ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
އިޒްމިއާ ޒާހިރު
ކ. މާލެ |

ޔުނީފޯމް އެޅި ފުލުހަކަށް ވުމަކީ ކުރިން އޭނާ ދެކެމުން އައި ހުވަފެނެއް ނޫނެވެ. ނަމަވެސް ކަން އެހެން ދިމާވީއެވެ. ދައްކަން މިއުޅެނީ ފުލުހުންގެ ތެރޭގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުހެއްގެ ވާހަކައެވެ. އެއީ އެއްކަމެއް ފާހަގަކޮށްލާނަމަ ފުލުހުންގެ ތާރީޚުގައި ވެސް އެންމެ ފުރަތަމަ އަންހެން ތަރުޖަމާނެވެ. މިހާރު އެއީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

އިޒްމިއާ ޒާހިރު އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރުގެ ދަރިކަނބަލެކެވެ. އިޒްމިއާ ފާހަގަކުރެއްވި ގޮތުގައި ތަރުޖަމާނަކަށް ހުންނެވި ދުވަސްވަރު އެ ދާއިރާއިން ކުރިއަށް ދިއުމަށް ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިއެވެ. މައުލޫމާތު ފޯރުކޮށްދިނުމަށް ބާރު އެޅުމަށް ހިތްވަރު ދެއްވިއެވެ. 

އިޒްމިއާގެ އިތުރު ތައާރަފަކަށް ދާނަމަ ފުރަތަމަ ފަށަން ޖެހޭނީ އޭނާގެ ހިތްވަރުގެ ވާހަކައިންނެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. އިޒްމިއާ އަކީ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގައި، ކުރީ ސަފަށް ނުކުމެ އަޑު އުފުއްލެވި ހިތްވަރުގަދަ ފުލުހުކެވެ. ތަފާތުކުރުންތަކަށް ހައްލެއް ހޯދާ، އަންހެނުން ކުރީ ސަފަށް ނެރުމަށް ކިތައްމެ ބޮޑު ހުރަހެއް ދިމާވިއަސް، އެކަމަކާ އޭނާ ކުރިމަތިލައްވާފައިވަނީ ކެރިގެންނެވެ. އެކި އެކި ޓްރެއިނިންގ ތަކުގައި ލިބުނު ތަޖްރިބާގެ ތެރެއިން ބައެއް ކަން ކަން އިޒްމިއާ ތިލަކޮށްދެއްވިއެވެ. އަންހެން ފުލުހަކަށް ވީތީ ދެކޭ ގޮތް ތަފާތެވެ. އަންހެން ފުލުހަކަށް ވީތީ ދެކެނީ ވަރަށް ދަށް ބައެއްގެ ގޮތުގައެވެ. އިޒްމިއާ ވިދާޅުވި ގޮތުގައި ބައެއް ފަހަރު ބައެއް މަސައްކަތްތައް ތަކުރާރުކޮށް ކުރަންޖެހޭ ފަހަރު އާދެއެވެ. އެއީ ވަކި ޖިންސަކަށް ހާއްސަ ކުރެވޭ މަސައްކަތެއް ނޫންކަން ސަބިތުކޮށްދިނުމަށެވެ. މިއީ ހުރި އުނދަގޫތަކުގެ ވާހަކަ އޭނާ ފެއްޓެވި ގޮތެވެ. މި ހުރިހާ ތަޖްރިބާއެއްގެ އަލީގައި، ލިބުނު އެކި އެކި ފުރުސަތުތަކުގައި އޭނާ ވަނީ ޖެހިލުމެއް ނެތި ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަކާލާތުކޮށްފައެވެ. އަދި އެ ފުރުސަތު ފަހިވެސް ކޮށްދީފައެވެ. 

