ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 18:07
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ބިރުދެއްކުމުގެ މައްސަލަ
ވަޅިއެއް ހިފައިގެން އެފްސީޕީޑީއަށް ވަން މީހަކު 6 މަހަށް ޖަލަށް
 
އޭނާ ވަނީ އެންމެ ކުޑަ، އަދި ލުއި އަދަބެއް ދިނުމަށް ޝަރީއަތުގައި އެދިފައި
 
ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައި

ވަޅިއެއް ހިފައިގެން އެފްސީޕީޑީއަށް ވަން މީހަކު 6 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ދައުލަތުން މ. ލަވްނެސްޓް، އިބްރާހިމް ނާޝިދުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައެކެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ، މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އޭނާ ފުލުހުންގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް, ތިލައިގައި 5 އިންޗި ހުންނަވަރުގެ ވަޅިއެއް ހިފައިގެން ވަދެފައިވާތީއެވެ.

އޭނާއަށް ދައުވާކޮށްފައިވަނީ ބިރު ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އޭނާ ބުނާގޮތުގައި އޭނާއަކީ ނަފްސާނީ ބައްޔަށް ބޭސް ކާ މީހެކެވެ. ވުމާއެކު، އޭރު އޭނާ ގެންގުޅުނު ވަޅިއަކީ އޭނާގެ އަމިއްލަ ނަފްސަށް އަނިޔާކުރުމަށް ގެންގުޅުން ވަޅިއެއްކަމަށް އޭނާ ބުނެއެވެ.

އޭނާ ވަނީ އެންމެ ކުޑަ، އަދި ލުއި އަދަބެއް ދިނުމަށް ޝަރީއަތުގައި އެދިފައެވެ.

އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ވަނީ އަވަސް ނިޔާގެ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. އަވަސް ނިޔާގެ ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. ވުމާއެކު، ދައުލަތުން ކުރާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

ދައުލަތުން ބުނާގޮތުގައި އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އަދަބަކީ 6 މަސް ދުވަހާ 12 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޝަރީއަތުން ވަނީ އޭނާ ކުށަށް އިއުތިރާފުވެފައިވާތީއާއި، ޝަރީއަތަށް އެއްބާރުލުން ދީފައިވާތީ އޭނާގެ މަައްޗަށް ކަނޑައެޅޭނެ އަދަބަކީ 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުންކަމަށް ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ އެގޮތުގެ މަތިން މައްސަލަ ބައްލަވައި ހުކުމްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް