ކ. މާލެ
|
3 ޖެނުއަރީ 2024 | ބުދަ 07:23
ރައީސް މުއިއްޒު، ނައިބު ރައީސް ހުސެއިން އަދި އަބްދުއް ރަހީމް
ރައީސް މުއިއްޒު، ނައިބު ރައީސް ހުސެއިން އަދި އަބްދުއް ރަހީމް
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ސަރުކާރު
މަލަކަށް ދޫކުރާނެ މަލެއްނެތެވެ. ހައްތަހާވެސް ގަރަޑަމަލެވެ!
 
މިނިވަންކަން ގެއްލެން އިއްޔެ މެދުވެރިވީ އިންޑިޔާ ސިފައިންގެ އަދަދާ ގުޅިގެން، މިއަދު އަދަދު މުހިންމެއް ނޫން
 
ރައީސް ޔާމީން އިއްޔެ މިނިވަންނުވީ ކުރީގެ ސަރުކާރުގެ ސަބަބުން، މިއަދު ސަރުކާރުން ޖުޑިޝަރީ މިނިވަންކުރާތީ
 
އެހެންވީމާ ދިވެހި މުސްކުޅިބަހެއްގައި "ގަރަޑަމާ" ވެސް އޮންނަނީ ހަމަ މިކަހަލަ މީހުންނަށް އިޝާރަތްކޮށް

މި އޮތީވާ ވެރިކަމެކެވެ. މީގެ ގާތްގަޑަކަށް ދޮޅުމަސް ކުރިން ރައްޔިތުން މި ވެރިކަން ހޮވީ ފޮނި އުންމީދުތަކާ އެކުއެވެ. އެންމެ މުހިންމުކަމަކަށް، ގައުމިއްޔަތާއި މިނިވަންކަން ގެއްލެނީ ކަމުގައި ބުނެ، އެ މިނިވަންކަން ހޯދައިދިނުމަށް ރައްޔިތުން ގެނައީ މި ސަރުކާރެވެ. އެހެން ނަމަވެސް މިއަދުގެ ހާލަތަކީ ކޮބައިތޯއެވެ.

މިއަދުގެ ސަރުކާރުގެ ހާލަތު، އެންމެ ކަމަކުން ބަލާލަމާ ހިންގަވާށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން، އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެއްކަން ކަމުގައިވާ ސިފައިންގެ އަދަދާ ގުޅޭ ގޮތުންނެވެ.

އެންމެ ފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެކަމާ ގުޅޭ މަސައްކަތްތައް ފެށިފައިވާކަމަށެވެ.

އެހެން ނަމަވެސް، މިކަމުގައި އެންމެ ޖޯކު ކަމަކީ، އެ ސިފައިންގެ ޔަގީން އަދަދެއް ހަމަ އުޅެ އުޅެ ސަރުކާރަށް ނޭނގުމެވެ. އެންމެ ފުރަތަމަ ހާހުން އަދި ދެހާހުން ފެށި ސިފައިންގެ ނަންބަރުތައް، ވެރިކަމަށް އައިފަހުން ތިރިވަމުން އައިސް ވެއްޓުނީ 89 އަށެވެ. ހަމަ ކުއްލިއަކަށް އޭގެން އެކަކު މަދުވެ، އެ އަދަދު 88 އަށް ވެއްޖެއެވެ.

އެހާ ހިސާބުން މުހިއްމީ ސިފައިން ތިބި އަދަދެއް ނޫން ކަމަށާއި، މުހިއްމީ އިންޑިއާ ސިފައިން ބޭލުން ކަމަށް ބުނެ އެ ވާހަކަ ވެސް އޮއްބާލީއެވެ. އެހެން ނަމަވެސް، އެ އަދަދު ވެސް މުހިންމުކަމަށް ބުނެ ވެރިކަމަށް އައި ބަޔަކު މިއަދު ދެން އެފަދަ ވާހަކަތަކެއް ދެއްކުމުން، ދެން މިވަރުގެ "ގަރަޑަ" މާތަކެއް ބަޔަކަށް ފެންނާނެހެއްޔެވެ؟