އިޒްމިއާގެ ތައުލީމީ ހަޔާތް ފެށިފައިވަނީ މާފަންނު މަދަރުސާއިންނެވެ. އެއަށްފަހު އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލުންނެވެ. އަމީނިއްޔާ ސްކޫލުން 2000 ވަނަ އަހަރު އޯލެވެލް ފުރިހަމަ ކުރެއްވުމަށްފަހު، އިޒްމިއާ ރާއްޖެއިން ބޭރަށް ވަޑައިގެން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާގައެވެ. ސައިކޮލޮޖީ ދާއިރާއިން ޑިގްރީ ހެއްދެވުމަށްފަހު 2005 ވަނަ އަހަރު އެނބުރި މާލެވަޑައިގެން ކޯޕްރަލެއްގެ ރޭންކުގައި ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގަތެވެ. އެއީ މާސްޓާސް ހެއްދެވުމަށް ފަސޭހަކަށެވެ. ޑިގްރީ ނިންމާފައި މާސްޓާސް ހައްދަވާނީ ފޮރެންސިކް ސައިކޮލެޖީންތޯ، ކްރިމިނަލް ސައިކޮލެޖީންތޯ، ނުވަތަ ރިސާރޗް ސައިކޮލެޖީންތޯ އޭރު އިޚްތިޔާރު ކުރަން ދަތިފުޅުވިއެވެ. އިޒްމިއާ ވިދާޅުވާ ގޮތުގައި އޭރު ބޮޑަށް ޝައުގުވެރިކަން ހުންނެވީ މީހުން ކުށްކުރަނީ ކީއްވެތޯ އާއި ކުށުގެ ވެއްޓާ ކުށްކުރާ މީހުންނާ ބެހޭ ގޮތުން ދިރާސާ ހެއްދެވުމަށެވެ. އެހެން ކަމުން މަސައްކަތުގެ ތަޖްރިބާ ހޯއްދެވުމުން ދާއިރާ އިޚްތިޔާރުކުރަން ފަސޭހަވާނެ ކަމަށް ބެއްލެވުމަށްފަހު، ފުލުހުންގެ ޚިދުމަތާ ގުޅުނެވެ. ނަމަވެސް އިޒްމިއާ މަސައްކަތް ކުރަން ބޭނުންފުޅުވީ ސިވިސް މުވައްޒަފެއްގެ ގޮތުގައެވެ. ޔުނީފޯމް އެޅި ފުލުހެއްގެ ގޮތުގައެއް ނޫނެވެ. އެހެން ނަމަވެސް ރިސާރޗް ކުރުމަށް އުފެދުނު ޝައުގާއެކު ހުރި ޝަރުތުތަކަށް އެއްބަސްވެ ޔުނީފޯމް އެޅި ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު އިޒްމީއާގެ ޚިދުމަތް ފެށިގެން ދިއައެވެ. ފުލުހުންގެ ޚިދުމަތުގައި އުޅުއްވަމުން އިޒްމިއާ ވަނީ ގިނަ ތަމްރީންތަކެއް ފުރިހަމަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ފްރޮންޓްލައިންގައި ހަރަކާތްތެރިވުމުގެ ތަމްރީންތަކުގެ އިތުރުން އިންސާނީ ހައްޤުތަކާއި ގުޅުން ހުރި ތަމްރީންތަކާއި، ލީޑަރޝިޕްއާއި ގުޅޭ ތަމްރީންތައް ހިމެނެއެވެ.

އިޒްމިއާގެ ޚިދުމަތުގެ ކުރު ތަޢާރަފަކަށް ބަލާނަމަ 2006 ވަނަ އަހަރު އައްޑޫގައި ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް އޭނާ ފުރިހަމަ ކުރެއްވިއެވެ. އަދި 2007 ވަނަ އަހަރު ސިންގަޕޫރުގައި ސީނިއަރ އޮފިސަރސް ބޭސިކް ކޯސް ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން މަސައްކަތް ކުރެއްވީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައެވެ. މީގެ އިތުރުން، އިޒްމިއާ ވަނީ ޕޮލިސީތައް ޑްރާފްޓް ކުރުމުގެ މަސައްކަތާއި، ޕަބްލިކް ޕާޓްނަރޝިޕް ޕްރޮގްރާމްތައް ހިންގުމާއި، ތަމްރީނުކުރުމުގެ ދާއިރާގަ އާއި އަދި ފްރަންޓްލައިންގައިވެސް މަސައްކަތް ކުރައްވާ ތަޖްރިބާ ހޯއްދަވާފައެވެ. އިޒްމިއާ އަކީ ފުލުހުންގެ އެކި ބޯޑުތަކުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން، ޑިސިޕްލިނަރީ ބޯޑު، ސްކޮލަރޝިޕް ބޯޑު، ވެލްފެއަރ ބޯޑު، ސްޕޮންސަރޝިޕް ބޯޑު އަދި މެނޭޖްމަންޓް ބޯޑު ހިމެނެއެވެ. އަދި މިހާރު ޝަރަފުގެ ނިޝާން ބޯޑުގެ މެންބަރެއް ވެސް މެއެވެ. 2016 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ސިޑްނީއިން "މަސްޓަރ އޮފް ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް" ޙާސިލްކުރެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ފުލުހުންގެ ދާއިރާގައި "އައިލްސް" ޕޮލިސް ކޮލެޖުގައި އިޒްމިއާ މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު ޕޮލިސް ވިކްޓިމް ސަޕޯރޓް ޔުނިޓުގައި މަސައްކަތް ކުރައްވަމުންގެންދަވަނިކޮށް އޭނާވަނީ 19 ޑިސެމްބަރު 2018 ވަނަ ދުވަހު ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާނުގެ ގޮތުގައި އައްޔަންކުރައްވާފައެވެ.

