Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންނަސީމާ މުހައްމަދުކަލޭފާނު

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

ފަސްޓް ލޭޑީއެއްގެ ގޮތުގައި ދިވެހިންނަށް އެންމެ ފުރަތަމަ ފެނި ދަސްވެފައިވާ ބޭފުޅަކީ ނަސީމާ މުހައްމަދުކަލޭފާނު

އިމާދު ލަތީފް
އިމާދު ލަތީފް | 2 އެޕްރީލު 2022 | ހޮނިހިރު 12:52
ނަސީމާ މުހައްމަދުކަލޭފާނު

ނަސީމާ މުހައްމަދުކަލޭފާނު

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ އަނބިކަނބަލަކީ ދިވެހިބަހުން މަހާރެހެންދިއެވެ. ފަރަންޖީބަހުން ފަސްޓް ލޭޑީއެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 1968 ގައި ގާއިމްކުރެވުނު ފަހުން މިއަދާ ހަމަޔަށް ރަސްމީ ހައިސިއްޔަތުން ފަސްޓް ލޭޑީ ކުރައްވާ ކަންކަމުގެ ވާހަކަ ނޫސްތަކުން ފެނެއެވެ. މިގޮތުން ފަސްޓް ލޭޑީއެއްގެ ގޮތުގައި ދިވެހިންނަށް އެންމެ ފުރަތަމަ ފެނި ދަސްވެފައިވާ ބޭފުޅަކީ ނަސީމާ މުހައްމަދުކަލޭފާނެވެ. އޭގެ ކުރިން ފުރަތަމަ ޖުމްހޫރީ ދައުރުގައި 1 ޖެނުއަރީ 1953ން 21 އޮގަސްޓް 1953ށް އެންމެ 8 މަހުގެ ކުރު މުއްދަތެއްގަައި ވެސް ފަސްޓް ލޭޑީއަކު ހުންނެވިއެވެ. އެއީ ރައީސް އަމީންގެ އަނބިކަނބަލުން ފާތިމަތު ސައީދެވެ. އޭރަކު ފަސްޓް ލޭޑީއެކޭ ނުކިޔައެވެ. ފަސްޓް ލޭޑީއަކަށް ރަސްމީ ހައިސިއްޔަތެއްވެސް ނޯވެއެވެ.

މަހާރެހެންދި، މިބަހުގެ މާނަޔަކީ ރަސްކަމުގައި އިންނެވި އަންހެން ސާހިބާއެވެ. ރަސްކަމުގައި ހުންނަވާ ބޭފުޅެއްގެ އަނބިކަނބަލުންނެވެ. އަދި ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެވެސް އަނބިކަނބަލުންނެވެ. ލަފްޒީ މާނަޔަށް ބެލީމާ ދިވެހިރާއްޖޭގައި ހުކޫމަތެއް ގާއިމްކުރެވުނު ހިސާބުން ފެށިގެން މަހާރެހެންދިންގެ ދައުރުވެސް އޮތީ ފެށިފައިކަމަށް ދެންނެވިދާނެއެވެ. ރަސްކަމާއި ރަނިކަން ކިތަންމެ ކިތަންމެ ކަނބަލުންނެއް ކުރައްވައިފިއެވެ. ޖުމްހޫރީ ނިޒާމު އައުމަށްފަހު މިޒަމާނުގެ ހަމަ ކޮންމެ ދައުރެއްގައި ވެސް މަހާރެހެންދިޔަކު އެބަހުންނަވައެވެ. ބައެއް ބޭފުޅުން ވަރަށް މަޝްހޫރެވެ. ވަރަށް ބާރުގަދައެވެ. ބައެއް ބޭފުޅުން އެހާބޮޑަށް އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެން މީޑިއާގެ އެކި ސުރުޚީތަކުން ޖާގަ ހޯއްދަވާކަށް ނޫޅުއްވައެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރު ދެބަޔަކަށް ބަހައިލާންޖެހެއެވެ. ފުރަތަމަ ދައުރަކީ 1957ން 1968ށް ބޮޑުވަޒީރު ކަމުގެ ދައުރެވެ. އެ ދައުރާއި އަދި އޭގެ ކުރީގައި ނާސިރު ދެ ކައިވެންޏެއް ކުރެެއްވިއެވެ. އެންމެ ފުރަތަމަ އައިޝަތު ޒުބައިރު ނުވަތަ ތުއްތު ދޮންގޮމާޔާއެވެ. އެކައިވެނިފުޅުން ލިބިވަޑައިގަތީ އަހުމަދު ނާސިރެވެ. އެއަށްފަހު ދެން ކައިވެނި ބެއްލެވީ ބަގީޗާގޭ މަރިޔަމް ސައީދުއާއެވެ. މިކައިވެނިފުޅުން ލިބިވަޑައިގަތީ އަލީ ނާސިރާއި މުހައްމަދު ނާސިރެވެ. ނާސިރުގެ ވެރިކަމުގެ ދެވަނަ ބަޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރެވެ. އެއީ 1968 ނޮވެމްބަރު އެގާރައިން 1978 ނޮވެމްބަރު އެގާރަޔަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގައި ނާސިރުގެ އަނބިކަނބަލަކީ ހިކިފިނިފެންމާގޭ ނަސީމާ މުހައްމަދެވެ. ނުވަތަ ނަސީމާ މުހައްމަދުކަލޭފާނެވެ.

