ޗެމްޕިއަންސް ލީގު: ޔުވަންޓަސް އަދި ޔުނައިޓެޑު ގަދަ 16 އަށް ދަތުރުކޮށްފި
ޔުވަންޓަސް ގަދަ 16 އަށް ދަތުރުކުރީ ވެލެންސިއާ ބަލިކޮށްގެން


ޔުވަންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވަންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑު ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ގްރޫޕް އެޗްގައި ހިމެނޭ ޔުވަންޓަސް ގަދަ 16 އަށް ދަތުރުކުރީ އަންގާރަ ދުވަހުގެ ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.
ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށް ޔުވަންޓަސް އިން ވަނީ ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ.
މި ހާފްގައި ވެލެންސިއާ އިން ވެސް ޔުވަންޓަސްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ފުރުސަތުތައް ލިބި ބޭކާރުވެފައިވަނީ ޔުވަންޓަސް އަށެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޔުވަންޓަސް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއެކު މާރިއޯ މަންޒުކިޗް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ނަގާފައެވެ.
މި ލަނޑަށްފަހުވެސް ޔުވަންޓަސް އަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މަންޒުކިޗް އަދި ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ. މި ހާފްގައިވެސް ވެލެންސިއާ އަށް ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާއެކު ޔުވަންޓަސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.
ޔުވަންޓަސް އަށް ގަދަ 16 ގެ ޖާގަ ކަށަވަރުވެފައިވާއިރު، ވެލެންސިއާ އަށް ވަނީ ޔޫރޮޕާ ލީގުން ޖާގައެއް ކަށަވަރުވެފައެވެ.
މި ގްރޫޕްގައި ހިމެނޭ ޔުނައިޓެޑު ގަދަ 16 އަށް ދަތުރުކުރީ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔަންގް ބޯއިސްގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ގިނަ ހަމަލާތައްވެސް އެޓީމުން ވަނީ އުފައްދާފައެވެ.
އެހެންނަމަވެސް ޔަންގް ބޯއިސްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެންދިޔަ މި ހާފްގައި ލަނޑެއް ކާމިޔާބުކުރުމަށް ޔުނައިޓެޑަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.
މި ހާފްގައި ޔަންގް ބޯއިސް އަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެހެންނަމަވެސް އެޓީމުން ވަނީ ލަނޑު ޖެހުމަށް މަސައްކަތް ކޮށް، ޔުނައިޓެޑުގެ ހާފަށް މަދުން ނަމަވެސް ބާރުބޮޑުކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ބަދަލުތަކެއް ގެނައެވެ. އެގޮތުން އެޓީމުން ވަނީ އެޓޭކްތައް ވަރުގަދަކޮށް، ގިނަ ހަމަލާތަކެއް ފުލުފުލުގައި އުފައްދާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫގެ އެހީތެރިކަމާއެކު ފެލައިނީއެވެ.
މި ނަތީޖާއެކު ޔުނައިޓެޑު އޮތީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މެޗުން ބަލިވި ޔަންގް ބޯއިސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ޕޮއިންޓަކާއެކު ގްރޫޕްގެ ފުލުގައެވެ.
ޔުނައިޓެޑަށް ގަދަ 16 އިން ޖާގަ ކަށަވަރުވިއިރު، ޔަންގް ބޯއިސް ވަނީ މުބާރާތުން ކަޓާފައެވެ. އަދި އެޓީމަށް ޔޫރޮޕާ ލީގުންވެސް ޖާގައެއް ނުލިބޭނެއެވެ.





