ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 11:23
ޑޮނާލްޑް ޓްރަމްޕްގެ ފްލޮރިޑާ ގަނޑުވަރުކޮޅު ނުވަތަ "މާރް-އަ-ލާގޯ" ރެއިޑްކޮށްފައިވަނީ އެންގުމެއް ނެތި ހޯމަ ދުވަހުގެ ވަގުތެއްގައި
ޓްރަމްގެ ފްލޮރިޑާ ގަނޑުވަރުކޮޅު ރެއިޑްކުރުން
މާރް-އަ-ލާގޯ ރެއިޑް: ރައީސްއަކަށްވެސް ޤާނޫނަކަށް ނުފިއްލެވޭނެ!
 
ޓްރަމްގެ ފްލޮރިޑާ ގަނޑުވަރުކޮޅުގައި ހިންގާ ރެއިޑްގައި އެފްބީއައިގެ ގުރޫޕުން، ތިޖޫރީއެއްވެސް ފަޅާލާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި
 
ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި "މާރް-އަ-ލާގޯ" ރެއިޑް ގުޅިފައި ވަނީ، ޓްރަމްޕްގެ ވެރިކަމުގެ ދައުރު ނިމެން ދަނިކޮށް، ވައިޓްހައުސްގެ ގިނަ ލިޔެކިއުންތަކެއް އެތަނުން ބޭރު ކުރި މައްސަލައާ
 
ވައިޓްހައުސްއިން ލިޔެކިއުންތަކެއް ބޭރު ކުރުމަކީ އެމެރިކާގެ ޕަބްލިކް-ރެކޯޑްސް ޤާނޫނާ ކަނޑައެޅިގެން ޚިލާފު އަމަލެއް

ހޯމަ ދުވަހު ބައިނަލްއަގުވާމީ މުޖުތަމައު ސިއްސުވާލި އެއް ޚަބަރަކީ އެމެރިކާގެ ތަޙުޤީޤީ އިދާރާ (އެފްބީއައި)އިން ކުއްލި ގޮތަކަށް، އަންގާވެސް ލުމެއް ނެތި، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފްލޮރިޑާ ގަނޑުވަރުކޮޅު ނުވަތަ "މާރް-އަ-ލާގޯ"ގައި ކުރިއަށް ގެންދިޔަ ރެއިޑްގެ ޚަބަރެވެ. އެއީ އެމެރިކާ ފަދަ ޤައުމެއްގައި ހިނގައިގެން ވާނެ ފަދަ ކަމެއް ނޫން ކަން ވިސްނައިދިނުމަށް، ޓްރަމްޕް ފަދަ ބޭފުޅަކު މައްސައްކަތް ކުރެއްވުން ގާތް ޚަބަރެކެވެ.

"މާރް-އަ-ލާގޯ"ގައި ހިންގާ އޮޕަރޭޝަނާ ބެހޭ ގޮތުން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ރަސްމީ ސިފައެއްގައި މާ ބޮޑު އެއްޗެއް ހާމައެއް ނުކުރެއެވެ. ބައިނަލްއަގުވާމީ މީޑިއާއަށް ތިލަވާ ތަފްސީލުތަކުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އެކަމާ ގުޅޭ ގޮތުން ޓްރަމްޕް އާންމު ކުރައްވާ މައުލުމާތެވެ. ނުވަތަ ކަށަވަރު ކުރަން ދަތި މަސްދަރުތަކުން އާންމު ކުރާ މައުލޫމާތެވެ.

"މާރް-އަ-ލާގޯ" ރެއިޑްއާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ، ފްލޮރިޑާގެ ޕާމް ބީޗް ސަރަހައްދުގައި ހުރި އެ ގެއަށް އެފްބީއައިގެ ބޮޑު ގުރޫޕަކުން ވަދެގެންފައިވާ ކަމަށެވެ. އަންގާވެސްލުމެއް ނެތި ގެއަށް ވަތް އެފްބީއައިގެ ގުރޫޕުން، ތިޖޫރީއެއްވެސް ފަޅާލާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ވޮޝިންގްޓަން ޕޯސްޓާއި ދަ ނިއުޔޯކް ޓައިމްސް ފަދަ، އެމެރިކާގެ ބައެއް ދުވަހު ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި "މާރް-އަ-ލާގޯ" ރެއިޑް ގުޅިފައި ވަނީ، ޓްރަމްޕްގެ ވެރިކަމުގެ ދައުރު ނިމެން ދަނިކޮށް، ވައިޓްހައުސްގެ ގިނަ ލިޔެކިއުންތަކެއް އެތަނުން ބޭރު ކުރި މައްސަލައާއެވެ. ވައިޓްހައުސްއިން ލިޔެކިއުންތަކެއް ބޭރު ކުރުމަކީ އެމެރިކާގެ ޕަބްލިކް-ރެކޯޑްސް ޤާނޫނާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ.

