ފްލެޓަށެވެ.
ޒެއިލީޝް ތައްޔާރު ކުރާ ރާމެން ނޫޑްލްސްއަށް އޯޑަރު ދޭން ޖެހެނީ އޮންލައިންކޮށެވެ. އޮންލައިންކޮށް އޯޑަރު ދިނުމުން، އެ މީހެއްގެ އޯޑަރު ބަލައި އަންނަން ވީ ވަގުތު، ޒެއިލީޝް އެ ކަސްޓަމަރަކަށް އަންގައެވެ. އެކަން އެހެން ކުރަނީ، އެއް ވަގުތެއްގައި ކަސްޓަމަރުންތައް މާ ގިނަވެ، އަވަށްޓެރިންނަށް އުނދަގުލެއް ވެދާނެތީއެވެ.
ޒެއިލީޝްގެ ގާތުން ޤަވައިދުން ޚިދުމަތް ހޯދާ ކަސްޓަމަރުންވެސް އުޅެއެވެ. ޒެއިލީޝްއާއި އޭނާގެ ބާލިދީއަށް އެ މީހުންގެ ސަމާލުކަން ހުއްޓުނީ، ޒެއިލީޝްގެ އިންސްޓަގްރާމުން އެ މަންޒަރުތައް ފެނުނު ހިސާބުންނެވެ. އިންސްޓަގަރާމުން ޒެއިލީޝް ފޮލޯރ ކުރާ މީހުންގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަޝްހޫރު ފުޑް ބްލޮގަރުންވެސް ހިމެނެއެވެ.
ޒެއިލީޝްގެ ކާމިޔާބު ވިޔަފާރީގެ އަސްލު ގުޅެނީ އޭނާގެ އުފެއްދުންތައް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކުގެ ކޮލިޓީ ރަނގަޅުވުމުގެ އިތުރަށް، ކަސްޓަމަރުންގެ އަތަށް ލިބޭ ޑިޝްއަކީ ހުރިހާ ގޮތަކުންވެސް ރަހަ ހެޔޮ ވަރު، އަނގަޔަށް މީރު ޑިޝްއަކަށް ވުމާއެވެ.
ޒެއިލީޝްގެ ރާމެން ނޫޑްލްސްގެ ސޫޕްގަނޑު ތައްޔާރު ކުރަނީ ކުކުޅު ކައްޓާއި، މަސަލް ދާޝީ ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި، ޓިޝޫ ކަރުދާސް ކޮޅެއްހާ ތުނިކޮށް ކޮށާފައި ހުންނަ މަސްފޮތިވެސް ބޭނުން ކުރެއެވެ. ޒެއިލީޝް ބުނާ ގޮތުގައި އެ ގޮތަށް ސޫޕްގަނޑު ތައްޔާރު ކުރުމުން، ސީދާ މަހުގެ ރަހަ އަނގައިގައި ނުޖެހި، ނޫޑްލްސްގެ ރަހައަށް އިންސާފުކޮށްލުމުގެ ފުރުޞަތު ލިބޭނެއެވެ.
ބާލިދީގައި ތިރިކުރާ ރާމެން ކިޓެއްގައި ހުންނަނީ އެކަކަށް 1 ފަހަރު ކެވޭ ވަރުގެ ޕޯޝަންއެކެވެ. ކޮންމެ ޕެކެޓެއްގައި ސޫޕް، ނޫޑްލްސް އަދި ރަހަ މީރު ކުރަން އިތުރަށް އަޅާނެ ބައެއް ކަހަލަ ޓޮޕިންގްސްވެސް ހިމެނާފައި ހުރެއެވެ. ޒެއިލީޝް އަތުން ރާމެން ކިޓްއެއް ގަނެގެން އެ މީހަކު އެ ދާ ތަނަކަށް ގޮސް، އެންމެ މިނެޓެއްގެ އިރު ވަންދެން ނޫޑްލްސްކޮޅު ފެނުކައްކާލުމަށްފަހު، ސޫޕުކޮޅު ހޫނުކޮށްލާ، ހުރިހާ އެއްޗެއް އެއްކޮލުމުން އެ ހުރީ ރާމެން ނޫޑްލްސް ކާން ތައްޔާރުވެފައެވެ. މިއިން ޕޯޝަންއެއްގެ އަގު އުޅެނީ 16 ވަރަކަށް ޔޫރޯއަށެވެ.
އެންމެ ޕޯޝަން އަކަށް 16 ޔޫރޯއަކީ މާ ބޮޑު އަގެއްތޯ ސުވާލުކޮށްލުމުން، ޒެއިލީޝްގެ ކަސްޓަމަރުން ދިނީ ތަފާތު ޖަވާބެކެވެ. ލިބޭ ނޫޑްލްސްގެ ފެންވަރަށް ބަލާއިރު، ޒައިލީޝް ނަގާ އަގަކީ ހަމަ އެންމެ އިންސާފުވެރި އަގެއް ކަމަށް އޭނާގެ ކަސްޓަމަރުން، ހިތުން ރުހުމުން ޤަބޫލު ކުރެއެވެ.
ކޮންމެ ހަފުތާއަކު 3 ދުވަހު ޒެއިލީޝް ދަނީ އޭނާގެ ޚާއްޞަ ރާމެން ނޫޑްލްސް ވިއްކަމުންނެވެ. މަޑުޖެހިލުމުގެ އެއްވެސް ފިކުރެއް އަދި މިވަގުތަކު ނެތެވެ. ކާބޯތަކެތި ތައްޔާރު ކުރެވޭ ފެންވަރާއި، ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުޚީބަށް ބަލާ އިރު، ޚުދު ޒައިލީޝްވެސް ހުރީ ފިސާރި ހިތްހަމަޖެހިފައެވެ.