ކ. މާލެ
|
13 ސެޕްޓެންބަރ 2021 | ހޯމަ 09:09
ބޮމެއް ގޮއްވާލާނެކަމަށް ބުނެ ދީފައިވާ އިންޒާރު
ބޮމެއް ގޮއްވާލާނެކަމަށް ބުނެ ދީފައިވާ އިންޒާރު
ރާއްޖެއެމްވީ
ބޮން ގޮއްވާނެކަމަށް ބުނެ އިންޒާ ރުދިނުން
ބޮން ގޮއްވާނެކަމަށް ބުނުން، މަޖާކަމެއް ނޫން !!
 
ބޮން ގޮއްވާލާނެކަމަށާއި ބޮމެއް އޮތްކަމަށް ބުނާ މައްސަލަތައް އަންނަނީ ފެންމަތިވަމުން
 
ސަލާމަތީ ބާރުތަކުން ބުނާގޮތުގައި ރާއްޖޭގައި މީހުން މަރަން ފަސްނުޖެހޭ 1400 ދިވެހިން އެބަތިބި
 
ރާއްޖޭގައި މިހާތަނަށް ބޮން ގޮއްވުމުގެ ތިން ހާދިސާއެއް ހިނގާފައިވޭ

ބޮން ގޮއްވުމާއި ހަނގުރާމަކުރުމަކީ ދިވެހިންނާ ރައްޓެހި ކަމެއް ނޫނެވެ. މިފަސްގަނޑަކީ އަބަދުވެސް ސުލްހަވެރިކަމާއި އަމާންކަމުގެ ފަސްގަނޑެވެ. ދިވެހިންނަކީ އަބަދުވެސް އަނިޔާވެރިކަމާއި ދެކޮޅު ބަޔެކެވެ. އަނިޔާވެރިކަމާއި ބައިބައިވުމަށް ވުރެ ބޮޑަށް ދިވެހިން އަބަދުވެސް އިސްކަންދެމުން އައީ އެއްބައިވަންތަކަމާއި ސުލްހައަށެވެ. އިސްލާމީ ރިވެތި ގޮތަށެވެ. އެހެންނަމަވެސް މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށްވެސް ވަނީ ކުރިމަތިވެފައެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނައެޅުން އެކި ގޮތްގޮތަށް އެކި ނަންނަމުގައި މިފަސްގަނޑުންވެސް އަންނަނީ ފެންނަމުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޮމެއް ގޮއްވާލާފައިވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. ސަލްޓަންޕާކުގައި އައިއީޑީއެއް ގޮއްވާލައިގެން ދިން މިހަމަލާއަކީ ރާއްޖޭގެ ތާރީޚުގައިވެސް ދެވުނު މިފަދަ ފުރަތަމަ ހަމަލާއެވެ. ފިލްމުތަކުންނާއި ޚަބަރުތަކުން ފެންނަމުންދިޔަ ބޮން ގޮއްވުމުގެ މަންޒަރުތައް އަމިއްލަ ގައުމުން ފެންނާނެކަމަށް ކުޑަކޮށްވެސް ދިވެހިންނަށް އޭގެކުރިން ހީކުރެވިފައެއްނުވެއެވެ. ޓޫރިސްޓުންނަށް އަމާޒުކޮށް ދިން މިހަމަލާގައި ޓޫރިސްޓުންގެ ތެރެއިން 12 މީހަކާއި އާންމުންގެ ތެރެއިން އެކަކު ޒަޚަމްވިއެވެ.

ސަލްޓަންޕާކުގައި ގޮއްވާލި ބޮމާއެކު އއ ހިމަންދޫގައި ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އޭގެކުރިން ދިވެހިންނަށް ހީވެފައިނުވާ އެތައް ކަމެއް ނިޔުޅިގެންދިޔައެވެ. ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރިފައިވާ މިންވަރެވެ. އއ ހިމަންދޫގައި ތިބި މީހުން ސަލާމަތީ ބާރުތަކާއި ކުރިމަތިލީ ގޮތަކީ މިފަސްގަނޑުގައި އެފަދަ ކަމެއް ހިނގާފާނެކަމަށް އޭގެކުރިން ކުޑަކޮށްވެސް ހީކުރެވުނު ކަމެއް ނޫނެވެ. ސިފައިންގެ މީހަކު އެމީހުން ރަހީނު ކުރުމުގެ އިތުރުން ތޫނު ދަގަނޑާއި ލަކުޑިބުރި ތަކުން ސިފައިންނަށް ހަމަލާދިނެވެ. ސިފައިން ޒަޚަމްވެސްވިއެވެ. ހިމަންދޫން ފެނިގެންދިޔައީ ހަނގުރާމައިގެ މައިދާނެކެވެ.