އެމެރިކާގެ އެއްވެސް ރައީސްއަކަށް މިފަދަ ކަމަކާ ކުރިމަލައްވަން ޖެހިވަޑައިގެންފައި ނުވާ ކަމަށާ، މިފަދަ ކަމަކީ އެމެރިކާ ފަދަ ޤައުމެއްގައި ހިނގައިގެން ވާނެ ފަދަ ކަމެއް ނޫން ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ. މިފަދަ ރެއިޑަކީ 3 ވަނަ ދުނިޔޭގައި ހިންގާ ފަދަ ރެއިޑެއް ކަމަށާ، އެމެރިކާވެސް މިއަދު ވަނީ އެފަދަ ފައްތަރަކަށް ވެއްޓިފައި ކަމަށާ، ތާރީޚު ދެކެފައި ނުވާ ދަރަޖައަށް ކޮރަޕްޝަން އެބަ އޮތް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި ވާހަކަފުޅުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އެބައޮތެވެ. ތެދެކެވެ. އެމެރިކާގައި ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް އަދި މިހާތަނަކަށް މިފަދަ ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެއް ނެތެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި ރައީސްކަން "ކުރެއްވި" އެ ލަފުޒު ބޭނުން ކުރައްވާފައި ނުވަނީ، 2020 ގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކަމަށް ޤަބޫލު ކުރައްވަން އަދިވެސް އިންކާރު ކުރައްވާތީ ކަމަށް ބެލެވެއެވެ.

އެމެރިކާގައި ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް އަދި މިހާތަނަކަށް މިފަދަ ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެއް ނެތް ނަމަވެސް، ޤާނޫނުން ވެރިކަން ހިންގުމާ ބެހޭ ގޮތުން ޓްރަމްޕް ހައްދަވާފައި ވަނީ އިތުރުފުޅެކެވެ.

އެމެރިކާގެ ކުރީގެ ރައީސުންނާ ޚިލާފަށް ޓްރަމްޕަކީ ގޮށްމުށުގެ ބާރުން ވެރިކަން ހިންގެވުމަށް އަމާޒު ހިއްޕެވި ލީޑަރެއް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެމެރިކާގެ އަސްކަރިއްޔާ ލައްވަ ކުރުއްވަން އުޅުއްވި ބައެއް ކަންކަމަކީ، ބޭރު ދުނިޔޭގެ ޚުދުމުޚުތާރު ވެރިން ކުރެއްވި ފަދަ ކަންތައްތަކެކެވެ. އަދި އެންމެ ޚުދުމުޚުތާރު އެއް ލީޑަރުގެ ގޮތުގައި ސިފަ ކުރަމުން ދާ އެޑޯލްފް ހިޓްލަރަށް އޭނާގެ އަސްކަރިއްޔާ ކިޔަމަންވި ފަދައިން، އެމެރިކާގެ ލަޝްކަރު ޓްރަމްޕަށް ކިޔަމަން ނުވާ ކަމުގެ ޝަކުވާވެސް ކުރެއްވިއެވެ. ވެރިކަމުގެ ދައުރު ނިންމަވާލެއްވީ، ގަސްކަރައިގެ ހިތްގައުމުކަން ލިބިފައިވާ ސަރަހައްދެއްގައި ހުރި ގަނޑުވަރެއް ފަދަ ގެއަކަށެވެ.

އެއް ބައެއްގެ ދަށުގައި ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮންނަ ގައުމެއްގައި ޓްރަމްޕް އެ ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ކަން ހިނގާފާނެއެވެ. ނަމަވެސް އެމެރިކާގައި އެ ކަން ވާ ގޮތެއް ނުވިއެވެ. ވެރިކަމުގައި ހުންނަވަނިކޮށް 2 ފަހަރަށް އަޒުލު ކުރެވުނެވެ. އިންތިޚާބުގެ ވޯޓު ގުނުމުގެ މަރުހަލާއަށް ނުފޫޒު ފޯރުވިކަމުގެ މައްސަލަ ދަނީ ބަލަމުންނެވެ. ޓްރަމްޕްގެ ކުންފުންޏެއްގެ ތަހުގީގު ދަނީ ކުރިއަށެވެ. އިންތިހާބަށް ނުފޫޒު ފޯރުއްވަން މަސައްކަތް ކުރެއްވި ކަމުގެ މައްސަލަ ދަނީ ކުރިއަށެވެ. 

ޓްރަމަޕަކީ އެއްވެސް ހާލެއްގައި ސިޔާސީ ޝަރީއަތެއްގެ ޝިކާރައެއް ނޫނެވެ. އެމެރިކާގައި ތަންފީޒު ކުރަމުން ދާ ޤާނޫނުގެ އަސާ ސަކީވެސް، އެއްވެސް މީހަކީ ޤާނޫނަށް ވުރެ މަތީގައި ހުރި މީހެއް ނޫން ކަމުގެ ފަލްސަފާއެވެ. ރައީސްއަކަށްވިއަސް، ނުވަތަ ކުރީގެ ރައީސްއަކަށްވެސް އެކަން އޮތީ އެހެނެވެ.

"މާރް-އަ-ލާގޯ"ގައި ހިންގާ ރެއިޑްއާއި ވޯޓާގޭޓް ހާދިޘާއާ އޮތީ ކޮން ތަފާތެއްތޯ ޓްރަމްޕް ވަނީ ސުވާލު އުފައްދަވާފައެވެ. ޖަވާބު ޞަރީޚައެވެ. ޓްރަމްޕް އިޝާރާތް ކުރައްވާ ވޯޓާގޭޓް ހާދިޘާގައި ޝާމިލުވަނީ ސިޔާސީ މަޤުޞަދެއް އޮތް ޓީމެކެވެ. ނަމަވެސް "މާރް-އަ-ލާގޯ" ރެއިޑް ކުރިއަށް ގެންދަނީ ކޯޓު އަމުރުތަކާއެކުގައެވެ. "މާރް-އަ-ލާގޯ" ރެއިޑް ޓީމުން މަސައްކަތް ކުރަނީ، ޚުދު ޓްރަމްޕް އައްޔަން ކުރެއްވި އެފްބީއައި ޑައިރެކްޓަރަށެވެ.

ކަން މިހެން އޮތް ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ޓްރަމްޕާ ދެކޮޅަށް ޝަރީއަތް ނުހިނގާ ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ. ޝަރީއަތް ކުރިއަށް ގެންދަނަމަހީވެސް، ދިފާއު ކުރެއްވުމުގެ ފުރިހަމަ ޙައްޤު ޓްރަމްޕަށް ލިބިވަޑައިގެންވެއެވެ. ނަމަވެސް، ޓްރަމްޕް ތަމްސީލު ކޮށްދެއްވަމުން އެ ގެންދަވަނީ، ރައީސްކަން ކުރެއްވި ބޭފުޅަކަށް ދަށު ދަރަޖައިގެ އަމަލުފުޅުތަކެއް ކަމަށް ބުނެވެއެވެ.

ހިލަމެއްވެސް ވެ ނުލާ "މާރް-އަ-ލާގޯ" ރެއިޑް ފެށި ފެށުމަކީ، ޓްރަމްޕާ ދެކޮޅަށް ތަހުޤީޤު ކުރިއަށްދާ ކަމުގެ ހެއްކެކެވެ. "މާރް-އަ-ލާގޯ" ރެއިޑްއަކީ ހަމަ ހަޤީޤަތުގައިވެސް ވައިޓްހައުސްއިން "ގެއްލުނު" ލިޔެކިއުންތަކާ ގުޅިފައިވާ ރެއިޑެއް ކަން ނުވަތަ ނޫންކަންވެސް އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ބެހޭ ފަރާތްތަކުން އާންމު ކުރާ މައުލޫމާތަކުންނެވެ.

ކަން މިހެން އޮތް އިރު، 2016 ވަނަ އަހަރު، އެމެރިކާގެ ވެރިކަން ޓްރަމްޕަށް ކާމިޔާބު ކުރެއްވުނު އެންމެ ބޮޑު އެއް ސަބަބަކީ، ހިލަރީ ކްލިންޓަންގެ ސިއްރު އީ-މެއިލްތަކުގެ މައްސަލަކަންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް