އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭން ހަރަކާތް ފުޅާކުރަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ, ޚާރިޖީ ގުޅުންތަކަށް ބުރޫ އަރާފަދަ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައަޅައި އެކަމުގެ އަދަބުތައް ބަޔާންކޮށް, ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީން ތައްޔާރުކުރަމުންދާ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މޫސަ ވިދާޅުވީ، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާގޮތަށް ގާނޫނު އެކުލަވާލެވިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް ކަމެއްގައި ރައްޔިތުންގެ މެޖޯރިޓީ އޮންނަ ޕާޓީއަކުން މަސައްކަތް ކުރެވިދާނެކަން މޫސަ ފާހަގަ ކުރެއްވިއެވެ.
މޫސަ ވިދާޅުވީ، ބޭރު ގައުމުތަކަށް ހިތު ހުރިހާ އެއްޗެއް ގޮވުމަކީ ގާނޫނަކުންވިޔަސް ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.
މޫސަ ވިދާޅުވީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުވަތަ ބިމުގެ ސަރަހައްދުގައިވެސް ބޭރުގެ ބަޔަކާ ގުޅޭ އެއްބަސްވުމެއް ވާނަމަ، އެކަމެއް ފާސްކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، ވަކި އަޣުލަބިއްޔަތެއް ފުރިހަމަވެގެން ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ހިންގާ އަސްކަރީ އެކި ތަމްރީނުތައް ހިންގަމުންދާތާ އެތައް ޒަމާނެއް ވެފައިވާކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، މިފަދަ ކަންކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހިންގާ ކަންކަން ކަމަށެވެ. މޫސަ ވަނީ ކުރީގެ ބައެއް ކަންކަމުގެ ހަނދާންވެސް އައު ކުރައްވާފައެވެ.
މޫސަ ވިދާޅުވީ، ޔާމީނު ސަރުކާރުގައި އިންޑިއާގެ ހެލިކޮޕްޓަރެއް ރާއްޖެ ގެނައި ކަމަށެވެ. މޫސަ ވިދާޅުވާ ގޮތުގައި އެއީ މަޖިލީހުން އޭރު ފާސްކޮށްފައިވާ ކަމެއް ނޫނެވެ. އޭރުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އުޅެއެވެ. އޭރު މޫސައަކީ މަޖިލީހުގެ ނައިބު ރައީސެވެ.
ކުއްލިއަކަށް ފެނުނީ އިންޑިއާ މީހުން ހެލިކޮޕްޓަރެއް ހިފައިގެން އެތަނަށް އައިސް ފޭބިތަން. އޭގެ ކުރިން އިންޑިއާ ސިފައިން ރާއްޖޭގައި އުޅޭ. އަޅުގަނޑުމެން މި އުޅެނީ ލ އަތޮޅުގައި، އޭރު އެކަން ފެންނާނެތާ. އޭރު އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކޮށްފައި އޮތް ކަމެއް ނޫން، ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ.ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު
މޫސަ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ކަންކަން ކުރެއްވުން ނުހަނު ގޯސް ކަމަށެވެ. އެގޮތުން އޭރު ދެން ފެނިގެން ދިޔައީ އިންތިޚާބާ ދިމާކޮށް ޑޯނިއަރ މަތިންދާބޯޓެއް ގެނައުމަށް ނިންމި މަންޒަރުކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ސަރުކާރުން އޭރު ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާ ސިފައިން ތިބޭ ވާހަކަ މަޖިލީހަށް އަންގާފައިވެސް ނުވާ ކަމަށެވެ. އަދި މިހާރު އިންޑިއާ އައުޓް ކިޔަމުންދާއިރު އެކަމަކީވެސް މަޖިލީހަށް އަންގައިގެން ކުރަމުންދާ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް އަންގައިގެން, އޮންނަ އުސޫލުގެ މަތިން އެކަންކަން ހިނގަމުން ނުދާކަމަށް މޫސަ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ފްރީ ޓްރޭޑް އެގްރީމަންޓުގެ ކަންކަން މަޖިލީހަށް އަންގައިގެން ކުރިއަށް ގެންދިޔަ ގޮތް މޫސަ ވަނީ ހިއްސާ ކުރައްވާފައެވެ.
ޗައިނާއާއެކު ހެދި ފްރީ ޓްރޭޑް އެގްރީމަންޓު ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ، ހުށައަޅާފައި އޭރުގައި އެގްރީމަންޓުގެ ކަންތައްތައް ހުރިގޮތުން އެގްރީމަންޓު ކުރިއަށް ނުގެންދަން، ސައީދު ވިދާޅުވި އަޅުގަނޑުމެންގެ ކައިރީގަ އެގްރީމަންޓު ކުރިއަށް ގެންދާކަށް ބޭނުމެއް ނުވެއޭ މިހާރަކު. އޭރު ފްރީ ޓްރޭޑް އެގްރީމަންޓް ކުރިއަށް ނުގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އަންގައި އޭތި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބާއްވާފައި އޮތް.ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު
ޔާމީންގެ ސަރުކާރުގައި ރާއްޖެއާ ޗައިނާ ސަރުކާރާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ފްރީ ޓްރޭޑް އެގްރީމަންޓްގައި ސޮއިކުރީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. އެ އެގްރީމަންޓުގެ އިތުރުން، މެރިޓައިމް ސިލްކް ރޯޑްގެ އެގްރީމަންޓުގައި ވެސް ސޮއިކޮށްފައިވެއެވެެ. ފްރީ ޓްރޭޓް އެގްރީމަންޓާއި ސިލްކު ރޯޑް އެގްރީމަންޓާއެކު ޖުމްލަ 12 އެގްރީމަންޓެއްގައި ރައީސް ޔާމީންގެ ސަރުކާރު ޗައިނާއާއެކު ސޮއިކޮށްފައި ވެއެވެ.
ރައީސް ޔާމީންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ މަނިކުފާނުގެ ސަރުކާރުގެ "ބޮޑުން"ގެ ވަފުދެއް ޗައިނާއަށް ވަޑައިގެން އެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ޑިސެމްބަރު 07، 2017ގައެވެ.
ފްރީ ޓްރޭޑް އެގްރީމަންޓްގައި ދިވެހި ސަރުކާރުން ސޮއި ކުރުމުގެ ކުރިން, ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ އެގްރީމަންޓް ހުށަހެޅުނެވެ.
އޭރު ހިނގަމުންދިޔައީ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހުގެ ރައީސަކަށް ހުންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުއެވެ. އޭރު މަޖިލީހުގައި އޮތީ އޭރު ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަންގެ ސާފު މެޖޯރިޓީއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 29، 2017ގައެވެ. ކުއްލި ގޮތަކަށް އެ މައްސަލަ މަޖިލީހަށް އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް އިގުތިސާދީ ކޮމެޓީއަށް ފޮނުވުނެވެ.
ހަމަ އެ ދުވަހު، ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ދިނުމަށްޓަކައި އެ އެގްރީމެންޓް ދިރާސާ ކުރުމަށް އިގުތިސާދީ ކޮމެޓީން "ސިއްރު" ބައްދަލުވުމެއް ބޭއްވިއެވެ. އެބައްދަލުވުމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ހާޒިރުކުރިއެވެ. އެ ކޮމެޓީގެ ބައްދަލުވުން 10 ވަރަކަށް މިނެޓުގެ ތެރޭގައި ނިންމާލީ، އެއެގްރީމަންޓަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށް, މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމަވާފައެވެ. އިގުތިސާދީ ކޮމެޓީން ފްރީ ޓްރޭޑް އެގްރީމެންޓް ދިރާސާކޮށް ނިންމައި، ރުހުން ދިނުމަށް ކޮމެޓީން ފާސްކުރުމާއެކު، ހަމަ އެދުވަހުގެ ރޭ 09:00އަށް މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ބޭއްވުމަށް ނިންމަވައި، އެޖަލްސާގައި ފްރީ ޓްރޭޑް އެގްރީމަންޓް ފާސްކޮށްފައިވަނީ، 85 މެމްބަރުން ތިއްބަވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 މެމްބަރުންގެ ވޯޓުންނެވެ. އެޖަލްސާގައި ބައިވެރިވެވަޑައިގެންނެވީވެސް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ އެ 30 މެމްބަރުން އެކަންޏެވެ.
އިދިކޮޅު އެއްވެސް މެމްބަރަކު އެ ވޯޓުގައި، އަދި އޭރު ބޭއްވި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ސަބަބަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިވަނިކޮށް، މަޖިލީހުގެ ގަވާއިދާ ޚިލާފަށް, އެ މައްސަލައަށް ވޯޓަށް އެހުމަކާ ނުލައި މަޖިލީހުގެ ޖަލްސާތަކާއި ކަންކަން ކުރިއަށް ގެންދަވާތީކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ. މަޖީލިހުން ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ހޯދުމަށްފަހު، 2017 ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެ އެގްރީމަންޓްގައި ސޮއިކުރެއްވި ނަމަވެސް, މޫސަ ވިދާޅުވިހެން ފްރީ ޓްރޭޑް އެގްރީމެޓްގައިވާ ކަންކަން ތަންފީޒު ކުރުމަށް ހަދަންޖެހޭ ގާނޫނުތައް ހެދުމަށް އަހަރެއްހާ ދުވަސް ރައީސް ޔާމީންގެ ސަރުކާރަށް ލިބިގެން ދިޔައިރު، އެގްރީމެންޓް ތަންފީޒު ކުރުމަށް އެ ސަރުކާރުން އެއްކަމެއް ވެސް ކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ސިފައިންނާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް)ގައި ސަރވައިލެންސް އޮޕަރޭޝަންސްތައް ހިންގާތާ 12 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެގޮތުން މިއީ ކޮންމެ 3 މަހަކުން ހިންގާ އޮޕަރޭޝަނެކެވެ. ކުރިއާ އަޅައިބަލާއިރު، މިހާރު އައި ހަމައެކަނި ތަފާތަކީ ޑޯނިއަރ މަތިންދާބޯޓު އޮޕަރޭޓްކުރަނީ ދިވެހިރާއްޖޭގެ ދިދައާއި އެމްއެންޑީއެފްގެ މަރުކާއާއެކު، އެމްއެންޑީއެފްގެ ކޮމާންޑްގެ ދަށުން ކަމެވެ. އެހެން ނަމަވެސް، މިކަމުގައި އިންޑިއާއިން ފޯރުކޮށްދޭނީ ހަމައެކަނި ފަންނީ އެހީތެރިކަމެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެއާއި އިންޑިއާއާމެދު ޚާރިޖީ ގުޅުން ބަދަހި ކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ދަށުން އެއްވެސް އިރެއްގައި ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް މަޝްވަރާ ކުރެވިފައެއްނުވެއެވެ.
އޭގެ ބަދަލުގައި މަޝްވަރާ ކުރެވެމުންދަނީ ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިވެފައިވާ ދޭދޭ ގައުމުތަކުގެ އެހީގައި އަސްކަރީ ތަމްރީންތައް ހިންގުމާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، އިންޓެލިޖެންސަށް ލިބިފައިވާ މަައުލޫމާތު ހިއްސާކުރުމަށް ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްތަކުގައި ދިވެހި ރާއްޖެއިން ބައިވެރިވުން ފަދަ ކަންކަމާއެވެ.