ފުލުހުންގެ މީޑިއާގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި އިރު، ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އިޒްމިއާ ފުލުހުންގެ މީޑިއާ އޭރު ބަލަހައްޓަވާ ގޮތާމެދު ބައެއް ނޫސްވެރިން ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ. އަދި އެއްބަޔަކު ތައުރީފް ކުރިއެވެ. ނަމަވެސް އެހުރިހާ ކަމަކާ ކުރިމަތިލެއްވީ، ވަރަށް ކެރިގެންނެވެ. އިޒްމިއާ ޕޮލިސް މީޑިއާގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވައިގެން މައުލޫމާތު ހާމަކޮށްދިނުމަށް ކުރި މަސައްކަތުގައި ކިތައްމެ ގިނަ އުނދަގޫ ހާލަތެއް ކުރިމަތިވެވަޑައިގެންނެވިއެވެ. އިޒްމިއާ ވިދާޅުވާ ގޮތުން ނަމަ، އެ މަޤާމުގައި ހުންނަވައިގެން އޭނާ އަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ އާދައިގެ ކަން ކަމެއް ނޫނެވެ. ނޫސްވެރިންގެ ފަރާތުން ކުރިމަތިވެވަޑައިގެންނެވި ހިތް ނުތަނަވަސްވާ ކަންކަން މަދެއް ނޫނެވެ. ތަރުޖަމާނު ކަމުން ދުރަށް ވަޑައިގެންނެވި އިރު، ބައެއް ނޫސްވެރިންނާ ވަރަށް ގިނަ ކަންކަމުގައި ހިޔާލު ތަފާތުވުންތައް އުފެދުނެވެ. އެހެން ނަމަވެސް އިޒްމިއާ ދެކެވަޑައިގަންނަވާ ގޮތުގައި، ފުލުހުން ހާމަކަން ބޮޑު ގޮތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ކުރިއެރުންތައް ލިބުނީ އެންމެންގެ އެއްބާރުލުމާއެކުއެވެ. ދިމާވި ގޮންޖެހުންތަކާއި އެކުވެސް ފުލުހުންގެ މީޑިއާގެ މަސައްކަތް ކުރިއެރުވުމުގައި އެންމެނާއެކު މަސައްކަތް ކުރަން ލިބުމަކީ ލިބުނު ފަޚުރެއް ކަމަށް އިޒްމިއާ ގަބޫލުފުޅު ކުރައްވައެވެ. ފުލުހުންގެ ތަރުޖަމާނު ކަމުން އިޒްމިއާ ވަކިކުރައްވާފައިވަނީ 1 ޖޫން 2020 ގައެވެ. އެ ބަދަލަކީ އާންމު އުސޫލުން ގެނެވުނު އިދާރީ ބަދަލެކެވެ. 

ފުލުހުންގެ ޚިދުމަތުގައި އުޅުއްވަމުން އިޒްމިއާ ވަނީ އާއްމުން ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެކިއެކި ވޯކްޝޮޕްތައް ހިންގުމާއި، ހޭލުންތެރިކުރުމާއި ގުޅުން ހުރި ޓީވީ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓްތައް ހިމެނެއެވެ.

ވަކިން ޚާއްސަކޮށް ފުލުހުންގެ މުއައްސަސާގެ ތެރެއިން އަންހެނުންގެ ހައްޤުތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް އިޒްމިއާ ކުރެއްވިއެވެ.

ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާނުގެ ގޮތުގައި މީޑިއާގައި އިޒްމިއާ މަޝްހޫރު ވެގެން ދިޔަނަމަވެސް، އިޒްމިއާއަކީ ފުލުހުންގެ ތެރޭގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ބޭފުޅާއެވެ. އެގޮތުން ފުލުހުންގެ ތެރޭގައި އޮފިސަރސް ކޯސް ފުރިހަމަކުރެއްވި ފުރަތަމަ އަންހެން އޮފިސަރަކީ އިޒްމިއާއެވެ. އަދި ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރި ފުރަތަމަ އަންހެން ކޮމާންޑަރަކީވެސް އިޒްމިއާއެވެ. ފުލުހުންގެ ތެރޭގައި އަންހެނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރި ފުރަތަމަ ފަހަރު އެކަން އިންތިޒާމްކުރުމުގައި އިޒްމިއާ ވަނީ އިސްވެ ހަރަކާތްތެރިވެފައެވެ. 

މި ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަޤާމް އެންމެ ފުރަތަމަ ލިބިވަޑިއިގެންނެވި ކަނބަލުންގެތެރޭގައި ވެސް އިޒްމިއާ ހިމެނިވަޑައިގަންނަވައެވެ. މިއީ ފުރަތަމަ ފަހަރަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އަންހެން ފުލުހުން އިސްކުރެވިގެން ދިޔަ ތާރީޚީ ބަދަލެވެ. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އިޒްމިއާ އައްޔަންކުރެއްވި އިރު، އޭނާ އަކީ ސްޓްރެޓެޖީ ޕްލޭނިންގެ އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުގެ ހެޑްއެވެ.

އިޒްމިއާ ގެންދަވަނީ އަންހެނުންނަކީވެސް އިސް ސަފުގައި މަސައްކަތްކުރެވޭނެ ބައެއްކަން ސާބިތުކޮށްދެއްވަމުންނެވެ. ހަގީގަތުގައި ވެސް އިޒްމިއާ އަކީ ވަޒީފާގެ މާހައުލަށް އަލަށް ނިކުންނަ އަންހެން ކުދިންނަށް ނަމޫނާ އަންހެން ކަނބަލެކެވެ.