އޭގެފަހުން ދިވެހިންނަށް ބޮން ގޮއްވުމުގެ ހަމަލާއެއް ތަޖުރިބާ ކުރަންޖެހުނީ އޭގެ އަށް އަހަރު ފަހުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެއީ އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ހުޅުލެއިން މާލެއަށް ވަޑައިގެންނެވި ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލައިގެންނެވެ. މިހަމަލާގެ ސަބަބުން ރައީސް ޔާމީންގެ އަނބިކަނބަލުން ވަރަށް ބޮޑަށް ޒަޚަމްވިއެވެ. މިކަމުގެ ފަހަތުގައި ވަނީ ސިޔާސީ ބޭނުމެކޭ ބުނުމުގެ ފުރުސަތު ބޮޑެވެ. އެއީ އެކަން ކުރިކަމުގެ ތުހުމަތު އެންމެ ބޮޑަށް އެޅިފައިވަނީ އޭރު ނާއިބުރައީސްކަމުގައި ހުންނެވި އަހުމަދު އަދީބްގެ ބޮލުގައި ކަމަށްވާތީއެވެ.

އޭގެފަހުން ދެން ބޮމެއް ގޮއްވާލާފައިވަނީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށެވެ. ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ދިން މިހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އަދިވެސް ގެންދަވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުންނެވެ. މިއީ ހަރުކަށި ދީނީ ފިކުރުގެ ބަޔަކު ހިންގާފައިވާ ކަމެއްކަން ވަނީ އެނގިފައެވެ.

މިއީ މިހާތަނަށް ދިވެހި ބިމުގައި ހިންގާފައިވާ މިފަދަ ބޮން ގޮއްވުމުގެ ތިން ހަމަލާއެވެ. އެހެން ގޮތަކަށް ބުނާނަމަ ކާމިޔާބުކަމާއެކު ދިވެހި ފަސްގަނޑުގައި ގޮއްވާލެވުނު ތިން ބޮމެވެ. ނަމަވެސް އެނގޭ ކަމަކީ ބޮން ގޮއްވާލުމަށް ރާވަމުންދާކަމުގެ މައުލޫމާތު އެނގިގެން އެކަން ކަމާބެހޭ ފަރާތްތަކުން ހުއްޓުވާފައި ހުރިކަމެވެ. އޭގެތެރެއިން މިހާތަނަށް އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާލާއިރު 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކައުންސިލަރުންނާ އެކު، ކްރޮސްރޯޑްސްގައި ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެފައިވަނީ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ ލީޑަރޝިޕުން އިރުޝާދު ދީގެން ސީރިޔާގައި ހުރި ދިވެއްސެއްގެ އެހީތެރިކަމާއެކު، 2017 ވަނަ އަހަރު މާލޭގައި އައިއީޑީއެއް ހަދާ ވައިގެ މަގުން ގޮއްވާލަން ރޭވިކަމަށެވެ.

ސީޕީ ހަމީދު ވިދާޅުުވީ އައިސިސްގެ އިރުޝާދާއެކު މިއައިއީޑީ ހެދީ މާލޭގައި ތިބި ދިވެހިންތަކެއް ކަމަށެވެ. އަދި އެ އޮޕަރޭޝަން ފުލުހުންނާއި ސިފައިންނާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ފްލޮޕްކޮށްލި ކަމަށް ހަމީދު ވިދާޅުވި އެވެ. މިއޮޕަރޭޝަން ފްލޮޕް ކޮށްލުމުގައި ރާއްޖެ އާއެކު ދުނިޔޭގެ ފަސް ގައުމެއް ގުޅިގެން މަސައްކަތް ކުރި ކަމަށް ހަމީދު ވިދާޅުވި އެވެ. ހަމަ އެ މަހާސިންތާގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވެފައިވަނީ ރާއްޖޭގައި މީހުން މަރަން ފަސްނުޖެހޭ 1400 ދިވެހިން އެބަތިބިކަމަށެވެ.