އިތުރު ކަމެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މާ ޝައުގުވެރިކަމެއް ދީގެންކަމަށް ބަލަމުންދާ ކަމަށް ބުނާ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގެ މައްސަލައެވެ. މިއަދު އެ މައްސަލައިގައި އަސްލު އިހްތިސާސް އޮންނަ ހައުސިން މިނިސްޓްރީންނާއި، އެ މައްސަލަ ބަލާކަމަށް ބުނާ އޭސީސީން ވެސް ދައްކާނެ ވާހަކައެއް ނެތެވެ. އެ މައްސަލައިގައި އެއްބަޔަކު އަނެއްބަޔެއްގެ ބޮލަށް އެ ޖަހައި، މައްސަލަ ދިގުދައްމާލަނީ އެވެ. ނުވަތަ އޮއްބާލަނީ އެވެ.

އެ ފްލެޓް ލިސްޓު ލިބުނު ނިކަމެތި ރައްޔިތު މީހާގެ ހާލެއް ހޯދަން ޖެހެނީ އެ މީހާއެވެ. އެމައްސަލަ އެހެން ހިނގުން އެއްގޮޮތަކުން ހައިރާނެއް ވެސް ނޫނެވެ. އެއީ އެ ލިސްޓުތަކަށް "އިހްތިރާމު ނުކުރައްވާނެ ކަމަށް" އެ މައްސަލައިގެ އިހްތިސާސު އޮންނަ، ގާނޫނުން އެކަން ހަވާލުކޮށްފައި އޮންނެވި ވަޒީރު ވެސް ވިދާޅުވެފައި އޮތުމެވެ. ދެން ހަމަ މިވަރުން "ގަރަޑަ" މާތަކަށް މި ސަރުކާރު ނުވާނެ ގޮތެއް ހަމަ ނެތެވެ.

ހަމަ އިތުރުކަމެކެވެ. ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފޮޓޯފުޅުގެ ނިވަލުގައިއެވެ. ކިޔުއްވިހާ ފަރިއްސާއި ޅެމެއްގައި ވެސް އޮތީ ރައީސް ޔާމީނަށް ސަނާކިޔުއްވުމާއި، އެމަނިކުފާނު ޖަލުގައި އޮތުމުން ޕާޓީއާއި ގައުމަށް ދިމާވެފައިވާ ހިތްދަތިކަމުގެ ވާހަކައެވެ. އެހެން ނަމަވެސް މިއަދު އެ ކަން ވެސް ފަސްދާނުލައިފިއެވެ. ވެރިކަމަށް ދޮޅުމަސް ވެގެން ދިޔައިރު، ރައީސް ޔާމީން މީހަކަށް ނުވިއެވެ. މިއަދު އެމަނިކުފާނު ވެވަޑައިގެންނެވީ "ޖަލު ގައިދީ" އަކަށެވެ.

މިއަދު އެމަނިކުފާނު މިނިވަން ނުކުރެވެނީ ސަރުކާރުން ޖުޑިޝަރީއަށް އަތް ނުބާނަންވެގެން ކަމަށެވެ. އިއްޔެ، ކުރީގެ ސަރުކާރުން އެފަދައިން ނުހެދެމުން ކުރީގެ ސަރުކާރުވީ ގޯހެވެ. މިވަރުގެ "ގަރަޑަ" މާތަކެއް ބަޔަކަށް ހަމަ ގައިމު ވެސް ނުފެންނާނީ މިހެންވެގެންނެވެ.

ދިވެހި މުސްކުޅިބަހެއްގައި "ގަރަޑަމާ" ވެސް އޮންނަނީ ހަމަ މިކަހަލަ މީހުންނަށް އިޝާރަތްކޮށެވެ. މިއަދު އެމަންޒަރު ވަރަށް ސާފުކޮށް މިއޮށްގެން ފެންނަނީތާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް