Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19 ގެ ބިރުވެރި ދުވަސްތަކަށް ފަހު ޗައިނާ އާއްމު ހާލަތަށް!

ވުހާން ބަންދުން ވީއްލަނީ

ރާއްޖެ އެމްވީ | 24 މާރިޗު 2020 | އަންގާރަ 11:51
ލޮކްޑައުން ދުވަސްވަރު ވުހާންގެ ރައްޔިތަކު ގޭގެ ގޯތި ތެރޭގައި ބޭރު ބަލަހައްޓައިގެން

ލޮކްޑައުން ދުވަސްވަރު ވުހާންގެ ރައްޔިތަކު ގޭގެ ގޯތި ތެރޭގައި ބޭރު ބަލަހައްޓައިގެން

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމާއެކު ޗައިނާގެ ދިރިއުޅުން މަޑުމަޑުން އާއްމު ހާލަތަކަށް ބަދަލުވާން ފަށައިފިއެވެ.

ޔޫރަޕް އާއި އެމެރިކާގައި ބަލީގެ ނުރައްކާ ބޮޑުވެ، ބަލި ކޮންޓްރޯލް ކުރުމަށް އިންތިހާ އަށް މަސައްކަތް ކުރަން ޖެހިފައިވާ އިރު، ކޮރޯނާވައިރަސް ބަލި ފެށިގެން އައި ވުހާން އިން ފެންނަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ.

ހުބެއި ޕްރޮވިންސްގެ އޮފިޝަލުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ބުދަ ދުވަހުން ފެށިގެން، ރައްޔިތުން ބަންދުން ވީއްލުމުގެ ގޮތުން ކުރިން އަޅާފައިހުރި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށެވެ.

ކޮރޯނާވައިރަސް ބަލި ފުރަތަމަ ފެނުނު ހުބެއިގެ ވެރިރަށް ވުހާންގެ ރައްޔިތުންނަށް މިހާރު ލިބިފައިވާ އުފާވެރި ހަބަރަކީ، ބަންދުގައި ތިބޭތާ ދެ މަސް ފަހުން، އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެ ސިޓީ ބަންދުން ވީއްލޭނެ ޚަބަރެވެ.

އެތައް ދުވަހެއް މަގުތައް ފަޅުވެފައި އޮތުމަށްފަހު ޗައިނާގެ މަގުތަކަށް ދިރުމާއި އުފާވެރިކަން ވަނީ އަންނަން ފަށާފައެވެ. އަދިވެސް އިތުރު ރައްކާތެރިކަމަށް މޫނުމަތީގައި މާސްކް އަޅައިގެން އުޅެމުން ދިޔަޔަސް މަގުތަކުން ފެންނަ މީހުންގެ މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރުތައް ފެންނާން ފަށައިފިއެވެ.

ހަލުއި ކަމާއެކު ފެތުރެމުން ދިޔަ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ، ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސަރަހައްދުތަކުގައި ރައްޔިތުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމެވެ. އާއްމު ދިރިއުޅުމުގެ ހުރިހާ ކަމެއް މިގޮތުން ހުއްޓުމަކަށް ގެނައެވެ. ކުރުގޮތަކަށް ދަންނަވާނަމަ ސަރުކާރުން ބޭނުންވީ، ރައްޔިތުން ގޭ ބަންދުގައި ތިބުމަށެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބަށް ބަލާއިރު، ފެބްރުއަރީގެ މެދުތެރެއިން ފެށިގެން ޗައިނާގައި ބަލިޖެހޭ މީހުންގެ އަދަދު އައީ ދަށްވަމުންނެވެ. އަދި މާޗް 6 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ބަލި އަލަށް ޖެހުނު މީހުންގެ އަދަދު އުޅެނީ 100 އަށް ވުރެ ދަށުގައެވެ.

މާޗް 22 ގައި ޗައިނާގައި އަލަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ 92 މީހުންނެވެ. އެ ދުވަހު 6 މީހުން ބަލީގައި މަރުވި އިރު 505 މީހުން ރަނގަޅުވެގެން ދޫކޮށްލި ކަމަށްވެސް ރެކޯޑް ކުރެވިފައިވެއެވެ.

ބަލީގެ އަސަރު ޗައިނާ އިން ފެނުނު ފަހުން 81553 މީހުންނަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނު އިރު، 3281 (%4) މީހުން ބަލީގައި މަރުވެފައިވެއެވެ. 73277 މީހުން ބަލިން ރަނގަޅު ވެގެން ދޫކޮށްލެވުނެވެ. މާނައަކީ ބަލިޖެހުނު މީހުންގެ 90 އިން ސައްތަ ބަލި ފަސޭހަވުމެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އިޓަލީ ވިލާތުގައި 63927 މީހުންނަށް ބަލި ޖެހުނު އިރު މަރުވި މީހުންގެ އަދަދު އުޅެނީ ޗައިނާއިން މި ބަލީގައި މީހުން މަރުވި އަދަދަށް ވުރެ ދެގުނަ މަތީގައެވެ. ޗައިނާގައި މަރުވި މީހުންގެ ނިސްބަތް 4 އިން ސައްތައިގައި އުޅުނު އިރު އިޓަލީގައި ބަލިޖެހިގެން މަރުވި މީހުންގެ ނިސްބަތް އުޅެނީ 9.5 އިން ސައްތައިގައެވެ. އެއީ 6077 މަރެވެ.

އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށީ ޗައިނާ އަށް ވުރެ މާ ފަހުން ކަމުގައި ވީނަމަވެސް، ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ފަސޭހަވީ 11 އިން ސައްތަ މީހުންނެވެ. އެއީ 7432 މީހުންނެވެ. ޗައިނާ އަށް ބަލާއިރު 90 އިން ސައްތަ މީހުން ބަލިން ރަނގަޅުވިއެވެ.

ބަލި ހަލުއި ކަމާއެކު ފެތުރެމުންދާ އިނގިރޭސިވިލާތުގައި އެ ގައުމުގެ ސަރުކާރުން، ރައްޔިތުން ކައިރީގައި ބުނަމުންދަނީ، ބައިބޯ ކަމާއި ދުރުވެ، ގޭގެއަށް މީހުން ނުވަންނަ ނަމަ އިޓަލީގެ ތަޖްރިބާ އިނގިރޭސި ވިލާތައްވެސް ކުރަން ޖެހިދާނެ ކަމަށެވެ. މާނައަކީ، ޗައިނާ އިން ބަލި ކޮންޓްރޯލް ކުރުމުގައި ދަސްކުރި ފިލާވަޅުތަކުގެ ބޭނުން އެހެން ގައުމުތަކުން ހިފުމުގެ ބޭނުންތެރި ކަމެވެ.

ކޮވިޑް-19 ބަލީގެ ވާހަކަ ޗައިނާ އިން އިއުލާން ކުރީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ޗައިނާ އިން ބުނީ ބަލި އުފެދުނީ ހުބެއި ޕްރޮވިންސްގެ ވުހާންގެ ކާބޯތަކެތި ވިއްކާ މާރުކޭޓަކުން ކަމަށެވެ.

އޭރު މި ބައްޔަކީ ހަލުއިކޮށް ފެތުރޭ ބައްޔެއް ކަމެއް އަދި އެކަކު ގައިން އަނެކަކު ގަޔަށް ވާސިލްވާ ބައްޔެއް ކަމެއްވެސް ނޭނގެއެވެ.

ޗައިނާގެ އޮފިޝަލުން އޭރު ބުނިހާވެސް ވާހަކައަކީ ބައްޔާ ބެހޭ ދިރާސާތައް ކުރަމުންދާ ކަމަށާއި، ބަލީގެ ނުރައްކާ އޮތް މިންވަރު ބަލަމުންދާ ކަމަށެވެ.

އޭގެ 11 ދުވަސް ފަހުން ބަލިޖެހިގެން އުމުރުން 61 އަހަރުގެ މީހަކު ޗައިނާގައި މަރުވުމާއެކު ބަލީގެ ނުރައްކަލާ މެދު ސަމާލުކަން ބޮޑުވިއެވެ. މެޑިކަލް ރިޕޯޓުތަކުން އެނގޭ ގޮތުގައި މަރުވި މީހާއަކީ ކޮވިޑް-19 ޖެހުނު އިރުވެސް ސީރިއަސް އެހެން ބަލިތަކެއްގައި އުޅެމުން ދިޔަ މީހެކެވެ.

ޖެނުއަރީ 20 އާ ހަމަ އަށް އައި އިރު ޗައިނާގެ އެހެން ސަރަހައްދުތަކަށް ބަލި ފެތުރިއްޖެއެވެ. ބެއިޖިންގ އާއި ޝެންޒެން އިން ބަލި ރިޕޯޓު ކޮށްފިއެވެ. ޖެނުއަރީ 23 ގައި ވުހާން އާއި ހުބެއި ގެ އެހެން ސިޓީތައް ބަންދު ކުރިއެވެ.