އޭގެފަހުން 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހު ތ.ތިމަރަފުއްޓާއި މާލޭގައި އަދި ކަނޑުމަތީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން ފުލުހުން އާންމުކުރި މައުލޫމާތުތަކަކީވެސް ސީރިޔަސް މައުލޫމާތުތަކެވެ. އެގޮތުން އެއޮޕަރޭޝަންގައި ހައްޔަރުކުރީ 8 މީހުންނަކީ ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާއި ދިމާކޮށް، އެ ސްކޫލުގެ ލެބޯޓަރީ ގޮއްވައިލުމަށް ރޭވިބައެއްކަން ފާހަގަކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ތިމަރަފުށީގައި ހަރުކަށި ފިކުރުގެ މީހުން އޮޕަރޭޓްކުރާކަމަށް ބެލެވޭ ”ނަސާހު-3“ ނަމަކަށް ކިޔާ ހުއިފިލަނޑާ ދޯންޏެއް ބަލައި ފާސްކުރިއިރު، އެ ދޯނިން އައިއީޑީއެއް ހަދަން ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް ޢާލާތްތައް ފެނިފައިވެއެވެ.

އެ ދޯނި އަޅާފައި އޮތް ސަރަހައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭ ކާޓްރިޖްތަކެއް ވެސް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ތިމަރަފުށިން ފާސްކުރި ގެއަކުން ވެސް އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ތައްޔާރުކުރުމާގުޅޭ މެނުއަލްފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިއީ މިހާތަނަށް އާންމުކޮށްފައިވާ ބައެއް ހާދިސާތަކެވެ. 2007 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ގޮއްވާލި އައިއީޑީ އާއެކު ރާއްޖޭގައި އެފަދަ ތަކެތި ތައްޔާރުކޮށް އެތަކެތި ގޮއްވާލައި ބަޔެއްގެ ފުރާނަ ގެއްލުވުމާލުމުގެ ގާބިލްކަން ހުރި މީހުން ތިބިކަން މިވަނީ ސާބިތުވެފައެވެ. އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުން އަންނަ ދާޚިލީ ހަނގުރާމަތަކަށް ޖިހާދު ކުރުމުގެ ނަމުގައި ދާ ދިވެހިން ތިބިކަން އެއީ މިއަދު ފެންނަން އޮތް ކަމެކެވެ. އޭގެތެރެއިން ބައެއް މީހުން ރާއްޖެއަށް އެނބުރި އައިސްފައިވާއިރު ހަނގުރާމައަށް ދާން އުޅެނިކޮށް ހައްޔަރުކޮށް މިހާރު މިނިވަންވެފައިވާ މީހުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅެއެވެ. އަދި މިފަހުން ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި މާލެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހިންގަންފެށި އޮޕަރޭޝަންގެ ސަބަބުން މަންޒަރުން "ގެއްލެންވެގެން" އަތޮޅު ތެރޭގައިވެސް އެއްބަޔަކު އެބަތިއްބެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު ދޭތެރެ ދޭތެރެއިން ދެން އިވޭ އަޑަކީ ކޮންމެސް ތަނެއްގައި ބޮމެއް ގޮއްވާލާނެކަމަށް ބުނާ އަޑުތަކެވެ. އަތުގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރު ދޭ ހާދިސާތަކެވެ. ފެންނަނީ ރާއްޖޭގެ ކޮންމެސް ތަނެއްގައި ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެކަމަށް ބުނެ ލިޔުމެއް ތަތްކުރާ ތަނެވެ.

ހަގީގަތުގައި މިއީ ހިނިގަނޑެއް ޖަހާފައި ދޫކޮށްލެވޭ ވަރަށްވުރެ ސީރިޔަސް މައްސަލައެކެވެ. އާންމުންގެ ތެރެއިން ބައެއް މީހުންނަށް މިކަން އެހާ ސީރިޔަސްކޮށް ނުނެގޭކަން އެނގެނީ މިފަދަ ކޮންމެ ކަމަކާއެކު ސޯޝަލް މީޑިޔާގެ ފީޑްތަކުން ފެންނަ ކޮމެންޓްތަކާއި ޚިޔާލުތަކާއި އެޑިޓްކޮށްފައި ހުންނަ ފޮޓޯތަކުންނެވެ. ވަކިން ޚާއްސަކޮށް މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ސުޕްރީމްކޯޓުން ކައިރި ރިމޯޓު ކާރެއް ފެނިގެން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވި ހަރަކާތްތަކުގެ ފޮޓޯތައް މަޖާކަމަކަށް ވެގެން އުޅުނުތަން ފެނިގެންދިޔައެވެ. ނަމަވެސް ހަގީގަތުގައި މިއީ މަޖާ ކަމަކަށް ހަދާވަރަށްވުރެ މާ ސީރިޔަސް ކަމެކެވެ.

ޝައްކުކުރެވޭ ކިތަންމެ ކުޑަކަމެއް ހިނގިއަސް އެކަމެއް ސިފައިންގެ ބޮން ސްކޮޑުން ބަލާނެއެވެ. އެހެން ބަލާ ކޮންމެ ފަހަރަކު އެއީ ބޮމަކަށް ނުވެދާނެއެވެ. އަދި ބޮމެއް އޮތޭ ބުނާ ކޮންމެ ފަހަރަކު އެމީހެއްގެ އަތުގައި ބޮމެއް ނޯވެވެސް ހިނގައިދާނެއެވެ. ނަމަވެސް އެއީ ކަމުގެ ސީރިޔަސްކަން ނުވަތަ އެކަން ނުހިނގާނެ ކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. އެއީ ކުރިން މިބަޔާންކުރި ކަންކަމުގެ ސަބަބުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފާއިތުވެގެންދިޔަ ހަތަރު މަސް ދުވަހަށް ބަލާލިނަމަވެސް މިފަދަ ތަފާތު ހާދިސާތައް މާލޭގައި ހިނގާފައި އެބަހުއްޓެވެ. މިއަހަރުގެ ޖުލައި މަހު މުލިއާގެ ކައިރިން ދަމުން އަތުގައި ބޮމެއް އޮތް ކަމަށް ބުނެ ދެ މީހަކު އިންޒާރު ދީފައިވެއެވެ. އަދި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ނޫރު މިސްކިތުގެ ތަނބެއްގައި ރާއްޖޭގައި އިތުރު ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރު ދީފައިވާ ލިޔުމެއް ހިތްޕާފައިވެއެވެ. މި ލިއުމުގައި ބުނެފައިވަނީ "މި ތަނުގައި ގަދަވާނީ ބަންގާޅީން" ކަމަށާއި، ބޭނުން ގޮތެއް ހަދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެކަމަށާއި، ދިވެހި ގައުމު ސުންނާފަތި ކޮށްލާނެކަމަށް މި ލިއުމުގައި ބުނެފައިވެއެވެ. 

މިއިން ކޮންމެ ކަމަކީވެސް ސީރިޔަސް ކަމެކެވެ. ބޮމެއް ގޮއްވާލުމާއި އަތުގައި ބޮމެއް އޮތް ކަމަށް ބުނުމަކީ މަޖަލަށް ކުރާ ކަންކަމެއް ނޫނެވެ. މީހުންގެ ފުރާނަ ނަގަން އުޅުމާއި ތަންތަން ނެތިކޮށްލަން އުޅުމަކީ ސީރިޔަސް މައްސަލަތަކެވެ. މަޖަލަކަށް ހަދާ މިފަދަ ކަންކަންކުރާނަމަ މިކަން ހުއްޓުވޭނެ ގޮތެއް ހޯދަންޖެހެއެވެ. ގާނޫނުގެ ދިގު އަތް އެމީހުންނަށް ފޯރަންޖެހެއެވެ. ހަރުކަށި އަދަބު ދެވެންޖެހެއެވެ. އެއީ މިހާރުވެސް ގާނޫނުން މަނާ ކަންކަމެވެ. ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު މިއީ ސީރިޔަސްކޮށް ވިސްނަންޖެހޭ ކަމަކަށް ވާން އެބަޖެހެއެވެ.

ޓެރަރިޒަމްގެ ނުރައްކާތެރި ވަކިތަށް ހިއްޕާލާފައިވާއިރު މަޖަލަކަށް ހަދައިގެން ނުވަތަ ދެން ވަރިހަމަވާ އުސޫލުން މިފަދަ ކަންކަން ކުރުން އާންމުވާނަމަ އެދެވެނީވެސް ނުރަނގަޅު މެސެޖެކެވެ. ކަމުގެ ސީރިއަސްކަން އެންމެ އާދައިގެ ރައްޔިތު މީހާއަށް ވިސްނައިދީ ޓެރަރިޒަމުގެ ނުރައްކާތެރިކަން ވިސްނައިދޭން ކުރާ މަސައްކަތަށްވެސް އެޅިގެންދަނީ ހުރަހެކެވެ. ކަމެއް ނުވާހާ ހިނދަކު އެއީ ނުވާ ކަމެކެވެ. ނަމަވެސް ދިވެހި ފަސްގަނޑުން ފާއިތުވި 15 އަހަރު ފެނިފައިވާ ކަންކަމަށް ބަލާއިރު މިއީ ނުވާ ކަމެކޭ ބުނެ ފަރުޖައްސާލެވޭކަށްނެތެވެ. އެއަށްވުރެ ކަމުގެ ސީރިއަސްކަން މިވަނީ ބޮޑުވެފައެވެ. ދުނިޔެއަށް ބަލާއިރުވެސް އިވެމުންދަނީ ނުރައްކަލުގެ ރަނގަބީލުގެ އަޑުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް