އިންޑިއާއިން ތަކެތި އެތެރެކުރާ މިންވަރު މަދުކުރުމުގެ ޒިންމާ ރައީސް ޔާމީން އުފުލަންޖެހޭނެ: ރައީސް ނަޝީދު
23 ޖޫން 2018 | ހޮނިހިރު 08:54އަލުވި އަދި ހަކުރުގެ އަގު އުފުލޭނެ


ކުރީގެ ރައީސް މުހައްމަދު ނަޝީދު
އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ބައެއް ބާވަތްތަކުގެ މިންވަރު ދަށްކުރުމުން އަގުތައް އުފުލިގެންދާނެ ކަމަށާއި މިކަމުގެ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްވެ، އިންޑިއާ އިން ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮންނަ ކާބޯތަކެތީގެ ކޯޓާގެ ވަރަށް ބޮޑު މިންވަރެއް ދަށްކޮށްފައިވާ ކަމަށެވެ. މި ބަދަލާއި ގުޅިގެން ރާއްޖޭގައި އަލުވި، އަދި ހަކުރުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ ތަކެތީގެ މިންވަރު މަދުކޮށްފައިވާ އިރު މިދުވަސްވަރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ވަޒީފާއަށް އަންނަ މީހުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އިރު މި ވާހަކަތައް އިންޑިއާގެ ނޫސްތަކުގެ ފަލަސުރުހީތަކަށް އަރައިފައިވެއެވެ.
އިންޑިއާގެ ދި ވަޔަރ ނޫހުގައި ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ އަލުވި އާ ފިޔާ އާއި ހަނޑޫގައި ފުށާއި އަދި ހަކުރުގެ މިންވަރު މިދިޔަ އޭޕްރީލް މަހުގައި ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށެވެ.







