އިންޑިއާ، ބޫޓާން އަދި ޗައިނާ، ތިން ގައުމުގެ ގުޅޭ ސަރަހައްދުގައި ޗައިނާއިން މަގެއް ހަދަން ފަށަން އުޅުމުން، މައްސަލަ ހޫނުވެ، ވަރުގަދަ ބަޔާން ތަކެއް އެއް ގައުމު އަނެއް ގައުމަށް އަމާޒުކޮށް ނެރެފިއެވެ.
އިންޑިއާއިން ބުނާ ގޮތުގައި މައްސަލަ ގޯސްވީ، ޖޫން މަހުގެ 16 ވަނަ ދުވަހު، ބަރު އުޅަނދުތަކާއެކު ކޮންސްޓްރަކްޝަން ކުންފުންޏަކުން ޑޮކްލަމް ސަރަހައްދުގައި މަގެއް ހެދުމަށް ޗައިނާގެ ކުންފުންޏަކުން އުޅެން ފެށުމުންނެވެ. ބޫޓާން، އިންޑިއާ އަދި ޗައިނާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ސަރަހައްދަކަށް މި ސަރަހައްދު ވުމާއެކު ބޫޓާނުގެ ސަލާމަތީ އޮފިޝަލުން މަގު ހަދަން އައި މީހުންގެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އަދަދު މަދު ބޫޓާންގެ އޮފިޝަލުންނަށް އެކަން ނުހުއްޓުވުމުން، މަގު ހެދުމުގެ މަސައްކަތް ހުއްޓުވީ އިންޑިއާ ސިފައިން ގޮސްގެން ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓު ކޮށްފައިވެއެވެ.
ސަރައްދުގައި ތިބި އިންޑިއާ ސިފައިން ސަރަހައްދު ދޫކޮށް ނުދާނެ ކަމަށާއި، އެއީ ޗައިނާއިން އިންޑިއާގެ އިރުއުތުރު ސަރަހައްދުގައި މަގެއް ހަދައިފިނަމަ، އިންޑިއާގެ ގައުމީ ސަލާމަތައް ނުރައްކާވާނެއަތީ ކަމަށް އިންޑިއާއިން ބުނެފައިވެއެވެ.
ޗައިނާއިން އެ ގައުމުގެ އިން ބަދަލު ކުރަން އުޅޭ ކަމަށް ބުނެ ބޫޓާނުން ވަނީ ޖޫން 20 ގައި ދިއްލީގައި ހުންނަ ޗައިނާ އެމްބަސީގައި ޝަކުވާ ކޮށްފައެވެ. ބޫޓާނުން ބުނަނީ، ޗައިނާއިން އަމިއްލަ އަށް ބޯޑަރު ސަރަހައްދަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތަކީ 1988 ގައި އަދި 1998 ގައި ބޫޓާން އާއި ޗައިނާއާ ދެމެދު، ދެ ގައުމުގެ ބޯޑަރު ވަކި ކުރުމަށް އަމަލު ކުރުމަށް ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފް އަމަލު ތަކެއް ކަމަށެވެ. ބޫޓާނުން ބުނެފައިވަނީ، ޖޫން 17 ގައި އޮތް ހާލަތައް ރުޖޫއަ ވުމަށް ޗައިނާ އަށް ގޮވާލާ ކަމަށެވެ.
އިންޑިއާ ސިފައިން ބޯޑަރު ހުރަސްކޮށް ސިކިމްގެ ތެރެއިން ޓިބެޓްގެ ސަރަހައްދަށް، މަގުގެ މަސައްކަތް ހުއްޓުވުމަށް ވަތް ކަމަށް ބުނެ ޗައިނާ އިން ނުރުހުން ފާޅު ކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ޗައިނާގެ ބޯޑަރުގެ ބޭރުން މަގެއް ހެދުމަށް އުޅުނު ސަރަހައްދަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ އިން ވަތް ވަނުން ކުށްވެރި ކޮށް ޗައިނާގެ ޚާރިޖިއްޔާއަށް ޝަކުވާ ހުށަހަޅާފައިވާނެ ކަމަށެވެ.
އިންޑިއާގެ ސަރުކާރުން ޗައިނާ ސަރުކާރަށް ފޮނުވި ނުހުރުމުގެ ޝަކުވާގައި ބުނެފައިވަނީ، ޗައިނާ އިން އަމިއްލަ އަށް މި ކުރާ ކަންކަމުގެ ސަބަބުން އެ ސަރަހައްދު މިހާރު ހަމަޖެހިފައި އޮތް ގޮތައް ބަދަލު ތަކެއް އަންނާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން އިންޑިއާގެ ސަލާމަތައް ނުރައްކާވާނެ ކަމަށް ދެކޭ ކަމަށެވެ. އިންޑިއާއިން ބުނެފައިވަނީ ސަރައްދީ އިމުގެ މައްސަލަ ހައްލު ކުރުމަށް ވާހަކަ ދެއްކުމަށް އިންޑިއާއިން އެދޭ ކަމަށެވެ.
ހިމާލިޔާ ސަރަހައްދުގެ ބޯޑަރުގެ މައްސަލައިގައި ޗައިނާ އާއި އިންޑިއާ އިން ދޭތެރެ ދޭތެރޭން ކޯޅޭ ކަން ފާހަގަ ކުރެވެއެވެ.
އިންޑިއާ އާއި ޗައިނާ އާ ދެމެދު އުފެދިފައިވާ ޒަމާންވީ މި މައްސަލައިގެ ތެރެއަށް ބޫޓާން އިން މިހާރު ވަދެފައިވާ އިރު، ބޫޓާން އިން ބުނެފައިވަނީ، އެ ސަރަހައްދުގެ މިލްކްވެރިކަމާ މެދު މައްސަލަތައް އުޅޭ ކަމަށާއި، ޗައިނާއިން ހަދަން އުޅޭ މަގުގެ ސަބަބުން މި ކަމާ ބެހޭ ގޮތުން ކުރިން ވެފައި އޮތް އެއްބަސްވުމާ ޗައިނާ އިން ޚިލާފު ވާ ކަމަށެވެ.
ބޫޓާން އަކީ ޗައިނާ އާ ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމެއް ނޫނެވެ.
ޗައިނާ އިން ބުނަމުންދަނީ މައްސަލަ އުފެދިފައިވާ ކަމަށް ބުނާ ސަރަހައްދަކީ ޗައިނާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށާއި، އެއީ 1890 ވަނަ އަހަރު އިނގިރޭސިންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި ހަމަޖެހިފައިވާ ސަރަހައްދެއް ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދުގައި މަގު ހެދުމުގެ ހުރިހާ ހައްގެއް ޗައިނާ އަށް ލިބިގެންވާ ކަމަށެވެ.
1962 ވަނަ އަހަރު އަރުނާޗަލް ޕްރަދޭޝް ސަރަހައްދުގެ މައްސަލައިގައި ޗައިނާ އާއި އިންޑިއާއިން ވަނީ ހަނގުރާމައެއް ކޮށްފައެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ތުހުމަތާއި ޝައްކުގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުމެއް ކަން ފާހަގަ ކުރެވެއެވެ. އަރުނާޗަލް ޕްރަދޭޝްއަކީ ޓިބެޓްގެ ދަރިކޮޅުގެ މީހުން ގިނަ ސަރަހައްދެކެވެ.
ސިއްކިމް ސަރައްދުގެ މައްސަލައިގައި މި ފަދަ ހަމަ ނުޖެހުމެއް މީގެ ކުރިން ހިނގާފައި ނުވި ނަމަވެސް އަދި އެއީ އިންޑިއާގެ އެންމެ ކުޑަ އާބާދީ އޮންނަ އަދި ދެވަނަ އަށް އެންމެ ކުޑަ ސްޓޭޓް ކަމުގައި ވީނަމަވެސް ސިއްކިމް އޮންނަ ތަނުގެ ގޮތުން މިއީ އިންޑިއާއަށް ވަރަށް މުހިންމު ސްޓޭޓެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސްޓޭޓެކެވެ.
2014 ވަނަ އަހަރު ސިއްކިމް ސަރަހައްދަށް ޗައިނާ ސިފައިން ވަނުމުން ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތައް ޗައިނާ އިންޑިއާގެ ގުޅުން ހޫނުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ.
އިންޑިއާއިން ޗައިނާއާ މެދު ހިތްހަމަ ނުޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި ކަޝްމީރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރަން ޗައިނާ އިން އެހީވެ ދިނުމާއި، ނިއުކްލިއަރ ސަޕްލައިސް ގްރޫޕްގެ މެމްބަރަކަށް ވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތައް ޗައިނާއިން ހުރަސް އެޅުން ފާހަގަ ކުރެވެއެވެ.