ރައީސް ނާސިރުގެ އެންމެ ހަގު ދެބޭފުޅުންގެ މައިކަނބަލަކީ ނަސީމާއެވެ. އެއީ އާއިޝަތު ނާސިރާއި އިސްމާއީލް ނާސިރެވެ. ނާސިރުގެ ރައީސްކަމުގެ ދައުރު ނިމުނުތާ ގާތްގަޑަކަށް އެއްމަސް ފަހުން 7 ޑިސެމްބަރު 1978 ގައި ނާސިރު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އަނބިކަނބަލުން ނަސީމާޔާއި ދެ ބޭފުޅުންނާއެކުގައެވެ. އޭގެފަހުން ނާސިރު ދިވެހިރާއްޖެއަކަށް ވަޑައެއް ނުގަންނަވައެވެ. އެކަމަކު ނަސީމާޔާއި ބޭފުޅުން ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. ނަސީމާ ދިރިއުޅުއްވަނީވެސް ދިވެހިރާއްޖޭގައެވެ. ރައީސް ނާސިރާއި ކައިވެނިކުރެއްވުމުގެ ކުރިން ނަސީމާޔަކީ ނަރުހެކެވެ. މިހާރު އުމުރުފުޅުން 82 އަހަރު ވެފައިވާ ނަސީމާގެ އާއިލާގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅަކީ ކޮއްކޯފުޅު އަހުމަދު ނަސީމެވެ. އެއީ މިހާރުގެ ހެލްތު މިނިސްޓަރެވެ.

ނަސީމާގެ ކޮއްކޯފުޅު ކެރަފާ އަހުމަދު ނަސީމަކީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގެ އެއްބާނީއެވެ. ރާއްޖެއަށް ޔޫރަޕުން އެންމެ ފުރަތަމަ ފަތުރުވެރިން ގެނައުމުގެ މެދުވެރިޔަކީވެސް ނަސީމެވެ. އިޓަލީގެ ޓްރަވެލް އޭޖެންޓް ޖޯޖް ކޯބިން އާއި އެންމެ ފުރަތަމަ ބައްދަލުވެ ޓޫރިސްޓުން ގެނައުމުގެ ވާހަކަ ދެކެވުނީ އޭނާޔާއެވެ. އެކަމުގައި އޭރުގެ ފަސްޓް ލޭޑީ ނަސީމާގެ ދައުރެެއްވެސް އޮތެވެ. ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެއަށް ޒިޔާރަތްކުރިއިރު މިހާރު މިފެންނަ ޒާތުގެ ޓޫރިސްޓް ރިސޯޓްތަކެެއް ނުހުރެއެވެ. އެހެންވީމާ އެމީހުން ބޭތިއްބީ ފަސްޓް ލޭޑީ ނަސީމާގެ އަމިއްލަފުޅު ގެ ކަމަށްވާ ހެންވޭރު މާގިރީގައެވެ. އެގޮތުން މާގިރިޔަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގެސްޓް ހައުސްއެވެ. މާގިރިޔަކީ މިއަދުވެސް މާލޭގެ އެންމެ ފެންވަރު ރަނގަޅު އެންމެ މަޝްހޫރު އެއް ހޮޓަލެވެ.

ދިވެހިރާއްޖޭގެ ފަސްޓް ލޭޑީންގެ އަދަދު މިހާރު މަދެެއްވެސް ނޫނެވެ. ހައެއްކަ ފަސްޓް ލޭޑީން ދުނިޔޭގައި އެބަތިއްބެވިއެވެ. މިހުރިހާ ބޭފުޅުންގެ ތެރެއިން ދާއިރާޔާއި ޚިދުމަތާއި ހުނަރުގެ ގޮތުން އެންމެ ތަފާތު ބޭފުޅަކީ ނަސީމާއެވެ. އެކަމަނާ އަދިވެސް ދެމިހުންނެވީ ގައުމީ ޚިދުމަތުގަައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގައި ނަސީމާ މަސައްކަތް ކުރެެއްވިއެވެ. ބަހާއި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން މިހާރުވެސް އެކަމަނާގެ ދައުރެއް ބަހުގެ އެކަޑަމީގައި އެބައޮތެވެ. ދިވެހި ތާރީޚުގެ މައްޗަށް ކިތަންމެ ކިތަންމެ ފޮތެެއް ލިޔުއްވައި ޝާއިއު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައިވެސް ޚިދުމަތްތަކެެއް ވަނީ ކުރައްވައިފައެވެ. މިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން އެކަމަނާޔަށް އެކި މެޑަލްތަކާއި އެވޯޑުތައް ވަނީ އަރުވާފައެވެ.

ނަސީމާ މުހައްމަދުކަލޭފާނު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2023

ޓެރީ ވެނަބްލްސް: ބާސެލޯނާގެ އެންމެ ފުރަތަމަ ''ޔޯހަން ކްރައިފް''

04 ޑިސެމްބަރު 2023
ޓެރީ ވެނަބްލްސް: ބާސެލޯނާގެ އެންމެ ފުރަތަމަ ''ޔޯހަން ކްރައިފް''
17 މެއި 2023

ފުރަތަމަ އިންޓަރ ސްކޫލް، ދެން ޤައުމީ ޓީމް، ކްލަބް ވޮލީއަށް ނުކުތީ އޭގެފަހުން!

17 މެއި 2023
 ފުރަތަމަ އިންޓަރ ސްކޫލް، ދެން ޤައުމީ ޓީމް، ކްލަބް ވޮލީއަށް ނުކުތީ އޭގެފަހުން!
21 މާރިޗު 2023

ފުރަތަމަ ފީފާގެ ރެފްރީގެ ވާހަކަ: ލޮއިޓިނުން ހެދި ކަށިގަނޑުން އަޑުނެރުނީ ކުންނާރު އޮށަކުން!

21 މާރިޗު 2023
ފުރަތަމަ ފީފާގެ ރެފްރީގެ ވާހަކަ: ލޮއިޓިނުން ހެދި ކަށިގަނޑުން އަޑުނެރުނީ ކުންނާރު އޮށަކުން!
30 މެއި 2022

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

30 މެއި 2022
ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު