ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް!
15 ޑިސެމްބަރު 2020 | އަންގާރަ 04:46ގިނަ ރަށްތަކަކުން ޕްރޮޕޯސަލް ހުށަހަޅާފައިވޭ


ބީއެމްއެލްއިން ރަށެއްގައި ގާއިމްކޮށްދީފައިވާ ޕާކެއްގައި ކުޑަ ކުދިންތަކެއް ކުޅެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނީޓީ ފަންޑުން އިތުރު 10 ރަށަށަކަށް މާލީ އެހީތެރިކަން ދީފި އެވެ.
ބީއެމްއެލްއިން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ހިންގާ 'އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު'ގެ ދަށުން 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފައިވާ ކަމަށެވެ.
ކޮމިއުނީޓީ ފަންޑުން އިތުރު 10 ރަށަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށެވެ.
މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.







