މުޅި ރާއްޖެ އެކުއެކީގައި ހިންގަން ފެށުނީ ލާމަރުކަޒީ ނިޒާމުން: ރައީސް ނަޝީދު
12 ނޮވެމްބަރު 2020 | ބުރާސްފަތި 02:06ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ގިނަ އިސްލާހުތަކެއް އެބަހުރި


ފުވައްމުލަކު، ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
މުޅި ރާއްޖެ އެކުއެކީގައި ހިންގަން ފެށުނީ ލާމަރުކަޒީ ނިޒާމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މުޅި ރާއްޖެ އެކުއެކީގައި ހިންގަން ފެށުނީ ލާމަރުކަޒީ ނިޒާމު އެމްޑީޕީގެ ސަރުކާރުގައި ވުޖޫދު ކުރި ހިސާބުން ކަމަށެވެ. އަދި 2008 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނެވުނު ބަދަލާއި ގުޅިގެން 2009 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ފުރަތަމަ ފަހަރަށް ކައުންސިލް އިންތިިޚާބު ބޭއްވުމާއި ގުޅިގެންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ގިނަ އިސްލާހުތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ނިޒާމަށް ގެންނަ ބަދަލާއި އިސްލާހުތަކުގެ ސަބަބުން އެއްވެސް މީހެއް ފަހަތަށް ނުޖެހޭނެކަން ކަށަވަރުވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑުއެއް ވައުދަކީ ގާނޫނު އަސާސީން ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުން ކަމަށެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނެވޭ އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި މަޖިލީހުގެ މެމްބަރުންނާއި ވަރަށް ގާތުން ގުޅިގެން މަޝްވަރާގެ ތެރެއިން ގެންނަ އިސްލާހުތަކެއް ކަަމަށެވެ.
އަތޮޅުތެރޭގެ ސަރަހައްދުތަކަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިިދާޅުވީ އައްޑޫސިޓީ، ފުވައްމުލަކު ސިޓީ އަދި ހުވަދޫ ހުރިހާ ކައުންސިލްތައް ވެސް ލާމަރުކަޒީ ގާނޫނުގެ ބޭނުން ހިފޭނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ތަރައްގީއަށް އެންމެނަަށް މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލިހުން ވަނީ ގާނޫނު އަސާސީއަށާއި، ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގައި ދައުރު ފަސް އަހަރަށް އިތުރުކުރުމާއި، ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދު ކަނޑައެޅުން ހިމެނެއެވެ. އަދި ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ވެސް މާއްދާތަކެއް ހުށައަޅާފައިވެއެވެ.