ބަލީގެ ކުރީ ކޮޅުގައި ޗައިނާ އަށް ދުނިޔޭގެ ފާޑުކިޔުންތައް އިންތިހާ އަށް އަމާޒުވެގެން ދިޔައެވެ. ބަލީގެ މައުލޫމާތު ސިއްރު ކުރާ ކަމަށާއި، ބަލީގެ ނުރައްކާ ކުޑަކަމަށް ދައްކަށް ޗައިނާ އިން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވުނެވެ. ނަމަވެސް، އެވާހަކަތަކުގެ މައްޗަށް ގަދަވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ. އިން ޗައިނާއިން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ތައުރީފް ކޮށް ދެއްކި ވާހަކަތަކުގެ އަޑެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ އިން ސިއްހީ ޚިދުމަތްދޭ މަރުކަޒްތައް އަލަށް ބިނާ ކުރިއެވެ. ބަލި ދެނެގަންނާނެ އައު ޓެކްނޮލޮޖީތައް ތައާރުފް ކުރިއެވެ. މީހުން އެކަހެރިވެ އުޅުމަށް ބާރުއަޅާ ހަރުދަނާ އެތައް ފިޔަވަޅުތައް ތަންފީޒް ކުރިއެވެ. އާއްމު ތަންތަން ބަންދުކޮށް، ދަތުރުފަތުރު ކުރުން ކޮންޓްރޯލް ކުރިއެވެ.

ޑަބްލިޔު.އެޗް.އޯ.އިން ފާހަގަ ކުރާ އެހެން ކަންތައްތަކުގެ ތެރޭގައި، ޗައިނާ ސަރުކާރަށް ރައްޔިތުންގެ ފަރާތުން ދިން އެއްބާރުލުމާއި، ބަލި މީހުންނަށް އާއްމު ފަރާތްތަކުން ދިން އެހީތެރިކަމާއި، ސިއްހީ ދާއިރާއަށް އިތުރު މުވައްޒަފުން ނެގުމާއި، އަދި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ސަރުކާރުން ދިން އިތުރު ވަސީލަތްތައް ބަލިން އަވަހަށް އަރައިގަތުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

ބަލި ކޮންޓްރޯލް ވަމުން ދިއުމާއެކުއެކީ ސްކޫލްތަކާއި، އޮފީސްތަކާއި ކުންފުނިތައް ހުޅުވާ އިގްތިސާދު ކޮޅަށް ޖެހުމަށް ޗައިނާ ސަރުކާރުން ބާރުއަޅަން ފެށިއެވެ.

ައިނާ އަދިވެސް ކުރިން އޮތް ހާލަތަކަށް މުޅިން ރުޖޫއަވީ ކަމަކަށް ނުދެންނެވުނަސް މަޑުމަޑުން ޗައިނާ އިން އެދަނީ އާއްމު ހާލަތައް ވާސިލް ވަމުން ކަމުގައި ދެންނެވިދާނެއެވެ.

މި މަސް ފެށުމާ އެކީގައި ވުހާންގެ އެކި ސަރަހައްދުތަކުގައި ކުރިން އިއުލާން ކޮށް އޮތް ހަރުކަށި އުސޫލްތަކަށް ލުއި ދެމުން މީހުންނަށް މިނިވަންކަން ލިބެމުންދާ މަންޒަރު ދިޔައީ ފެންނަމުންނެވެ.

ހުމެއް ރޯގާއެއްގެ އަސަރު ނެތްނަމަ އާދިއްތަ ދުވަހުން ފެށިގެން ވުހާންގައި ވަޒީފާތަކަށް މީހުން ނުކުތުން ވަނީ ހުއްދަ ވެފައެވެ.

ދެ މަސް ދުވަހުގެ ބަންދަކަށް ފަހު، އަންގާރަ ދުވަހުން ފެށިގެން ހުބެއި ޕްރޮވިންސްގައި ދަތުރު ފަތުރު ކުރުމުގެ ހުއްދަވަނީ ދީފައެވެ. ރަނގަޅު ސިއްހަތެއްގައި ހުރި ކަން އޮފިޝަލުންނަށް ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް މިހާރު ހުބެއި ޕްރޮވިންސް ދޫކޮށް ފުރައިގެން ދިއުމަކަށް ހުރަހެއް ނެތެވެ.

ވުހާންގެ ރައްޔިތުންނަށް ދަތުރުފަތުރުގެ މިނިވަންކަން އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު