މަހުލޫފުގެ މައްޗަށް ދައުވާ ކުރިއަސް ނުކުރިއަސް ޒިންމާ ނަގާނަން: ޕީޖީ
19 އޯގަސްޓު 2021 | ބުރާސްފަތި 13:20ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް ގޮތެއް ނުނިންމާނެ


ޮޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން،
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރިއަސް ނުކުރިއަސް ޒިންމާނެ ނަގާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މަހުލޫފުގެ މައްސަލާގައި ފުރަތަމަ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެމައްސަލަ ބެލި ޓީމުން ނިންމުމުން އެމައްސަލަ އެހެން ޓީމަކާއި ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ, އެއީ މުޅިން ސައްހަ މައުލޫމާތެއް ނޫން ކަމަށާއި، ދައުވާ ކުރިއަސް ނުކުރިއަސް އެކަމުގައި ޒިންމާވާނީ އޭނާ ކަމަށެވެ. 100 ވަރަކަށް ޕޮސެކިއުޓަރުން އުޅޭއިރު، ގިނަ ވާހަކަތައް ދައްކާނެ ކަމަށާއި، މިމައްސަލާގައި ގޮތް ނިންމާނީ ޝަމީމް ކަމަށެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ މިމައްސަލަ ލަސް ވެއްޖެކަމަށް ބުނާ ވާހަކައަށް އިންކާރު ނުކުރާ ކަމަށާއި ދައުވާ ކުރުމާއިމެދު ގޮތެއް ނުނިންމި 100 ދުވަސް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް ގޮތެއް ނުނިންމާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލާގައި ދައުވާކުރަން ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށާއި، ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މަހުލޫފު ތުހުމަތުކުރައްވާފައިވެއެވެ. މިތުހުމަތުތަކަށް ރައްދު ދެއްވައި ޝަމީމް ވިދާޅުވީ މިމައްސަލާގައި ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުލުހުންނާއެކު މަސައްކަތްތަކެއް ކުރަމުންދާކަން ފީޖީ ފާހަގަކުރެއްވިއެވެ.
އެއްވެސް މައްސަލައަކަށް ސިޔާސީ ނުފޫޒެއް ނުފޯރާކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ މަހުލޫފުގެ މައްސަލައަށް ވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށެވެ. ޝަމީމް ވިދާޅުވީ ނުފޫޒުގެ ދަށުވެގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށާއި، ނުފޫޒު ފޯރާނަމަ އެ މަގާމުގައި ނުހުންނަވާނެ ކަމަށެވެ. އަދި ކުރިން ހަތަރު ރައީސުންނާ އެކު މަސައްކަތް ކުރެއްވި ކަމަށާއި، އެއްވެސް އިރަކު އެއްވެސް ރައީސެއްގެ ފަރާތުން ވެސް ނުފޫޒެއް ނާންނަކަން ޝަމީމް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާއި ގުޅިގެން މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އަވަހަށް ގޮތެއް ނިންމަވަން ޖެހޭކަމަށެވެ.






